އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢާއިޝަތުގެފާނުގެ ސީރަތު: ޔަތީމުކުދިން ގެންގުޅުއްވުމާއި، އަމިއްލަ ނަފްސުގެ މައްޗަށް އެހެންމީހުންނަށް އިސްކަން ދެއްވުން

ޢާއިޝަތުގެފާނުގެ ސީރަތު: ޔަތީމުކުދިން ގެންގުޅުއްވުމާއި، އަމިއްލަ ނަފްސުގެ މައްޗަށް އެހެންމީހުންނަށް އިސްކަން ދެއްވުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ޔަތީމުކުދިން ގެންގުޅުއްވުން:

ޢާއިޝަތުގެފާނަކަށް ދަރިކަލަކު އަދި ދަރިކަނބަލަކުވެސް ލިބިވަޑައެއް ނުގަންނަވައެވެ. އަޅާލާނެ ޔާރެތްނެތް ފަޤީރު ކުދިންނާއި، ޔަތީމުން ގެންގުޅުއްވުމަކީ އެކަމަނާ ވަރަށް އުފާފުޅާއެކު ކުރެއްވިކަމެކެވެ. އެކުދިން ގެންގުޅުއްވާ ބޮޑުފުޅުވުމުން އެކުދީންގެ ކައިވެނީގެ ކަންތައް އިންތިޒާމުކޮށް ހަމަޖައްސަވަނީވެސް އުއްމުލް މުއުމިނީން ޢާއިޝަތުގެފާނެވެ.      

ޢާއިޝަތުގެފާނުގެ އެއްބައްޕާފުޅު އަޚު މުޙައްމަދު ބިން އަބޫބަކުރު ޤަތުލުވުމުން އެކަލޭގެފާނުގެ ޔަތީމުކުދީން ބެއްލެވީ ޢާއިޝަތުގެފާނެއެވެ. މަޝްހޫރު ތާބިޢީ ޤާސިމް ބިން މުޙައްމަދު ބައްލަވައި ތަރުބިއްޔަތު ކުރެއްވީ ޢާއިޝަތުގެފާނެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. [އަހަރެންނާއި އަހަރެންގެ އަޚު ގެންގުޅުއްވައި ތަރުބިއްޔަތު ކުރެއްވީ ޢާއިޝަތުގެފާނެއެވެ. އެކަމަނާގެ އަހަރެމެންގެ މުދަލުން ޒަކާތްދައްކަވާ ހައްދަވައެވެ.]

{موطأ مالك،كتاب الزكاة، ޙަދީޘް 593} 

ޤާސިމް ބިން މުޙައްމަދު ވެވަޑައިގެންފައިވަނީ ތާބަޢީބޭކަލުންގެ ތެރެއިންވެސް ޢިލްމުވެރިކަމަށް މަޝްހޫރު ބޭކަލަކަށެވެ. އެކަލޭގެފާނުވަނީ ޢާއިޝަތުގެފާނުގެ އަރިހުން ވަރަށް ގިނަ ޙަދީޘް ރިވާކުރައްވައިފައެވެ. 

އަމިއްލަ ނަފުސުގެ މައްޗަށް އެހެންމީހުންނަށް އިސްކަންދެއްވެވުން:

ތިމާގެ އަމިއްލަ ނަފުސުގެ އުފާތައް ގުރުބާންކޮށް އެހެން މީހަކަށް އެއުފާތައް ލިބުމަށް އެދެވޭނީ ވަރަށް މަދު ބަޔަކަށެވެ. އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އަކީ، އެކަމަނާގެ އަމިއްލަ ނަފުސަށްވުރެ އެހެން މީހުންނަށް އިސްކަން ދެއްވި ބޭކަނބަލެކެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ފަސްދާނުވެޑުވިފައިވަނީ އެކަމަނާގެ ކޮޓަރިކޮޅުގައެވެ. އެކަމަނާގެ ބަފައިކަލުން އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު އަވަހާރަވުމުން އެކަލޭގެފާނުވެސް ފަސްދާނުލެވިފައިވަނީ އެކަމަނާގެ ކޮޓަރިކޮޅުގައެވެ. ދެން ހުސްކޮށް އޮތްތަންކޮޅު އެކަމަނާ ޚާއްޞަ ކުރެއްވީ  އެކަމަނާ އަވަހާރަވުމުން ފަސްދާނުލުމަށްޓަކައެވެ. ނަމަވެސް ޢުމަރުގެފާނު ޝަހީދުވުމުން އެކަލޭގެފާނު އެތަނުގައި ފަސްދާނުލުމަށް އެކަމަނާގެ ހުއްދަވިދާޅު ބަސްފުޅަކަށް އެދިވަޑައިގެންނެވިއެވެ. އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އެއްވެސް އިންކާރު ކުރެއްވުމެއް ނެތް ގޮތުގައި، އެކަލޭގެފާނަށް އެތަންކޮޅު ދެއްވިއެވެ. ވިދާޅުވިއެވެ. [ތިމަންކަމަނާގެ އަމިއްލަ ނަފްސަށްވުރެ، އެކަލޭގެފާނަށް ތިމަންކަމަނާ އިސްކަންދެމެވެ.]

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
100%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް