އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ގޭގަ ފިރިމީހާ މަނުޑުވާތީ ކަރުނައަޅާ އަންހެނުންނަށާ އެފަދަ ފިރިންނަށް ޢިބްރަތްތެރި ވާހަކައެއް-

ޢިބްރަތްތެރި ވާހަކަ: ގޭގަ ފިރިމީހާ މަނުޑުވާތީ ކަރުނައަޅާ އަންހެނުންނަށާ އެފަދަ ފިރިންނަށް ޢިބްރަތްތެރި ވާހަކައެއް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 16 ސިކުންތު

ބޭވަފާތެރިނުވިނަމަވެސް ގޭގައި މަޑުނުކުރާ ފިރިންނާއިބެހޭގޮތުން ކިޔުންތެރިން ސުވާލުތައް ކުރެއެވެ. ފުރަތަމަވެސް ބުނެލަން ޖެހެނީ ދިރިއުޅުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރަން ނޫނީ ރޭގަނޑު އަނބިމީހާ އެކަނިކޮށްލާފައި މަޖާކުރަން ބޭރުގައި އުޅުމަކީވެސް ބޭވަފާތެރިވުން ކަމަށެވެ. އެކަމަށްދޭނެ އެހެން ނަމެއް ނެތެވެ. އެއީ ވަފާތެރިން ކުރާޒާތުގެ ކަމެއް ނޫނެވެ. 

ތިރީގައި އެވަނީ އެފަދަ ވާހަކައެކެވެ. އަނބިމީހާ ކަންބޮޑުވެ ކަރުނައަޅަމުން ޢަމަލުކުރިގޮތާއި މައްސަލަ ޙައްލުވެގެން ދިއަގޮތުގެ ވާހަކައެވެ. 

އަޅުގަނޑުމެންގެ ކައިވެންޏަށް 5 އަހަރު ފުރުނުއިރު 3 އަހަރުގެ ދަރިއަކު ހުއްޓެވެ. ނަމަވެސް ހިތާމައާއިއެކު ބުނަން ޖެހެނީ 5 އަހަރުގެ ތެރޭގައި މަހަކަށް ބަލައިފިނަމަ އެންމެ 2 ރޭ ވެސް އަޅުގަނޑު ނިދުމުގެ ކުރިން ފިރިމީހާ ގެއަކަށް ނާދެއެވެ. އަބަދުވެސް އުޅެނީ މަސައްކަތުގައެވެ. ތަންކޮޅެއް ކުރިން ގެއަށް އަންނަ  ރެއެއްނަމަ ކޮންމެވެސް ރައްޓެސަކު ފޯނުކޮށްގެން އޮންނަނީ އޭނާ އާއި ބައްދަލުކުރަން ދާންޖެހިފައެވެ. އަޅުގަނޑާއި ދަރިފުޅާއިއެކު ވަގުތު ހޭދަކުރެވޭނެ ގޮތެއް ނުވެއެވެ. 

މިއާދަ ބަދަލުކުރުން އެދި ރޮއި އާދޭސްކުރެވުނު ވަރެއް ހަނދާނެއް ނެތެވެ. ނަމަވެސް އެއްވެސް ބަދަލެއް ނާދެއެވެ. އެންމެ ބޮޑަށް އަސަރުކުރަނީ އެކުގައި ނިދަން އުޅެނިކޮށްވެސް މީހަކު ފޯނުކުރުމުން ދާރޭތަކުގައެވެ. 

ފިރިމީހާ އަޅުގަނޑު ދެކެ ލޯބިވެއެވެ. ނުބައި އެއްވެސް ކަމެއް ނުކުރެއެވެ. ހުރިހާވެސް މައްސަލައަކީ އެކުގައި ވަގުތު ހޭދަނުކުރާކަމެވެ. އަބަދު ބާކީވެފައި، އެކަނިވެފައި އިންނަންޖެހޭކަމެވެ. އެފަދަ ޙާލަތުގައި ލިބޭ ހިތްދަތިކަން އިޙްޞާޞް ކުރެވޭނީ ހަމަ އެފަދަ ކަމެއް ކުރިމަތިވުމުންނެވެ.   

މިހިތްދަތިކަމުގައި އުޅެމުން ދަނިކޮށް އެކުވެރިއަކު ދިން ނަޞޭޙަތް ޤަބޫލުކޮށް ދަމުނަމާދުކޮށް ދުޢާކުރަން ފެށީމެވެ. ކޮންމެ ރެއަކުހެން ދަންވަރު ތެދުވެ ދުޢާކުރަމުން ގެންދާތާ 4 ވަރަކަށް މަސްވީތަނާ އަޅުގަނޑުގެ މަންމަ ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި ބޭއްވިއެވެ. އެއްރޭ މަންމަ ގާތުން ގެއަށް އާދެވުނީ ދަންވަރު 1 ޖަހަނިކޮށެވެ. ކޮޓަރިއަށް ވަންއިރު ފިރިމީހާ ފާރުގައި ބޯތަޅައި ގިސްލާ ރޮނީއެވެ. އެއިރުވެސް ހުރީ ރޮއިރޮއި ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. 

އަޅުގަނޑު ފެނުމާއިއެކު ވަރަށް ބޮޑު ޙައިރާންކަމެއް ފިރިމީހާއަށް ލިބުނެވެ. އަދި އައިސް ގައިގައި އޮޅުލައިގެންފައި އެހައި ބޮޑު ދޮގެއް ހައްދުވައި ފޯނުކުރުވީ ކީއްވެގެންތޯ ސުވާލުކުރިއެވެ. ވެގެން އުޅޭ ގޮތަކާއިމެދު ސުވާލުކުރުމުން ބުނީ ކޮންމެވެސް މީހަކު ފޯނުކޮށްފައި ސައިކަލް އެކްސިޑެންޓްވެ އަޅުގަނޑު މަރުވެއްޖެކަމަށް ބުނީ ކަމަށެވެ. 

ދެން ފިރިމީހާ ކުޑަކޮށް ހަމަޖައްސުވާފައި ފޯނުކުރި ނަމްބަރަށް ފިރިމީހާ ލައްވައި ގުޅުވުމުން އޭނާ ބުނީ އޭނާ ހާސްވެފައި ހުރިވަރުން ނުބައި ނަމްބަރަކަށް ގުޅުނީކަމަށެވެ. ފިރިމީހާއަށް ފޯނުކުރެވުނީ އެކަން އޭނާއަށް އެނގުމުން އެކަމަށް މާފަށް އެދެން ފޯނު ނެގިތަނާ ކަމަށެވެ. އަދި މަރުވީ އޭނާގެ ކޮއްކޮ ކަމަށެވެ. އެހިސާބުން ފޯނުބާއްވާފައި ނޫސްތަކުގެ ޚަބަރުތައް ބަލައިލިއިރު އެފަދަ ކަމެއް އުޅެނީ ހިނގައިގެންނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! އެހިސާބުން ފިރިމީހާ މުޅިން ބަދަލުވިއެވެ. މަސައްކަތުގެ ވަގުތުތައް ފިޔަވައި ބޭރުގައި އުޅުން މުޅިން ހުއްޓައިލިއެވެ. އެކުވެރިން ދޭ ދައުވަތުތަކަށް ބޭރަށް ދިއުން މުޅިން ހުއްޓައިލިއެވެ. އަހަރެމެން ދެމައިންނާއިއެކުގައި ވަގުތު ހޭދަކުރަން ފެށިއެވެ. 

މިބަދަލު އަންނަން މެދުވެރިވި ސަބަބަކީ އަހަރެން ހިތްދަތިކަމުގައި މަރުވެއްޖެނަމަ ނުވަތަ އަހަރެން އެނާ އާއި ވަކިވެއްޖެނަމަ އޭނާއަށް ލިބޭނެ ހިތްދަތިކަން އިޙްޞާޞް ކުރެވުމުން ކަމަށް ފިރިމީހާ ބުނެއެވެ. އަޅުގަނޑުގެ އިލްތިމާސަކީ އަނބިމީހާ އާއިމެދު ވިސްނަންވީ އަނބިމީހާ ގެއްލިދާނެ ކަމަށް ބިރަކުން ނޫނެވެ. އެޙާލަތަށް ކަންކަން ދިއުމުގެކުރިންނެވެ. އަޅުގަނޑުގެ ފިރިމީހާ އެއިރު އުޅުނު ގޮތަށް މިހާރުވެސް އުޅެމުންދާ ފިރިންނަށް އަލުގަނޑުގެ ވާހަކަކޮޅުން ޢިބްރަތެއް ލިބޭނެ ކަމަށް އުންމީދުކުރަމެވެ! 

އެއިރު އަޅުގަނޑު އުޅުނު ޙާލުގައި، އެފަދަ ހިތްދަތިކަމުގައި އުޅެމުންދާ އަންހެނުންނަށް ބުނެލަން އޮތީ މާޔޫސްނުވެ ދުޢާކުރށެވެ! ހިންމަވައިދެއްވަވާނެތެވެ! އިން ޝާ ﷲ 

- ފާއިޒާ/ މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް