އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔޭގަ އެމީހާގެ އެންމެ ގާތް އެކުވެރިޔާވެސް ޤިޔާމަތް ދުވަހު ބޭނުންވާނީ ބަދަލުހިފައި އެކުވެރިޔާގެ ޘަވާބުކޮޅުވެސް އަތުލަން!

ދުނިޔޭގަ އެމީހާގެ އެންމެ ގާތް އެކުވެރިޔާވެސް ޤިޔާމަތް ދުވަހު ބޭނުންވާނީ ބަދަލުހިފައި އެކުވެރިޔާގެ ޘަވާބުކޮޅުވެސް އަތުލަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު

ކޮންމެ މީހަކަށް އެންމެ ބޮޑު އެހީތެރިކަމަށް ބޭނުންވާނީ ޤިޔާމަތް ދުވަހުގައެވެ. ނަމަވެސް އެއީ އެއްވެސް މީހަކަށް އެހެން މީހެއްގެ ކިބައިން އެއްވެސް އެހީތެރިކަމެއް ލިބެން އޮތް ދުވަހެއް ނޫނެވެ. ކިތަންމެ ކުޑަކުޑަ ކުށަކަށްވެސް އެއްވެސް މީހަކު މާފުކުރާނެވެސް ދުވަހެއް ނޫނެވެ. އެކަމާ ޝަކުވާއެއްވެސް ނުކުރެވޭނެއެވެ. ޝަކުވާ ކުރާނެ ފުރުޞަތެއްވެސް ނުލިބޭނެއެވެ. އެކަންކަން ކުރިއާލައި އަހުރެމެންނަށް އަންގަވާފައި އޮތުމުންނެވެ.

ތިމާއަށް ލިބޭ ހުސްވަގުތުތައް އެކުވެރިންނާއިއެކު ބޭކާރުކުރަމުން ގެންދާއިރު އެންމެ ފަހަރަކު ވެސް ޤިޔާމަތް ދުވަހާއިމެދު ވިސްނައިލީމުހެއްޔެވެ؟ ޤިޔާމަތް ދުވަހު ތިބާއަށް ކުރިމަތިވާނެ ކަންކަމާއިމެދު ވިސްނައިލީމު ހެއްޔެވެ؟

ދުނިޔޭގައި ހޭދަކުރަންލިބޭ ފުރުޞަތުގައި ޢާއިލާގެ މީހުން ނުވަތަ ހެޔޮ އެދޭ އެކުވެރިން އެކަކު އަނެކަކަށް މާފުކޮށްފާނެއެވެ. ނަމަވެސް ތިމާ މަރުވުމަށްފަހު، އަނބިދަރިންނަށް ކަމުގައިވީނަމަވެސް، ފިރިންނަށް ނަމަވެސް އަދި ހަމައެކަކު އެކަކަށްވެސް މާފުކުރަން ބޭނުންވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ.

އެއީ މަރުވާވަގުތުން ފެށިގެން ބަރުޒަޚްގެ ޢާލަމްގެ ކަންކަން ފެންނާތީއެވެ. ޤިޔާމަތް ދުވަހު ހިސާބު ބެލެވޭނެ ކަމާއި ތިމާއަށް ވަންނަން ޖެހޭނީ ސުވަރުގެއަށް ނުވަތަ ނަރަކައަށްކަން ނުއެނގޭނެތީއެވެ. އަދި ސުވަރުގެ ވަދެވޭ މީހުންވެސް މަތީ ޙަރުފަތްތަކަށް އަރަން ބޭނުންވާނެތީއެވެ.

މިކަމުގައި ތިމާދެކެ ދުނިޔެމަތީގައި އެންމެ ބޮޑަށް ލޯބިވީ މައިންބަފައިންވެސް އިސްތިސްނާއެއް ނުވެއެވެ. ތިމާ މަރުވުމަށްފަހު ދަރިންނަށްވެސް މާފެއް ނުކުރާނެއެވެ. އެއީ އެކަން ހިނގަމުންދާނެ ގޮތެވެ.

ޤިޔާމަތް ދުވަހުގެ ޙާލަތަކީ މުޅިން ތަފާތު ޙާލަތެކެވެ. ކޮންމެ މީހަކުވެސް ހާސްވެ ދެލޯބޮޑުވެފައިވާނީ، އިންތިހާއަށް ކަންބޮޑުވެފައި ހުންނާނީ އެމީހަކަށްވާނެ ގޮތަކާއިމެދުގައެވެ. ސުވަރުގެ ލިބޭނެ ކަމާއިމެދުގައެވެ. ވަންނަންޖެހޭނީ ނަރަކައަށް ކަމާއިމެދުގައެވެ.

ކޮންމެ މީހަކުވެސް ތެޅިފޮޅޭނީ އެމީހާގެ އަމަލުތައް މީޒާނުގައި ކިރައިލެވޭ ވަގުތު ތިމާއަށް ކުރެވިފައިވާ ހެޔޮ ޢަމަލުގެ ކޮޅު ބަރުކޮށްނުލެވިގެންނެވެ. ތިމާގެ ކިތަންމެ ގާތް މީހެއްގެ ކިބައިން ބަދަލުގެ ގޮތުގައި ކިތަންމެ ކުޑަ ހެޔޮ ޢަމަލެއް ލިބެން އޮތް ނަމަވެސް ލިބިގަތުމަށް އަވަސްވެނުގަންނާނެ ހަމައެކަކުވެސް ނުހުންނާނެއެވެ.

ހަމަ އެއާއިއެކު ޤިޔާމަތް ދުވަހަކީ ހަމަ އެއްވެސް މީހަކަށް އެއްވެސް ކަމެއް ކޮށްދެވޭނެ ދުވަހެއް ނޫނެވެ! އެދުވަހުގެ އެންމެހައި ބާރުތަކެއް މިލްކުވެވޮޑިގެންވަނީ ހަމައެކަނި ﷲ ތައާލާއަށެވެ.

ޤިޔާމަތް ދުވަހުން ރަސޫލް ﷺ ގެ ޝަފާޢަތް ލިބޭމީހުންގެ ތެރޭގައި ހިމެނޭތޯ ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ. ނަމަވެސް އެފަދަ މީހުންގެ ތެރޭގައި ހިމަނުއްވަވައި ދެއްވެވުން އެދި ވެސް ދުޢާ ކުރަން ޖެހޭނީ ﷲ ތަޢާލާއަށެވެ.

ރަސޫލް ﷺ އަކީވެސް ﷲ ތަޢާލާ އުފެއްދެވި އިންސާނެކެވެ. އެއްވެސް މީހަކަށް އެއްވެސް ކަމެއް ހިންމަވައި ދެއްވެވުމުގެ ބާރު ރަސޫލް (ﷺ) އަށް ވެސް ﷲ ތަޢާލާ ދެއްވަވާފައެއް ނުވެއެވެ. އެކަން އެނގޭ ހެކިތައް ވަރަށް ގިނައެވެ. "ތިމަން ރަސޫލާ އަށް ޤިޔާމަތް ދުވަހު އެއްވެސް މީހަކަށް އެއްވެސް ކަމެއް، އެއީ އެންމެ ލޯބިފުޅުވާ ދަރިކަނބަލުން ފާޠިމަތުގެފާނަށް ނަމަވެސް އެއްވެސް ކަމެއް ކޮށް ނުދެއްވެވޭނެ" ކަމަށް ޙަދީޘްފުޅު ކުރައްވަވާފައި އޮތް އޮތުން އެކަމުގެ ހެއްކަކަށް ފުދެއެވެ.

ވީމާ ޢާޚިރަތް ލިބެން އެދޭ މީހާ މިކަންކަމަށް ވިސްނައިލާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް