އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު
މިއީ ކޮންމެ މަންމައަކުވެސް ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ. ދަރިންނަށް ބަލިވެ އިނދެ ބަނޑުގައި އޮތް ދަރިފުޅުގެ ޞިއްޙަތަށް ގެއްލުންލިބިދާނެފަދަ ކަންކަން ކުރާ މައިންގެ އިތުރުން އަޅުކަމާއި ދުރުހެލިމައިންވެސް ވިސްނައިލުން ވަރަށް މުހިންމެވެ.
ޤިޔާމަތް ދުވަހު މައިންބަފައިންނަށް ލިބޭނެ އެންމެ ބޮޑު އެއް އުފަލަކީ ޅަފަތުގައި މަރުވެފައިވާ އެމީހުންގެ ދަރިން އެކުދިންގެ މައިންބަފައިން ސުވަރުގެ ވައްދަވައި ދެއްވެވުމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި އާދޭސް ދަންނަވާކަމެވެ!
ނަމަވެސް މިމޭރުމުން ﷲ ތަޢާލާގެ ޙަޟްރަތުގައި އާދޭސް ދެންނެވޭނީ ﷲ ތަޢާލާ އިޒުނަ ދެއްވަވާ ކުދިންނަށެވެ. އެ އިޒުނަ ދެއްވެވުން ބިނާވަނީ އެކުދިންގެ އަމަލުތަކަކަށް ނޫނެވެ. މައިން ބަފައިން ދުނިޔޭގައި ތިބެ ކުރާ އަމަލުތަކުގެ މައްޗަށެވެ.
ބާލިޣް ނުވާ އެއްވެސް ކުޑަކުއްޖެއްގެ ކިބައިގައި އެއްވެސް ކުށެއް ނުވެއެވެ. ކުށްވެރިވަނީ ބާލިޣްވުމަށްފަހުގައެވެ. ވީމާ ފާފަވެރިވާނީ މައިން ބަފައިންނެވެ. އެކުދިންނަށް ސުވަރުގެ ނުލިބިގެން އުޅޭކަށް ނުޖެހޭނެއެވެ. ސުވަރުގެ ނުލިބިގެން އުޅެން ޖެހޭނީ މައިންބަފައިންނަށެވެ.
ޅަފަތުގައި މަރުވެފައިވާ ކުޑަކުދިން ޤިޔާމަތް ދުވަހު ﷲ ތައާލާގެ ޙަޟްރަތުގައި ދަންނަވާނެތެވެ! "ޔާ ﷲ! ދުނިޔޭގައިވެސް އަޅަމެންނަށް މައިން ބަފައިންނާއިއެކު ތިބުމުގެ އުފާ ނުދެއްވަވަމުއެވެ. ވީމާ މިއަދު (އާޚިރަތް ދުވަހު) މައިން ބަފައިންނާއިއެކު (ސުވަރުގޭގައި) ތިބުމުގެ އުފާ އަޅަމެންނަށް ދެއްވަވާނދޭވެ!" މިފަދައިން ދަންނަވައި މައިން ބަފައިންނަކީ ސުވަރުގެ ލިބޭ ބައެއް ކަމުގައި ހެދުމަށް އެކުދިން މަސައްކަތްކުރާނެއެވެ. މައިންބަފައިންނަސް ސުވަރުގެ ދެއްވެވުން އެދި އާދޭސް ދަންނަވާނެތެވެ!
މީސްތަކުންނޭވެ! ދަރިން ޅަފަތުގައި މަރުވުމަކީ ސުވަރުގެ ލިބުމަށް މަގުފަހިވާނެ ސަބަބެކެވެ. ނަމަވެސް އެމީހާއަށް ހެޔޮ ގޮތުގައި ދުނިޔޭގައި އުޅެވިފައިވާނަމައެވެ. ދުނިޔޭގައި ހުރިއިރު ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކޮށްފައިވާނަމައެވެ. ﷲ ތައާލާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކޮށްފައިވާނަމައެވެ.
މީސްތަކުންނޭވެ! ޤިޔާމަތް ދުވަހު މައިން ބަފައިން ސުވަރުގެ ވައްދަވައިދެއްވެވުން އެދި ﷲ ތައާލާއަށް ދެންނެވުމުގެ ފުރުޞަތު އެކުދިންނަށް ދެއްވަވާ އެއްސަބަބަކީ ތިބާ ނުހަނު ލޯބިން ގެންގުޅެނިކޮށް ﷲ ތައާލާ ދަރިފުޅު ގެންދެވުމުން (ދަރިފުޅު މަރުވުމުން) ތިބާ އެކަމަށް ކެތްތެރިވާތީއެވެ. ﷲ ތައާލާ މިންވަރުފުޅު ކުރެއްވެވި ގޮތަށް ޝުކުރުވެރިވާތީއެވެ.
ވީމާ ލިބިފައިވާ ދަރިފުޅު މަރުވުމަކީ ނުވަތަ ދަރިން މަރުވުމަކީ ދެމަފިރިން ވަރިވާން މެދުވެރިވާ ސަބަބަކަށް ނުހަދާށެވެ! ﷲ ތައާލާ ކުރިމަތި ކުރެއްވެވި އިމްތިޙާނެއް ކަމަށް ޤަބޫލުކޮށް ފާސްވާން މަސައްކަތްކުރާށެވެ. ޅަފަތުގައި ދަރިން މަރުވެ ވަކިވެގެން ދިއުމަކީ ލިބޭ އެންމެ ބޮޑު އެއް ހިތާމައެވެ. ނަމަވެސް ކެތްތެރިވުމުން އެކަމުން ދެއްވަވާ ޖަޒާ މާމަތިވެރިއެވެ.
ޤަބޫލުކުރަންވީ ކޮންމެ ފުރާނައެއް ވެސް ދުނިޔެއަށް ފޮނުއްވަވަނީ ދުނިޔޭގައި ހޭދަކުރާނެ ވަގުތު، ލާނެ ނޭވާގެ ޢަދަދު ކަނޑައަޅުއްވަވާފައިކަމެވެ. އެއަދަދު ހަމަވުމުން ބަރުޒަޚުގެ ޢާލަމަށް ގެންދަވާނެ ކަމެވެ. އެއަށްފަހު ޤިޔާމަތުގެ މައިދާނަށް ޙާޒިރުވާންޖެހޭނެ ކަމެވެ.
--މުފްތީ މެންކުގެ ދަރުސަކުން
Advertisement
29 ސެޕްޓެމްބަރ 2023