އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިހާދެރަކަމެއް! ވެރިކަމުގެ ބާރުތައް ނުލިބުނީމާ ދެދައުރަގަވެސް ފެނިގެން މިދަނީ ޤައުމަށް އެންމެ ދެރަވާނެ ގޮތަށް ކަންކަން ކުރެވޭތަން!

ކިހާދެރަކަމެއް! ވެރިކަމުގެ ބާރުތައް ނުލިބުނީމާ ދެދައުރަގަވެސް ފެނިގެން މިދަނީ ޤައުމަށް އެންމެ ދެރަވާނެ ގޮތަށް ކަންކަން ކުރެވޭތަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު

ވެރިކަން ހޯދަން މަސައްކަތްކުރުމަކީ އެކަމަށް ކުފޫ ހަމަވާ ކޮންމެ މީހަކަށްވެސް އޮތް ޙައްޤެކެވެ. ކިތަންމެ ގިނަ ބައަކު ވެރިކަން ހޯދަން މަސައްކަތްކުރިނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތައް ފަދައިން ޜާއްޖޭގެ ޤާނޫނު އަސާސީވެސް އޮތް ގޮތުން ވެރިކަން މިލިބެނީ ކުރިމަތިލާ މީހުންގެ ތެރެއިން އެކަކަށެވެ. 

2018 ވަނަ އަހަރު ރައީސް ނަޝީދަށް ވެރިކަމަށް ކުރިމަތި ނުލެއްވެވުނީ ރައީސް އިބްރާހީމް ކުރެއްވެވި ކަމަކުން ނޫނެވެ. އަދި ރައީސް އިބްރާހީމަށް ވެރިކަން ލިބިވަޑައިގަތީވެސް ރައީސް ނަޝީދުގެ ތާއީދާއިއެކުގައެވެ. އަދި 2023 ގައި ރައީސް ޔާމީނަށް ކުރިމަތި ނުލެއްވެވުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވެވި ކަމަކުން ނޫނެވެ. އަދި ރައީސް ޑރ. މުޢިއްޒަށް ވެރިކަން ލިބިވަޑައިގަތީވެސް ރައީސް ޔާމީނާގެ ތާއީދާއިއެކުގައެވެ.

ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިނުގެންނެވި ނަމަވެސް ރައީސް ނަޝީދުގެ ޢާއިލާގެ ބޭފުޅުންނަށާއި މަޤާމުތައް ދެއްވަން ބޭނުންފުޅުވި ބޭފުޅުންނަށް މަތީ މަޤާމުތައް ލިބިވަޑައިގެންނެވިއެވެ. ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިނުގެންނެވި ނަމަވެސް ރައީސް ޔާމީނުގެ ޢާއިލާގެ ބޭފުޅުންނަށާއި މަޤާމުތައް ދެއްވަން ބޭނުންފުޅުވި ބޭފުޅުންނަށް މަތީ މަޤާމުތައް ލިބިވަޑައިގެންނެވިއެވެ. 

ދެފަހަރުވެސް ނުވަތަ ދެ ދައުރުގައިވެސް ފެނިގެން މިދަނީ ޤައުމަށް އެންމެ ނިކަމެތި ގޮތެވެ. އިންތިޚާބުކުރެވުނު ރައީސްއަށް ވެރިކަން ކުރައްވަން ހުރަސް އަޅަން މަސައްކަތްކުރެވޭތަނެވެ. ރާއްޖޭގެ ޤާނޫނު އަސާސީގައި އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުކުރެވޭ ބޭފުޅަކަށް އެބޭފުޅަކު ބޭނުންފުޅުވިނަމަވެސް އެހެން ބޭފުޅަކާއި ވެރިކަން ޙަވާލުކުރެވޭނެ ގޮތެއް ނެތެވެ. 

ވީމާ އެހެން ބޭފުޅުންނަށް ޖެހިވަޑައިގަންނަވާނީ ދައުރު ނިމެންދެން ކެތްތެރިވެލައްވާށެވެ! ރައީސުލްޖުމްހޫރިއްޔާ ރައްޔިތުން އިންތިޚާބުކުރީމާ "އަޅުގަނޑު ގޭގައި މަޑުކޮށްލާނީއޭ، ދެން މަޤާމު ފުރއްވާނީ މިވެނި ބޭފުޅެކޭ" ވިދާޅުވެ ރައްޔިތުން އިންތިޚާބުކުރި ރައީސުލްޖުމްހޫރިއްޔާއަށް ގެއަށް ވަޑައިގެންނެވުމަކަށް ޤާނޫނު އަސާސީ ހުއްދައެއް ނުކުރެއެވެ. 

މިކަންކަން ރަނގަޅަށް އެނގިވަޑައިގެން ތިއްބަވައިވެސް ރައްޔިތުން އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަން ކުރައްވަން ހުރަސް އެޅޭނެހައި ގޮތްގޮތަށް ކަންކަން ކުރައްވާނަމަ އެބޭފުޅަކީ ޤައުމު ދެކެ ލޯބިވާ ބޭފުޅަކަށްވާނެތޯއެވެ؟ ޤައުމުގެ ކުރިއެރުމަށާއި ތަރައްޤީއަށް ލޯބިކުރައްވާ ބޭފުޅަކަށްވާނެތޯއެވެ؟ 

މަޢުލޫމާތު ލިބޭ ގޮތުން ޑރ. މުޢިއްޒަކީ ޕީޕީއެމްގެ ފުރަތަމަ ޗޮއިސްއެއް ނޫނެވެ. އެންމެ ފަހު ޗޮއިސްއެވެ. އެހެނަސް ވެރިކަމަކީ ﷲ ތަޢާލާ ދެއްވަވާ ކަމަކަށްވާތީ ޑރ. މުޢިއްޒަށް މިވަނީ ވެރިކަން ލިބިވަޑައިގެންފައެވެ. އެކަން ޤަބޫލުނުކުރެވޭނަމަ އެއީ ހިތާމަކުރަންޖެހޭ ކަމެކެވެ. 

ޤައުމަށް އެންމެ ފައިދާހުރި ގޮތްތައް ހޯއްދަވައި ދެއްވޭނީވެސް ސިޔާސީ ލީޑަރުންނަށެވެ. އެންމެ ބޮޑަށް ނިކަމެތިކޮށްލެވޭނީވެސް ސިޔާސީ ބޭފުޅުންނަށެވެ. ވީމާ ދައުރު ފެށޭތަނުން ނުވަތަ ދައުރުގެ މެދުތެރެއިން ވެރިކަން ބަދަލުކުރަން މަސައްކަތްކުރުމުގެ ވިސްނުން ގެންގުޅުން ހުއްޓާލައި ޤައުމާއި ރައްޔިތުންނަށްޓަކައިވެސް އެއިރަކު ހުންނަވާ ވެރިއެއްގެ ދައުރު ފުރިހަމަކުރެއްވުމަށް އެއްބާރުލުން ދިނުމުގެ ވިސްނުމެއް ނުގެންގުޅޭނަމަ ޤައުމަށް ހަމަޖެހުން ލިބޭނީ ކިހިނަކުންތޯއެވެ؟ 

މިހިރަ ކަންކަމަކީ ޤައުމާއި ރައްޔިތުން ދެކެ ލޯބިވާ ކޮންމެ މީހަކުވެސް ވިސްނާލަން ޖެހޭނެ ކަންކަން ކަމުގައި ގިނަ ބައަކު ދެކެއެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް