އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 30 ސިކުންތު
- އުންމު ނަވާރު
ބީޓްރޫޓްއަކީ އަޅުގަނޑުމެން ދިވެހިންގެ މެދުގައި އެހާ މަޤްބޫލު އެއްޗެއް ނޫނެވެ. ނަމަވެސް މި ތަރުކާރީއަކީ ޞިއްހީގޮތުން ހަށިގަނޑަށް ތަފާތު ފައިދާތައް ފޯރުކޮށްދޭ އެއްޗެކެވެ. ބީޓްރޫޓް ނިސްބަތްވަނީ ބެޓޮއިޑީ އާއިލާއަށެވެ. ގަދަ ރަތް ކުލަ ލިބިފައިވާ މި ތަރުކާރީ ފައިބަނީ ބިންގަނޑުގެ ތެރެއަށެވެ. މީގައި ރަތް ކުލަ ގަދަކަމުން މި ތަރުކާރީ ކޮށާއިރު އަތުގައިވެސް ކުލަ އުނގުޅޭނެއެވެ. ތައްޓަކަށް ލައިފިނަމަ މުޅި ތަށީގައިވެސް ކުލަ ހިފައެވެ. ބީޓްރޫޓްއިން ބަތާއި ރިހަވެސް ކައްކައެވެ. މީގެ އިތުރުން ސެލެޑްއާއި ތަފާތު ވައްތަރުގެ ފޮނި އެއްޗެހި ހަދާއިރުވެސް ބީޓްރޫޓް ބޭނުންކޮށްއުޅެއެވެ. އަދި ރީތި ރަތް ކުލައެއް ކާއެއްޗެހީގައި ލެއްވުމަށްޓަކައި މި ތަރުކާރީ ބޭނުންކުރެއެވެ. ބީޓްރޫޓްއިން އެންމެ ފާހަގަ ކޮށްލެވޭ އެއްޗަކީ ބީޓްރޫޓް ޖޫހެވެ.
ލޭގެ ޕްރެޝަރު މައްޗަށް ދިއުން ކޮންޓްރޯލްކުރަން ރަގަޅު އެއްޗެއް:
ލޭގެ ޕްރެޝަރު މައްޗަށް ދާނަމަ ތަފާތު ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އެގޮތުން ލޭގެ ޕްރެޝަރު މައްޗަށްދާ ބޭފުޅުންނަށް ތަފާތު އެކި ވައްތަރުގެ ހިތުގެ ބައްޔާއި އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އިންއޯގަނިކް ނައިޓްރޭޓްސް ގިނައިން އެކުލެވޭ މޭވާ އާއި ތަރުކާރީ ކެއުމުން ލޭގެ ޕްރެޝަރު ދަށްކޮށް، ނައިޓްރިކް އޮކްސައިޑް އުފެދޭ މިންވަރު އިތުރުވެ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ. ބީޓްރޫޓް ޖޫހުގައި ގިނަ އަދަދަކަށް ނައިޓްރޭޓްސް ކިޔާ މާއްދާއެއް އެކުލެވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބީޓްރޫޓްސް ނުވަތަ ބީޓްރޫޓް ޖޫސް ބޭނުންކުރުމުން މަދު ގަޑިއިރެއްގެ ތެރޭގައި ލޭގެ ޕްރެޝަރު 3-10 މިލިމީޓަރު އެޗްޖީ އަށް ދަށްކޮށްދެއެވެ. ލޭގެ ޕްރެޝަރު މައްޗަށް ދާނަމަ، ޑޮކްޓަރާއި ވާހަކަ ދެއްކުމަށްފަހު ބީޓްރޫޓް ޖޫސް ނުވަތަ ބީޓްރޫޓް ކެއުމުގައި ހިމަނާލާ އަޖުމަ ބަލާލުން ރަނގަޅެވެ.
ބަރުދަށް އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ އެއްޗެއް:
މާ ބޮޑަށް ފަލަވުމަކީ އެކި ކަހަލަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެދާނެ ކަމެކެވެ. ދުޅަހެޔޮ ޞިއްހަތެއްގައި ހުރުމަށްޓަކައި ގަވައިދުން ކަސްރަތުކޮށް ޞިއްހަތަށް ރަނގަޅު ކާނާ ކެއުމުގައި ހިމަނާލަން ވާނެއެވެ. ތަފާތު ދިރާސާތަކުން ދައްކާ ގޮތުގައި ބީޓްރޫޓް ޖޫހަކީ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފަހައްޓައިދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. ބަރުދަން ލުއިކުރުމަށް ބީޓްރޫޓް ޖޫސް އެހީތެރިވެދޭ ގޮތަކީ ބީޓްރޫޓްގައި އެކުލެވޭ ރަތް ބެޓަލައިން ޕިގްމަންޓް (ބީޓްރޫޓްގެ ކުލަ) ސަބަބުން ކަމަށް ބެލެވެއެވެ. މި ކުލައަކީ މީގައި ބާރުގަދަ އެންޓިއޮކްސިޑެންޓް އެކްޓިވިޓީއެއް ހުރެދާނެ އެއްޗެއް ކަމަށް ބެލެވެއެވެ.
ހަދާންކޮށްދިނުމެއް:
ބީޓްރޫޓް ޖޫސް ބޭހެއްގެ ގޮތުގައި ނުވަތަ އެއަށްވުރެ ގިނަ އަދަދަކަށް އާޔުރްވެދިކް ޑޮކްޓަރެއްގެ ލަފައާއި ނުލައި ބޭނުން ނުކުރާށެވެ. އެއްވެސް ބާވަތެއްގެ ފަރުވާއެއް އަމިއްލައަށް މެޑިކޭޓްކޮށް، ބަދަލުކޮށް، ނުވަތަ އަމިއްލައަށް ހުއްޓާނުލުމަށް ނަސޭހަތްތެރި ވަމެވެ.
ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫނެވެ.
ލިޔުނީ: އުންމު ނަވާރު
މަސްދަރު
Dr. Siddharth Gupta (2023), Beetroot juice: Uses, benefits, side effects and more!
Adda Bjarnadottir (2023), Beetroot 101: Nutrition Facts and health benefits
Advertisement
10 ސެޕްޓެމްބަރ 2023