އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 24 ސިކުންތު
އުންމު ނަވާރް
ހައިޑްރޮސަލްޕިންކްސް އަކީ ފެލޯޕިއަން ޓިއުބްތަކުގެ ( ބިސް ދަތުރުކުރާ ހޮޅި ) ތެރެއިން އެއް ޓިއުބު ނުވަތަ ދެ ޓިއުބުގައި ފްލުއިޑް ( ފެން) ޖަމާވެ ބްލޮކޭޖެއް (ބެދޭ) އުފެދޭ ހާލަތެކެވެ. ފެލޯޕިއަން 2 ޓިއުބް ހުންނާނީ ރަހިމުން ފެށިގެން 2 އޯވަރީއާ ( ބިސް ރަވަ) ހަމައަށެވެ. ކޮންމެ މަހަކު މައްސަރު ދުވަސްވަރު އޯވަރީއިން ފެލޯޕިއަން ޓިއުބްތަކުގެ ތެރެއިން ދަތުރުކުރާ ބިސް އުފައްދައެވެ. ޞިއްހަތު ރަނގަޅު ފެލޯޕިއަން ޓިއުބް ގައި ބިސް އަދި ދަރި ފަނި އެކުވެގެންދެއެވެ. ފާޓިލައިޒްޑް އެގް، ނުވަތަ އެމްބްރިޔޯ، ރަހިމަށް ހަމަޔަށް ދަތުރުކުރަނީ ފެލޯޕިއަން ޓިއުބްއިން ލާފައެވެ. ފެލޯޕިއަން ޓިއުބްތަކުގައި ފްލުއިޑް އެފެދުމުގެ ސަބަބުން ދަރި ފަނި ބިހާ ހަމައަށް ވާސިލްވުމަށް ހުރަސް އެޅިދާނެއެވެ. ދަރިފަނި ބިހުގެ ތެރެއަށްވަދެ، ފާޓިލައިޒްވެއްޖެނަމަ، ފެލޯޕިއަން ޓިއުބުގައި ހުންނަ ބްލޮކޭޖްގެ ސަބަބުން އެމްބްރިޔޯ ރަހިމަށް ވާސިލްވުމަށް ހުރަސް އެޅޭނެއެވެ. ( ކްލީވްލޭންޑް ކްލިނިކް)
ހައިޑްރޮސަލްޕިންކްސްގައި ފެނިދާނެ ބައެއް އަލާމާތްތައް
ހައިޑްރޮސަލްޕިންކްސްގައި ގިނަފަހަރު އަލާމާތްތަކެއް ނުފެނިދާނެއެވެ. މިކަން ގިނަ ފަހަރު ބަލި މީހާއަށްވެސް އެގިގެންދަނީ ދަރިއެއް ނުލިބިގެން ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ކުރާ ހިސާބުންނެވެ. ނުވަތަ ކޮންމެވެސް އެހެން ޞިއްހީ މައްސަލައެއްގައި ސްކޭންއެއް ކުރުމުންނެވެ. މަދުން ނަމަވެސް ބައެއް ފަހަރު ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި މާބޮޑަށް ދަށް ބަނޑުގައި ރިއްސުން ހިމެނެއެވެ. އަދި މި ރިއްސުން މައްސަރު ދުވަސްވަރު ނުވަތަ މަސްވަރު ދުވަސްވަރާއި ވިދިގެން ބޮޑު ކޮށްލަފާނެއެވެ. ކުރިމަތި ފަރާތުން ކުލަ ނުހުންނަ ތެއް ފެނެއް އައުންވެސް ހިމެނެއެވެ. ނަމަވެސް މި އަލާމާތްތަކަކީ ހަމައެކަނި ހައިޑްރޮސަލްޕިންކްސްގެ ސަބަބުން ދިމަވާ ކަމެއްކަމުގައި ނިއްމައިގެން ނުވާނެއެވެ. އިތުރު ޞިއްހީ މައްސަލައެއްގެ ސަބަބުންވެސް މިކަންތައް ދިމާވެދާނެއެވެ. ހައިޑްރޮސަލްޕިންކްސް ހުންނަ ކަމަށް ލަފާ ކުރެވޭނަމަ ޑޮކްޓަރަށް ދައްކާލާ ސްކޭންއެއް ކޮށްލަން ވާނެއެވެ.
ހައިޑްރޮސަލްޕިންކްސް ހާލަތް ކުރިމަތިވެދާނެ ބައެއް ސަބަބުތައް
1- ޖިންސީ ގުޅުމުގެ ސަބަބުން އަރާފައިވާ ފަރުވާނުކުރެވިހުރި އިންފެކްޝަންއެއްގެ ސަބަބުން
2- ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް
3- އެންޑޯމެޓްރިއޯސިސް ބަލި
ހައިޑްރޮސަލްޕިންކްސް ގެ އަސަރު ހަށިގަނޑަށް ކުރަނީ ކިހިނެއް
ފަރުވާ ނުކުރާ ހައިޑްރޮސަލްޕިންކްސް ގެ ސަބަބުން މާބަނޑުވުމަށް އުނދަގޫވެ، ބައިގެންދިޔުމާއި މާބަނޑުވުމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އަދި މީގެ އިތުރުން އެކްޓޮޕިކް ޕްރެގްނެންސީގެ ނުރައްކާ ބޮޑުވުން ހިމެނެއެވެ. އެކްޓޮޕިކް ޕްރެގްނެންސީއަކީ ރަހިމުން ބޭރުގައި ދަރިފުޅު އަށަގަތުމެވެ. ނުވަތަ ގަރުބަގަތުމެވެ. އެކްޓޮޕިކް ޕްރެގްނެންސީއެއްކަން އެނގޭ ހިސާބުން އަވަހަށް ފަރުވާ ކުރަން ފަށަން ވާނެއެވެ. ފަރުވާނުކޮށް ހުރެފިނަމަ ބައެއް ހާލަތުގައި މިއީ ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ.
ހައިޑްރޮސަލްޕިންކްސް އަށް ފަރުވާ ދެނީ ކިހިނެއް؟
ފެލޯޕިއަން ޓިއުބްއަށް މާ ބޮޑަށް ގެއްލުވެފައިވާނަމަ ޑޮކްޓަރުން ސާރޖަރީކޮށްގެން ގެއްލުންވެފައިވާ ފެލޯޕިއަން ޓިއުބް ނަގައެވެ. އަވަހަށް ފަރުވާ ފެއްޓެއްޖެނަމަ، ޓިއުބްތަކުގައި ހެދިފައިވާ ބެދުން މަރާމާތު ކޮށްލެވެއެވެ. މިކަން އާންމު ގޮތެއްގައި މިހާރު ކުރަނީ ލޯވަޅު ތޮރުފައިގެންނެވެ.
- އުންމު ނަވާރު
މައުލޫމާތު ނެގީ:
ކްލީވްލޭންޑް ކްލިނިކްގައި ޝާއިއު ކޮށްފައިވާ ލިޔުމަކުން
https://my.clevelandclinic.org/health/diseases/24437-hydrosalpinx#:~:text=How%20do%20you%20get%20rid,or%20both%20fallopian%20tubes%20removed
Advertisement
20 ސެޕްޓެމްބަރ 2023