އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތް ދުވަހުގެ ގިނަ ޢަލާމާތްތައް އެއޮތީ އަހަރެމެންނަށް އަންގަވާފައެވެ. ތިބާ ތިޔަ އިންތިޒާރުކުރަނީ ކޮންކަމަކަށްހެއްޔެވެ؟

ޤިޔާމަތް ދުވަހުގެ ގިނަ ޢަލާމާތްތައް އެއޮތީ އަހަރެމެންނަށް އަންގަވާފައެވެ. ތިބާ ތިޔަ އިންތިޒާރުކުރަނީ ކޮންކަމަކަށްހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 8 ސިކުންތު

ފާޠިމަތު ނަޢީޝާ

 

ޤިޔާމަތްދުވަހަށް އީމާންވުމަކީ، އީމާންތެރިކަމުގެ ރުކުންތަކުގެ ތެރެއިން މުހިއްމު ރުކުނެކެވެ. އެދުވަހުން، އަހަރެމެން ކުޅަ ކޮންމެ ޢަމަލެއްގެވެސް ޖަޒާ، އެކަލާނގެ އަހަރެމެންނަށް ދެއްވާނެތެވެ. ނަމަވެސް އެދުވަހަކީ ސީދާ ކޮންދުވަހެއްކަން މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާވަނީ ވަންހަނާކުރައްވާފައިއެވެ. މާތްވެގެންވާ ލައިލަތުލް ޤަދުރި ވިލޭރޭވެސް ވަންހަނާކުރައްވާފައިވާ ފަދައިންނެވެ. އެއީ އެދުވަހުގެ ޘަވާބާއި ދަރުމަ ލިބިގަތުމަށް، އިޚްލާޞްތެރިކަމާއިއެކު ގަދައަޅާ މަސައްކަތްކުރުމަށެވެ. 

ޤިޔާމަތްދުވަހަކީ ކަނޑައެޅިގެން ކޮން ދުވަހެއްކަން އެނގޭނަމަ، ބޭނުންހާ ނުބައި ޢަމަލެއް ކޮށް، އެދުވަސް ކައިރިވުމުން، ފާފަ ފުއްސެވުމަށް އެދި ދުޢާކޮށް ޙެޔޮ ޢަމަލުތަކައިގެން އަވަސްވެގަންނާނެއެވެ. އިންސާނުންނަކީ އެފަދަ ބައެކެވެ. ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާނީ އެކަލާނގެއެވެ. 

އެދަވަހަކީ ސީދާ ކޮންދުވަހެއްކަން އެކަލާނގެ އަހަރެމެންނަށް ފާޅުކުރައްވާފައިނުވިނަމަވެސް، އެދުވަހަކީ ހަމަކަށަވަރުންވެސް އަންނާނެ ދުވަހެއްކަމާއި، އެކަމުން ޢިބުރަތް ހާޞިލްކޮށް، އެކަލާނގެ މަގަށް ރުޖޫޢަވުމަށް އަވަސްވެގަތުމަށްޓަކައި ބަޔާންވެގެންވާ ޢަލާމާތްތަކަކާއި ހެކިތަކެއްވަނީ ލައްވަވާފައިއެވެ. ބޮޑެތި ޢަލާމާތްތަކަކާއި ކުދި ޢަލާމާތްތަކެކެވެ. ކޮންމެ ޢަލާމާތެއްވެސް އަހަރެމެންގެ ލޯކުރިމަތީ ފާޅުވަމުންދާނެތެވެ. ބުއްދީގެ އަހުލުވެރިންނަށް މެނުވީ އެކަންތައްތަކުން އެއްވެސް އަސަރެއްނުކުރާނެއެވެ. 

ޤިޔާމަތްދުވަހުގެ ބޮޑެތި ޢަލާމާތްތަކުގެ ތެރެއިން 10 ޢަލާމާތެއް: 

·      މަހުދީގެފާނު ފާޅުވުން

·      ދައްޖާލު ފާޅުވުން

·      ޢީސާ އަލައިހިއްސަލާމު ބިމަށް ފައިބާ ވަޑައިގަތުން

·      ޔައުޖޫޖު  އަދި މައުޖޫޖު ބާގައިގެ މީހުން ފާޅުވުން

·      ދުންގަނޑެއް ފެތުރިގެން ދިޔުން

·      ބިމު ދާއްބަ ފާޅުވުން

·      ހުޅަނގު ފަރާތުން އިރު އެރުން

·      ބިންގަނޑު ކަނޑައިގެންގޮސް އަޑިއަށް ދިޔުން

·      އަލިފާންގަނޑެއް ފާޅުވުން

·      ގެފުޅު މުގުރާލުން 

ޤިޔާމަތްދުވަހުގެ ކުދި ޢަލާމާތްތަކުގެ ތެރެއިން 10 ޢަލާމާތެއް: 

·      ބަނގުރަލާއި މަސްތުވާތަކެތި އާއްމުވުން

·      ބިންހެލުންތައް އިތުރުވުން

·      ވަގުތުދާލެއް އަވަސްވުން

·      ޒިނޭ އާއްމުވުން

·      ފިރިހެނުންގެ އަދަދު މަދުވެ، އަންހެނުން ގިނަވުން

·      މުއްސަދިން ގިނަވެ، ޒަކާތާއި ޞަދަޤާތުގެ އެހީ ލިބިގަންނަ މީހުން މަދުވުން

·      ސައުދީ އަރަބިއާގެ ފެހިކަން އިތުރުވުން

·      ފިތުނަ ފަސާދަތައް އާއްމުވުން

·      ކުއްލި މަރުތައް ގިނަވުން

·      ލޭއޮހޮރުވުން ގިނަވުން 

ކީރިތި ޤުރުޢާނުގައި މާތްﷲ ޞުބުޙާނަހޫ  ވަޠަޢާލާ ހަދީޘްކުރެއްވިއެވެ. "ފަހެ، އެއުރެން ނޭންގިތިއްބައި، ކުއްލިއަކަށް ޤިޔާމަތްވުމުގެ ވަގުތު އަތުވެދާނެކަމަށްމެނުވީ، އެއުރެން އިންތިޛާރުކުރޭހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، އެކަމުގެ ޢަލާމާތްތައް އަތުވެއްޖެއެވެ. ފަހެ، އެކަން އެއުރެންނާއި ހަމައަށް އަތުވެއްޖެހިނދު، އެއުރެންގެ ހަނދުމަކުޅައުންވަނީ ކިހިނަކުންހެއްޔެވެ؟" (47:18) 

ޤިޔާމަތްދުވަސް ގާތްވެއްޖެކަން ކަށަވަރެވެ. އަހަރެމެންގެ މިކުޑަ މުޖުތަމަޢުއަކީވެސް އޭގެ ހެއްކެކެވެ. ޒިނޭކުރުމާއި،  އެއްޖިންސުންގުޅުން ހިންގުމާއި، ބަނގުރަލާއި މަސްތުވާތަކެތީގެ ނުބައި ޢަމަލުތައް އިންތިހާއަށް އާއްމުވެއްޖެއެވެ. މިނުބައި ޢަމަލުތަކަށް އަރައިގަންނަމުން ދަނީވެސް އެއްވެސް ބިރެއްނެތިއެވެ. ވިސްނާފިކުރުކުރުމުގެ ޤާބިލުކަން އެކަލާނގެ އަހަރެމެންނަށް ދެއްވީ، އަހަރެމެންގެ ލޯކުރިމަތީ އަދުގެ ދުނިޔޭގައި ހިނގަމުންދާ ކަންތައްތަކަށް ފުރަގަސްދިނުމަކަށްނޫނެވެ. 

ބުއްދީގެ ބޭނުން ތިބާ ތިޔަ ކުރަނީ ކޮންކަމަކަށްހެއްޔެވެ؟ ތިބާ ކުޅަ ކޮންމެ ޢަމަލަކަށްވެސް ޖަވާބުދާރީވާންޖެހޭނެ ދުވަސް ގާތްވެއްޖެކަމާމެދު ހިތަށް އެއްވެސް އަސަރެއްނުކުރޭހެއްޔެވެ؟ މަރުވެގޮސްފައިވާ ތިބާގެ އެކުވެރިންނާއި، ގާތްތިމާގެ މީހުންނާއި މެދު ނިކަން ވިސްނާލާށެވެ. އެއީ، އެއް އިރެއްގައި، ތިބާއާއި އެކު ހީ، ސަކަރާތްޖަހާ، ވަގުތު ހޭދަކުރި މީހުންނެވެ. މިއަދު އެމީހުންނަށް ދުނިޔެމަތީ ކުރި ޙެޔޮ ޢަމަލެއްގެ ފައިދާ މެނުވީ ނުކުރާނެއެވެ. އެމީހުންގެ މުދަލާއި ފައިސާއިން އެއްވެސް ޝަފާޢަތްތެރިކަމެއް ލިބޭނެހެއްޔެވެ؟ 

ހަމަކަށަވަރުން، މަރުވެގޮސްފައިވާ ކޮންމެ ފުރާނައަކީވެސް ދިރިތިބީންނަށް ވާ ޢިބުރަތެކެވެ. ވިސްނާފިކުރުކުރަންވީ މިހެންވެއެވެ. އެހެންނޫނީ ޣާފިލު ނިދީގައި ތިއްބާ، މަރާއި ބައްދަލުކުރަންޖެހިދާނެއެވެ. އެއީ ކޮންފަދަ ނިމިދިއުމެއްހެއްޔެވެ؟ ބަޔާންވެގެންވާ ހެކިތަކާއި ޢަލާމާތްތައް، އަހަރެމެންގެ ކުރިމަތީ އެދަނީ ފައުޅުވަމުންނެވެ. ތިބާ ތިޔަ އިންތިޒާރުކުރަނީ ކޮންކަމަކަށްހެއްޔެވެ؟ 

https://islamtheultimatepeace.com/10-signs-of-judgement-day/

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް