އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރިޔަވެސް ނުދިން، ރަށުން ފޭބުމަށް ގޮވާލީ އޮޅުވާލަން!

ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރިޔަވެސް ނުދިން، ރަށުން ފޭބުމަށް ގޮވާލީ އޮޅުވާލަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 37 ސިކުންތު

ޣައްޒާގައި ދިރިއުޅޭ އެންމެން ޣައްޒާއިން ފައިބައިގެން ދިއުމަށް، އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ބޮޑުވަޒީރު ނަތަންޔާހޫ ގޮވާލީ އިއްޔެނޫން އިހަށްދުވަހުއެވެ.

އިސްރާއީލުން 2007 ވަނަ އަހަރުން ފެށިގެން ޣައްޒާ، އެއްގަމާއި ކަނޑާއި ވައިގެމަގުން ބަންދުކޮށްފައި އޮތްއިރު، ޣައްޒާއަށް ބޭރުން މީހަކު ނުވަތަ އެއްޗެއް އެތެރެކުރެވޭ ހަމައެކަނި މަގަކީ ޣައްޒާއާ އިމުން ގުޅިފައިވާ މިސްރެވެ. މިސްރާއި ޣައްޒާގެ އިމުގައި ހުރަސްކުރެވޭ ދޮރާށްޓަކީ ރަފަހް ދޮރާށްޓެވެ.

މީގެކުރިން ދުވަހަކުވެސް އިސްރާއީލުން ޣައްޒާއަށް ބޮން ނާޅާވަރަށް ވަރުގަދައަށް ބޮންއަޅައި، މިސައިލް ހަމަލާތައްދީ އާންމުންގެ ގެތަކާއި، އިމާރާތްތަކަށް ހަމަލާދީ ބިމާހަމަ ކުރަން ފެށުމާއި، ނަތަންޔާހޫގެ ގޮވާލުމަށް އިޖާބަދީ ޣައްޒާގެ އެތައްހާސް ބަޔަކު އަތު ޖެހުނު އެއްޗެއް ހިފައިގެން ރަފަހް ދޮރާށި ކައިރިއަށް ޖަމާވަމުން ދިޔައެވެ. ޖަމާވި ގިނަމީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

އެހެން ނަމަވެސް، ނަތަންޔާހޫއަކަށް އެ މަންޒަރު ބަލާކަށް ކެތެއްނުވިއެވެ. މިއަދު ވަނީ ރަފަހް ދޮރާށި ސަރަހައްދަށް މިސައިލާއި ބޮމުން ދެފަހަރަށް ހަމަލާދީފައެވެ. އޭނާގެ ބޭނުމަކީ، ޣައްޒާގެ އެއްވެސް މީހަކު ސަލާމަތުން ދިޔަނުދިނުމެވެ. މިއީ، ޓެރަރިޒަމާއި އަނިޔާވެރިކަމުގެވެސް އެންމެ މަތީ މިންވަރުގެ އަމަލެކެވެ.

މިއީ ކަނޑައެޅިގެން ލާއިންސާނީ ޖަރީމާއެވެ. ގަތުލުއާންމު ހިންގުމެވެ. އެކަމަކު، ހިތާމައަކީ، ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލާއި، ޓެރަރިސްޓު ނަތަންޔާހޫ މި ޖަރީމާތައް ހިންގާއިރު، އޭނާއާއެކު ހުޅަނގުގެ ގައުމުތައް އޮތުމެވެ. އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ތާއީދާއެކު މިޖަރީމާ ހިންގުމެވެ.

އިސްރާއީލުން ހަމަލާދޭން ފެށުމުން މިސްރަށް ޖެހުނީ ރަފަހް ދޮރާށި ބަންދުކޮށްލާށެވެ.

ފަލަސްތީނުގެ ބިމުގައި އިސްރާއީލާ ކިޔުނު ދައުލަތެއް އުފެއްދުމުން، އެ ދައުލަތާއެކު އެންމެ ފުރަތަމަ ސިޔާސީ ގުޅުން ގާއިމްކުރި އަރަބި އަދި އިސްލާމީ ގައުމަކީ މިސްރެވެ. ހަމާސްއާއި އިސްރާއީލާ ދެމެދު ކުރިމަތިލުންތައް ހިނގާ ކޮންމެ ފަހަރަކު އެކަން މައިތިކޮށް ސުލްހަކުރާ އިސް ގައުމަކީ މިސްރެވެ.

އެކަމަކު، މިފަހަރު އިސްރާއީލުގެ ބަސްމަގާއި ރާގު ތަފާތެވެ. 2.3 މިލިއަން މީހުން ދިރިއުޅޭ ޣައްޒާގެ ހިސާރު އިތުރަށް ވަރުގަދަކޮށް، ފެނާއި ކަރަންޓް ކަނޑާލައި، ކާބޯތަކެއްޗާއި ބޭހެއްވިޔަސް ޣައްޒާއަށް އެތެރެ ނުކުރެވޭނެ ކަމަށް އެންގުމަށްފަހު ނަތަންޔާހޫވަނީ މިސްރަށްވެސް އިންޒާރު ކޮށްފައެވެ.

ބުނެފައިވަނީ، ރަފަހް ދޮރާށިން ޣައްޒާގެ ތެރެއަށް އެހީގެ އެއްވެސް ސާމާނެއް ވައްދައިގެން ނުވާނެ ކަމަށާއި، އެހީ ހިފައިގެން ޓްރަކެއް އެތެރެވާނަމަ ބޮންއަޅައި ގޮއްވާލާނެ ކަމަށެވެ. އިސްރާއީލުގެ މިއިންޒާރާއެކުވެސް މިސްރުން ތެޔޮ ބައުޒަރުތަކާއި، އެހީގެ ސާމާނު ހިމެނޭ ޓްރަކްތަކެއް ޣައްޒާއާ ދިމާއަށް ދަތުރުކުރާ މަންޒަރު ފެނިފައި ވެއެވެ.

އިސްރާއީލުން ރަފަހް ދޮރާށްޓަށް ހަމަލާދިންފަހުން މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީވަނީ، އެހީގެ ބިޔަ ގާފިލާއެއް ތައްޔާރުކޮށް ޣައްޒާއަށް ފޮނުވުމަށް އަމުރު ކުރައްވާފައެވެ.

ޣައްޒާއަށް މިހިނދުން މިހިނދަށް ބޭނުންވާ އިންސާނީ އެހީ، ރަފަހް ދޮރާށީން ފޯރުކޮށްދިނުމަށް މަގުފަހި ކޮށްދިނުމަށް އުރުދުންގެ ރަސްގެފާނު އަބްދުﷲ ވެސް މިސްރަށް ގޮވާލައްވާފައެވެ. ބޭހާއި ކާބޯތަކެތި ޣައްޒާއަށް ފޮނުވުމަށް ތައްޔާރުކުރުމަށް ރަސްގެފާނުވަނީ އުރުދުންގެ ކަމާބެހޭ އިދާރާތަކަށް އަމުރު ކުރައްވާފައެވެ.

ޣައްޒާއަށް ކުއްލި އިންސާނީ އެހީ ފޮނުވުމަށް މަގުފަހިކޮށްދިނުމަށް އިރާގާއި، އަދި ފަލަސްތީނާ އަވަށްޓެރި އަރަބި އެހެން ގައުމުތަކުންވެސް ވަނީ މިސްރަށް ގޮވާލާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު