އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު
އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ގެނައުމުގެ މަޤްޞަދުގައި، އެ ސިޓީގައި ސިޓީ ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސްތައް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމަށް ހުޅުވާލައިފިއެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން ޖުމްލަ 240 ކޮޓަރީގެ ފެންވަރުގެ ތަންތަން ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ އެ ސިޓީގެ ހުޅުދޫގައި ސިޓީ ހޮޓަލެއްގެ އިތުރުން ޓޫރިސްޓް ގެސްޓްހައުސްތައް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ވަކިވަކި ފަރުދުންގެ ވިޔަފާރިތަކާއި، ކުންފުނިތަކުގެ އިތުރުން ޕާޓްނަރޝިޕްގައި ހިމެނޭ ފަރާތްތަކަށް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މި މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ހުޅުދޫގެ ދެކުނުގައި ހުންނަ ކެނަރީފް ރިސޯޓް ކައިރިން 4.65 ހެކްޓަރުގެ ބިމެކެވެ. މި ބިމަކީ އާންމުކޮށްވެސް ގެސްޓް ހައުސްތަކާއި ހޮޓަލްތަކާއި އެފަދަ ތަންތަނަށް ބޭނުންވާ ސަޕޯޓް ސާވިސްތަކަށް ދޫކުރާ ބިމެކެވެ.
ހުޅުދޫގައި ސިޓީ ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސްތައް ތަރައްޤީކުރުމަށް މުޅި ޖުމްލަ 13 ޕްލޮޓުގެ ބިން ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ބިންތަކުގެ ތެރޭގައި 11 ގެސްޓްހައުސްއާއި 2 ސިޓީ ހޮޓެލެއް ހިމެނެއެވެ. ޚާއްސަ ގޮތެއްގައި، 10 ކޮޓަރީގެ ޓޫރިސްޓް ގެސްޓްހައުސްތައް ތަރައްޤީކުރުމަށް ދޫކުރާ 6 ޕްލޮޓާއި، 15 ކޮޓަރީގެ ގެސްޓްހައުސްތައް ތަރައްޤީކުރުމަށް ދޫކުރާ 4 ޕްލޮޓާއި، 25 ކޮޓަރީގެ ގެސްޓްހައުސް ތަރައްޤީކުރުމަށް ދޫކުރާ 1 ޕްލޮޓު ހިމެނެއެވެ.
މީގެ އިތުރުން، 60 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް 1 ޕްލޮޓާއި، 35 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް 1 ޕްލޮޓުގެ ބިން ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ސަބަބުން އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާގައި އިތުރު ފުރުސަތުތައް އުފެދި، އައްޑޫގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
މިބީލަމުގައި ރެޖިސްޓްރިވާން ބޭނުންވާ ފަރާތްތަކުން ގެޒެޓުގައިވާ އިޢުލާނުގައި ހިމެނޭ މަޢުލޫމާތުތައް ފުރިހަމަކުރުމަށްފަހު [email protected] އަށް މެއިލްކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
ބީލަމަށް ހުށަހެޅުމުގެ ސުންގަޑިއަކީ މި ހިންގާ ޖުލައި މަހުގެ 13ވަނަ ދުވަހުގެ 13:00އެވެ.
Advertisement
5 ޖުލައި 2025