އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ކިތަންމެ ގިނަ ފައިސާ ޚަރަދުކުރިޔަސް ލޯބި ނުލިބޭނަމަ ލޯބިލިބޭ ފަޤީރު ދިރިއުޅުން ބޭނުންވާ އަންހެނުން މަދެއް ނޫން!

ޢިބްރަތްތެރި ވާހަކަ: ކިތަންމެ ގިނަ ފައިސާ ޚަރަދުކުރިޔަސް ލޯބި ނުލިބޭނަމަ ލޯބިލިބޭ ފަޤީރު ދިރިއުޅުން ބޭނުންވާ އަންހެނުން މަދެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 36 ސިކުންތު

"އަޅުގަނޑުގެ ފިރިމީހާއަކީ ތަނަވަސްމީހެކެވެ. އެހެންކަމުން ޚަރަދުކުރެއެވެ. އަގުބޮޑު އެއްޗެތި ދެއެވެ. ބޭނުންވަރަކަށް ޚަރަދުކުރަން ކޭޝްކާޑެއްވެސް އޮންނަނީ ދީފައެވެ. ނަމަވެސް އޭނާއަކީ ލޯބި ދަންނަވެސް މީހެއް ނޫނެވެ. އޯގާތެރިކަމާއިއެކު ކަމެއްކޮށްދޭން ނުއެނގޭތަނުގައި ލޯބިން ބަހެއް ބުނުމަކީވެސް އޭނާ ކުރަން ދަންނަ ކަމެއް ނޫނެވެ. 

އަޅުގަނޑަކީ އެހައި ބޮޑު ތަނަވަސްކަމަކަށް އެދޭ އަންހެނަކީމެއް ނޫނެވެ. އަޅުގަނޑު ބޭނުންވަނީ އާދައިގެ ދިރިއުޅުމެކެވެ. އަޅުގަނޑަށް އެންމެ ބޮޑަށް ބޭނުންވަނީ ލޯތްބާއި އަޅައިލުމެވެ. އެކުވެރިކަމެވެ. އަގުބޮޑު ރެސްޓޯރަންޓްތަކުން ކެއުމެއް ނޫނެވެ. ގޭގައި ކައްކާ އެއްޗެއް ހިފައިގެން އަތިރިމައްޗަށްގޮސް ދެމީހުން އެކުގައި ކައިލުންވެސް އަޅުގަނޑަށް މާ ރަނގަޅެވެ. މާއުފާވެރިކަން ލިބޭނެއެވެ. 

ވީމާ އަޅުގަނޑު ފިރިމީހާ ގާތުގައި ވާހަކަދައްކައިގެން ޞުލްޙައިގައި ވަރިވެ އަޅުގަނޑު އެދޭފަދަ ބައިވެރިއަކު ލިބޭތޯ ބެލުމަކީ ކޮންކަހަލަކަމެއްތޯއެވެ؟ އެކަމުން އަޅުގަނޑު ފާފަވެރިވާނެތޯއެވެ؟ ނޫނީ ކުރެވޭ ކުށަކަށްވާނެތޯއެވެ؟ ފުރަތަމަ ވަރިވާން ބޭނުންވަނީ މީހެއްގެ އަންތބަކަށް އިނދެ ލޯބިވެރިއަކު ހޯދަން ބޭނުންނުވާތީއެވެ. އެއީ ޚިޔާނާތަކަސްވެދާނެތީއެވެ." 

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ފުރަތަމަ އޮތީ ދެމީހުންގެ މެދުގައި ހުންނަ ތިއަބާވަތުގެ ތަފާތުތައް ނައްތާލަން މަސައްކަތްކުރުމެވެ. އެކަން އެގޮތަށް ކާމިޔާބުނުކުރެވުނުނަމަ ޞުލްޙައިގައި ރީތިގޮތުގައި ވަރިވުމަކީ މައްސަލައެއް ނޫނެވެ. ޝަރުޠަކީ ފުރަތަމަ ތިމާ ބޭނުންވާ ގޮތް ފިރިމީހާއަށް ބުނެދީ ފިރިމީހާގެ ޢަމަލުތައް ބަދަލުވޭތޯ މަސައްކަތްކުރުމެވެ. ވަރިއާއި ހަމައަށް ދާންޖެހޭނީ އެއިގެ ފަހުންނެވެ. 

ތިރީގައި އެވަނީ ހަމަ ތިއަ ފަދަ ތަޖުރިބާތަކެއްކުރެވުނު އަންހެނެއްގެ އިޙްޞާޞްތަކެވެ. ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. 

އަހަރެން ވެސް ފިރިހެނަކުދެކެ ލޯބިވީމެވެ. ވަރަށް ބޮޑަށް ލޯބިވީމެވެ. އަދި އޭނާވެސް އަހަރެންދެކެ ބޮޑަށް ލޯބިވިއެވެ. އޭނާއަކީ ވަރަށް އަޚްލާޤް ރަނގަޅު، ހިތްހެޔޮ، އޯގާތެރި އަދި މަޑުމައިތިރި މިޒާޖުގެ މީހަކަށްވީކަން އެއީ އަހަރެންގެ ހިތުގައި އޭނާއަށް އެންމެ ބޮޑަށް ލޯބި އިތުރުވެގެންދިއަ އެއް ސަބަބެވެ. 

ދުނިޔެއަކީ އެއްވެސް މީހަކު އެންމެ ބޭނުންވާ ހުރިހާކަމެއް ޙާޞިލުވާނެ ތަނެއް ނޫންކަމުން އަހަރެމެންނަށް ކައިވެނިކުރެވޭނެ ގޮތްނުވީއެވެ. އޭނާ އަހަރެންނާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެނގުނު އެއްވެސް މީހަކު ނުހުންނާނެއެވެ. ބައްދަލުނުކުރާތީއެވެ. ކެތްނުކުރެވިގެން ބައްދަލުކުރިނަމަވެސް ދެކެފަރިތަ ދެމީހުން ބައްދަލުވުމުން އަނގައިން ބުނެލާފަދައިން ވާހަކަދައްކާލާފައި ވަކިވެގެންދާތީ އެވެ.   

އޭނާގެ މައިންބަފައިންނަށް އޭނާގެ އިޙްޞާޞްތައް ނުއެނގިތިބެ އޭނާގެ ކައިވެނި އެމީހުން ބޭނުން  އަންހެނަކާއި ކުރުވީއެވެ. އެނާއަކީ ކިޔަމަންތެރި ދަރިއަކަށްވާތީ އޭނާގެ އިޙްޞާޞްތައް ޤުރްބާންކޮށްފައި މައިންބަފައިން އެދުނުގޮތަށް ކައިވެނީގެ ކަންކަންވެސް ޤުރްބާންކުރީއެވެ. 

އެދުވަސްވަރު އަހަރެންގެ މައިންބަފައިންވެސް ހުށަހެޅުމެއް ހުށަހެޅިއެވެ. އަހަރެންވެސް އެކަން ޤަބޫލުކޮށް ކައިވެނިކުރީއެވެ. އެއީ ކޮން މިޒާޖެއްގެ ކާކުތޯވެސް ނުބަލަމެވެ. މައިންބަފައިން ކުރިމަތީގައި އިތުރަށް ވާހަކަދައްކަން ބޭނުން ނުވީއެވެ. އަހަރެން ހުރިހާ ކަމެއް ވަކީލުކުރީ ﷲ އަށެވެ. 

އަހަރެންގެ ފިރިމީހާވީ ވަރަށް ރުޅިގަދަ މީހަކަށެވެ. ހެޔޮ މީހެކެވެ. ބައިވަރު އެއްޗެތި ދެއެވެ. ބޭނުންވާނެހައި ކަންކަންވެސް ކޮށްދެއެވެ. ނަމަވެސް އަބަދުވެސް ހުންނަނީ ރުޅިއައިސްފައެވެ. ހިނިތުންވުމާއި އޯގާތެރިކަމާއިއެކު ވާހަކަ ދެއްކުމަކީ އޭނާކުރަން ދަންނަ ކަމެއް ވެސް ނޫނެވެ. 

އެކަންކަން ވެގެންދިއައީ އަހަރެންގެ ޙަޤީޤީ ލޯބިވެރިޔާއަށް ހިތުގައި އޮތް މަޤާމް އިތުރުވަމުން ދިއަ ސަބަބަކަށެވެ. އޭނާއަށް ބޭނުންވާ މިންވަރު އިތުރުވަމުންދިއަ ސަބަބަކަށެވެ. އެއީ ކުށެއް ނަމަވެސް އަހރެންނަށް ދިއައީ އަހަރެންގެ ޙަޔާތަށް އޭނާ ދެއްވެވުން އެދި ދުޢާކުރެވެމުންނެވެ. 

އެއްދުވަހެއްގެ މެންދުރުފަހެވެ. އެކަނި ކޮޓަރީގައި އޮއްވާ ނިދުނެވެ. ހުވަފެނުގައި ލޯބިވެރިޔާ ފެނުނެވެ. އަހަރެންނަށް ވަރަށް ބާރަށް އޭނާއަށް ގޮވުނެވެ. އަދި އުފާވެރި އިހްޞާޞްތަކެއް ކުރެވުނެވެ. އެ އުފާވެރި ހުވަފެނުން އަހަރެން ބޭރުކޮށްލީ އަހަރެންގެ ފިރިމީހާގެ ބަރު އަޑެވެ. 

"އަބަދު ތިއަ ގޮވަނީ ކާކަށްތަ؟ ކަލޭގެ ފިރިމީހާއަކީ އަހަރެން ނޫންތަ؟ އެހެން ފިރިހިނުންނަށް ތިއަ ގޮވަނީ އަހަރެން ކޮންކަމެއް ކޮށްނުދޭތީތަ؟ ތިއަ މީހަކު ދެކެ ތިއަ ވަރަށް ލޯބިވާނަމަ ވަރިވެގެން އެމީހަކާ ކައިވެނިކުރަންވީނު؟ ނޫނީ ވަރިވެގެން ޒިނޭކުރަން ހުންނަންވީނު؟" ފިރިމީހާ ގަދައަޑުން ބުނަމުން ގެންދިއައެވެ. އެއިރު އަތުގައި ކުނިކަހާ ފިހިގަނޑުވެސް އޮތެވެ! 

އެހިސާބަށް ވާހަކަ ގެންދިއުމުން ކެތެއް ނުކުރެވުނެވެ. އެއީ ޒިނޭކުރުމުގެ ވާހަކަ ދެއްކުމުންނެވެ. "އަހަރެން މިގޮވަނީ މާތް އިންސާނަކަށް! ތިއަފަދަ ދޫނުބައި ހަރުކަށި މީހަކަށް ނޫން! އެއީ ހުވަފެނެއް! ގޮވުނީ ހުވަފެނުގަ! އެއީ ޤަޞްދުގަ ކުރިކަމެއް ނޫން! އަހަރެންނަށް އޮތީ ނިދިފައިކަން ކަލެއަސްވެސް ރަނގަޅަށް އެނގޭނެ! އާނ! އަހަރެން އޭނާ ބޭނުން! ކަލެއަކީ އަންތބަކު ގެންގުޅެން ކުފޫހަމަވާ މީހެއް ނޫން! އަތުގައި ތިއައޮތް ދަނޑިބުރި އެކަމަށް ހެކިދޭނެ! އަނބިމީހާއަށް ނިދީގައި ބުނެވޭ ބަހަކާއި ގުޅިގެން ދަނޑިބުރި ހިފައިން އައުމަކީ ފިރިއަކު ކުރަން ހެޔޮވާނެ ކަމެއް ނޫން!" 

އޭނާޢަށް ބޭއިޚްތިޔާރުގައި ދަނޑިބުރި އެއްލައިލެވުމުން ބުނީމެވެ! "ހަމަ ތިއަ ގޮތަށް އަހަރެންވެސް އެއްލައިލާށެވެ! މިބުނަނީ ވަރިކޮށްދީ އަހަރެން މިނިވަންކޮށްދިނުމަށް އެދޭ ވާހަކައެވެ. ކަލޭ އަހަރެންނަށް ދިން ގަހަނާ އާއި އެފަދަ އެއްވެސް އެއްޗެއްވެސް އަހަރެން ބޭނުމެއް ނުކުރަމެވެ. ހުރިހާ އެއްޗެއް ހަމައަށް އަލަމާރީގައި ހުންނާނެއެވެ. އެއެއްޗެތިވެސް ގެންދާށެވެ! އަހަރެން އެއްވެސް އެއްޗެއް ވެސް ބޭނުމެއް ނޫނެވެ!" 

ތަކުރާރުކޮށް ދެއްކި ވާހަކަތަކުގައިވެސް އަހަރެންގެ އިތުރު ބަހެއް ނުލިބުމުން އެއިގެ 3 ދުވަސްފަހުން އޭނާ އަހަރެން ވަރިކޮށްދިނެވެ. އެއީ އޭނާ އަހަރެންނަށް ކޮށްދިން އެންމެ ބޮޑު ހެޔޮކަންތަކެވެ. އެކަންކޮށްދިނީތީ ވަރަށް ބޮޑަށް ޝުކުރުއަދާކުރީމެވެ. އަދި ވަރިވުމަށް މެދުވެރި ސަބަބުތައް އެނގޭތީ މައިންބަފައިންވެސް ކަންބޮޑުވެގެނެއް ނުއުޅެއެވެ. 

އަހަރެން ދުޢާކުރުން ގިނަކުރީމެވެ! އަހަރެންގެ ފުރަތަމަ ލޯބިވެރިޔާފަދަ ރިވެތި އަޚްލާޤެއްހުރި ފިރިއަކު ދެއްވެވުން އެދިއެވެ. ރަޙުމާއި ކުލުނު ހުރި ފިރިއަކު ދެއްވެވުން އެދިއެވެ. 

ވަރިކުރިތާ 4 މަސް ފުރުނު ދުވަހު އަހަރެންގެ ހިތުގެ ރަސްގެފާނު އަހަރެންނަށް ގުޅިއެވެ. އެއީ ފާއިތުވި 3 އަހަރު ތެރޭގައި ގުޅި ފުރަތަމަ ފަހަރެވެ! ފޯނު އޮތް މޫޑުން ފޯނަށް އެރި ލޮޅުންތަކަށްވުރެ މާބާރަށް، މާގިނައިން އަހަރެންގެ ހިތް ތެޅުނެވެ. ގުޑިއެވެ. ތުރުތުރު އެޅިއެވެ. ފޯނު ނަގައި "އައްސަލާމް ޢަލައިކުމް" ބުނީމެވެ. 

އޭނާ ފުރަތަމަވެސް ސުވާލުކުރީ އަހަރެން ހުރީ ރުޅިއައިސްގެންތޯއެވެ؟ ޖަވާބުގައި އެއްވެސް ހިތްބުރަކަމެއް ނެތްކަމަށް ބުނީމެވެ. ﷲ ކޮންމެ ކަމެއްވެސް މިންވަރުކުރައްވަވާނީ އަހަރެމެންނަށް އެންމެ ފައިދާހުރި ގޮތަށް ކަމަށްވެސް ބުނީމެވެ. 

އެހިސާބުން އޭނާގެ ޙަޔާތުގައި ދިމާވިގޮތް ކިޔައިދިނެވެ. ކުށެއް އޮތްނަމަ މާފުކުރުމަށް އެދެމުން ބުނީ އަނބިމީހާ އަމިއްލައަށް އެދިގެން ވަރިވެއްޖެ ކަމަށާއި އަހަރެންނާއި ކައިވެނިކުރަން ބޭނުން ކަމަށެވެ. އަހަރެން ވަގުތުން މަރުޙަބާކީމެވެ. ހަފްތާއެއްހައި ދުވަހުގެތެރޭގައި އަހަރެމެންގެ ކައިވެނި ކުރެވުނެވެ.  

ކައިވެންޏަށް މިހާރު 8 އަހަރުވީއެވެ! 4 ދަރިން ވަނީ ލިބިފައެވެ. އަދި މިހައިތަނަށް ދުވަހަކުވެސް ރުޅި އައުމާއި ދެބަސްވުމަކީ ކިހިނެއް ކުރާކަމެއްކަން ތަޖުރިބާވެސް ކުރަންޖެހިފައެއް ނުވެއެވެ. އެކަކު އަނެކަކަށް ދޭންޖެހޭ ލޯތްބާއި ކުލުނު ނުލިބިގެން ހިތަށްވެސް އަރުވާކަށް ނުޖެހެއެވެ. 

ކުރީގެ ފިރިމީހާއަކީ ތަނަވަސް މީހެކެވެ. ބައިވަރު އެއްޗެތި ދިން މީހެކެވެ. މިހާރުގެ ފިރިމީހާއަކީ ފަޤީރެކެވެ. ލިބޭ އާމްދަނީން ދިރިއުޅުން ހަމަޖެއްސެނީވެސް ހަމަ ކިރިޔާއެވެ. ނަމަވެސް ދެ ދިރިއުޅުން ތަޖުރިބާ ކުރެވުނު ގޮތް ސިފަކުރާނަމަ ބުނަން ޖެހޭނީ މިހާރު މިއުޅެނީ ދުނިޔޭގައި ހުރެ "ސުވަރުގޭގައި" ކަމަށެވެ. މާނައަކީ އެހައިވެސް އުފަލުގައި ކަމަށެވެ. 

އަހަރެންގެ ޙަޔާތާއިމެދު މިބުނި ކުރު ވާހަކަކޮޅުން ވެސް ހުރިހާ އެންމެންނަށް ވެސް ފައިދާކުރާނެ ޢިބްރަތްތެރި ފިލާވަލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަމެވެ. އަހަރެންގެ އަލަތު ކައިވެނީގައި ލިބުނު ފަދައިން އަނިޔާލިބެމުންދާ އަންހެނުންނަށް ބުނަމެވެ. ދުޢާކުރާށެވެ! މަގު ދައްކަވާނެތެވެ! އުފާވެރިކަން ދެއްވަވާނެތެވެ! އން ޝާ ﷲ 

- ޒީނާ - މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް