އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 4 ސިކުންތު
ޒަޔަނިސްޓު އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާގައި އާންމުން ދިރިއުޅޭ އިމާރާތަކަށް ބޮންއަޅާ އިރަށް، ފަލަސްތީނު ރެޑް ކްރެސެންޓުގެ މެޑިކަލް ޓީމުތަކާއި، ހޮސްޕިޓަލްތަކުގެ އެމްބިއުލެންސްތައް ވަގުތުން ނުވަތަ ލަހުންވިޔަސް އެ ސަރަހައްދަކަށް ދެއެވެ. ބިރެއްނެތި މެޑިކަލް ޓީމުތަކާއި، އާންމުން ގުޅިގެން ޒަޚަމްވެފައި ތިބޭ ކުޑަކުދިންނާއި، އާންމުންނާއި، ޝަހީދުވާ މީހުންގެ ހަށިތައްވެސް ހޮސްޕިޓަލްތަކަށް އުފުލަން ފަށައެވެ.
އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ މުޅި ޣައްޒާއަށް ބޮންއަޅައި، މިސައިލުން ހަމަލާތައް ދެމުން ގެންދާއިރު، އާންމުންގެ ގެއެއް، އާންމުން ދިރިއުޅޭ އިމާރާތެއް ނުބަލައެވެ. ޣައްޒާގެ އެތައް ސަރަހައްދަކުން އެތައް ގެއަކާއި، އެތައް އިމާރާތެއްވަނީ ބޮންއަޅައި ބިމާހަމަކޮށްލާފައެވެ.
އިސްރާއީލުގެ ޓެރަރިސްޓުން ބޮންއަޅައި ބިމާހަމަކޮށްލި ގިނަ އިމާރާތްތަކުގެ ދަށުން މަރުވެފައިވާ މީހުން ނުވަތަ ތާށިވެފައިވާ މީހުން ސަލާމަތް ކުރެވޭގޮތްވެސް ވަނީ ނުވެފައެވެ.
އެއްކޮޅުން އުދުވާނީ ޓެރަރިސްޓުން ހުއްޓާނުލާ ބޮންއަޅަނީއެވެ. އަނެއްކޮޅުން، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރާނެ އެކަށީގެންވާ ޓީމުތަކެއް އަދި ސާމާނުތަކެއްވެސް ނެތެވެ. މެޝިނަރީއެއް ނެތެވެ. މެޑިކަލް ޓީމުތަކާއި، އާންމުން ދެއަތުން ގާތަށް ނަގައި ސަލާމަތްކުރެވޭ ބަޔަކު ސަލާމަތް ކުރަނީއެވެ.
ބޮންއަޅައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ގާފުނިތައް ދަށުން އިވޭ ހިތްދަތި ވޭނާއި ރުއިމާއި އާދޭހުގެ އަޑުތައް މީޑިއާއާ ހިއްސާކުރެއްވީ، ޣައްޒާގެ އެންމެބޮޑު ޝިފާ ހޮސްޕިޓަލްގެ ޖެނެރަލް ޑިރެކްޓަރ މުހައްމަދު އަބޫ ސިލްމިއާއެވެ. އޭނާ ވިދާޅުވީ، އިމާރާތްތަކުގެ ގާފުނިތަކުގެ ތެރެއިން އެހީއަށް އެދި މީހުންނާއި ކުދިން ގޮވައި ރޮއި އާދޭސްކުރާ އަޑުތައް ނުކެނޑޭ ކަމަށް މެޑިކަލް ޓީމުތަކުން ބުނަމުންދާ ކަމަށެވެ.
ބޮންއަޅައި ބިމާހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި 1،200 މީހުން ތާށިވެ ނުވަތަ ޝަހީދުވެފައި އެބަތިބި ކަމަށް، އެމީހުންގެ އާއިލާތަކާ ހަވާލާދީ ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ. އޭގެތެރޭގައި 500 ކުޑަކުދިންވެސް ހިމެނެއެވެ.
ގާފުނިތަކުގެ ތެރެއިން ކުޑަކުދިންގެ ރުއިމުގެ އަޑާއި، އެކި މީހުން އެހީއަށް އެދި ގޮވައި، ރޮއި އާދޭސްކުރަމުންދާ އަޑުތައް މެދުނުކެނޑި އިވެމުންދާއިރު، ބައެއް މީހުން ގެންދަނީ އަމިއްލައަށް އަތުން ގާތަށް ދުރުކޮށްގެން މަސައްކަތް ކުރަމުންނެވެ. ބައެއް މީހުން ޅަދަރިން ހޯދަމުން ގެންދާއިރު، ބައެއް މީހުން ގެންދަނީ ދަރިންނާއި، މައިންބަފައިންނާއި، އައިލާ މެމްބަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެހީތެރިވެވޭނެ ގޮތެއްނެތި، އެކަމުގެ ހިތްދަތިކަމުގައި ބައެއް މީހުން އާއިލާގެ މެމްބަރުން ތާށިވެފައިތިބި ގާފުނިތައް މަތިން ނުވެސް ފައިބައި ތިބެއެވެ. މަދަދެއް ދޭނެ ފަރާތެއްގެ އިންތިޒާރުގައެވެ.
ޣައްޒާގެ އާންމުން ގާފުނިތައް ހާވައި، ގާތައް ދުރުކޮށް އާއިލާގެ މެމްބަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެއީ، އިންސާނަކަށް ބަލަން ހިތްދަތި މަންޒަރުތަކެކެވެ.
ގެއްލިފައިވާ އާއިލާގެ މެމްބަރުންތައް ހޯދުމުގެ މަސައްކަތް އެއްބަޔަކު ކުރާއިރު، އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު މިއަދުވަނީ 3،000 އިން މައްޗަށް އަރާފައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ، މިއަދު އެކަނިވެސް 80 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދުވެސް މިހާރުވަނީ 12،500 އަށް އަރާފައެވެ.
ޣައްޒާގައި ހުއްޓާނުލާ ޖަރީމާތައް ހިންގާއިރު، ހިފާފައިވާ ހުޅަނގު އައްސޭރީގެ ރަށްތަކުގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ޓެރަރިސްޓުން ހިންގާ ޖަރީމާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދުވަނީ 61 އަށް އަރާފައެވެ. އަދި ޒަޚަމްވި މީހުންގެ އަދަދުވަނީ 1،250 އަށް އަރާފައެވެ.
އިސްރާއީލުގެ ޓެރަރިސްޓުން ޣައްޒާގެ އާންމުންގެ ގެދޮރާއި، ދިރިއުޅެމުންދިޔަ އިމާރާތްތައް ސުންނާފަތި ކޮށްލުމުގެ ސަބަބުން މަގުމަތިވެ ހާލުގައި ޖެހުނު މީހުންގެ އަދަދުވަނީ 5 ލައްކައަށް އަރާފައެވެ. ހާލުގައި ޖެހިފައިވާ މީހުން ޣައްޒާގައި އދއިން ހިންގާ ސްކޫލްތަކުން ހިމާޔަތް ހޯދައިގެން ތިބިއިރު، އެމީހުންނަށް ދޭނޭ އެއްޗެއް ނެތް ކަމަށް އދއިން ގެންދަނީ ބުނަމުންނެވެ.
Advertisement
19 އޮކްޓޯބަރ 2023