އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 51 ސިކުންތު
ޢަލީ އިޙްސާން ފިރާޤު
ޔާސިރާއި، ޙާރިޘާއި، މާލިކާ ތިން ބޭކަލުންނަކީ ތިން އަޚުންނެވެ. އޭގެ ތިންކަލުން އެއްފަހަރަކު ޔަމަނުކަރައިން މައްކާއަށް ދަތުރުފެށިއެވެ. މައްކާގެ ތަފާތު މާހައުލާއި އެތަނުގެ އިޖްތިމާއީ ދިރިއުޅުމާއި ސަޤާފަތް ތަޖްރިބާކޮށްލެއްވުމަށްޓަކައެވެ. އޭގެ ތެރެއިން މާލިކާއި، ޙާރިޘް މައްކާއަށް ވަޑައިގެން ދުވަސްކޮޅަކު ތިއްބެވުމަށްފަހު އެނބުރި އެބޭކަލުންގެ އަސްލު ވަޒަންކަމުގައިވާ ޔަމަނަށް ވަޑައިގެންފިއެވެ. އޭގެ ދެކަލުންގެ އަނެއް އަޚް ޔާސިރު ބިން އާމިރު މައްކާއަށް ދޫކުރައްވައިފައެވެ.
ޔާސިރު ބޭނުންފުޅުވީ މައްކާގައި މަޑުކުރެއްވުމަށެވެ. އަބަދުގެ އަބަދަށް މައްކާގައި ވަޒަންވެރިވުމަށެވެ. ޔާސިރު ހުންނެވީ މައްކާގެ ޖައްވާމެދު ނުހަނު ހިތްޕުޅާވެވަޑައިގެންފައެވެ. އެގޮތުން އަބޫ ޙުޛައިފާ ބިން ޢަބްދުލް މަޚްޒޫމީގެ ހަލީފަކަށް ވެވަޑައިގެނެވިއެވެ. އޭގެ ދެބޭކަލުން އެއްބޭކަލު އަނެއްބޭކަލަކު ދެކެ ނުހަނު ޤަބޫލުފުޅުވެވަޑައިގަންނަވައެވެ. އިސާހިތު އަބޫ ޙުޛައިފާގެ އަރިހުގައި ޔާސިރަށް ޚާއްޞަ އިމްތިޔާޒީ މަޤާމެއްދެވިއްޖެވެ. އަދި އޭނާގެ އަޅުކުއްޖެއް ކަމަށްވާ ސުމައްޔާ ބިންތި ޚައްބާތު (ނުވަތަ ސުމައްޔާ ބިންތު ޚައްޔާތު) އާ ޔާސިރުގެ ކައިވެނިކޮށްދެއްވިއެވެ.
މިކައިވެނިފުޅުވީ ވަރަށް އުފާވެރި ބަރަކާތްތެރި ކައިވެނިފުޅަކަށެވެ. އެދެކަނބަލުން ކައިވެނީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވާތާ މާގިނަދުވަސްތަކެއް ނުވަނީސް ލޯބިލޯބި ދަރިކަލެއް ލިބިވަޑައިގެންފިއެވެ. އެދަރިކަލުންނަށް އެދެކަނބަލުން ދެއްވި ނަންފުޅަކީ ޢައްމާރެވެ. އަބޫ ޙުޛައިފާއަކީ ވަރަށް އޯގާތެރި ދީލަތި ބޭފުޅެކެވެ. އެނާ އޭނާގެ އަޅުކުއްޖެގެ ގޮތުގައި އިންނެވި އައްސައްޔިދާ ސުމައްޔާ އާއި އޭނާގެ ޢާއިލާ ފުރިހަމަ މިނިވަން ޢާއިލާއެއްގެ ގޮތުގައި ދިރިއުޅުމަށް ދޫކޮށްލެއްވިއެވެ. އޭނާގެ އަޅުވެތިކަމުން އެއާއިލާ މިންޖުކޮށްދެއްވިއެވެ. އަބޫ ޙުޛައިފާ ސުމައްޔާއާއި ޔާސިރުގެ ދެކަނބަލުންނަށް ވަރަށް ރިޢާޔަތްކުރައްވައެވެ. އޭގެ ދެކަނބަލުންނާ އަބަދުވެސް ގުޅުން ބާއްވާ ހައްދަވައެވެ. އެހީތެރިވެވަޑައިގެން ތަކެއްޗާއި ފައިސާ ދެއްވައި ހައްދަވައެވެ.
ދުވަސްކޮޅެއްގެ ތެރޭގައި އަލުން ސުމައްޔާއާއި ޔާސިރުގެ ދެކަނބަލުންނަށް އިތުރު ދެދަރިކަލުން ލިބިވަޑައިގެންފިއެވެ. އޭގެ ތެރެއިން އެއްދަރިކަލެއްގެ ނަންފުޅަކަށް ޢަބްދުﷲ، އަނެއް ދަރިކަލުންގެ ނަންފުޅަކަށް ޙާރިޘް އޭ ވިދާވެ ނަންދެއްވިއެވެ. މީގެ ތެރެއިން ޙާރިޘްވަނީ އިސްލާމްދީން އައުމުގެ ކުރިން ޖާހިލިއްޔަ ޒަމާނުގައި ޤަތުލުވެފައެވެ.
އައްސައްޔިދާ ސުމައްޔާއަކީ އިސްލާމްދީނަށް އަވަސްވެވަޑައިގެންނެވި ހަތްބޭކައުކަނބަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. [އައްސާބިޤޫނަލް އައްވަލީން] ގެ ޖަމާޢަތުގައި ހިމެނިވަޑައިގެންނެވި ބޭކަނބަލެކެވެ. އެކަމަނާ އިސްލާމްވެވަޑައިގެން ރަސޫލާ صلّى اللّـه عليه وسلّم ގެ އަތްޕުޅު މައްޗަށްވަނީ ބައިޢަތު ހިއްޕަވައިފައެވެ. އެހެންކަމުން އެކަމަނާ ވެވަޑައިގެންފަވަނީ އަންހެން ޞަޙާބީ ބޭކަނބަލުންގެ ތެރެއިންވެސް ދަރަޖައިގެ ގޮތުން އަރާއިންނެވި ބޭކަނބަލަކަށެވެ.
އިސްލާމްދީނަކީ މިންތީގެ ހަމަހަމަކަމާއި ގިންތީގެ ހަމަހަމަކަމަށް ވަކާލާތު ކުރާދީނެކެވެ. ކޮންމެ ނަސަބަކުން އަޔަސް، ކޮންމެ ގައުމަކުން އަޔަސް މީހާގެ ކުލަޔާއި ޖިންސަށް ބެލުމެއްނެތި ހަމަހަމަކަމާ އަދާލަތަށް ގޮވާލާ ދީނެވެ. އެހެންކަމުން އެދީނުގެ އަމަލުތަށް ބިނާވެގެންވަނީ ހިތުގެ ޠާހިރު ނިޔަތުގެ މައްޗަށެވެ. ކަލަމިދިކަމާއި ދޮންކަޅުމިނަކަށް ނޫންނެވެ. އިންސާނާގެ މާތްކަން ބިނާވެގެންވަނީ އޭނާގެ ތަޤްވާވެރިކަމުންގެ މައްޗަށެވެ. މިކަން ބަޔާން ކުރައްވައި އަރަހުށި މާތް ﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
"ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ." {49:13}
ކުރިންވެސް ދެންނެވިފައިވާނެ ފަދައިން އައްސައްޔިދާ ސުމައްޔާއަކީ އިސްލާމްދީނަށް އަވަސްވެވަޑައިގެންނެވި ހަތް ބޭކައުކަނބަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. އެބޭކައުނބަލުންނަކީ، އަބޫ ބަކްރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު އާއި ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހު އާއި ޚަދީޖާ ރަޟިޔަﷲ ޢަންހާ އާއި ޒައިދު ބިން ހާރިޘަތު ރަޟިޔަﷲ ޢަންހު އާއި ސުމައްޔާ ބިންތި ޚައްބާތު ރަޟިޔަﷲ ޢަންހާ އާއި ޢައްމާރު ބިން ޔާސިރު ރަޟިޔަﷲ ޢަންހު އާއި ބިލާލު ރަޟިޔަﷲ ޢަންހު އެވެ. (ބައެއް ފޮތްތަކުގައި މިދެންނެވި ތަރުތީބު ތަފާތު ގޮތްގޮތަށް އައިސްފައިވެއެވެ.)
އެދުވަސްވަރު ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ ބޮޑުބޭބޭފުޅު އަބޫޠާލިބުގެފާނު ދުނިޔޭގައި ހުންނެވުމުގެ ސަބަބުން މައްކާގެ މުޝްރިކުންގެ އަނިޔާތައް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މައްޗަށް ކޮންމެވެސް ވަރަކަށް ވަނީ ކުޑަވެފައެވެ. ހަމައެހެންމެ އަބޫބަކުރުގެފާނު ފަދަ އާރާއި ބާރާއި ނުފޫޒުގަދަ ބޭފުޅުންގެ މައްޗަށްވެސް މައްކާގެ މުޝްރިކުންގެ އަނިޔާތައްވަނީ ކުޑަވެފައެވެ. ނަމަވެސް ޟަޢީފު މުސްލިމުންނަށް މައްކާގެ މުޝްރިކުންގެ އަނިޔާވެރިކަމުގެ ވަކިތަކުން ސަލާމަތެއްނުވެވުނެވެ. މައްކާގެ މުޝްރިކުން، ނިކަމެތި ޟަޢީފު މުސްލުމުންނަށް ހިތުހުރިހާ ޢަޛާބެއް ދައްކަމުން އެބައިމީހުން ދީނުން ބޭރުކޮށްލެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ.
ސުމައްޔާ ރަޟިޔަﷲ ޢަންހާ އާއި އެކަމަނާގެ ދަރިކަލުން ޢައްމާރާއި އެކަމަނާގެ ފިރިކަލުން ޔާސިރަކީ މުޝްރިކުންގެ އަނިޔާވެރިކަމުގެ އަމާޒުފަތްގަނޑަކަށް ހަދައިފައިވާ ތިންމައިންނެވެ. ކާފަރުން އޭގެ ތިންމައިންނަށް ނުކުރާކަށް އަނިޔާއެއް ނެތޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. އެހާ މިންވަރަށް އޭގެ ތިންމައިންނަށް އަނިޔާވެރިވަމުން ގެންދިޔައެވެ.
އެއްފަހަރަކު މައްކާގެ މުޝްރިކުން ސުމައްޔާ ރަޟިޔަﷲ ޢަންހާގެ ތިންމައިންނަށް އަނިޔާދެމުން ގެންދަނިކޮށް އިއްތިފާޤުން އެތަނަށް މާތް ނަބިއްޔާ صلّى اللّـه عليه وسلّم އަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް އެމަންޒަރު ފެނިވަޑައިގެން އެކަމާ ވަރަށް ދެރަފުޅުވެވަޑައިގެންނެވިއެވެ. ހިތްޕުޅަށް ވަރަށް ފުން އަސަރުތަކެއް ވެރިވެގެން ދިޔައެވެ. ނަމަވެސް ޚުދު ރަސޫލާ صلّى اللّـه عليه وسلّم އަށް އެބައިމީހުން އެ ޢަޛާބުން ދަފަރާ ކުރައްވަވާނެ އެއްވެސް ބާރެއް ލިބިވަޑައިގެންފައެއްނުވެއެވެ. އެހެންކަމުން އެކަލޭގެފާނުގެ އޯގާވެރިކަމުންގެ ބަސްފުޅުތަކުން އޭގެ ތިންމައިންގެ ހިތްޕުޅުގައި އުފެދިފައިވާ ޒަޚަމަށް ފަރުވާދެއްވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
[އޭ ޔާސިރުގެ އާލުވެރިންނޭވެ. ތިޔަބައިމީހުން ކެތްތެރިވާށެވެ. ތިޔަބައިމީހުންގެ އެންމެފަހުގެ މަންޒިލަކީ ސުވަރުގެއެވެ.]
އަބޫ ޖަހުލަކީ މި އުއްމަތުގެ ފިރުއަޢުނެވެ. އޭނާއަކީ ޟަޢީފު މުސްލިމުންނަށް ލާއިންސާނީ އަނިޔާ ދިނުމުގައި އަރާހުރި މޭސްތިރިއެކެވެ. އަބޫޖަހުލުގެ އަނިޔާވެރިކަމުގެ ވަކިތަކުން އައްސައްޔިދާ ސުމައްޔާއަކަށް ސަލާމަތްވެ ވަޑައެއްނުގެންނެވުނެވެ. އޭނާ އެކަމަނާއަށް ރެޔާދުވާލު އަނިޔާދެއްމުން ގެންދިޔައެވެ. ނަމަވެސް އެކަމަނާ އެ އަނިޔާތައް ބަރުދާސްތު ކުރައްވަމުން ގެންދެވީ ނުހަނު ސާބިތުކަމާއެކުގައެވެ.
އަބޫ ޖަހުލަށް އޭނާގެ އަނިޔާވެރިކަމުން ސުމައްޔާގެ އީމާންތެރިކަން ގުޑުވައިނުލެވުމުން އޭނާ އެކަމާ ވަރަށް ރުޅިއެރިއެވެ. އެނާ ރުޅިއައިސް ފުފިގެން ލޮންސިން ޙަމަލާދީ އެކަމަނާ ޝަހީދުކޮށްލިއެވެ. އެކަމަނާ ވެވަޑައިގެންނެވީ އިސްލާމްދީނުގެ ދިފާޢުގައި އެންމެ ފުރަތަމަ ޝަހީދުވެވަޑައިގެންނެވި ބޭފުޅާކަމުގައެވެ. މި ޙާދިޘާ ހިނގީ ނަބިއްޔާ صلّى اللّـه عليه وسلّم ހިޖުރައަށް ވަޑައިގެންނެވުމުގެ ހަތް އަހަރު ކުރިން މައްކާގައެވެ. އެކަމަނާ ޝަހީދުވުމަށްފަހު އެކަމަނާގެ ފިރިކަލުން ޔާސިރުވެސް މުޝްރިކުންގެ އަނިޔާވެރިކަމުގެ އަމާޒު ފަތްގަނޑަކަށްހަދައި ޝަހީދުކޮށްލިއެވެ.
މަންމާފުޅާއި ބައްޕާފުޅު ޝަހީދުވުމަށްފަހު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ޢައްމާރަށް ޚާއްޞަ މަޤާމެއް ލިބިވަޑައިގެންނެވިއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޢަންމާރަށް މުޚާތަބު ކުރައްވަނީ އިބްނު ސުމައްޔާގެ ނަންފުޅުންނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ވަރަށް ގިނައިން ޢައްމާރުގެ ޢާއިލާއަށް ތާރީފު ކުރައްވައި ވާހަކަފުޅު ދައްކަވައި ހައްދަވައެވެ.
{ނޯޓް: މިއީ [ގްރޭޓްވިމެން އޮފް އިސްލާމް] މިފޮތުގައިވާ މަޒުމޫނަކުން މަޢުލޫމާތު ނަގައިގެން ތަރުޖަމާކޮށްފައިވާ ލިޔުމެކެވެ. މި ފޮތަކީ މަޙުމޫދު އަޙްމަދު ޣައްޡަންފަރު އުރުދޫ ބަހުން ލިޔުއްވައިފައިވާ ފޮތެއްގެ އިނގިރޭސި ތަރުޖަމާއެކެވެ.}
Advertisement
13 ޑިސެމްބަރ 2023