އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ދުޢާގެ ސަބަބުން މަކަރުވެރި ފިރިމީހާގެ ކިބައިން ސަލާމަތްވެވި އަމިއްލަ ފައިމައްޗަށް ތެދުވެވުނު އަންހެނެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ދުޢާގެ ސަބަބުން މަކަރުވެރި ފިރިމީހާގެ ކިބައިން ސަލާމަތްވެވި އަމިއްލަ ފައިމައްޗަށް ތެދުވެވުނު އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 23 ސިކުންތު

އަޅުގަނޑުމެންގެ ކައިވެންޏަށް  41 އަހަރެވެ. 6 ދަރިން އެބަތިއްބެވެ. އެއިގެ ތެރެއިން 4 ކުދިންނަކީ ސްކޫލްތަކުގައި ކިޔަވާކުދިންނެވެ. އަނެއް 2 ކުދިން ކޮލެޖުގައެވެ. ނުލާހިކު ރީތި ދިރިއުޅުމެއް އުޅެމުން އައިސްފައި ކުއްލިއަކަށް ފިރިމީހާ އަޅުގަނޑު ވަރިކޮށްލައިފިއެވެ. ވީގޮތެއްވެސް ނުބުނެއެވެ. އަޅުގަނޑަށް ކުރެވުނީ ކޮން ކުށެއްކަމެއްވެސް ނުބުނެއެވެ. 

ވަރިކުރުމަށްފަހު އަޅުގަނޑުމެން ދުނިޔޭގައި ތިބިތޯވެސް ބަލައެއް ނުލައެވެ. މީހަކަށް ސަލާމެއް ނުޖަހަމެވެ. އެކަމަކު މައިންބަފައިންގެ ކިބައިން ލިބިފައި ހުރި ގަހަނާކޮޅުވެސް ވިއްކާލަން ޖެހުނެވެ. ހަދާނެ އެއްވެސް ގޮތެއް ނެތިފައި ތިއްބައި ބައްދަލުވި މީހަކު އަޅުގަނޑުގެ އަތުގައި ހިފިއެވެ. އޭނާގެ 2 ދަރިން ބަލައިދިނުން ޝަރުޠުކޮށް އަޅުގަނޑުގެ 6 ކުދިން ބަލައިދޭން އެއްބަސްވުމުން ދެމީހުން ކައިވެނިކުރީއެވެ. 

ދެވަނަ ކައިވެންޏަށް 2 ވަނަ އަހަރު ދެމީހުންނަށް މިވަނީ ދަރިއަކު ލިބިފައެވެ. އެދަރިފުޅަށްވެސް މިހާރު 3 އަހަރެވެ. ކުއްލިއަކަށް ކުރީގެ ފިރިމީހާ މިތަނަށް ފުންމާލައިފިއެވެ. އޭނާ ކައިވެނިކުރި މީހާ އޭނާއަށް ކޮޅުކެހިދީފައި ދިއުމުން މިހާރު ބުނަނީ ދަރިންގެ ޙައްޤުގައި އަލުން ދެމީހުން ގުޅުމަށެވެ. އެކަން ނުކުރާނެ ކަމަށް ބުނުމުން މިހާރު މަސައްކަތްކުރަނީ އަޅުގަނޑުމެން ދެމަފިރިންގެ މެދުގައި ފިތުނަ އުފެއްދޭތޯއެވެ! އޭނާ ބުނަނީ އަޅުގަނޑަށް ފަހުން ލިބުނު އެންމެ ދަރިފުޅަށްވުރެ ދޮށީ 6 ކުދިން މާމުހިންމުވާންޖެހޭނެ ކަމަށެވެ. 

އަޅުގަނޑުގެ ސުވާލަކީ މިޙާލަތުގައި 2 ވަނަ ފިރިމީހާ އާއި ވަކިވުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ 6 ކުދިން އޭނާއަށް ލިބިފައިވުމަކީ އަލުން އޭނާ އާއި ގުޅެންޖެހެހެންވީ ސަބަބެއްތޯއެވެ؟

ކިޔުންތެރިޔާގެ ސުވާލު 3 ފަރާތަކަށް ޙިއްޞާކޮށްލީމެވެ. ލިބުނީ ދާދި އެއް ޖަވާބެކެވެ. އެއީ 6 ދަރިން ކިތަންމެ މުހިންމު ނަމަވެސް އެ 6 ދަރިންގެ ބައްޕައަކީ އަނިޔާވެރިއެކެވެ. ފަހުން ލިބިފައިވަނީ އެންމެ ކުއްޖެ ނަމަވެސް އޭނާ ވަނީ އެ 6 ދަރިން އެންމެ ނިކަމެތިވީ ދުވަހު އެ 6 ކުދިންގެ ޒިންމާ އުފުލާފައެވެ. ވީމާ އޭނާއަކީ ރަޙުމްހުރި ހެޔޮލަފާ މީހެކެވެ. 

ކިޔުންތެރިޔާއަށް އަށް އަނިޔާވެރިވެ އަދި 6 ކުދިންވެސް އެއްލައިލުމުން އޭނާއަށްވެސް އެކަމުގެ ހިތިކަން ފެނުނު ފަދައިން އިޚްލާޞްތެރި ފިރިމީހާއަށް އަނިޔާވެރިވެއްޖެނަމަ ކިޔުންތެރިޔާއަށްވެސް އެފަދަ ހިތާމަވެރި ގޮތެއް މެދުވެރިވެދާނެކަމަށް ބިރުވެތިވާށެވެ. 

ތިރީގައި އެވަނީވެސް ހަމަ ތިއަ ފަދަ ފިރިއަކަށް ޖެހުނު ޙާލުގެ ވާހަކައެވެ. ޢިބްރަތް ޙާޞިލްކުރާށެވެ!

އަހަރެން ނިޞްބަތްވަނީ ބޮޑުތިލަދުންމަތީގެ ރަށަކަށެވެ. ކައިވެންޏަށް މިއީ 17 އަހަރެވެ. 4 ދަރިންވަނީ ލިބިފައެވެ. ފެށުނީންސުރެ އަހަރެންނާއި ދަރިން ދިރިއުޅެނީ ރަށުގައެވެ. ފިރިމީހާއަކީ ބޮޑު ކުންފުންޏެއްގައި ރަނގަޅު ވަޒީފާއެއް އަދާކުރާ މީހެކެވެ. ޗުއްޓީ ލިބޭވަރަކުން ރަށަށްވެސް އާދެއެވެ. 

ކޮންމެ ދުވަހަކުވެސް 2 ފަހަރު ފޯނުކުރާނެއެވ. ނިދުމުގެކުރިންވެސް ފޯނުކުރާނެއެވެ. ވީޑިއޯ ކޯލްކޮށް އެކުގައި ވަގުތު ހޭދަކުރާނެއެވެ. ކައިވެންޏަށް 11 ވަރަކަށް އަހަރުވީތަނާ މިކަންކަން ބަދަލުވާން ފަށައިފިއެވެ. ފޯނުކޯލުތައް މަދުވަމުން ގޮސް މުޅިން ހުއްޓިއްޖެއެވެ. ނިދުމުގެކުރިން ކުރަމުން އައި ވީޑިއޯކޯލްކުރުން ވެސް ހުއްޓިއްޖެއެވެ. 

އެއިރު އަހަރެން ހުރީ އެކަމަށް ދެވިހިފައިފައެވެ. އެހެންވެ ފިރިމީހާގެ ކޯލާއި ނުލާ ނިދުން އުނދަގޫކަމަކަށްވިއެވެ. އެހެންވެ އަހަރެން ގުޅަމެވެ. ފޯނަށް ޖަވާބުލިބެނީ މަދުރެއަކުއެވެ. ބުނަނީ ބިޒީކަމުން ވަގުތު ނުވަނީކަމަށެވެ. މަޤާމު މަތިވެ މުސާރަ ވެސް ބޮޑުވުމުން ގިނަވަގުތު މަސައްކަތުގައި އުޅެން ޖެހެނީ ކަމަށެވެ. ރަށަށް އާދެވުންވެސް ލަސްވަނީ އެސަބަބުތަކަށްޓަކައި ކަމަށެވެ. 

މުސާރަބޮޑުވުމުން ޢާއިލާއަށް ތަނަވަސްކަން އިތުރުވާނެތީ އެކަމަށް އުފާކޮށް ކެތްތެރިވީމެވެ. ނަމަވެސް ޝައްކު އުފެދެންފެށީ އަހަރެމެންނަށް ރަށަށް ފޮނުވާ ފައިސާކޮޅު އެއްވެސް ވަރަކަށް އިތުރުނުވުމުންނެވެ. 

އަހަރެންނަކީ ވެސް ދަރިން ލިބެންފެށީންސުރެ ދަމުނަމާދުކޮށް ބޭނުންވާ ކަންކަމަށް އެދި ދުޢާކުރަމުން އައި އަންހެނަކީމެވެ. ފިރިމީހާގެ މައްޗަށް ހިތުގައި ޝައްކުތައް އުފެދެން ފެށުމުން ދުޢާކުރުން އިތުރުކުރީމެވެ. ފިރިމީހާގެ ކިބައިގައި މަކަރުވެރިކަމެއްވާނަމަ އެކަން ހާމަކޮށްދެއްވަވައި އޭނާގެ ކިބައިން ސަލާމަތްކުރައްވަވައި ދެއްވެވުން އެދިއެވެ. އުފާވެރި ޙަޔާތެއް މިންވަރުކުރައްވަވައި ދެއްވެވުން އެދިއެވެ. 

ކޮންމެއަކަސް ރަށަށް އެއްގޮތަކަށްވެސް ނައިސް 2 އަހަރެއްހައި ދުވަސް ފާއިތުވުމަށްފަހު ރަށަށް އައި ދަތުރެވެ. އާދައިގެމަތިން ފިރިމީހާ އަހަރެންގެ ބޭބެމެންނާއިއެކު މަހަށްދިއަ ރެއެކެވެ. ދެވުނީ ހަނދާންނެތި  ފޯނު އޭނާގެ އަލަމާރީގައި ބާއްވާފައެވެ. އަހަރެންނަކީ އެހައި ތަނަށް ދުވަހަކުވެސް ފިރިމީހާގެ ފޯނުގައި އަތްލި މީހެއްވެސް ނޫނެވެ. ނަމަވެސް އެރޭ ހަމަ ފޯނުބަލައިލާހިތްވީއެވެ. 

ފޯނުނަގައި ބަލައިލިއިރު އޮތީ ލޮކްކޮށްފައެވެ. ފޯނު ހިފަހައްޓައިގެން ހުއްޓާ އައީ ވައިބަރ މެސެޖެކެވެ. ފުރަތަމަ 2 ލައިން ފެނުނެވެ. "ދޮށީ އަނބިގާތަށް ދެވުނީމަ .." 

އެހިސާބުން ހަތަރެސްފައިން ވާގިދޫވިއެވެ. ބަސްހުއްޓުނެވެ. ފޯނު ހިފައިގެން ގޮސް އެނދުގައި އިންދާ 2 3، ފަހަރު ފޯނުވިއެވެ. ސޭވްނުކޮށް އިނީތީ ނަންބަރުވެސް އެނގުނެވެ. ހިތުދަސްކޮށްލީމެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު އެނަންބަރަށް އަހަރެންގެ ފޯނުން ގުޅައިލީމެވެ. އަންހެކު ފޯނު ނެގުމުން ފިރިމީހާގެ ނަން ބުނެފައި ދަންނަ ފިރިހިނެއްތޯ ސުވާލުކޮށްލީމެވެ. 

ޖަވާބުގައި އެއީ އޭނާގެވެސް ފިރިމީހާކަމަށް ބުނުމުން ބުނީމެވެ. "މަރުޙަބާއެވެ! ދެމަފިރިންގެ ޙަޔާތަށް ބާއްޖަވެރިކަމަށް އެދި ދުޢާ ކުރަމެވެ!" އެއަށްފަހު ފޯނުން ނަމަވެސް ބައްދަލުވިކަމަށްޓަކައި އުފާކުރާކަމަށްބުނެފައި މިއީ ދޮށި އަނބިމީހާކަމަށް ބުނުމުން އޭނާ ފޯނުކަނޑައިލީއެވެ. 

ފިރިމީހާ އައުމުން އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ކަމެއްވީކަމަކަމަކަށްވެސް ނުދައްކަމެވެ. ނަމަވެސް އެރޭ ނިދުމުގެ ވަގުތުގައި އަހަރެންނަށް ވަރަށް ބޮޑަށް ގިސްލާރޮވުނެވެ. ފިރިމީހާ ތަކުރާރުކޮށް ސުވާލުކުރުމުން ބުނީމެވެ. "ބިޒީވި ސަބަބު މިހާރު ވަރަށް ބޮޑަށް އެނގިއްޖެއެވެ. ވައްކަން ނުކޮށް ބުނެލެއިގެން ކުރިނަމަ މިއަސަރެއް ނުކުރީހެވެ. ކުރިމަތީގައި ރޯކަށްވެސް ނުޖެހުނީހެވެ." 

ފިރިމީހާ ބުނީ އެއީ މާލޭގައި ގެދޮރުހުރި ތަނަވަސް އަންހެނަކަށްވުމުން ދިރިއުޅެން ފަސޭހަކޮށްލީ ކަމަށެވެ. އެއްވެސް ޙާލެއްގައި ލޯބިން ކުރިކަމެއް ނޫން ކަމަށެވެ. އަހަރެން ބުނީމެވެ. "އަހަރެންނާއި ބާއްވަމުން އައި ގުޅުން ކަނޑާލައި ފޯނެއްވެސް ނުކުރީމާ ތިއަ ހުރިހާ ކަމެއްގެ ޙަޤީޤަތް އެއޮތީ ފެންނާށެވެ! އަހަރެން ދެކެ ތިއަވަރަށް ލޯބިވާކަމަށްޓަކައި ހަމަ ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ." އިތުރު ވާހަކައެއް ނުދައްކަމެވެ. އެއްވެސް ޝަކުވާއެއްވެސް ނުކޮށް ޙަޤީޤަތް އެނގުނުކަމަށްޓަކައި ﷲ އަށް ޙަމްދުކުރީމެވެ. 

ދެތިން ދުވަސްފަހުން ފިރިމީހާ ފުރައިގެން މާލެ ހިނގައްޖެއެވެ. ޚަބަރެއްވެސް ނުވެ ހަފްތާއެއްހައި ދުވަސްވެފައިވަނިކޮށް ކޯޓަށް އަހަރެން ގެންގޮސްފައި ފިރިމީހާ އަހަރެން ވަރިކުރަން ބޭނުންވެގެން ފެމިލީކޯޓަށް ހުށަހަލާފައި އޮތްކަމަށް ބުންޏެވެ. އަހަރެން ހަމަ ވަގުތުން އެކަމަށްވެސް މަރުޙަބާ ކީމެވެ. 

ވަރިކުރީތީ ދެރައެއްވެސް ނުވެއެވެ. އުފަލެއްވެސް ނުވެއެވެ. ފިރިމީހާ ޚަރަދުކުރުން ހުއްޓާލައިފިނަމަ 4 ކުދިން ބަލާނެ ގޮތަކާއިމެދު ކޮންމެވެސް ވަރަކަށް ކަންބޮޑުވިއެވެ. ނަމަވެސް ރިޒްޤާއި ނިޢުމަތަކީ ﷲ ދއްވަވާ ކަންކަން ކަމުގައިވުމުން އެކަންވެސް މާބޮޑުކަމަކަށް ނުވާނެކަމަށް ޔަޤީންކުރީމެވެ. 

އެކަންވީވެސް ހަމައެހެންނެވެ. ވަރިކުރިފަހުން ކުދިންގެ ޚަރަދަށްވެސް ލާރިއެއް ފޮނުވީ އެންމެ ހައަކަ މަހުއެވެ. ޚަރަދު ހޯދަން ކޯޓަކަށްވެސް ނުދަމެވެ. ޤިޔާމަތް ދުވަހުގެ އެކައުންޓަށް ޖަމާކުރަން ދޫކޮށްލީއެވެ. އެހިސާބުން އެކަން އެނިމުނީއެވެ. އަޅުގަނޑަކީވެސް ކުޑައިރުންސުރެ އަމާންދޭން ބޭނުންވާ އަނހެނަކީމެއް ނޫނެވެ. އެހެންވެ ފައިވިއްދާލާފައި ހިފައިލީމެވެ. ޣައްދާރު މަކަރުވެރިޔާއަށް ސަލާން ނުޖަހައިވޭތޯއެވެ. 

ރަށުގައި ހިންގާ ހޮޓަލަކުން ގަންނަން އެއްބަސްވުމުން ހެދިކާހަދަންފެށީމެވެ. އަހަރެން ހަދާތަކެތި މީހުންނަށް ކަމުދާތީ އޮންނަނީ ބޭނުންވާވަރަށް ނުހެދިފައެވެ. އެހެންވެ ފަހުން އެކުވެރި ބައެއް ކުދިން ބައިވެރިކޮށްގެން މަސައްކަތްފުޅައުކުރުމުން ފިރިމީހާގެ އެހީތެރިކަމާއި ނުލައި އުޅެލެވޭވަރުވެސް ވިއެވެ. އިން ޝާ ﷲ 

ދެން އޮތީ އަހަރެންކުރި ދުޢާގެ ވާހަކައެވެ. އެކަމުގެ ނަތީޖާ ފެނުނު ގޮތެވެ. އަނބިމީހާ މަރުވެފައި ހުރި އޮޑިވެރިއަކު އަހަރެންގެ ކައިވެންޏަށް އެދުމުން ކައިވެނިކުރީއެވެ. އޭނާ ބޭނުންވީ އަހަރެންނަށް ގޭގައި ހޮޓަލެއް ހުޅުވައިދޭށެވެ. ނަމަވެސް އަހަރެން ބޭނުންވީ އަނބުރާ ދައްކާގޮތަށް ފައިސާ ހޯދައިގެން އެކަންކުރާށެވެ! އަހަރެންގެ ގޭގައި އެހެން މީހަކު ލައްވާ އެއްވެސް މީހެއްގެ ފައިސާއިން ޚަރަދުކޮށްގެން އިމާރާތެއްކުރަން ބޭނުންނުވާތީއެވެ. 

ފިރިމީހާ އަހަރެން އެދުނުގޮތަށް އެއްބަސްވުމުން މައިންބަފައިން އަޅާފައިހުރި ޢިމާރާތަކަށް އޭނާގެ އެހީތެރިކަމާއިއެކު ބައެއް ބަދަލުގެނެސް ހޮޓަލަކަށް ބަދަލުކުރީއެވެ. ދަރިންނަށް ޚަރަދުކުރީ  އެމަސައްކަތުން ލިބޭ އާމްދަނީންނެވެ. 

މިހާރު 4 ދަރިންވެސް ކިޔަވާ ނިމި ބޮޑެތިވެ ކައިވެނިވެސްކޮށްފިއެވެ. 3 ދަރިންނަށް ދަރިންވެސް ލިބިއްޖެއެވެ. އަހަރެންގެ މިހާރުގެ ޢުމުރަކީ 56 އަހަރެވެ. ﷲ ގެ ރަހްމަތުން ދިރިއުޅެމުން މިދަނީ 4 ދަރިންގެ ފުރިހަމަ ލޯތްބާއި ފިރިމީހާގެ ލޯތްބާއި އަޅައިލުމުގެ އިތުރުން ފރިމީހާއަށް ލިބިފައިތިބި 5 ދަރިންގެ ލޯތްބާއިއެކު ވަރަށް އުފަލުގައެވެ. 

ލިބޭ ޚަބަރުތަކަށްބަލާއިރު ކުރީގެ ފިރިމީހާއަށް މިހާރު ވަނީ ބުއި ޒަހަރުގެ ހިތިރަހަ ރަނގަޅަށް ލައިފައެވެ. ލަދުން އެހުންނަނީ ރަށަށް ދަރިންގެ ކުރިމައްޗަށް އަންނަންވެސް ނުކުރިފައެވެ. އެކަމާ ހިތާމަވެސް ކުރަމެވެ. ދަރިންނަށް އެކުދިންގެ ބައްޕަގެ ލޯބި ނުލިބުނުތަނުގައި ލޮލަށްވެސް ނުފެންނާތީއެވެ. އެބުނި ތަނަވަސް އަނބިމީހާ ޑްރަގް ޑީލްކުރަން އުޅުނު މައްސަލައެއްގައި 20 އަހަރަށް ޖަލަށްލި ވާހަކަވެސް ނޫސްތަކުން ފެނުނެވެ. 

ބޭނުމަކީ އޭނާގެ ޙަޔާތުގެ ވާހަކަ ދެއްކުމެއް ނޫނެވެ. އަހަރެންގެ ޙަޔާތުގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާމިކުރީ އަނިޔާވެރި ބޭވަފާތެރިންނާއިއެކު ދިރިއުޅުމުގެ އަގުހުރި ވަގުތުތައް ނަގާނުލައި އަހަރެމެން އަންހެނުންނަކީ ވެސް އަމިއްލަ މަސައްކަތުން ދިރިއުޅެން މަސައްކަތްކުރުމުން ﷲ ވާގިފުޅާއިއެކު ކާމިޔާބުކުރެވޭނެ ބައެއްކަން ސާބިތުކޮށްދިނުމެވެ. އެކަމަށް ބޭނުންވަނީ ހިތްވަރާއި ސާބިތުކަމާއި ނަމާދާއި ޚާއްޞަކޮށް ދަމުނަމާދާއި ދުޢާކަން ބަޔާންކުރުމެވެ. 

"ޙަޤީޤީ ހާދިސާ"އަށް މައުލޫމާތު ހިއްޞާކުރާ އެހެން މީހުން ފަދައިން އަހަރެންވެސް ބުނެލަން އޮތީ އަހަރެންގެ ޙަޔާތުންވެސް ކިޔުންތެރިންނަށް ޢިބްރަތްލިބި މާޔޫސްކަމުން ސަލާމަތްވެ ހަށިފޮޅާލަން ހިތްވަރު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. 

 

- "ޝަމީމާ"/ މިއަދުނޫހުގެ ކިޔުންތެރިއެއް 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް