އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 27 ސިކުންތު
ކައިވެނިކުރަން ހުރަސްއެޅޭ ގޮތަށް ސިޙުރު ހެދުމަކީ ކޮންކަހަލަ ކަމެއްތޯ؟
ކިޔުންތެރިޔާއެވެ! ވަކިކަމަކަށް ނޫނެވެ. އެއްވެސް ކަމަކަށް ސިޙުރު ހެދުމާއި ސިޙުރު ހެއްދުވުމަކީ ޙަރާމްކަމެކެވެ. ކައިވގެނިކުރަން ހުރަސް އެޅޭ ގޮތަށް ސިޙުރު ހެއްދުވުމަކީ އެކަން އެނބުރި އެމީހަކާއި ދިމާއަށް ވަރަށް ފަސޭހައިން އަންނަވެސް ކަމެކެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އެކަމުން ކުރިމަތިވާ ނުބައި ކަންކަން އިޙްޞާބްކުރެވޭނެއެވެ. އިން ޝާ ﷲ
އެއިރު އަހަރެންގެ އުމުރަކީ 22 އަހަރެވެ. އަހރެން ދެކެ ވަރަށް ލޯބިވާ ފިރިހެން ކުއްޖަކު ހުރެއެވެ. އޭނާގެ އުމުރަކީ 25 އަހަރެވެ. ދެމީހުންނަކީ ގާތް ދެ އެކުވެރިންކަމުގައިވީ ސްކޫލް ދައުރުގައެވެ. އަހަރެންގެ އުމުރުން 15 އަހަރުގައެވެ.
އޭނާއަކީ ވަރަށް އަޚްލާޤް ރަނގަޅު ޒުވާނެކެވެ. ގެއަށް އައިސް އެކުގައި ކިތަންމެ ގިނަ ވަގުތު ހޭދަކުރިނަމަވެސް ގައިގަ އަތްނުލާތަނުގައި ހަޑިބަހެއްވެސް ނުބުނާނެއެވެ. އަދި މައިންބަފައިންނަށް ނުފެންނަ ތަނެއްގައި ނުވެސް އިންނާނެއެވެ.
ކޮންމެއަކަސް އަހަރެން ބޭނުންވާ ކަންތައް މަންމަ މެދުވެރިކޮށް ބައްޕައަށް ހުށަހެޅިތަނާ ގޭގައި އެވާހަކަ ދެކެވެން ފަށައިފިއެވެ. އެއިގެ ހަފްތާއެއްހައި ދުވަސްވީތަނާ އޭނާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އަހަރެންނާއި ކުރިން އޮތް ގާތްކަން ކެނޑެން ފެށުނެވެ. އެކުގައި ވަގުތުކުރުން މަދުވާން ފެށިއެވެ.
ފުރަތަމަ ހީކުރެވުނީ ކައިވެނީގެ ވާހަކަ ދެކެވުމުން ލަދުގަތީކަމަށެވެ. ނަމަވެސް ފަހުން އެނގުނީ އެހެން ކޮންމެވެސް ކަމެއް މެދުވެރިވެއްޖެކަމެވެ. އެހެންވެ މަންމަގެ އެދުމުގެމަތިން ރުޤްޔާކުރާ މީހެއްގެ ގާތަށް ގޮސް އޮޅުންފިލުވުމުން އެނގުނީ ދެމީހުން ދުރުކުރުވަން ކޮންމެވެސް މީހަކު ކަންތައްތަކެއް ކުރަމުން އަންނަކަމެވެ. ނަމަވެސް އެއީ ކާކުކަން ބުނެއެއް ނުދިނެވެ.
ރުޤްޔާ ކުރުމުން ވެސް ކަންކަން ޙައްލުވެ ކައިވެނިކުރެވުނީ 3 އަހަރު ފާއިތުވީފަހުންނެވެ. 3 އަހަރުގެ ދިގު އިންތިޒާރަކަށްފަހުގައެވެ. ކައިވެނިކުރެވުމުން ވަގުތުން ގެއިން ނުކުމެ ދިރިއުޅެންފެށީ ތަނެއް ކުއްޔަށް ހިފައިގެންނެވެ. އެއީ އެ ސިހުރު ހަދާފައިވަނީ ޢާއިލާގެތެރެއިންކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެވިގެންނެވެ.
ކައިވެންޏަށް 15 އަހަރުފުރި، އަހަރެންގެ އުމުރުން 40 އަހަރުވެސް ފުރުނުތަނާ ދޮށީ ދައްތަގެ ފިރިމީހާ (ޅިޔަނު) ބައްދަލުކުރަން އައެވެ. ބުނީ އޭނާގެ 3 އަންހެން ދަރިން ބޮޑުވެ ކައިވެނިކުރަން އުޅޭތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށާއި އެއް ކުއްޖަކު ކައިވެނި ނުކުރެވި ހުންނަތާ 8 އަހަރު ވެއްޖެ ކަމަށެވެ. އަދި ވަރަށް ގިނަ މީހުން ލައްވައި ރުޤްޔާވެސް ކުރެވިއްޖެ ކަމަށާއި ކޮންމެ މީހަކުވެސް ބުނަނީ މާފަށް އެދެން ޖެހޭ އަންހެނަކު ހުންނާނެ ކަމަށާއި އޭނާގެ ގާތުން މާފަށް އެދުމުން ހިންމަވައިދެއްވުން އަވަސްވާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
"މިކަމަށް ވަރަށް ވިސްނުމުން ވިސްނެނީ އެންމެ ކަމެއް. އެއީ ފަހަރި ކައިވެނިކުރަން އެޅުނުއިރު ހަމަ ހަސަދަވެރިވެވުނު. އެކަމަށް ހުރަސް އަޅަން ކަންކަންވެސް ކުރެވުނު. މިނޫން އެއްވެސް ކަމެއް ހިތަކަށް ހަމަނައި. އެހެންވެ ވަރަށް ލަދުންހުރެ މާފަށް އެދެން މިއައީ. ގޭތެރޭގަ މިވާހަކަ ދައްކަން ހަމަ ލަދުގަންނަވަރުން މިއާދެވުނީ. ޅިޔަނަށް މާފުކޮދިނުން ވަރަށް ބޮޑަށް އެދެން. އެމީހުން ބުނާ ގޮތުން ޅިޔަނުގެ ދަރިންނަށް ކޮށްފައިވަނީ ޅިޔަނަށް ކުރެވުނު ކަންކަމުގެ އަސަރު."
އަހަރެން ވަގުތުން ބުނީމެވެ. "އަހަރެންގެ ކިބައިން މާފުލިބެންޖެހޭ ކަމެއް އޮތްނަމަ ހަމަ ހިތުގެ އެންމެ އަޑިން މާފުކޮށްފީމެވެ. ދެ ދުނިޔޭގައިވެސް އެއްވެސް ހިތްބަރުކަމެއް ނެތެވެ. އެކުދިންނަކީ އަހަރެންނަށްވެސް ބޮޑުދައިތަކިޔާ، އަހަރެން ނުލާހިކު ލޯބިވާކުދިންނެވެ."
އެ ހިސާބުން ޅިޔަނު ނުކުމެގެން ދިއައީއެވެ. ޅިޔަނު އެ އެއްބަސްވީ އަހަރެންނަށް ކުރިންވެސް ޤަބޫލުކުރެވިފައިހުރި ކަންކަން ކަމުގައިވާތީ ޙައިރާނެއްވެސް ނުވަމެވެ. ކޮންމެއަކަސް އެއިގެ 2،3 މަސް ތެރޭ 3 ކޮއްކޮއަށްވެސް ކައިވެނި ކުރެވުނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނޭވެ! އެހެން މީހަކަށް ލިބެން އުޅޭ ނިޢްމަތަކަށް ޙަސަދަވެރިނުވާށެވެ! ސިހުރު ހަދައި ހުރަސްއަޅަން މަސައްކަތް ނުކުރާށެވެ! އެނގިގެން މިދިއައީ އިރާދަ ކުރައްވަވައިފިނަމަ ދުނިޔޭގައިވެސް އެކަންކަމާއި ކުރިމަތިލާންޖެހޭނެ ކަމެވެ. ވިސްނައި ޢިބްރަތް ޙާޞިލްކުރާށެވެ.
- ޢަފީފާ/ މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
26 ސެޕްޓެމްބަރ 2023