އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމް މާއްދާ ދިވެހި ބަހުން ކިޔަވައި ދިނީމައި، ބައެއް ކުދީންނަށް ފަހުމު ނުވާ ވާހަކަ ދެއްކުމަކީ ލަދުވެތިކަމެއް! އެއީ އަޅުގަނޑުމެންގެ ކުށެއް!: ޝައިޚް ޝަފީޢު ޢަބްދުއްﷲ

އިސްލާމް މާއްދާ ދިވެހި ބަހުން ކިޔަވައި ދިނީމައި، ބައެއް ކުދީންނަށް ފަހުމު ނުވާ ވާހަކަ ދެއްކުމަކީ ލަދުވެތިކަމެއް! އެއީ އަޅުގަނޑުމެންގެ ކުށެއް!: ޝައިޚް ޝަފީޢު ޢަބްދުއްﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 17 ސިކުންތު

ތިރީގައި އެވަނީ ދިވެހިބަސް ފަހުމް ނުވާކަމުގެ ބަހަނާދައްކައި އިސްލާމް މާއްދާ އިނގިރޭސި ކުރަންވީ ނޫންކަމާއި ދަރިންނަށް ދިވެހި ބަސް އުނގަންނައިދޭންވީކަން ބަޔާންކުރައްވައި ޝައިޚް ޝަފީޢު ޢަބަދުﷲ ލިޔުއްވާފައިވާ ލިޔުއްވުމެއް ލިޔުމުގެ އަޞްލާއި އެއްގޮތަށެވެ. 

އަޅުގަނޑު މައްކާގައި އުޅޭތާ މި ވަނީ 16 އަހަރެވެ. އަޅުގަނޑުގެ ތިބެނީ 3 ދަރީންނެވެ. ދޮށީ ކުއްޖާގެ ޢުމުރަކީ 15 އަހަރެވެ. ދެވަނަ ކުއްޖާގެ ޢުމުރަކީ 12 އަހަރެވެ. ދެން ހުރީ 2 އަހަރުގެ ތުއްތު ކުއްޖެކެވެ. 

އަޅުގަނޑުގެ ބޮޑު ދެ ކުދީން ރީއްޗަށް ދިވެހި ބަހުން ވާހަކަ ދައްކައެވެ. ދިވެހި ބަހުން ލިޔަންކިޔަން ދަނެއެވެ. އަޅުގަނޑުމެން އެ ކުދިންނާ ވާހަކަ ދައްކަނީ އަބަދުވެސް ސާފު ދިވެހި ބަހުންނެވެ. އޭގެ އިތުރުން ރާއްޖޭގެ ދިވެހި މުޤައްރަރު ހޯދައިގެން އެ މީހުންނަށް ދިވެހި ބަސް ކިޔަވައިދެމުއެވެ. 

އެ ކުދީން ދިވެހި ބަހަށް ވުރެ ފަރިތައީ ޢަރަބި ބަހަށޭ ބުނެވިދާނެއެވެ. އެ ކުދީން ބޮޑުވަމުން އަންނަނީ ޢަރަބި މާހައުލަކަށް ވެފައި، ސްކޫލު މަދަރުސާތަކުގެ ބަހަކީ ޢަރަބި ބަސް ކަމަށް ވުމުން އެ ކުދީން ބޮޑަށް ފަރިތައީ ޢަރަބި ބަހަށެވެ. އެހެނަސް އެއީ ދިވެހި ބަހުން ވާހަކަ ދެއްކުމާއި، ދިވެހި ބަސް އުނގެނުމަށް އެ ކުދީންނަށް ކުރިމަތިވާ ހުރަހެއް ނޫނެވެ. 

އަޅުގަނޑުމެންގެ ދިވެހި ބަސް މިހާރު މި ދަނީ ހީނަރުވެ ނެތެމުންނެވެ. މައިންބަފައިން އެބައިމީހުންގެ ދަރީންނާ މާތްދިވެހި ބަހުން ވާހަކަ ނުދައްކަންޏާ އެ ކުދީންނަށް ދިވެހި ބަސް ނޭނގޭނެއެވެ. އެ ކުދީންނަށް ދިވެހި ބަސް ވާނީ ބީރައްޓެހި ބަހަކަށެވެ. ކޮށި ބަހަކަށެވެ. އަޅުގަނޑުމެންގެ ޤައުމިއްޔަތާ ގުޅިފައިވާ އެންމެ ބޮޑު އެއް އުންސުރަކީ ދިވެހި ބަހެވެ. ދިވެހި ބަސް އަޅުގަނޑުމެން އަތުން ބީވެގެން ދިޔުމަކީ އަޅުގަނޑުމެން އަތުން އަޅުގަނޑުމެންގެ ޤައުމިއްޔަތު ނެތިގެން ދިޔުމެވެ. އެހެން ވިޔަ ނުދެއްވާށެވެ.

އިސްލާމް މާއްދާ ދިވެހި ބަހުން ކިޔަވައި ދިނީމައި، ބައެއް ކުދީންނަށް ފަހުމު ނުވާ ވާހަކަ ދެއްކުމަކީ ލަދުވެތިކަމެކެވެ. އެއީ އަޅުގަނޑުމެންގެ ކުށެވެ. އޭގެ ޙައްލަކީ އިސްލާމް މާއްދާ ވެސް އިނގިރޭސިއަށް ބަދަލުކޮށް ދިވެހި ބަސް އިތުރަށް ހީނަރުކޮށްލުމެއް ނޫނެވެ. ބައެއް ކުދީންނަށް އިނގިރޭސި ބޮޑަށް ފަހުމުވަންޏާ، އިނގިރޭސިން ލިޔެވިފައިވާ ދީނީ ޞައްޙަ މަޢުލޫމާތު ހުރި ފޮތްތައް އެ ކުދީންނަށް ކިޔަން ގޭގައި ދެވިދާނެއެވެ. އަދި ސްކޫލުތަކުގައި ދިވެހީން ކިޔަވައިދޭ އިރު، ކުއްޖަކަށް އެއްޗެއް ފަހުމު ނުވަންޏާ، އިނގިރޭސިން ވެސް އެ އެއްޗެއް ބުނެ ދިނުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ މުދައްރިސުންގެ ކިބައިގައި ހުންނާނެއެވެ. ވުމާ އެކު، އިސްލާމް މާއްދާ އެއްކޮށް އިނގިރޭސިއަށް ބަދަލުކުރުމުގެ އެއްވެސް މަޤުބޫލު ޢުޒުރެއް ނެތެވެ. އެއާ ޚިލާފަށް، އެ ކަމުގެ ހުރި ނުރައްކާތެރިކަމާއި، އެ ކަމުގެ ފަހަތުގައި ފޮރުވިފައިވާ އެޖެންޑާތަކެއް ހުރި ކަން އަޅުގަނޑު ވާނީ މީގެ ކުރީން އަޅުގަނޑު ކުރި ޕޯސްޓެއްގައި ކިޔައިދީފައެވެ. 

"ވިސްނުމެއް ނެތި ކޮށްފި ކަމަކުން އެންމެ ފަހަރަކު ދޭހުގައި

  ގިސްލަމުން ހިތި ކަރުނަ އޮއްސަން ޖެހިދާނެޔޭ މުޅި ޢުމުރުގައި"

ތިރީގައި އެވަނީ އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމުގައި ކުރިމަތިވާނެ ނުރައްކާތައް ބަޔާންކުރައްވައި ޝައިޚް ޝައފީޢު ލިޔުއްވާފައިވާ ލިޔުއްވުން އެއިގެ އަޞްލާ އެއްގޮތަށެވެ!

ދިވެހިރާއްޖޭގައި އޮތީ އިސްލާމްދީނެވެ. އެހެން ދީނެއް ނެތެވެ. ސުންނީ މަޛްހަބެވެ. އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައިދޭން ފެށުމުން ދެން ރާއްޖެއަށް ގެންނާނީ ބޭރުގައި ލިޔެވިފައިވާ އިނގިރޭސި ފޮތްތަކެވެ. އަދި ޓީޗަރުންނަށް ގެންނާނީ ބޭރު މީހުންނެވެ. ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި އެތަކެއް މަޒްހަބެއް އެބަ އޮތެވެ. މި ކަންކަމުގެ އަސަރު ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ވަޙުދަތަށް ކުރާނެކަން ޔަގީނެވެ.

މިއީ ލާދީނީ މީހުން އަޑީގައި ތިބެގެން ރާއްޖޭގެ ޝެއިޚުންނާއި އިސްލާމް ޓީޗަރުން ތަޢުލީމީ ނިޒާމުން ހަވާސާކުރާން ހިންގޭ ޖަރީމާއެއްކަމާ މެދަކު ޝައްކެއް ނެތެވެ. އެބައިމީހުންގެ އަނެއް އަމާޒަކީ އިސްލާމް މާއްދާއަކީ ވެސް އިޚްތިޔާރީ މާއްދާއަކަށް ބަދަލުކުރުމެވެ. މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެ ކަން ކުރާން އުޅުމުން އޭރު ރައްޔިތުން އެ ކަމާ ދެކޮޅަށް ތެދުވެ އެތަކެއް އިޙުތިޖާޖެއް ކުރުމުން އެ ކަން ވަނީ ނާކާމިޔާބުވެފައެވެ. މި ފަހަރު މި އަންނަނީ ރޭވުންތެރިކަމާ އެކު އެ ހިސާބަށް ދެވޭނެ މަގު ކޮށަމުންނެވެ.

ލާދީނީ މީހުން އެންމެ ރުޅިއަރާ ކަމަކީ އެބައިމީހުންގެ ދަރީން ވެސް އިސްލާމް މާއްދާ މަޖުބޫރީ މާއްދާއެއްގެ ގޮތުގައި ކިޔަވާން ޖެހިފައިވުމެވެ. އެހެންކަމުން, އެ މާއްދާ ހަވާސާކޮށްލެވޭތޯ އެބައިމީހުން ދަނީ އަބަދުވެސް މަސައްކަތްކުރަމުންނެވެ. މި ކަން އެމްޑީއެން އިން ނެރުނު ލާދީނީ ރިޕޯޓުން ވެސް އެނގޭން އޮންނާނެއެވެ. 

މިހާރު މި އޮތް ސަރުކާރުގެ ޕޮލިސީ ލެވެލްގައި ތިބި ބައެއް މީހުންނަކީ އިސްލާމީ ޝިޢާރުތަކަށް ނަފްރަތުކުރާ، އަދި ސެކިއުލަރ އައިޑިއޮލޮޖީއަށް ތަބާވާ މީހުންނެވެ. އެބައިމީހުން ޕޮލިސީ ހަދަމުން އެ ދަނީ އިސްލާމްދީނާއި ދީނީ މީހުން އެއްކިބާ ކޮށް ހަވާސާކުރެވޭނޭ ހުރިހާ ގޮތަކަށެވެ.

މިއީ ސަމާލުވާން ޖެހޭ ކަމެކެވެ. މިއީ ދިވެހި ބަހަށް ވެސް އޮތް ނުރައްކަލެކެވެ. ބަހުގެ ބޭފުޅުން ވެސް މި ކަމާ ދެކޮޅު ހައްދަވާން ޖެހޭ ކަމެކެވެ. މިހާރު ވެސް ދިވެހި ބަސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. މި ކަމުން ދިވެހި ބަހަށް ލިބިގެން ދާނީ އިތުރު ހީނަރުކަމެއް ކަމާ މެދަކު ޝައްކެއް ނެތެވެ. މީގެ މިއީ އިތުރުން ދިވެހީންގެ ދީނާއި ދީނީ އެއްބައިވަންތަކަމަށް އޮތް އިންތިހާއަށް އޮތް ބޮޑު ނުރައްކަލެކެވެ. ހުރިހާ ދިވެހި ރައްޔިތުން ވެސް މި ކަމާ ދެކޮޅު ހަދާން ޖެހޭ ވަރުގެ ނުރައްކާތެރިކަމެކެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް