އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްފީނާ ޖެހެނީ ކިހިނެއް؟ ޙަމަލާދެވެނީ ކޮން ގުނަވަނަކުން؟ ޙައްލަކީ ކޮބާ؟- 1

އެސްފީނާ ޖެހެނީ ކިހިނެއް؟ ޙަމަލާދެވެނީ ކޮން ގުނަވަނަކުން؟ ޙައްލަކީ ކޮބާ؟- 1


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 2 ސިކުންތު

މީހުންގެ ހިތް ތަޣައްޔަރުވެ، ނުބައިވެ، ޙަސަދަވެރިކަން ބޮޑުވުމުން އެސްފީނާ ފެތުރުން މިވަނީ ވަރަށް ބޮޑަށް ޢާނަމުވެފައެވެ. އެހެންވެ ކަންބޮޑުވުން ފައުޅުކޮށް ކިޔުންތެރިން ތަކުރާރުކޮށް ކުރައްވަމުން ގެންދަވާ ސުވާލުތަކަށް ޖަވާބެއްގެ ގޮތުން އަނެއްކާވެސް މިހާމަކޮށްލަނީ އެސްފީނާ އާއި ބެހޭ ވަރަށް ގިނަ މަޢުލޫމާތު ހިމެނޭ ލިޔުމެކެވެ. މިޔުން ޝާއިޢުކުރާނީ ބައިތަކަކަށް ބަހާލައިގެންނެވެ. މިއީ ފުރަތަމަ ބައެވެ. 

އެސްފީނާއަކީ އަނެކާއާ ދިމާއަށް ބަލާ ބެލުމެއްގެ ސަބަބުން ނުވަތަ ދެކެވޭ ވާހަކަތަކެއްގެ ސަބަބުން އެ ބެލެވުނު ފަރާތަށް ގެއްލުމެއް ލިބުމެވެ. އެސްފީނާއާ ބެހޭގޮތުން އިބްނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ. 

"އެކަމުގެ އަޞްލަކީ (އެބަހީ: އެސްފީނާގެ އަޞްލަކީ) އެސްފީނާ ޖައްސާމީހާ އެއްޗަކާ ނުވަތަ ކަމަކާމެދު ޢަޖައިބުވުމެވެ. ދެން އެއަށްފަހު އޭނާގެ ނަފްސުގެ ނުބައިކަން އެކަމާމެދު ފާރަވެރިވެއެވެ. ދެން އެނަފްސުގެ ނުބައި ވިހަ ލޮލުގެ ޛަރީޢާއިން އެއެއްޗަކަށް ވާޞިލުވެއެވެ." 

އެސްފީނާ އަކީ އަސްލެއްކަމާ މެދު ސުވާލު އުފައްދާ މީހުން މިއަދުގެ މުޖުތަމަޢުގައި އުޅެއެވެ. ހުރިހާ ކަމެއް ސައިންސް ނުވަތަ މާއްދިއްޔަތާ ގުޅުވާނަމަ ރޫޙާނީ ބަލިތައް ދެނެނުގަނެވިދާނެއެވެ. ދެން ބަލަނީ އެއީ ނުވާ އެއްޗެއް ކަމަށެވެ. ނަމަވެސް ސައިންސާއި ޓެކްނޮލޮޖީއިން އަޅުގަނޑުމެންނަށް ގެނެސްފައިވާ ކުރި އެރުންތަކާއި ފަސޭހަތަށް ވާކަން ޤަބޫލުކުރާ ފަދައިން، އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް އުނގަންނައިދީފައިވާ ކަންކަންވެސް ޤަބޫލު ކުރަން ޖެހެއެވެ. އަދި ޒަމާނީ ޢިލްމީ ހަމަތަކުން އެކަން ނަފީއެއް ނުކުރެވެއެވެ. އެބައިމީހުންނަށް އެކަން ހިނގާ ގޮތުގެ ޙަޤީޤަތް ހޯދިފައި ނެތީއެވެ. ނުވަތަ އެކަމުގެ ޢިލްމު ލިބިފައި ނެތީއެވެ. އެއްޗަކާ ބެހޭގޮތުން ޢިލްމު ނެތުމަކީ އެއެއްޗެއް ނުވާކަމުގެ ޢިލްމު ލިބިފައިވުމެއް ނޫނެވެ. އެސްފީނާ އަކީ ވާއެއްޗެއްކަން ޤުރްއާނާއި ސުންނަތުން އެއްވެސް ޝައްކެއް ނެތް ގޮތުގައި އެނގެން އެބައޮތެވެ. އަދި ދުނިޔޭގައި ކަން ހިނގާ ގޮތާމެދު ވިސްނުމުންވެސް އެކަން ޙަޤީޤަތުގައިވެސް ހިނގާކަން އަޅުގަނޑުމެންނަށް ފެނި ޔަޤީންވެގެންދެއެވެ. 

ސޫރަތުލް ޤަލަމުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

﴿وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ [٥١] وَمَا هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ [٥٢] [سورة القلم: 51 – 52]

މާނަ: "ކާފިރުވި މީހުން ޤުރުއާނުގެ އަޑު އިވޭ ހިނދު، އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެ. އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން އެކަލޭގެފާނީ މޮޔައެކެވެ. ޢާލަމްތަކަށް ހަނދާންކޮށްދިނުމެއްކަމުގައި މެނުވީ އެ ޤުރުއާން ނުވެއެވެ." 

އިބްނު ކަޘީރު ވަނީ އެކަލޭގެފާނުގެ ތަފްސީރުގައި މިއާޔަތް ތަފްސީރުކުރަށްވަމުނއެސްފީނާގެ ނުބައި ކަމާމެދު ވަރަށް ދިގުކޮށް ވާހަކަދައްކަވާފައެވެ.

އަދި ޤުރްއާނަށް ފަހު މި ބިން މަތީގައިވާ އެންމެ ސައްޙަ ދެ ފޮތް ކަމުގައިވާ، ބުޚާރީ އާއި މުސްލިމުގައި ރިވާވެގެން އައިސްފައިވާ ޙަދީޘެއްގައި ވެއެވެ.

(الْعَيْنُ حَقٌّ)

މާނަ: "އެސްފީނާއަކީ ޙަޤީޤަތެކެވެ." 

އެސްފީނާ ޖެހޭ އެންމެ ޢާންމު ސަބަބުތަކުގެ ތެރޭގައި ޙަސަދަވެރިކަން ހިމެނެއެވެ. ޙަސަދަވެރިކަން އަޅުގަނޑުމެންގެ ތެރޭގައި މިއަދު ޢާންމުވެފައިވާ މިންވަރަކީ ގިނަ މީހުންނަށް ތިމަންނައަކީ މިވެނި މީހަކަށް ނުވަތަ މިވެނި ބަޔަކަށް ޙަސަދަލާފައިވާ މީހެއްކަން ނުވެސް އެނގެއެވެ. ނުވަތަ އަމިއްލަ ޟަމީރު އެކަން އަންގަމުން ދިޔަ ނަމަވެސް ގިނަ މީހުން އެކަން ޤަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. އިންސާނީ ޠަބީޢަތުގައިވާ އެފަދަ ކަންކަން އިޞްލާޙު ކުރެވޭނީ އަމިއްލަ ފަރުދީ ޒިންމާއެއްކަމުގައި ބަލައިގަނެ ތިމާ އަމިއްލައަށް ތިމާގެ ނަފްސު އިސްލާޙުކުރަން ހިފައިގެންނެވެ. ފުރަތަމަ ކަމަކަށް ތިބާއަކީވެސް އެހެން މީހަކަށް ޙަސަދަވެރި ވެވިދާނޭ މީހެއްކަން ޤަބޫލުކޮށްގެންނެވެ. ދެން، އެފަދަ ޚިޔާލުތަކުން ދުރުވެ މީސްތަކުންނާމެދު އަބަދުވެސް ހެޔޮކޮށް ހީކޮށްގެންނެވެ. މީހަކަށް ނިޢުމަތެއް ލިބުމަކީ ތިބާއަށް ކަމެއް މަދުވުން ނޫންކަމުގައި ދެކިގެންނެވެ. ތިބާއަށްވެސް ހެޔޮ އެދޭ ފަދައިން އެހެން މީހުންނަށްވެސް ހެޔޮ އެދުމަށް ލޯބިކޮށްގެންނެވެ. ޣީބަ ބުނުމާއި ނެތިމޮށުންފަދަ ދުލުގެ ފާފަތަކުން ދުރުވެގެންނެވެ. އެހެނީ މީސްތަކުންގެ ވާހަކަ ދެއްކުމަކީ ޙަސަދަވެރިކަމާއި އެސްފީނާއަށްވެސް މަގު ކޮށައިދޭ ކަމެކެވެ. 

ތިބާގެ ކިބައިގައި ޙަސަދަވެރިކަން ވޭތޯ “ޗެކްކޮށް” ބެލުމަކީވެސް ބުއްދިވެރިކަމެކެވެ. އެހެނީ ނަފްސު ޙިސާބު ކުރުމަކީ ނަފްސު އިސްލާޙު ކުރުމަށް އެންމެ ފަސޭހަ މަގެވެ. އެހެންކަމުން ތިބާގެ ކިބައިގައި ޙަސަދަވެރިކަން ވޭތޯ ޗެކްކޮށް ބެލުމަށްޓަކައި އަންނަނިވި ކަންތައްތަކަށް ސަމާލުވެ ބަލާށެވެ. ﷲ ގެ ޙަޟްރަތުން ތިބާއަށް ނިޢުމަތްތައް ލިބުނުކަމުގައިވީ ނަމަވެސް ޝުކުރު ކުރުމުގެ ބަދަލުގައި ޝަކުވާ ކުރެވޭތޯއެވެ؟ މީސްމީހުންގެ ގާތުގައި ވަކި މީހެއްގެ ވާހަކަ މާގިނައިން ދެއްކި، ނުވަތަ އެމީހެއްގެ ކުށްތަކުގެ ވާހަކަ ދެއްކި، ނުވަތަ އެމީހެއްގެ ވާހަކަ ބޮޑުކޮށްލައިގެން ދެއްކޭތޯއެވެ؟ އަދި އެމީހެއްގެ ކިބައިގައިވާ ރަނގަޅު ސިފަތަކުގެ ވާހަކަ ދައްކަން ފަސްޖެހެވޭތޯއެވެ؟ ނުވަތަ އެމީހެއްގެ ރަނގަޅުކަން މީސްތަކުންނަށް ނޭނގުމަށް އެދެވޭތޯއެވެ؟ ނުވަތަ އެމީހެއްގެ މާ ބޮޑު ކުށެއް ނެތަސް، އެމީހެއްގެ ކުށް ހޯދުމަށް މަސައްކަތް ކުރެވޭތޯއެވެ؟ ނުވަތަ އެމީހަކަށް ކުރެވޭ ކުޑަ ކުށެއްވެސް އެއީ ވަރަށް ބޮޑު ކުށެއްކަމުގައި ބަލައި ގަނެވޭތޯއެވެ؟ ނުވަތަ އެމީހަކާ ތިބާ ވާހަކަ ދައްކަން ފަސް ޖެހޭތޯއެވެ؟ ނުވަތަ ވާހަކަ ދައްކަން ޖެހިއްޖެނަމަ، އަބަދުވެސް ރުޅިވެރިކަމާއެކު ނުރުހުންތެރިކަމާއެކު ވާހަކަ ދެއްކޭތޯއެވެ؟ ނުވަތަ ވަށްބަހުން ޖަހައި ހެދޭތޯއެވެ؟ މިކަންތައްތައް ތިބާގެ މޫނު މަތިން ފާޅު ވޭތޯއެވެ؟

މިކަންތައްތައް ތިބާގެ ކިބައިން ފާޅުވާނަމަ، ތިބާއީ މީހަކަށް ޙަސަދަވެރިވެފައިވާ މީހަކަށް ވުން އެކަށީގެންވެއެވެ.  

- އައްޝައިޚް މަތީޢު އިސްމާޢީލް މުޙައްމަދުގެ ލިޔުއްވުމަކުން  

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް