އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 24 ސިކުންތު
ޕްރޮފެސަރ ޙަސަން އުގައިލު ވިދާޅުވަނީ އިންޑިއާއަށް ބާރޯސާވެގެން ތަރައްގީގެ މާ އުސްތަކަކަށް ދިވެހިރާއްޖެއަކަށް ނުދެވޭނެ ކަމަށެވެ. އެކަމުގެ ހެކިވެސް ޢުޤައިލް ވަނީ ދައްކަވައިފައެވެ.
ރާއްޖެއިން އިންޑިއާއަށް ބަރޮސާވުން އިންތިހާއަށް ބޮޑުވެފައިވާއިރު ސުވާލަކީ އިގްތިސާދީ އުސްތަކަށް ދިއުމަށް ބަރޯސާވާން ޖެހޭ ހެއްޔެވެ؟
ދުނިޔޭގެ ކެޕިޓެލިޒަމަށް ގޮންޖަހައި ތަރައްގީގެ އައު އުސްތަކަކަށް ދިއަ ގައުމުތަކަކީ، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކެވެ. ކުރިން ޓައިގަރ އިކޮނޮމީގެ ނަމުން ނަން ދެވުނު ގައުމުތަކެވެ. ޓައިވާން އަދި ދެކުނު ކޮރެއާފަދަ ގައުމުތަކެވެ. އޭގެ ކުރިން ސިޓީ ސްޓޭޓް ކަމަށްވާ ސިންގަޕޯރއެވެ.
ތަރައްގީގެ އުސްތަކަށް ދިއުމަށް ބޭނުންވާ ކަންތައްތަކެއް ހުރެއެވެ.
ގައުމުގެ އެވަރުގެ އިންފްރާސްޓްރަކްޗަރއެއް ހުންނާން ޖެހެއެވެ. ސިނާއީ އުފެއްދުމުގެ ވަސީލަތްތަކެއް ހުންނަން ޖެހެއެވެ. ގައުމުގައި ރައުސުމާލެއް ލިބުމުގެ އިތުރުން އިންސާނީ ރައުސުމާލެއްވެސް އޮންނާން ޖެހެއެވެ.
މި ވަސީލަތްތަކާއެކު މުދާ ނުވަތަ ޚިދުމަތެއް އުފެއްދޭއިރު އެ އެއްޗެއް ގަންނާނެ ބާޒާރެއްވެސް އޮންނާން ޖެހެއެވެ.
ދިވެހިންވެސް ތަރައްގީގެ އުސްތަކަކަށް ދާން ބޭނުން ވެއެވެ. އެކަމަކު ބުނެވިދިޔަ ކަންތައްތައް، އެއީ ތަރައްގީއެއް އައުމަށް ބޭނުންވާ އަސާސީ މާއްދާތައް ކަމުގައި ބަލާނަމަ ދިވެހިރާއްޖޭގައި އެ މައްދާތަކެއް އެބަ ހުރި ހެއްޔެވެ؟
ދެން އޮތް ސުވާލަކީ، ތަރައްގީގައި ފައިހަމަ ކުރަން ބޭނުންވާ ރޯ މާއްދާތައް ލިބެން ނުހުންނަ ނަމަ ހޯދާނީ ކިހިނެއް ހެއްޔެވެ؟ ޖަވާބަކީ ލިބެން އޮތް ގޮތަކަށެވެ! އެކަމަކު ވަކި ބަޔަކަށް ބަރޯސާވާކަށް ނުޖެހެއެވެ. އެންމެ ފަސޭހައިން އންމެ ހެޔޮ އަގުގައި ލިބެންހުރި ޤައުމަކުން ހޯދަންވީއެވެ.
ގަލަމެއް އޮތިއްޔާ މީހަކަށް ކޮންމެ ފަދަ ވާހަކައެއްވެސް ލިޔެވިދާނެއެވެ. އަނގައެއް އޮތިއްޔާ ކޮންމެ ފަދަ އެއްޗެއްވެސް ބުނެވިދާނެއެވެ.
އެކަމަކު ރާއްޖޭގެ ހާލަތު އެވާހަކައެއް ބުނާ މީހަކަށް އެނގޭ ހެއްޔެވެ؟
ދިވެހިރާއްޖެއަކީ 1978ހާ ހިސާބުގައި ބޮލަކަށް 200 ޑޮލަރުވެސް ޖެހުނު ގައުމެއް ނޫނެވެ. ސްކޫލުތަކެއް ނެތެވެ. ރަށް ފުށުގައި ތަރައްގީ އެއް ނެތެވެ. ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ލިސްޓްގައިވެސް ރާއްޖެ ނުހިމެނެއެވެ. ފަހުން ރާއްޖޭގައި ބޮލަކަށް 4000 ޑޮލަރު ޖެހުނެވެ.
އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމެނުނީ، 1981 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 1ން 21ށް ޕެރިހުގައި އދން ބޭއްވި ޖަލްސާގައެވެ.
ރާއްޖޭގައި ފަތުރުވެރިކަމުން ބޮޑު އާމްދަނީއެއް ލިބުނު ކަމުގައިވިއަސް ރާއްޖެއަކީ، އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރެވޭ ވަރަށް ބޮޑު ލޯނެއް ނަގާނެ ހަކަތަ ހުރި ގައުމެއް ނޫނެވެ. ސަރުކަރުގައި އުޅުނު ބަޔަކު ހަނދާނަށް އަންނަ ނަމަ، މާލީ ވަޒީރުގެ މަގާމަށް ގާސިމް އިބްރާހީމް ވަޑައިގަތުމާއި ހަމައަށް ދައުލަތުގެ ބަޖެޓް ބޮޑު ކުރުމަށް ރިސްކު ނަގަން ކެރުނު ބަޔަކު ނޫޅެއެވެ.
ގާސިމް ބޮޑު ބަޖެޓް ހުށަހެޅުއްވިފަހުން އޮބި ނޯވެ ބަޖެޓް ދަނީ ބޮޑު ވަމުންނެވެ. މި ވާހަކަ ކިޔާބައަކު މިއިން މާނަ ނަގަންވީ، ބޮޑު ބަޖެޓެއް ގެންގުޅެވިދާނެ ކަމުގެ ކޮންފިޑެންސް ސަރުކާރަށް ލިބުނީއެވެ.
ދެން އޮތީ އިންފްރާސްޓްރަކްޗަރގެ އެންމެ ބިޔަ މަޝްރޫއު، މިއަދާއަހަމަށް އެންމެ ގިނައިން ދިވެހިރާއްޖޭގައި ސިމެންތި ބޭނުން ކުރި ބްރިޖް ޕްރޮޖެކްޓްގެ ވާހަކައެވެ.
ބްރިޖަކީ ހުޅުމާލެ އާބާދުވެ، އާރާސްތުވާން ފެށީސުރެން ސިޔާސީ ހުވަފެނެއްގެ ގޮތުގައި ދެކެވުނު ވާހަކައެކެވެ. ޕަބްލިކް ވަރކްސް މިނިސްޓަރަކަށް މައުރޫފް ޖަމީލު ހުންނެވިއިރުވެސް ބްރިޖް ހަދާނެ ގޮތުގެ ވާހަކަ ދައުލަތުގެ ބައްދަލުވުންތަކުގައި ދެކެވުނެވެ. ސައްލާ ކުރެވުނެތެވެ. އެކަމަކު ދޭތެރޭގެ ދުރުމިނާއި މާލޭ ހެންވޭރުކޮޅުގެ ގުންޑޮޅީގެ ނާޒުކު ކަމާއެކު ވާހަކަ ނިމިގޮސް ބުރެކި ޖެހެއެވެ. ހަމަ ވާހަކައެކެވެ. ހަދައި ދޭނެ ފަރާތެއް ނޭނގުނުތާކު އެވަރުގެ ލޯނެއް ދޭނެ ފަރާތެއްވެސް ހިތަކަށް ނުގެނެވެއެވެ.
މިކަމަށް ވެސް ހިތްވަރެއް ލިބިގެން ދިޔައީ، އަހަރުތަކެއްގެ މަސައްކަތުން ބިނާ ކޮށްފައިވާ ގުޅުމަކުން އުފެދުނު އިތުބާރަކުން ދިވެހި ދައުލަތަށާއި ދިވެހި ގައުމަށް ބައަކު ކުރި އިތުބާރަކުންނެވެ. އެއްވެސް ފަރާތަކަށް ދިވެހިން ކުރި ބަރޯސާއަކުންނެއް ނޫނެވެ.
ރާއްޖޭގެ ޚާރިޖީ ވަޒީރު އަލްއުސްތާޛް ފަތުޙުﷲ ޖަމީލު، ޗައިނާއާއެކު 90ގެ ފަހުކޮޅުން ފެށިގެން މަޝްވަރާތައް ބާއްވަވަމުން ގެންދެވިއެވެ. ޗައިނާއިން ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ހޯދުމުގެ ބޭނުމުގައެވެ. އެދުވަސްވަރަކީ، ޑެންޝިއާއޮ ޕިންގގެ އެއް ޗައިނާ ދެ ސަރުކާރުގެ ސިޔާސަތުގެ އަޑު ދުނިޔޭގައި ގަދަވެގެން ދިޔަ ދުވަސްވަރެކެވެ. ހޮންގކޮންގ އަނބުރައި ޗައިނާއަށް ލިބުމާއި، ޓައިވާން މިނިވަން ވިޔަ ނުދީ ކޮންޓްރޯލް ކޮށްފައި ބޭއްވުމަށް ޗައިނާއިން ރައްޓެހިންނާއި ދުރުތިބީންނަށް ވިއްކަން ބޭނުންވި ސިޔާސަތެކެވެ. ޗާއިނާއަކީ، ރަޙުމަތްތެރި ގައުމެކެވެ. ރާއްޖެއަކީ، މުގާބިލެއް ނެތް ގޮތަށް ޚާރިޖީ ސިޔާސަތު ހިންގަމުން އައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުނު ގައުމެކެވެ. ޗައިނާއިން އެހީދޭން ބޭނުންވިއެވެ. ފުރަތަމަ ބޯހިޔާވަހިކަމަށެވެ. ގުޅުން ބަދަހި ވަމުން ގޮސް ޗައިނާގެ ސަރުކާރުގެ މަތީ ފެންވަރުގެ ވެރިން 2002 އާއި 2003ގައި ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވިއެވެ. އަބަދުވެސް ކޮންމެ ބުރެއްގައިވެސް ފަތުޙުﷲ ގެންދެވީ ގުޅުން ބަދަހި ކުރައްވަމުންނެވެ. ޗައިނާއިން ވެސް ދެނީ ލޯނެވެ. ދިވެހި ސަރުކާރުންވެސް ނަގަނީ ކުދި އަދަދުތަކުގެ ލޯނެވެ. ދިވެހި ސަރުކާރަށް އުފެދުނު އިތުބާރު ތަރުޖަމާ ވެގެން ދިޔައީ 2003 ގައި ދިވެހި ސަރުކާރު ޗައިނާއަށް ދަރާފައި އޮތް ލޯންތައް ޗައިނާއިން މައާފް ކޮށްދީގެންނެވެ. ޗައިނާއިން އަމިއްލައަށް ފެނިގެން ކުރި ކަމެކެވެ.
ފަތުޙުﷲ 2005ގައި މަގާމުން އިސްތިއުފާ ދެއްވިފަހުންވެސް އެގުޅުން އެއްވަރަކަށް ކުރިއަށް ދިޔައެވެ. 2008ގައި ސަރުކާރު ބަދަލުވެ، ގުޅުމުގެ ފެންވަރު މަތިވެ އެމްބަސީ ހުޅުވުމަކަށް މިސްރާބު ޖެއްސެވެ.
ޑރ. ވަހީދުގެ ސަރުކާރުގައި ޗައިނާ އެމްބެސެޑަރަކަށް ހަމަޖެއްސެވީ ޗައިނާ މެންޑެރިން ބަހަށް، ނިކަން ފަރިތަ ބޭފުޅެކެވެ. މިކަން ވެގެން ދިޔައީ ދެ ގައުމުގެ ގުޅުން އިތުރު އައު މަރުޙަލާއަކަށް ހޭރިޔާ ކޮށްދިން ކަމަކަށެވެ.
ބްރިޖްގެ ޚިޔާލަށް ކުލަޖެހެނީ މަޑުމަޑުން ގޮސް މިހިސާބުންނެވެ.
ޑރ. ވަހީދުގެ ރިއާސީ ކެމްޕޭންގައި އޭނާ ލ. އަތޮޅުގައި އުޅުއްވި ދުވަހު އޭނާއާއެކު އޭނާ ޗައިނާއަށް އައްޔަން ކުރެއްވި އެމްބެސެޑަރުވެސް ހުންނެވިއެވެ. އެދުވަހަކަކީ ޗައިނާގެ ކޮމާސް މިނިސްޓްރީން ބްރިޖް އެޅުމަށް 300 މިލިއަން ޑޮލަރު ދޭނެކަމުގެ ޔަގީންކަން ދިން ފުރަތަމަ ދުވަހެވެ.
އެވާހަކައާއެކު ޖެހިގެން އައި ސަރުކާރުގައި ހަމަ ކުރިންވެސް ދިވެހި ގައުމަށް އިތުބާރުގެ މައްޗަށް ކުރެވުނު މަޝްވަރާތަކާއެކީ ބްރިޖަށް ފައިސާ ލިބި އެހެން ޕްރޮޖެކްޓްތަކަށްވެސް ފަންޑް ލިބިގެން ދިޔައީއެވެ.
މިހިސާބަށް އާދެވުނު އިރު ތަރައްގީއާ ބެހޭ ގޮތުން ދައްކާ ވާހަކައަށް ވުރެން ވަސީލަތްތައް އޮންނަނީ މާމަދުންނެވެ. އިގްތިސާދުވެސް ފަތުރުވެރިކަން ފިޔަވައި އެހެން ހަރަކާތަކަށް ކަސިޔާރު ކުރެވި ފައެއް ނުވެއެވެ.
ދިވެހިން ބައަކަށް ބަރޯސާވާކަށް ނުޖެހެއެވެ. ވިސްނަންވީ އަތުގައި ވިއްކެން އޮތީ ކޮންއެއްޗެއް ތޯއެވެ. އަދި އެއެއްޗެއް ގަންނާން ތިބީ ކޮން ބައެއް ހެއްޔެވެ؟ ކިޔަވައިގެން ނިކުންނަ މީހުންނަށް ވަޒީފާ އުފައްދައި ދެވެން އޮތީ ކިހިނެއް ހެއްޔެވެ؟ ދިވެހިންނަށް ފުޑް ސެކިއުރިޓީ ކަށަވަރުވާން އޮތީ ކިހިނެއް ހެއްޔެވެ؟
ދިވެހި ގައުމު ތަރައްގީ ކުރުމުގެ ބަހުސަކީ ފުޅާ ބަހުސެކެވެ. ކުޑަ ގައުމެއް ބޮޑުވަމުން ދާއިރު، މުސްތަގްބަލަށް އައު ގޮތްތައް ހޯދަން ޖެހިފައިވާ ގައުމެކެވެ. ދުނިޔޭގެ ޖިއޯޕޮލިޓިކްސްއަށް ބަލާއިރު ދިވެހި ގައުމުފަދަ ގައުމެއް ކުދި ޖަޒީރާ ގައުމުތަކުގެ ތެރޭން ފެންނާކަށެއް ނޯންނާނެއެވެ.
ބަރޯސާ ބަހުސްގައި ބުނަން އޮތީ ބަރޯސާ ކުރަން ނުޖެހޭ ކަމެވެ. މިއަދުގެ ދުނިޔޭގައި ގައުމުތައް ބައިނަލްއަގްވާމީ މައިދާނުގައި ހަރަކާތްތެރިވަނީ ވަރަށް ބޮޑު ސެލްފް ކޮންފިޑެންސަކާ އެކުގައެވެ. ގައުމުގެ ޕާސްޕޯޓާއި ރައްޔިތު މީހާ މަތިހަށި ނަގަހައްޓައިގެން ދިދައަށް ފަޚުރުވެރި ވަނީ މިކަންތައްތަކުންނެވެ.
މުއްސަނދި ގައުމުތަކާއި އުފެއްދުންތެރި ގައުމުތަކާއި އަސްކަރީ ބާރުވެރި ގައުމުތަކއި ނިއުކްލިއަރ ގެ ދަޅަ ދައްކާ ގައުމުތަކާއި ސްޕޭސް އެކްސްޕްލޮރޭޝަން ގައި އުޅޭ ގައުމުތަކާއި ސައިންޓިފިކް ރިސާޗްގައި އުޅޭ ގައުމުތަކުން އަމިއްލަ ނަފްސަށް ފަޚުރުވެރި ވަނީ މިއިން ކަމަކުންނެވެ.
މިނޫނަސް ކުދި ގައުމުތައް ފަޚުރުވެރިވާ އެހެން ބައިނަލްއަގްވާމީ މިންގަނޑުތައް ވެސް ހުރެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމާއި އެފަދަ މިންގަނޑުތަކެވެ. ގައުމުގެ ރަޙުމަތްތެރިންގެ ތެރޭގައި ހިމެނޭ ގައުމުތަކަކީވެސް ބައެއް ގައުމުތަކުން ފަޚުރުވެރިވާ ކަންކަމެވެ.
ޕޯސްޓް ކޮރޯނާގެ ޒަމާނަށް ދިވެހި ގައުމުގެ ތަރައްގީއަށް އަދި ބޭނުން ވަނީ މުޅިން ބަހުސެކެވެ. އައު ވިސްނުމެކެވެ!
ދުނިޔެ މިހައިތަނަށް ކޮށްފައިވާ އެންމެ އަގުހުރި ތަޖުރިބާއަކީ ބަރޯސާވުމަކީ އަޅުވެތިވުން ކަމެވެ. ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ގެއްލި އެހެން ބައެއްގެ އަތްދަށުވާކަމެއް ކަމެވެ.
(މިލިޔުމަކީ މީގެ 2 އަހަރު ކުރީގެ ލިޔުމެކެވެ! މިލިޔުމުގެ ހަނދާން އައުކޮށްލަން މިޖެހުނީ ވަކި ޤައުމަކަށް ބަރޯސާވެގެން ނޫނީ ރާއްޖެ ތަރައްޤީ ނުކުރެވޭނެ ކަމަށް ބައެއް މީހުންނަށް ޤަބޫލުކުރެވޭތީއެވެ. މީގެ 2 އަހަރުކުރިން އެހެން ޤައުމުތަކަށް ބަރޯސާވާން، އެހެން ޤައުމުތަކަށް ނުވިކެން ވިދާޅުވި ޢިލްމުވެރިން މިއަދު ރާގު ބަދަލުކުރައްވައި ރައްޔިތުންނަށް ޙަޤީޤަތް އޮޅުވާލަމުން ގެންދާތީއެވެ.)
Advertisement
17 ސެޕްޓެމްބަރ 2023