އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ބަލިވެ ވަޒީފާ ގެއްލި، އެއްދާން ނުކުރެވޭ ޙާލުގަ 6 އަހަރު އަނބިމީހާއަށް ލިބޭ މުސާރައިން ބަލަހައްޓައިދިނީމަ ކިރިޔާ ގަދަވާއިރަށް ދެވަނަ އަންތބަކު ހޯދި ފިރިހެނެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ބަލިވެ ވަޒީފާ ގެއްލި، އެއްދާން ނުކުރެވޭ ޙާލުގަ 6 އަހަރު އަނބިމީހާއަށް ލިބޭ މުސާރައިން ބަލަހައްޓައިދިނީމަ ކިރިޔާ ގަދަވާއިރަށް ދެވަނަ އަންތބަކު ހޯދި ފިރިހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 38 ސިކުންތު

އަޅުގަނޑުކައިވެނިކުރީ ޢުމުރުން 27 އަހަރުގައެވެ. ފިރިމީހާގެ ޢުމުރަކީ 32 އަހަރެވެ. ކައިވެންޏަށް ދެވަނަ އަހަރު ދަރިއަކު ލިބުނެވެ. ކައިވެންޏަށް 3 އަހަރުގައި ފިރިމީހާއަށް ބައްޔެއް ޖެހުނެވެ. އަބަދުހެން ވަރުބަލިވަނީއެވެ. އެހެންވެ މަސައްކަތް ނުކުރެވިގެން ވަޒީފާއިންވެސް ވަކިވާންޖެހުނެވެ. އެހިށާބުން ދެން ދިރިއުޅެމުން އައީ އަޅުގަނޑަށް ލިބޭ މުސާރައިންނެވެ. ދިރިއުޅުނީ ފިރިމީހާގެ ގޭގައެވެ. 

ފިރިމީހާ ޑޮކްޓަރަށް ދައްކައިގެން ފަރުވާކުރަން މަސައްކަތްކުރީމެވެ. ތަފާތު ޑޮކްޓަރުންނަށް ދެއްކީމެވެ. އެމީހުން ބުނާހައި ޓެސްޓްތަކެއް ހަދަމުން ދަނިކޮށް އެނގުނީ ލެޔަށް ނުރައްކައުތެރި ބައްޔެއް ޖެހިފައިވާކަމެވެ. އިތުރަށް ބެލިބެލުމުން އެނގުނީ ބައްޔަށް ފަރުވާހޯދޭނީ ދެމީހުން އެއްދާން ނުކޮށް ދުރުގައި ތިބެގެންކަމެވެ. އެހިސާބުން ޖެހުނީ ދެމީހުން ނިދާއެނދުވެސް ވަކިކުރާށެވެ. 

ކޮންމެއަކަސް ފިރިމީހާއަށް ޝިފާލިބުނީ 3 އަހަރުދުވަހު ކެތްތެރިވީފަހުންނެވެ. އެޢުމުރުގައި އެހައި ގިނަ ދުވަހު ކެތްތެރިވެގެން ހުރެވުނީ އެކަމަށް ކިހައި ވަރެއްގެ ޤުރްބާނީއެއްވެގެންކަން ވަޒަންކޮށްލެވޭނީވެސް ތެދުވެރިކަމާއިއެކު އެފަދަ ޤުރްބާނީއެއްވެފައިވާ އަންހެނަކަށެވެ. 

ފިރިމީހާއަށް ޝިފާ ލިބި، ޑޮކްޓަރު ހުއްދަދިނުމުން ދެމީހުން ކައިރިވާން ބެލިއިރު ފިރިމީހާގެ ޙާލަތުހުރީ ހަަމ "ސުމެއް"ގައެވެ. ކާންޖެހުނު ބާރުގަދަ ބޭސްތަކުގެ ސަބަބުން ދިމާވިގޮތެކެވެ. ދެންޖެހުނީ އެކަމަށް ބޭސްކުރާށެވެ. 

ދެން މިއޮތީ އެންމެ މުހިންމު ބައެވެ. އެކަމަށް ކުރަންފެށި ފަރުވާ ނިމުމަކާއި ގާތްވެފައި ހުއްޓައި އެކުވެރިއެއްގެ ކިބައިން އެނގުނީ ފިރިމީހާ ދެވަނަ ކައިވެންޏެއް ކޮށްގެން އުޅޭކަމެވެ. ޔަޤީންކުރަން ކޯޓުން ބެލިއިރު އެކަންވީ ހަމަ ތެދަކަށެވެ. 

އެކަން އެނގުމާއިއެކު އޮފީހަށް އެދުވަހުގެ ބާކީބައަށް ސަލާމް ބުނެފައި ގެއަށް ދިއައިމެވެ. ފިރިމީހާ ގެއަށް އައުމުގެ ކުރިން ދަރިފުޅު ގޮވައިގެން ގެއަށް ދިއުމުގެ ބޭނުމުގައެވެ. ފިރިމީހާގެ ކުރިމަތީގައި ރޯންވެސް އަދި ޒުވާބުކުރަންވެސް ބޭނުން ނުވާތީއެވެ. އަދި ކޮށްދެވުނު ކަންކަމުގެ ވާހަކަތަކާއި ވެވުނު ޤުރްބާނީގެ ވާހަކަތައް ދައްކައި ކަލަގޮވަންވެސް ބޭނުންނުވާތީއެވެ. 

ކޮންމެއަކަސް ހިތިކަން އެންމެ ގަދަ ބޭހަކަށްވުރެ ހިތި، އެންމެ ނުބައި ޒަހަރަކަށްވުރެވެސް ނުބައި މާޒީގެ މަތިން ހަނދާން ނައްތާލަން 2 އަހަރެއްހައި ދުވަސްނެގިއެވެ. އެއްވެސް މީހަކުގެ ކިބައިން އެއްވެސް ކަމަކަށް ނުއެދެމެވެ. ކުރިހަމައެކަނި ކަމަކީ ކުރާ އަޅުކަން އިތުރުކުރުމާއި ދުޢާކުރުމެވެ. 

އަނެއްކާވެސް ދައްކަން މިޖެހެނީ 3 ވަނަ އަހަރެއްގެ ވާހަކައެވެ. ފިރިމީހާގެ ގާތުން ވަކިވިތާ 3 ވަނަ އަހަރު ބޮސްގެ ކޮއްކޮގެ އަނބިމީހާ ނިޔާވުމުން އޭނާ ވަރަށް އެކަނިވިއެވެ. އަތުގައި ފައިސާހުރިނަމަވެސް އުޅެމުން ދިއައީ ހިތްދަތިދިރިއުޅުމެކެވެ. އެދުވަސްވަރު އެއްދުވަހު ބޮސް އަޅުގަނޑުގެ މޭޒަށް ގުޅައި ބޮސްގެ ކެބިނަށް ދާން ބުނުމުން ދިއައިރު ތިބީ ދެބެއިންނެވެ. 

ބޮސް އަޅުގަނޑު ގާތުގައި އެދުނީ ކޮއްކޮގެ 2 ދަރިން ބަލައިދޭން އެގެއަށް ބަދަލުވުމަށެވެ. ވަޒީފާއިން ލިބޭ މުސާދޭނެކަމަށެވެ. އަދި މުސާރަ ބޮޑުވެސްކޮށްދޭނެކަމަށާއި ކުންފުނީގެ މުވައްޒިފުންނަސް ދޭ ޢިނާޔަތްތައްވެސް ދޭނެކަމަށެވެ. 

އެގޭގައި ބޮސްގެ ކޮއްކޮ އުޅެނީ އެކަންޏެވެ. ދެން އުޅެނީ ބޭރު ނޯކަރެކެވެ. އެހެންވެ އަޅުގަނޑު ބުނީމެވެ. "ބޮސްއެވެ! ބޮސް ބުނާ އެއްވެސް ކަމަކަށް ދެކޮޅު ހަދާކަށް ނެތީމެވެ. މިހިރީ ތިއަކަންކުރަން ތައްޔާރަށެވެ. އެކަމަކު އަޅުގަނޑުގެ ހުށަހެޅުންވެސް އަޑު އަހާށެވެ. މިއީ ހަމަ ޑާދި އެއް ޢުމުރުގެ 2 މީހުންނެވެ. އެކުގައި ގެއެއްގައި އުޅޭނަމަ ޝައިޠޯނާ ވަދެ އަޅުގަނޑުގެ އާޚިރަތް ގެއްލުވާލައިފާނެއެވެ. އެއިރުން އަޅުގަނޑަށް ލިބޭ ދެރައިގެ ބަދަލެއް ބޮސްއަކަށްވެސް ކޮއްކޮއަކަށްވެސް ނުދެވޭނެއެވެ. އެއްވެސް އިންސާނަކަށް ނުދެވޭނެއެވެ. ވީމާ އަޅުގަނޑަށް އެބިރުވެރިކަން ނުއޮންނާނެ ގޮތަކަށް ތިއަކަން ހަމަޖައްސާށެވެ. ފާއިތުވި 8 ވަރަކަށް އަހަރު އަޅުގަނޑަށް ކެތްތެރިވެވިއްޖެއެވެ. އެކަން ޙާޞިލުކުރެވުނީ ކިހައި މަސައްކަތެއްކޮށްގެން އެނގޭނީ އަޅުގަނޑަށެވެ." 

ބޮސް ޙީނލާފައި ކޮއްކޮ ގާތުގައި ބުންޏެވެ. "ކޮބާ ކޮއްކޮ ބޭނުންވި ކަންތައް ވެނިމުނީ ނޫންހެއްޔެވެ؟ އަވަހަށް ތިއަކަން ނިންމައިލާށެވެ!" 

ދެމީހުންގެ ކައިވެނި ކުރެވުނެވެ. އުފާވެރި ދިރިއުޅުމެއް ލިބުނީއެވެ. ފިރިމީހާއަކީ ރަގަޅު ހުރިހާ ސިފަތަކެއް ލިބިގެންހުރި މީހެކެވެ. އިޞްލާޙްކުރަންޖެހޭ ކަމެއްގެ ވާހަކަ ދެވަނަ ފަހަރަށް ބުނާކަށް ނުޖައްސައެވެ. އަޅުގަނޑުވެސް މަސައްކަތްކުރަނީ ހަމަ އެގޮތަށް ކަންތައް ކުރެވޭތޯއެވެ. އެހެންވެ ދުވަހަކުވެސް ދެބަސްވާކަށް ނުޖެހެއެވެ. 

އެވާހަަކ ދައްކަން ބޭނުންނުވިނަމަވެސް ނިންމާލެވެން އޮތީ ކުރީގެ ފިރިމީހާގެ ވާހަކަވެސް ބުނެލައިފައެވެ. ކައިވެންޏަށްފަހު އޭނާގެ ބައްޔަށް ކުރަންޖެހޭ ބޭސްފަރުވާ ނުކުރެވުމުގެ ސަބަބުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނބިމީހާ ފޫހިވެ ކައިވެނި ރޫޅިއްޖެއެވެ. އެއިގެ ފަހުން 3 ކައިވެނިކޮށްގެންވެސް އެކުގައި ދިރިއުޅެވޭނެ ގޮތެއް ނުވެއެވެ. 

އެކަމަކު ހިނގީ މީހުންގެ ގާތުގައި އަޅުގަނޑު ކުށްވެރިކޮށް ވާހަކަތައް ދައްކަމުންނެވެ. ބަލިވީމާ އަޅުގަނޑު އޭނާ ދޫކޮށްލާފައި ދިއައީ ކަމަށް ބުނަމުންނެވެ. އެކަމަކު ފަހުން އެންމެންނަށްވެސް ޙަޤީޤަތް އެނގުނެވެ. އެބޮޑު ބަދުނާމުން އަޅުގަނޑު ސަލާމަތްވިއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މިއަދު ގިނައީ މިބާވަތުގެ ފިރިންކަމަށް ބުނުމަކީ ކުށަކަސްވާނެ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. ޢިބްރަތް ޙާޞިލްކުރާށެވެ!

 

- ސަމިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް