އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަސަދަވެރިން އުފައްދާ ފިތުނަތަކުން ސަލާމަތްވެ ދެމަފިރިންގެ ލޯބި ގުޑުވައިވެސް ނުލެވޭނެ މަގު!

ހަސަދަވެރިން އުފައްދާ ފިތުނަތަކުން ސަލާމަތްވެ ދެމަފިރިންގެ ލޯބި ގުޑުވައިވެސް ނުލެވޭނެ މަގު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 2 ސިކުންތު

ދެމަފިރިއަކު އެކުގައި ދިރިއުޅެމުންދާއިރު ދެމަފިރިންނަށްވެސް ކުށް ކުރެވޭނެއެވެ. އެކަކު ހިތްހަމަ ނުޖެހޭ ކަންކަން ވެސް ކުރެވޭނެއެވެ. ރުޅި އަންނަންޖެހޭ ޙާލަތުވެސް މެދުވެރިވާނެއެވެ. އެއީ ކޮންމެ ދެމަފިރިއަކަށްވެސް ދިރިއުޅުމުގައި ކުރިމަތިލާންޖެހޭނެ ކަންކަމެވެ.  

މިފަދަ ޙާލަތެއް ދިމާވާ ކޮންމެ ފަހަރަކު އެހިސާބުން އަމާން ނުދޭށެވެ! މާނައަކީ އެއީ ދެމަފިރިން ވަކިވާންޖެހެންވީ ސަބަބެއް ކަމަށް ނުދެކޭށެވެ! ޖެހުނު މައްސަލަ ޙައްލުކުރާށެވެ! ކުށް ކުރެވުނު މީހާ މާފަށް އެދޭށެވެ! އަދި އެފަދަ ކުށެއް ތަކުރާރުނުކުރން މަސައްކަތްކުރާށެވެ!

ހަމަ އެއާއިއެކު މާފަށް އެދުމުން މާފުކުރަން އަވަސްވެގަންނަތްވާނެއެވެ. އަދި އެއީ ހިތުގެ އަޑިންކުރާކަމަކަށް ހަދަންވާނެއެވެ! މާފުކުރުމަށްފަހު އެވާހަކަ އަލުން ދައްކައިގެންނުވާނެއެވެ. ދައްކާނަމަ އެކަމުން އަންގައިދެނީ މާފުނުކުރެވޭ ކަމެވެ.  

ދެމަފިރިންވެސް ޤަބޫލުކުރަންވާނެ ކަމަކީ ކުށް ކުރެވޭނެ ކަމެވެ! އެއްވެސް އިންސާނަކީ ކުށެއް ނުކުރެވި ހުރެވޭނެ މީހެއް ނޫނެވެ. ފާފަކުރެވުމުން ތައުބާވުމަށް އަވަސްވެގަންނަން ޖެހޭ ފަދައިން ކުށެއް ކުރެވުމުންވެސް އޮތީ މާފަށް އެދުމަށް އަވަސްވެގަތުމެވެ.

މިފަދަ މައްސަލަތަކަށް ބަލާއިރު އެންމެ ކާމިޔާބު ދެމަފިރިންނަކީ ކުރެވުނު ކުށް ބޭޒާރުވެ ފަޟީޙަތްވުމުގެކުރިން ކުށެއް ކުރެވިއްޖަކަން ޤަބޫލުކޮށް މާފަށް އެދި މައްސަލަ ޙައްލަކުރާ ދެމަފިރިންނެވެ. ފިތުނަވެރިން އުފައްދާނެ ފިތުނަތަކުން ސަލާމަތްވެވޭނީ އެއިރުންނެވެ. 

ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. މީހަކު އައިސް އަނބިމީހާގެ ގާތުގައި އެބުނަނީއެވެ. "އެނގޭ ހެއްޔެވެ؟ ތިބާގެ ފިރިމީހާ މިހާރު ތިބާ ދެކެ ލޯތްބެއް ނުވެއެވެ. މިވެނި އެވެނި ކަމެއް އޭނާ ކޮށްފިއެވެ."  

އަނބިމީހާ ދިން ޖަވާބު އެނގޭހެއްޔެވެ؟  

"ތިއަވާހަކަ އެހައި މުހިންމެއް ނޫނެވެ! އޭނާއަށް ކުރެވުނު ކުށް ވިސްނިގެން އޭނާ އެވާހަކަ ކިޔައިދީފިއެވެ. މާފަށްވެސް އެދިއްޖެއެވެ. އަހަރެން މާފުވެސްކޮށްފީމެވެ. އަހަރެންނަށް ކުރެވޭ ބައިވަރު ކުށްތަކަށް އޭނާވެސް މާފުކުރެއެވެ. ވީމާ އަހަރެމެންގެ މެދަކު ޒުވާބުކުރުމެއް އަރައިރުންވުމެއް ނުއޮވެއެވެ! އަހަރެން ޤަބޫލުކުރާ ގޮތުގައި ތިއަ ދެމަފިރިންގެ މެދުގައިވެސް ބައިވަރު މައްސލަތައް ވާނީ ޖެހިފައެވެ."  

މި ބަޔާންކުރި ހާދިސާއަށް ވިސްނައިލާށެވެ! އެދެމަފިރިންނަށް އެކުގައި ލޯބިން ދިރިއެއުޅެވެނީ މާފަށް އެދުމަށާއި މާފުކުރުމުގެ ހިތްވަރު ދެމަފިރިންގެ ކިބައިގައިވެސް ހުރުމުންނެވެ. ފިތުނަ އުފައްދައި ދިރިއުޅުން ހަލާކުކޮށްލަން ފުރުޞަތު އެނުލިބެނީވެސް ހަމަ އެސަބަބަށްޓަކައެވެ.  

ކިތަންމެ ބާރުގަދަ ހަތިޔާރަކުން ހަމަލާދިން ނަމަވެސް ދެމަފިރިންގެ ލޯބި ފޫއަޅުވައިލިއަ ނުދީ ދިފާޢުކޮށްދޭނެ އައްޑަނަ އަކީ ކުށެއް ކުރެވުމުން އެކަން ޤަބޫލުކޮށް މާފަށް އެދުމުގެ ހިތްވަރުހުރުމާއި އަދި މާފުކުރުމުގެ ހިތްވަރު ހުރުމެވެ. އެފަދަ ދެމަފިރިއެއްގެ މެދުގައި ފިތުނަ އުފެއްދޭނެ މީހަކު ހަމަ ނުހުންނާނެއެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް