އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ޙަސަދަވެރިވެ ހިތްދަތިކުރުވިނަމަވެސް، ބެލެނިވެރި ފަރާތެއްވާކަން ޤަބޫލުކޮށް 2 އަހަރު އަނިޔާއަށް ކެތްތެރިވި ޒުވާން އަންހެނަކަށް ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ޙަސަދަވެރިވެ ހިތްދަތިކުރުވިނަމަވެސް، ބެލެނިވެރި ފަރާތެއްވާކަން ޤަބޫލުކޮށް 2 އަހަރު އަނިޔާއަށް ކެތްތެރިވި ޒުވާން އަންހެނަކަށް ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 1 ސިކުންތު

އަޅުގަނޑު ވަރަށް ކުޑައިރު އަޅުގަނޑުގެ ބައްޕަ ވަނީ ނިޔާވެފައެވެ. ވަރަށް ދަތި ޙާލުގައި ގެންގުޅެ ބޮޑުކުރީ މަންމައެވެ. އަޅުގަނޑުގެ ޢުމުރުން 19 އަހަރުގައި ރަށަށް ޗިއްޓީ ހޭދަކޮށްލަން ދިއަ ތަނަވަސް ދެމަފިރިއަކު އަޅުގަނޑާއިމެދު ހަމްދަރުދީވެ އަޅުގަނޑަށް ކިޔަވައިދޭން ވަޢުދުވެ މާލެ ގެނައެވެ. 

އެގޭގައި ދެން އުޅެނީ އެދެމަފިރިންގެ ފިރިހެން ދަރުފުޅާއި އޭނާގެ އަނބިމީހާއެވެ. އެދެމަފިރިން ފަދައިން އެޒުވާނާވެސް އަޅުގަނޑާއިމެދު ކަންކަން ކުރަމުން އައީ ވަރަށް އޯގާތެރިކޮށެވެ. އެދެމަފިރިން ފަދައިން އެ ޒުވާނާއަކީވެސް ވަރަށް ހިތްހެޔޮ ޒުވާނެކެވެ. އަޅުގަނޑަކާއި ވާހަކައެއް ނުދައްކައެވެ. ނަމަވެސް ފެންނައިރަށް ހިނިތުންވެލާނެއެވެ. އަޅުގަނޑަށް ހިނިތުންވާކަށް ނުކުރެއެވެ. އެހެންވެސް ލަދުން އިސްދަށަށް ޖަހަނީއެވެ. 

އޭނާގެ އަނބިމީހާ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑަށް އެއްޗެތި ގޮވައެވެ. ނުބައިބަސްތައް ބުނެއެވެ. ފަޤީރުވީމާ މަލާމާތްވެސް ކުރެއެވެ. އެކަމާއި ވަރަށް ދެރަވެއެވެ. ނަމަވެސް އަޅުގަނޑު ބަހެއް ނުބުނަމެވެ. އަޅުގަނޑު ހިތްވަރުކުރަމުން އައީ ކޮންމެވެސް މިންވަރަކަށް ކިޔެވޭތޯއެވެ. ކިޔަވައިގެން ރަށަށް ގޮސް މަންމައަށް ޚިދުމަތްކުރެވޭނެ ފުރުޞަތެއް ހޯދޭތޯއެވެ. 

އަޅުގަނޑު ހަދަމުން ދިއައީ 2 އަހަރު ދުވަހުގެ ނާސިންގ ކޯހެކެވެ. ކޯހުގެ ފައިނަލް އަހަރު އޭނާގެ އުނދަގޫތައް ވަރަށް ބޮޑުކުރިއެވެ. އެއްޗެތި ގޮވުން އިތުރުކުރުމުގެ އިތުރުން ކިޔަވަންވެސް އުނދަގޫކުރިއެވެ. އެކަމަކުވެސް އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ހަމަހިތްވަރުކުރީއެވެ. 

އެއްދުވަހެކެވެ. އެއީ ހުކުރު ދުވަހެކެވެ. ހެނދުނުގެ ސައިގެ ކަންކަން ނިމިގެން މެންދުރަށް ކައްކަން ބަދިގެ ތެރޭގައި ހުއްޓައި އޭނާއައިސް އާދައިގެމަތިން އެއްޗެތި ގޮވަމުން ގޮސް އެތަނުގައި ހުރި ބްރޫމެއް ނަގައި އަޅުގަނޑުގެ ދެފައިގައި ޖެހިތަނާ އަޅުގަނޑު ވެއްޓުނެވެ. އަޅުގަނޑަށް ވަރަށް ތަދުވިއެވެ. ވީތަދަށްވުރެ ދެރަވީ އެއިގެ ކުރިން ދުވަހަކުވެސް އެއްވެސް މީހަކު އަޅުގަނޑުގެ ގައިގައި ނުޖަހާތީއެވެ. އެހެންވެ ބާރަށް ރޮއިގަނެވުނެވެ. ޤަޞްދަކު ނޫނެވެ. ބޭއިޚްތިޔާރުގައެވެ. 

އެވަގުތު އެގޭ ދައްތަ އާއި ބޭބެ އައިސް ސުވާލުކުރުމުން އޭނާ ބުނީ އަޅުގަނޑު ނުބަލައި އުޅެންހަދައިގެން ވެއްޓުނީ ކަމަށާއި ފިނޑިކަމުން އަޅުގަނޑު ރޮނީ ކަމަށެވެ. އެހިސާބުން އަޅުގަނޑަކަށް ކެތެއް ނުކުރެވުނެވެ. އޭނާ އަޅުގަނޑާއިމެދު ކަންކަންކުރާ ގޮތް ކިޔައިދިނީމެވެ. އަޅުގަނޑު ވެއްޓުނީ ބްރޫމުން ޖެހީމައިކަމަށް ބުނަން އަނގަހުޅުވާލިތަނާ އެމީހުންގެ ދަރިފުޅު އައިސް އެޖުމުލަ ބުނެފިއެވެ. އޭނާ ބުނީ ޖެހީ އޭނާ ސިޑިމަތީގައި ބަލަހައްޓައިގެން ހުއްޓައި ކަމަށެވެ. އަދި އޭނާގެ އަނބިމީހާ އަޅުގަނޑަށް ނުބައިބަސްތައް ބުނެ ކަންކަން ކުރާކަން އެނގޭތީ ކުރިންވެސް ވާނީ އެތައް ފަހަރަކު ނަޞޭޙަތްދީފައިކަމަށްވެސް ބުންޏެވެ. 

އެޒުވާނާ ބުންޏެވެ. "މަންމާއެވެ! އޭނާ ގޮވައިގެން ކޮޓަރިއަށް ގޮސް ފައިބަލާށެވެ! ޖެހީ މަޑަކުން ނޫނެވެ. ޖެހިތަން ފެންނަންވެސް ހުންނާނެއެވެ." 

ދަރިފުޅު ބުނިގޮތަށް މަންމަ ކަންކަން ކުރިއެވެ. ބެލިއިރު އެތަން ރޮނގަކަށް ބޮޑުކޮށް ރަތްވެފައިވެސް ހުއްޓެވެ. އެވާހަކަ ބުނުމުން ދަރިފުޅު ބުންޏެވެ. "ތިމާއަށްވުރެ ނިކަމެތިންނަށް ރަޙުމް ނުކުރާ މީހަކަށް އެއްވެސް މީހަކަށް ރަޙުމެއް ނުކުރެވޭނެއެވެ. ދަރިއަކު ނުލިބުނުކަންވެސް އެއީ ނަޞީބެކެވެ. ދެން ރަނގަޅުވާނީ ގެއަށް ދިއުމެވެ. އަހަރެން ދެން ކަލެއާއި އިނދެގެނެއް ނުއުޅޭނަމެވެ." 

އެހެން ބުނާއިރަށް އަޅުގަނޑާއި އޭނާގެ ފިރިމީހާ އާއި ދެމީހުން އުޅެނީ ހިތާވެގެންކަމަށްބުނެ ވަރަށް ހަޑިހުތުރު އެއްޗޗެތިގޮވާފައި ނުކުމެގެންދިއައީއެވެ. ނުކުންނަމުން ބުނީ މަގުމަތިން މީހުން ލައްވާ ދިމާވެސް ކުރުވާނެ ކަމަށެވެ. 

އެއިގެ ހަފްތާއެއްހައި ދުވަސްފަހުން މަންމަ ބުނީ ދަރިފުޅު އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވާ ކަމަށެވެ. އަޅުގަނޑުގެ ހުރި ފަޤީރުކަން ކިޔައިދީ ކުފޫހަމަނުވާކަމަށް ބުނުމުން މަންމަ ބުނީ ކައިވެނިކުރީމާ ކުފޫހަމަވާނެކަމަށެވެ. 

ކިތަންމެ ފަޤީރު ނަމަވެސް ގައިގައި ހިނގަނީ ހަމަ ޒުވާން ލެއެވެ. އަޅުގަނޑާއިމެދު އޭނާގެ އަނބިމީހާ 2 އަހަރުވަންދެން ކަންކަން ކުރި ގޮތުން އައިސްފައި ހުރި ރުޅީގައި ކައިވެންޏަށް އެއްބަސްވީމެވެ. ބަދަލުހިފުމުގެ ބޭނުމުގައެވެ. އެއްވެސް ޙައްޤަކާއި ނުލައި އެއްޗެތި ގޮވީތީއެވެ. ބޮޑު ދޮގު އިލްޒާމެއް އެޅުވީތީއެވެ. 

ކޮންމެއަކަސް ކައިވެނިކުރެވުނެވެ. އެކައިވެނިމަތީގައި 12 އަހަރުވީއެވެ. ފިރިމީހާވެސް އޭނާގެ މަންމަ ޢާއި ބައްޕަވެސް އަޅުގަނޑާއިމެދު ކަންކަންކުރަނީ ވަރަށް ރަނގަޅަށެވެ. އެއީ ހަމަ ވަރަށް ރަނގަޅު ހެޔޮލަފާ 3 މީހުންނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަނެކާއަކީ ކިތަންމެ ފަޤީރު، ނިކަމެތި އަޅައިލާނެ މީހަކު ނެތް މީހަކު ނަމަވެސް އެންމެހައި އިންސާނުންގެވެސް ބެލެނިވެރި ފަރާތެއްވެއެވެ. އެއީ ﷲ ތަޢާލާއެވެ. އަޅުގަނޑަށް 2 އަހަރުވަންދެން އެޙާލުގައި އުޅެންޖެހުނުއިރުވެސް ވާގިއެދުނީ ހަމައެފަރާތުންނެވެ. ވަކީލްކުރީ އެފަރާތަށެވެ. ވީމާ އެގޮތުގައި ޘާބިތުވާށެވެ! އެއިރުން އުފާވެރިކަން ދެއްވަވާނެއެވެ. އިން ޝާ ﷲ 

- ވާޞިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް