އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު
މައިންބަފައިންނަށް ދަރިންނަށް ދެވޭ އެންމެ ބޮޑު އެއް އަނިޔާއަކީ ދަރިންނަށް، ޚާއްޞަކޮށް އަނހެން ދަރިންނަށް ކުރެވޭ ކުށްތަކުގެ ވާހަކަ މީސްމީހުންގެ ގާތުގައި ދެއްކުމެވެ. ކިތަންމެ ގާތް މީހެއްގެ ގާތުގައި ދެއްކިނަމަވެސް އެއީ ކުރެވޭ ވަރަށް ބޮޑު ކުށެކެވެ. އެކަމުގެ ސަބަބުން އެހެން މީހެއްގެ ނުވަތަ ބައެއްގެ ކުރިމަތީގައި އަމިއްލަ ދަރިފުޅުގެ އަގު ވައްތައިލެވޭތީއެވެ. އަދި އެކަން ލައްގަނޑެއްގެ ގޮތުގައި ކުއްޖާގެ މުޅި ޢުމުރަށް ދެމިއޮންނާނެތީއެވެ.
ހަމައެފަދައިން އަންހެން ދަރިންނަށް ބުނެލަން އޮތީ ކުރެވިފައިވާ ފާފައެއްގެ ވާހަކަ ކިތަންމެ ލޯބިވާ މީހެއްގެ ގާތުގައިވެސް އަދި ކައިވެންޏަށްފަހު ފިރިމީހާގެ ގާތުގައިވެސް އަދި ކިތަންމެ ގާތް އެކުވެރިއެއްގެ ގާތުގައިވެސް ނުދައްކާށެވެ! އެއީ އަމިއްލައަށް އަގުވައްޓައިލުން ނޫން ކަމަކަށް ނުވާނެއެވެ. އެއްވެސް ކަމެއް މެދުވެރިވެގެން ހިތްހަމަ ނުޖެހޭ ދުވަހު، ދެމީހުން ވަކިވާ ދުވަހު އެކަންކަން ބޭޒާރުކޮށް ނުލާނެ ކަމަށް ހީނުކުރާށެވެ!
ފާފަ ކުރުމެއް ނެތެވެ. ނަމަވެސް ފާފައެއް ކުރެވިއްޖެނަމަ އޮތީ ތައުބާވުމެވެ. އެހިސާބުން އެކަން އެނިމުނީއެވެ. އެކަން އިތުރު އެއްވެސް މީހަކާއި ބައްސާކަށް ނުޖެހޭނެއެވެ. އަދި ތައުބާވުމަށް އެހެން އެއްވެސް މީހެއްގެ އެހީތެރިކަން ހޯދާކަށްވެސް ނުޖެހެއެވެ. ތައުބާވުމަކީ އެމީހަކާއި ﷲ ތަޢާލާއާއި ދެމެދުގައި އޮންނަ ސީދާ ގުޅުމެކެވެ. އެއީ އެހެން އެއްވެސް މީހަކު ބައިވެރިކުރަން ޖެހޭ ކަމެއް ނޫނެވެ.
އެހެން ދީންތަކުގައި ފާފަ ކުރެވުމުން އެކަމުން ސަލާމަތް ވެވެނީ ފައްޅިއަކަށް ގޮސް އެތަނުގެ ބޮޑުންނަށް ލަވަކިޔައިދީ އެމީހުން މެދިވެރިކޮށް އެމީހުންގެ ކަލާނގެއަށް ދުޢާކުރުމުންނެވެ. އެއިރުން އެމީހުންގެ ކުރިމަތީގައި އެމީހަކު ފަޟީޙަތްވީއެވެ.
އަހުރެމެންގެ ދީނުގައި އެކަން ﷲ ތަޢާލާ ލައްވަވާފައިވަނީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ސިއްރެއްގެ ގޮތުގައެވެ. އިތުރު އެއްވެސް މީހަކަށް އެއިން އެއްވެސް ކަމެއ އަންގާކަށް ނުޖެހެއެވެ. ދެއަތް އުފުލާލައި ކުރެވުނު ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކޮށްލުމުން އެކަން އެއޮތީ ނިމިފައެވެ.
ވީމާ މައިންބަފައިންވެސް އަދި ދަރިންވެސް މިކަންކަމަށް ސަމާލުކަންދީ ޢަބުރު ރައްކައުތެރިކުރާށެވެ! އެއަށްވުރެ މުހިންމު ކަމެއް ނެތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
2 އޮކްޓޯބަރ 2023