އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު
ރަނގަޅަށް ވިސްނާލައިފިނަމަ އެނގޭނެއެވެ. ހިތް ނުއެދޭ ކަންކަމާއި އަދި ރުޅިއައުދެވޭ ކަންކަން ކުރިމަތިވުން ރަމަޟާން މަހު ގިނަވާނެއެވެ. އެކަމަކު އެކަމުގެ ޙަޤީޤަތަށް ބަލައިފިނަމަ ގިނަވަނީއެއް ނޫނެވެ. ޝައިޠޯނާ އަދާކުރާ ނުބައި ދައުރެއްގެ ސަބަބުން އެކަންކަން އެގޮތަށް ވިސްނެނީއެވެ.
ކުޑަކުޑަ މިޘާލެއްގެ ގޮތުން ބުނެލަމެވެ. ތިބާގެ ކުޑަކުޑަ 3 ދަރިން އެބަ ތިއްބެވެ. އެ 3 ދަރިންނަށް ކަންކަން އެނގޭނެ މިންވަރަށް ވިސްނައިލާށެވެ. ރަމަޟާން މަސް އައިސް ތިބާހުރީ ރޯދައަށްކަން އެނގިގެން ތިބާ ރުޅިއަރުވަން އެކުދިންނަށް ވިސްނޭނެހެއްޔެވެ؟ އެހެން މަސްތަކުގައި ނުކުރާ ކަންކަންކޮށް ތިބާ ރުޅިއަރުވަން އެކުދިންގެ ބުއްދިއަށް އަންނާނެ ހެއްޔެވެ؟
އެހެނެއް ކަމަކު އެކުދިންނަށް ކުރެވޭ ކަންކަމުގެ ސަބަބުން ރަމަޟާން މަހު ދަރިން ދެކެ ރުޅި އައިދެވުން ގިނަވާނެއެވެ. ގިނައިން އަދި ފަސޭހައިން ރުޅި އައުދެވޭނެއެވެ. އެއީ އެހެން މަސްތަކުގައި އެކުދިން ނުކުރާ ކަންކަން ކުރާތީއެއް ނޫނެވެ. އެކަމުގެ ތެރެއަށް ޝައިޠޯނާ ވަދެގަންނާތީއެވެ.
މިހެން ބުނީމާ އެހެން އެވަނީ ބަނޑުހައިވެގެން ހުންނާތީ ކަމަށް ބުނެފާނެއެވެ. ނަމަވެސް އަހުރެންގެ ވިސްނުމުގައި އެއީ ތިމާ ބަނޑުހައިވެގެން ހުންނާތީ މެދުވެރިވާކަމެއް ނޫނެވެ. މުސްލިމުންނަކީ ރަމަޟާން މަހު ރޯދަހިފަން އާދަވެފައިތިބޭ ބައެކެވެ. ވީމާ ބަނޑުހައިވެގެން ތިބެން ޖެހުމަކީ މުސްލިމުންނަށް އެހައި ބޮޑު މައްސަލައަކަށް ނުވާނެއެވެ.
އެމީހަކު ޤަބޫލުކުރާނެ ގޮތަކަށް ޤަބޫލުކުރާށެވެ! ޔަޤީނަށް އެނގޭކަމަކީ ރޯދައަށް ހުރެ ދަރިންނާއި އަދި އެހެން މީހުންދެކެވެސް ރުޅި އައިސް ދުލުން ނުބައިބަސްތައް ބުނެވި ނުބައި ޢަމަލުކުރެވޭނަމަ، ދަރިންނަށް ނިކަމެތިކޮށް ހިތޭނަމަ އެމީހާގެ ރޯދަ ފުރިހަމައެއް ނުވާނެއެވެ. އަދި އެފަދަ މީހުން ރޯދައަށް ތިބުމުގެ ބޭނުމުގައި ނުކައި ތިބުމަކުން ﷲ ތަޢާލާގެ ޙަޟްރަތުން ލިބޭނެ ފައިދާއެއްވެސް ނެތްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ވީމާ ބުނެލަން ބޭނުންވަނީ ތިބާގެ ރޯދަ ހަލާކުކޮށްލަން ޝައިޠޯނާ ޖަހާ މަޅިތަކުގައި ތާށިނުވާށެވެ! ރޯދަ އެންމެ ފުރިހަމަ ގޮތުގައި ހިފަން މަސައްކަތްކުރާށެވެ! ރޯދައިގެ ޘަވާބު ލިބޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
28 މާޗް 2023