އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާޑު ތަކުން ބޭރުފައިސާ ނަގާ މިންވަރު ކުޑަކުރަން ބީއެމްއެލް އިން ނުނިންމާ ކަމުގެ ޔަގީންކަން މާލީވުޒާރާއަށް އެބޭންކުންދީފި

ކާޑު ތަކުން ބޭރުފައިސާ ނަގާ މިންވަރު ކުޑަކުރަން ބީއެމްއެލް އިން ނުނިންމާ ކަމުގެ ޔަގީންކަން މާލީވުޒާރާއަށް އެބޭންކުންދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 32 ސިކުންތު

ކާޑު ތަކުން ބޭރުފައިސާ ނަގާ މިންވަރު ކުޑަކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމުގެ ޔަގީންކަން އެ ބޭންކުން ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބީއެމްއެލް ގެ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުން ބޭރުފައިސާ ނަގާ މިންވަރު ކުޑަ ކުރާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމަށެވެ. އަދި އިގްތިސާދީ މިފަދަ މައްސަލަ ތަކުގައި، ރައްޔިތުން ކަންބޮޑުވާނެ ފަދަ މޭރުމަކުން ހަބަރުތައް ނުފެތުރުމަށާއި، ޒިންމާދާރު ކަމާއި އެކު މައުލޫމާތުގެ ސައްހަ ކަން ކަށަވަރު ކުރުމަށް ވެސް ރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް ބަލައި، ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެ މިނިސްޓްރީ އާއި އެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ. އަދި ހަމައެއާއިއެކު، ދިވެހި ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުމުގެ މަގުތައް ސަރުކާރުން ފަހު ކުރަމުންދާ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ގައުމަށް ކުރިމަތި ވެފައި ހުރި މާލީ ދަތި ތަކުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރި ކަމަށް ހެޔޮ ބަދަލެއް ސަރުކާރުން ގެނެސްދޭނެ ކަމުގެ ޔަގީން ކަން މިނިސްޓްރީން ވަނީ ދީފައެވެ.

މިކަމާއި ގުޅިގެން ބީއެމްއެލް އިން ބުނީ ބޭރު ފައިސާ ލިބުމުގައި ބޭންކަށް ދިމާވާ ދަތިތަކާ ގުޅިގެން ރުފިޔާ އެކައުންޓްތަކުން ބޭރުފައިސާގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓްތައް މުރާޖައާ ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް ބޭންކުން ވަކި ލިމިޓެއް ކަނޑަނާޅާ ކަމަށާއި، އާ ލިމިޓަށް އަމަލު ކުރަން ފަށާނެ ތާރީހެއްވެސް ކަނޑައަޅާފައި ނުވާ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު