އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭން މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސް ކުރުމަށް ވޯލްޑް ބޭންކުން އިލްތިމާސްކޮށްފި

ރާއްޖޭން މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސް ކުރުމަށް ވޯލްޑް ބޭންކުން އިލްތިމާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 21 ސިކުންތު

ރާއްޖޭގެ ރިއަލް ޖީޑީޕީ 2023 ވަނަ އަހަރު %6.5ގައި އަދި 2024 އިން 2025 އަށް އެވްރެޖްކޮށް %5.4ގައި ކުރިއަރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އިތުރުވަމުންދާ ހަރަދުތަކާއި ދަރަނި ބޮޑުވުމާއި ބޭރުގެ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް، ވޯލްޑް ބޭންކުން ނެރުނު އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓްގައި ބުނެފި އެވެ.

މިދިޔަ މަހު އާންމުކުރި، 'ބެޓެން ޑައުން ދަ ހެޗަސް'ގެ ނަން ދީފައިވާ އެ ރިޕޯޓަކީ ވޯލްޑް ބޭންކާއި ދަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން މިއަދު ބޭއްވި ހަރަކާތެއްގެ މައުޟޫއު އެވެ. 

މި ރިޕޯޓުގައި، ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއެރުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދީ ކުރިމަގާ މެދު އުންމީދީ ތަސައްވަރެއް ހުށަހަޅާފައިވެ އެވެ. ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމާއި، މަޝްރޫއުތަކުގެ ހޭދަ އާއި ސަބްސިޑީތަކަށް ސަރުކާރުން ކުރާ ހަރަދު އިތުރުވުމާއި ބަޖެޓް ޑެފިސިޓް ފޫބައްދަން މަރުކަޒީ ބޭންކުން ފައިސާ ނަގަން ޖެހުމުގެ ސަބަބުން މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެއަށް ވަނީ ކުރިމަތިވެފަ އެވެ. މި މައްސަލަތައް ހައްލުކުރުމަށް، މަޝްރޫއުތަކަށް ކުރާ ހޭދަ ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއްގެ ތެރެއިން ކުރުމާއި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެކަނި ދެވޭ ސަބްސިޑީގެ ނިޒާމަކަށް ބަދަލުވުމާއި އާމްދަނީ އިތުރުކުރުމާއި މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ދަރަނި ބެލެހެއްޓުން ފަދަ ކަންކަން ހިމެނޭ ގޮތަށް މާނަހުރި ގޮތެއްގައި އެޅޭ އަވަސް އަދި ނަތީޖާ ހާސިލްކުރެވޭ މާލީ އިސްލާހީ ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. 

ރާއްޖޭން މާލީ ޑެފިސިޓް ކުޑަކުރުމުގެ ޕްލޭންތައް އޮތްއިރު، މިހާތަނަށް ރާއްޖެއިން ކަނޑައެޅި އަމާޒުތައް ހާސިލް ނުކުރެވިފައި ވާއިރު، މެދު ރާސްތާގައި ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން %115އަށް ވުރެ މަތީގައި ހުންނާނެ ކަމަށް ލަފާކުރެވެ އެވެ. މި އަހަރުގެ ކުރީކޮޅު ސަރުކާރުން މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) ރޭޓް ބޮޑުކޮށްފައިވިޔަސް، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް، ހާއްސަކޮށް ސަބްސިޑީއަށް ގެންނަން މި އަހަރަށް ރޭވި އިސްލާހުތައް ލަސްވެފައި ވާތީ، ހާއްސަކޮށް ހަރަދު ކުޑަކުރުމަށް ވިސްނައިގެން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. 

މާލީ ގޮތުން ފަރުވާތެރިވުމަށްޓަކައި ހަރަދުކުރުމުގެ ސިޔާސަތުތައް އަވަހަށް އެކަށައަޅައި އާމްދަނީ އިތުރުކުރަން ޖެހެ އެވެ. މުހިންމު އިސްލާހުތަކުގެ ތެރޭގައި، ގައުމީ ހެލްތު އިންޝުއަރެންސް ޕްރޮގްރާމް ކަމަށްވާ އާސަންދައަށް އިސްލާހީ ބަދަލުތައް ގެނައުމާއި، ހާއްސަކޮށް ހަކަތަ އާއި ކާބޯތަކެތީގެ ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ބަލަހައްޓައި، ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ދެވޭ ސަބްސިޑީގެ ނިޒާމަކަށް ވާސިލްވުމާއި، ތަރައްގީގެ މަޝްރޫއުތައް ވިސްނުންތެރިކަމާއި ރޭވުންތެރިކަމާ އެކު އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކުރެވޭކަން ކަށަވަރުކުރުމަށް ހަރުދަނާ ޕަބްލިކް އިންވެސްޓްމަންޓް އޮނިގަނޑެއް ގާއިމްކުރުން ހިމެނެއެވެ. އާމްދަނީ އިތުރުކުރުމަށް އަޅަން ޖެހޭ އަވަސް ފިޔަވަޅުތަކުގެ ތެރޭގައި، ޓެކްސް ބޭސް ފުޅާކުރުމާއި، ރާއްޖޭގެ އެތެރެއިން އާމްދަނީ ލިބޭނެ ވަސީލަތްތައް އެކަށައެޅުމާއި، ހަމަހަމަ ޓެކްސްގެ އުސޫލުތައް ކުރިއެރުވުން ހިމެނެ އެވެ. 

"ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގައި ރާއްޖޭން ނަމޫނާ ދައްކާފައިވިޔަސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ހަމަނުޖެހުންތަކާއި، ދުނިޔޭގެ ބާޒާރުތަކުގައި އަގުތައް އުފުލުން، އަދި އިންފްލޭޝަން މަތިވުމުގެ ސަބަބުން ރާއްޖޭގެ މުހިންމު ފަތުރުވެރިކަމުގެ މާކެޓްތަކުގައި ދިރިއުޅޭ މީހުންނަށް ބާކީ ކުރެވޭ ފައިސާއަށް އަސަރުކުރުން ފަދަ އާ ލޮޅުންތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރޭވުންތެރިކަމާ އެކު ކުރިމަތިލާން ޖެހޭނެ،" ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗު ހަދާދު-ޒެރްވޮސް ވިދާޅުވި އެވެ. "ހާއްސަކޮށް ވިސްނުންތެރިކަމާ އެކު ދަރަނި ބެލެހެއްޓުމާއި ހަރަދުތަކާ ގުޅޭ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ގައުމުގެ މާލީ  ނާޒުކު ކަންތައްތައް ހައްލުކޮށް، ދެމެހެއްޓެނިވި އަދި އިންފްރާސްޓްރަކްޗަ އިންވެސްޓްމަންޓް އޮނިގަނޑެއް އެކުލަވާލައި ދިގުމުއްދަތުގެ ކުރިއެރުމާއި ތަނަވަސްކަން ކަށަވަރުކުރުމަށް އަވަސް ގޮތެއްގައި މަސައްކަތްކުރުމުގެ މުހިންމުކަން ވަނީ ބޮޑުވެފައި." 

މިއަދު ކުރިއަށްދިޔަ ހަރަކާތުގައި މަޝްވަރާކުރެވުނު ފަދައިން، ރާއްޖޭން އުމްރާނީ ތަރައްގީގެ އަސާސީ ހިދުމަތްތައް ދިނުމުގައި، ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާ އަޅާބަލާއިރު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވެ އެވެ. 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކަރަންޓުގެ ހިދުމަތް ލިބޭއިރު، މޯބައިލް ފޯނުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ލިބެ އެވެ. މަތީ މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ އެވްރެޖަށް ވުރެ، ކޮންމެ 1000 މީހަކަށް ހުރި ހޮސްޕިޓަލް އެނދުގެ އަދަދު ރާއްޖޭގައި ގިނަ އެވެ. ކޮންމެ ޓީޗަރަކަށް ޖެހޭ ދަރިވަރުންގެ އަދަދު ވެސް ދަށެވެ. މި ކާމިޔާބީތަކުގެ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ރިއަލް ޖީޑީޕީ ކުރިއަރާ މިންވަރަށް ވުރެ ބާރު ދުވެލީގައި މަތިވަމުންދާ ދައުލަތުގެ ހަރަދެވެ. މި ހަރަދުގެ ބޮޑު ބައެއް އިންވެސްޓްކޮށްފައިވަނީ ދަތުރުފަތުރާއި، ބޯހިޔާވަހިކަމާއި، ބިން ހިއްކުމުގެ މަޝްރޫއުތަކަށެވެ. 

ނަމަވެސް، އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކުރުމަށް ކުރާ ހަރަދު ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން މި މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ދައުލަތުގެ ދަރަނި، ހާއްސަކޮށް ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެ، ރާއްޖެއަށް މާލީ ބޮޑެތި ގޮންޖެހުންތަކަކާއި ނާޒުކު ހާލަތެއް ކުރިމަތިވެފައިވެ އެވެ. މީގެ އިތުރުން، ސާފު ބޯފެނާއި ނަރުދަމާ އާއި ބްރޯޑްބޭންޑް އިންޓަނެޓް ފަދަ ހިދުމަތްތައް ހިމެނޭ ގޮތަށް، އާންމު ހިދުމަތްތައް ލިބުމުގައި ވެރިރަށް މާލެ އާއި އަތޮޅުތަކާ ދެމެދު އަދިވެސް ބޮޑެތި ފަރަގުތަކެއް އެބަހުއްޓެވެ. 

މި ފަރަގުތައް ނައްތާލަން ރާއްޖޭން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ބޮޑުވަމުންދިއުމާއި މާލީ ޖާގަ ހަނިވުން ފަދަ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އާންމު ގޮތެއްގައި ކުރިމަތިވާ ގިނަ ގޮންޖެހުންތަކެއް ރާއްޖެއަށް ވެސް ކުރިމަތިވެ އެވެ. މި ގޮންޖެހުންތަކުގެ ސަބަބުން ރާއްޖެއަށް އެކަށީގެންވާ ގޮތެއްގައި އަދި ހެޔޮ އަގެއްގައި އުމްރާނީ ތަރައްގީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދަތިތަކެއް ކުރިމަތިވެ އެވެ. މިކަން ހައްލުކުރުމަށްޓަކައި، ދަރަނި ބޮޑުވުމުގެ ހަގީގަތް ގަބޫލުކޮށް، އިންވެސްޓްމަންޓްތަކަށް ފަރުވާތެރިކަމާ އެކު ތަރުތީބުން ޕްލޭންކޮށް، އެކި މިނިސްޓްރީތަކާއި އިދާރާތަކުގެ މެދުގައި ރަނގަޅަށް ވިލަރެސްކޮށް ހާއްސަކޮށް އެތައް ދާއިރާއެއް ހިމެނޭ މަޝްރޫއުތަކަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ ހުށަހެޅިފައިވާ މިންވަރަށް ބަލާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ކާރިސާތަކަށް ތައްޔާރުވެފައިވާ ގޮތަށް ކުރިއަށް ދިއުމަށް އިސްކަން ދޭން ޖެހެ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު