އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 58 ސިކުންތު
އިސްރާއީލުގެ ސަލާމަތީ ބާރުތަކާއި، ހަރުކަށި ހަތިޔާރުއެޅި ވަޒަންވެރިން ކޮންމެ ދުވަހަކު ހަމަލާދީ ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކުރަމުން ދިއުމާއި، މަސްޖިދުލް އަގްސާއަށް ހަމަލާދިނުމާއި، އެ މިސްކިތުގެ ހުރުމަތް ކެނޑުން މެދުނުކެނޑި ކުރިއަށްދާތީ ހަމާސްއިން، ޣައްޒާއާ އިންވެގެން އޮންނަ އިސްރާއީލުގެ ރަށްތަކަށް ހަމަލާދިނުން ވެގެންދިޔައީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް "ސިހުންގެނުވި" ކަމަކަށެވެ.
ހަމާސްއިން ހަމަލާދޭން ފެށިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި މޯދީވަނީ، އޭނާގެ "ހެޔޮދުއާތައްވަނީ އިސްރާއީލުގެ އާންމުންނާ އެކުގައި" ކަމަށް ބަޔާންކޮށް އަދި އިސްރާއީލާއެކު އިންޑިއާ އޮތްކަން ހާމަކުރައްވަފައެވެ.
އިންޑިއާގެ އާންމުންވެސް ސޯޝާލް މީޑިއާގައިދަނީ، ހަމާސްއާއި ފަލަސްތީނު އާންމުންނަކީ ޓެރަރިސްޓުން ކަމަށްބުނެ، އަދި އިސްރާއީލަށް ހަމްދަރްދީ ފާޅުކޮށް، ތައީދުއޮތްކަން ހާމަކުރަމުންނެވެ. އެމީހުންގެ ހިތުގައި މުސްލިމުންނާ މެދު ޒަމާނުއްސުރެ އޮންނަ ހަސަދަވެރިކަން ފާޅުކުރަމުންނެވެ.
އިސްރާއީލުން އިންޑިއާއަށް ކަނޑައަޅާފައިވާ އެމްބަސެޑަރ ނައޮރް ގިލޮން ބުނެފައިވަނީ، އިންޑިއާ ސަރުކާރާއި، ވަޒީރުންނާއި، ވިޔަފާރިވެރިންނާއި، ސިވިލް ސާވަންޓުންނާއި، އިންޑިއާގެ އާންމުންގެ ފަރާތުން ލިބެމުންދާ ތާއީދުގެ ސަބަބުން އިސްރާއީލަށް އިތުރު ހިތްވަރެއް ލިބިގެންގޮސްފައިވާ ކަމަށެވެ.
ހަގީގަތަކީ، ހަމާސްގެ މުޖާހިދުން އަނިޔާވެރިކަމަށް ކެތްނުކުރެވިގެން އިސްރާއީލުގެ ތެރެއަށްވަދެ ދެމުންގެންދާ އެއްވެސް ހަމަލާއެއް އިސްރާއީލުގެ އާންމުންނަށް އަމާޒު ނުކުރާ ކަމެވެ. ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުން މިހާތަނަށް މަރުވި މީހުންގެ ތިންބައިކުޅަ ދެބައި މީހުންގެ މައުލޫމާތު އެއްކުރިއިރު އެއީ މުޅިންވެސް އިސްރާއީލު ސިފައިންނެވެ.
އެކަމަކު، އިސްރާއީލުގެ އުދުވާނީ ބާރުތަކުން ޣައްޒާގެ އެތަންމިތަނަށް ބޮންއަޅަމުންދާއިރު، ގިނަ ހަމަލާތައް އަމާޒުކުރަނީ ހަމާސްގެ ތަންތަނަކަށް ނޫނެވެ. އާންމުންގެ ގެތަކާއި، އާންމުން ދިރިއުޅޭ އިމާރާތްތަކާއި، މިސްކިތްތަކާއި، ސްކޫލްތަކާއި، ހޮސްޕިޓަލް ތަކަށެވެ.
އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 576 މީހުން ޝަހީދުވެފައި ވާއިރު، ޝަހީދުވި ގިނަ މީހުންނަކީ ކުޑަކުދިންނާއި، އަންހެނުންނާއި، ޒުވާން ކުދިންނެވެ.
މި ވާހަކަ އަޑުއަހާކަށް، މިކަން ބަލާކަށް، މިކަމަށް އެއްޗެއް ބުނާކަށް އިންޑިއާ ސަރުކާރު ބޭނުމެއް ނުވެއެވެ. ފަލަސްތީނު އާންމުންނަށް ހަމްދަރްދީއެއް ފާޅުކުރާކަށްވެސް ބޭނުމެއް ނުވެއެވެ.
އިންޑިއާއަކީ މެދުއިރުމަތީގެ ގައުމުތަކުގެ މުހިންމު ބައިވެރިއެކެވެ. ޚާއްސަކޮށް ސައުދީ އަރަބިއްޔާ، ޔޫއޭއީފަދަ ގައުމުތަކާއެކު އިގްތިސާދީ ގާތްގުޅުން މިފަހުން ފުޅާކޮށްފައި ވެއެވެ. އަރަބި އެހެން ގައުމުތަކާވެސް އިންޑިއާއިން އިގްތިސާދީ ގާތް ގުޅުންތަކެއް އޮވެއެވެ.
އިންޑިއާއިން އިސްރާއީލާއެކު އެތައް ދާއިރާއަކުން ގާތް ގުޅުން އުފައްދައި، އިސްރާއީލު ބޭނުންކުރަނީ ޔޫރަޕާ އިގްތިސާދީ ގުޅުން ގާތްކުރުމުގެ ކޮރިޑޯއެއްގެ ގޮތުގައެވެ.
އިންޑިއާއެކު ގާތްގުޅުން އޮންނަ މުހިންމު އިސްލާމީ ގައުމުތަކުން ހަމަލާތައް ހުއްޓާލަން ދެފަރާތަކަށްވެސް ގޮވާލިއިރު، އިންޑިއާ އިޚްތިޔާރު ކުރީ ފަލަސްތީނަށް "ޓެރަރިސްޓަށް" ގޮވުމަށެވެ. އިސްރާއީލަށް ހަމްދަރްދީ ފާޅުކުރުމަށެވެ. ހެޔޮދުއާ ކުރުމަށެވެ.
މިކަމުން ދޭހަވެގެންދަނީ އިންޑިއާއިން ބޭނުންވަނީ އަރަބީންގެ ފައިސާކަމެވެ. އިސްރާއީލަށް ހެޔޮއެދިގެން އުޅެނީ ހުޅަނގެ ތާއީދާއި މަންފާ ހޯދުމަށް ކަމެވެ.
Advertisement
9 އޮކްޓޯބަރ 2023