އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 34 ސިކުންތު
ދުނިޔޭގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ އެތައްބައަކު ކާބޯތަކެއްޗަށްވުރެވެސް ގިނަ ފައިސާ ޚަރަދުކުރަނީ ރީތިވުމަށެވެ. އިސްތަށިގަނޑާއި މޫނާއި އެހެނިހެންވެސް ގުނަވަންތައް ރީތިވުމަށެވެ. އަދި މާތް ﷲ އެމީހަކަށް ދެއްވެވި ގުނަވަންތަކަށް ހިތްހަމަ ނުޖެހިގެން އެއަށް ބަދަލުގެންނަން މަސައްކަތްކުރާ މީހުންވެސް މަދެއް ނޫނެވެ. އިންތިހާއަށް ބޮޑުއަގުދީފައި ތަފާތު އޮޕަރޭޝަންތައްކުރުވާ މީހުންވެސް މަދެއް ނޫނެވެ.
ތިރީގައި އެވަނީ އެފަދަ މީހުންނަށް ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ.
މިއީ މެލޭޝިޔާގައި ހިނގާދިއަ ކަމެއްގެ ވާހަކައެވެ. މެލޭޝިޔާގެ ރައްޔިތެއްކަމުގައިވާ ތާމް އަކީ ޗައިނާ ދަރިކޮޅަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އަންހެނެވެ. އޭނާގެ 5 އަހަރުގެ ލޯބިވެރިޔާ އަށް ކަމުދަނީ މޭމަތި އުސްކޮށް ތިބޭ ލޫޅާފަތި އަންހެން ކުދިންކަމަށް ތާމްގެ ގާތުގައި ބުނެފައިވެއެވެ. އެހެންކަމުން ލޯބިވެރިޔާއަށް ސިއްރުން ޕްލާސްޓިކް ސާޖަރީއެއް ހަދައި ތިމާ މީހާގެ ސިފަ ރީތިކޮށްލައި ލޯބިވެރިޔާއަށް ސާޕުރައިޒެއް ދޭނެ އޭނާ ނިންމިއެވެ.
މިސާޖަރީއަކީ ނުހަނު އަގުބޮޑު ކަމެކެވެ. އޭނައަކީ އަމިއްލަ ތަނެއްގައި މަސައްކަތްކުރާ ކާތިބެއްގެ ވަޒީފާގައި އުޅޭ މީހެއްކަމުން އެވަރަށް ފައިސާ ހޯދޭނެ ގޮތެއް ނެތެވެ. ބޭންކަކުން ދަރަންޏަށް ލޯނެއް ނެގުމަކީ ރަނގަޅުކަމެއް ނޫންކަމަށް ބެލިއެވެ. އަދި މެލޭޝިޔާއަކީ ލޯނުދޭ އަމިއްލަ މީހުންގެ ދުއްތުރާ ވަރަށް ވެސް ބޮޑު ތަނެއްކަމުން އެކަން ކުރާކަށް ވެސް އޭނާ ބޭނުމެއް ނުވިއެވެ. ލޯނު އަދާނުކުރެވިގެން ނުވަތަ އަދާކުރުމުގައި ލަސްވެގެން ލޯނު ނަގާ ފަރާތުގެ މުދަލަށް ގެއްލުންދީ، ޖާނަށް ނުރައްކާކުރާ އެތަކެއް ވާހަކައެއް އޭނާ ވަނީ ނޫހުން ކިޔާފައެވެ.
އެހެންކަމުން އެންމެ ބުއްދިވެރި ގޮތެއްކަމުގައި އޭނާ ދެކުނީ ބައްޕަ ރައްކާކޮށްގެން ގެންގުޅު ލާރިން ލޯނެއް ނަގާށެވެ. ފަހުން އަބުރާ ދޭގޮތަށެވެ. އެގޮތުން ފައިސާކޮޅެއް ލިބުނެވެ. ނަމަވެސް، އެއީ އެފަދަ ސާޖަރީއެއް ހޮސްޕިޓަލަކުން ކުރެވޭނެ އަދަދެއްގެ ފައިސާއެއް ނޫނެވެ. އެހެންކަމުން އޭނާ ނިންމީ ރައްޓެއްސެއްގެ ބަހަށް އިތުބާރުކޮށްފައި އާދައިގެ ކުލިނިކަކުން އެސާޖަރީ ހަދާށެވެ. ސާޖަރީ ހަދާ މީހަކީ ހޭނެއްތުމުގެ ސެޓިފިކެޓެއް އޮތް މީހަކަށް ނުވާތީވެ 2 ގަނޑި އިރުގެ މުޅި ސާޖަރީކޮށް ނިއްމާލީ ހޭނުނައްތައެވެ. ހަށިގަޑަށް ފަލަ ކަށިޖަހައި ކަފާ ހެދީ ހޭލަ އޮއްވައެވެ. ފަހުން ތިމާ އެދޭގޮތަށް ތިމާގެ ސިފަ ރީތިވާނެކަމަށް ހީކޮށް ވޭނަށާއި ކެކުޅުމަށް ކެތްކޮށްލީއެވެ. މިވަރުންވެސް އަތުން 13،000 މެލޭޝިޔާ ރިންގިޓް ހަރަދުވިއެވެ. އެއީ ރާއްޖޭގެ ފައިސާއިން ބަލާނަމަ ގާތްގަނޑަކަށް 65،000 ދިވެހި ރުފިޔާއެވެ.
ސާޖަރީއަށް ފަހު ގެއަށް ދިޔައީ ހިތްހަމަ ޖެހިގެންނެވެ. ނަމަވެސް، މިކަން ލޯބިވެރިޔާއަށް ބޭޒާރުވެ ގައިގަ ހުރި ލަކުނުތައް ފެނުމާއެކު ލޯބިވެރިޔާ ހިތްހަމަ ނުޖެހުނެވެ. އެހާ ގިނަ ފައިސާތަކެއް އެފަދަ ގޮތަކަށް ހޭދަކުރީތީވެ ދެމީހުންގެ ދެމެދުގައި ޒުވާބުކުރުމަށް ފަހު ލޯބިވެރިޔާ ތާއަބަދަށް ވަކިވެގެން ހިގައްޖެއެވެ. ސާޖަރީ ހެދި އެއް ބޭނުން ނެތިދިޔައީއެވެ. ނަމަވެސް، ތާމްއަށް ބިރުވެރި އިހުސާސްތަކެއް ވާން ފެށީ އެއް ހަފުތާ ފަހުން ކަށި ހަރާފައި ހުރި ތަންތަނުން ދޮސް އަންނަން ފެށުމުންނެވެ.
ވަގުތުން ސާޖަރީ ހެދި ކުލިނިކަށް ދިޔައެވެ. ވަރަށް ބޮޑު ގޯހެއް އުޅޭކަން އެގުނެވެ. ސާޖަރީ ނުބައި ގޮތަކަށް ދިޔައީއެވެ. ހަށިގަނޑު އެތެރޭގައި ދޮސް އުފެދުނީއެވެ. ހަދާނެގޮތް ހުސްވެއްޖެއެވެ. ކިރިޔާވެސް ހިތްހަމަ ޖެހުމެއް ލިބުނީ އަނެއްކާ އެސާޖަރީ އެއްވެސް އަގަކާ ނުލައި ދެވަނަ ފަހަރަށް ހަދައިދޭނެ ކަމަށް ސާޖަރީ ހެދިމީހާ ބުނުމުންނެވެ. ނަމަވެސް، އޭނައަކީ އެފަދަ ސާޖަރީއެއް ހެދުމުގެ ހުއްދަ އޮތް މީހެއް ނޫންކަމާއި ކަންތައް އިތުރަށް ގޯސްވެދާނެކަމުގެ ބިރު ހިތަށް ވެރިވިއެވެ.
ވަރަށް ބޮޑަށް ވިސްނާފައި ތާން ނިންމީ ގޭދޮށު ހޮސްޕިޓަލެއްގެ ހަމުގެ ޑޮކުޓަރަކަށް ދެއްކުމަށެވެ. ޑޮކުޓަރުގެ ވާހަކައިން ތާންގެ ހިތް ހަލާކުވިއެވެ. މޭމަތި އެވަނީ ޖަރާސީނު އަށަގެންފައެވެ. ޑޮކުޓަރު ބޭސްދޭން ފެށިއެވެ. ނަމަވެސް، އެދޭ ބޭހުން ރަގަޅު ނުވެއްޖެނަމަ ފަހަރުގައި އެގުނަވަން ހަށިގަޑާ ވަކިކޮށްލަން ޖެހިދާނެކަމުގެ އިންޒާރުވެސް ދެއްވިއެވެ. މިކަމުގެ ޝަކުވާޔައިގެން މެލޭޝިޔާގެ ކަމާބެހޭ ފަރާތަކަށް މިމައްސަލަ އާ ގުޅޭގޮތުން ތާން ޝަކުވާ ހުށަހެޅިއެވެ. ނަމަވެސް ވަގުތު މިވަނީ ފާއިތުވެފައެވެ. އިތުރަކަށް ހެދޭނެ މާ ގިނަ ގޮތްތަކެއް ނެތެވެ.
މާޔޫސްކަމާ އެކު މޮޅިވެރިކަމުގެ ރަޖާލައިގެން މިހާރު އުޅޭ ތާން ބުނަނީ މިއީ އިބުރަތްތެރި ހާދިސާއެއް ކަމަށެވެ. އަދި ފާޑުފާޑުގެ ގޮތް ނޭގޭ ކުލިނިކުތަކުން ސާޖަރީ ނެހެދުމަށް ތާން އެހެން މީހުންނަށް ނަސޭހަތްތެރި ވިއެވެ. ކިޔުންތެރިން ތާން އަށް ދޭނީ ކޮން ނަސޭހަތެއް ހެއްޔެވެ؟
- ޙާދިސާގެ ވާހަކަ: ސާމަރާލައިވް
Advertisement
10 ޖޫން 2023