އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމުގެ 4 ވަނަ ބެޗުގެ ސެޓްފިކެޓް ދިނުމާއި 5 ވަނަ ބެޗު ފެށުމުގެ ރަސްމިއްޔާތު، ބާއްވައިފި

ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމުގެ 4 ވަނަ ބެޗުގެ ސެޓްފިކެޓް ދިނުމާއި 5 ވަނަ ބެޗު ފެށުމުގެ ރަސްމިއްޔާތު، ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 18 ސިކުންތު

ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމުގެ 4 ވަނަ ބެޗުގައި ތަމްރީނުވި 37 ދަރިވަރުުންނަށް ސެޓްފިކެޓް ދިނުމާއި 5 ވަނަ ބެޗުގެ ދަރިވަރުުންގެ ކިޔެވުމާއި ތަމްރީނުތައް ފެށުމުގެ ރަސްމިއްޔާތު، 15 އޮގަސްޓް 2023 ވީ އަންގާރަ ދުވަހުގެ ހަވީރު މެންހަޓަން ބިޒްނަސް ހޮޓަލުގައި ވަނީ ބާއްވައިފިއެވެ.

މިހަފްލާގެ ޝަރަފުވެރި މެހުމާނަކީ މިނިސްޓަރ އޮފް ޓްއަރިޒަމް ޑޮކްޓަރ އަބުދުﷲ މައުޞޫމް އެވެ. މިރަސްމިއްޔާތުގައި ޔުނިވާރސަލް އެންޓަރޕްރައިސަސްގެ ޗެއަރމަން މުޙައްމަދު އުމަރު މަނިކު، ވިލާކޮލެޖުގެ ރެކްޓަރ ޑޮކްޓަރ އަޙުމަދު އަންވަރުގެ އިތުރުން ޔުނިވާރސަލް އެންޓަރޕްރައިސަސްގެ އިސްވެރިންނާއި، ޔުނިވާރސަލް ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި ވިލާކޮލެޖުގެ އިސްވެރިން އަދި ބައިވެރިންގެ ބެލެނިވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޔުނިވާރސަލް އެންޓަރޕްރައިސަސްގެ ޗެއަރމަން މުޙައްމަދު އުމަރު މަނިކު ވިދާޅުވީ، ޔުނިވާރސަލް ފައުންޑޭޝަނާ ވިލާކޮލެޖު ގުޅިގެން މި ޕްރޮގްރާމް ހިންގޭ މޮޑެލްއަކީ ވަރަށް ކާމިޔާބު މޮޑެލްއެއް ކަމަށެވެ. އަދި މިޕްރޮގްރާމުން ޙާޞިލުކުރަން ބޭނުންވާ އެންމެ މުހިއްމު ކަމަކީ، ތަމްރީނަށްފަހު ފަތުރުވެރިކަމުގެ ދާއިރާގައި ވީހާވެސް ގިނަކުދިން ވަޒީފާއަދާކުރުން ކަމުގައިވެސް ޗެއަރމަންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ޓްއަރިޒަމް މިނިސްޓަރ ޑޮކްޓަރ އަބުދުﷲ މައުޞޫމު ހަފްލާގެ ބައިވެރިންނާ މުޚާތަބުކުރައްވާ ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގެ މަތީފަންތީގެ މަޤާމުތަކުގައި ދިވެހިން ގިނައަދަދަކަށް ފެނިގެން ދިއުމަކީ ސަރުކާރުގެ ވަރަށްބޮޑު އުއްމީދެއްކަމުގައެވެ. މިގޮތުުން ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމަކީ މިކަން ކާމިޔާބުކުރުމަށް އަދުގެ ޒުވާނުންނަށް ފަހިކޮށްދެވިފައިވާ ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށާއި، މިކުދިން ކުރިމަގުގައި މިދާއިރާގެ މަތީ މަޤާމުތަކުން ފެނިގެންދިއުމަށް އުއްމީދު ކުރައްވާކަމަށެވެ.

ޔުނިވާރސަލް ފައުންޑޭޝަނުން ސްޕޮންސަރ ކުރައްވައިގެން ވިލާ ކޮލެޖާ ގުޅިގެން ހިންގަވާ ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމަކީ 2017 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ދިވެހި ޒުވާނުން ތަމްރީނުކޮށް މިދާއިރާގައި ކުރިއަށް ދިއުމަށް އެފަދަ ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށް ދިނުމެވެ. 

2017 ވަނައަހަރުން ފެށިގެން މިހާތަނަށް ޖުމްލަ 103 ދިވެހި ޒުވާނުން މިޕްރޮގްރާމުގެ ތެރެއިން ތަމްރީނުކުރެވި ވިލާކޮލެޖުގެ ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ ސެޓްފިކެޓް ވަނީ ޙާޞިލުކޮށްފައެވެ. މިކޯސް ނިންމި ދަރިވަރުންގެ ތެރެއިން 80 ޕަސަންޓަށްވުރެ ގިނަ ކުދިން ތިބީ އެކިއެކި ވަޒީފާތަކުގައެވެ. މީގެތެރެއިން ގިނަކުދިން މަސައްކަތްކުރަމުން ދަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. މިކޯސްތަކުގައި ރާއްޖޭގެ އެކި ރަށްރަށުން އަންހެން އަދި ފިރިހެން ކުދިން ބައިވެރިވަމުންދާކަން ފާހަގަކުރަމެވެ.

 

މިޕްރޮގްރާމުގެ ދަށުން ހިންގާ ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ ކޯހަކީ 4 މަސްދުވަހުގެ މުއްދަތަށް ހިންގޭ ކޯހެކެވެ. މިކޯހުގެ ތިއަރީ ކްލާސްތައް ހިންގެނީ ވިލާކޮލެޖުގެ މާލެ ކެމްޕަސްގައެވެ. އަމަލީ ތަޖުރިބާ ހޯދަނީ ޔުނިވާރސަލް ރިސޯޓުތަކުގައެވެ. މިކޯހުގައި ދަރިވަރުން ތަމްރީނުހޯދާނީ ފްރޮންޓް އޮފީސް، ހައުސް ކީޕިން އަދި ފުޑް އެންޑް ބޭވަރޭޖް ސާވިސަސް ޑިޕާޓްމަންޓުތަކުގައެވެ. ކޯހުގެ މުއްދަތުގައި މަހަކު -/3000 ރުފިޔާގެ އެލަވަންސެއް އެކުއްޖަކު ތަމްރީނު ހޯދަމުންދާ ރިސޯޓުން ދެއްވާނެއެވެ. 

ޔުނިވާރސަލް ފައުންޑޭޝަނަކީ، ޔުނިވާރސަލް އެންޓަރޕްރައިސަސް އިން ފަންޑުކޮށްގެން ހިންގާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. ޑިސްކަވަރ ހޮސްޕިޓަލިޓީ ޕޮރުގްރާމުގެ އިތުރުންވެސް އެކިދާއިރާތަކުން މީހުން ބިނާކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ސުކޮލާރޝިޕްތަކެއް އަންނަނީ ދެމުންނެވެ. މިހާތަނަށް ސަތޭކައަށްވުރެ ގިނަ މިފަދަ ސްކޮލާރޝިޕް ވަނީދީފައެވެ. މިގޮތުން ޚާއްޞަކޮށް މެޑިކަލް ދާއިރާއިން ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށްދެވޭ ސްކޮލާޝިޕްތައް ފާހަގަ ކުރެވެއެވެ. މިހާތަނަށް 51 ޑޮކްޓަރަކު ވަނީ ޔުނިވާސަލް ފައުންޑޭޝަންގެ ސްކޮލާރޝިޕްގެ ދަށުން ކިޔެވުން ފުރިހަމަކޮށްފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު