އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތުއްތު ދަރިފުޅަށް ކާންދޭން ފެށުމާއި ސަމާލުވާންވީ ބައެއް ކަންތައްތައް

ތުއްތު ދަރިފުޅަށް ކާންދޭން ފެށުމާއި ސަމާލުވާންވީ ބައެއް ކަންތައްތައް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 27 ސިކުންތު

ތުއްތު ދަރިފުޅަށް ގާތުން ދިނުމުގެ އެންމެ ހާއްސަ މުހިންމު ހަމަސްދުވަސް ނިމުމަށްފަހު ދެން އެންމެ ހާއްސަ ކަމަކީ ދަރިފުޅަށް ކާންދޭން ފެށުމެވެ. ދަރިފުޅަށް ކާންދިނުމުގައި ފުރަތަމަ އަނގައިގައި ޖައްސާނީ، ކިރިޔާ ރަހަލާ ވަރުގެ ކުދިކުދި އެތިކޮޅުތަކެވެ. ކުއްޖާގެ އަނގައިގައި ތަފާތު ރަހަތައް ޖެއްސުމުން އެރަހަތަކަށް ކުއްޖާ ހޭނެން ފަށާނެއެވެ. ތުއްތުދަރިފުޅު ރަހަތަކަށް ހޭނުމަށް ވަގުތު ބޭނުން ވާނެއެވެ. 

ފުރަތަމަ ކަމަކަށް ތުއްތު ދަރިފުޅަށް ދޭންވާނީ ކުޑަކުޑަ މިންވަރެއްގެ އެތިއެތިކޮޅުންނެވެ. ތުއްތު ދަރިިފުޅު ކެއުމުގެ ގަޑިތަކަށް ހާނުވައި އެގަޑިތަކަކީ ކެއުމަށް ހާއްސަ ގަޑިތަކެއްކަން ތުއްތު ސިކުނޑިއަށް ވިސްނޭނެ ހެން ގަޑިތައް ކަނޑައަޅަން ވާނެއެވެ.  ފުރަތަމަ ދުވަހު ދަރިފުޅަށް ކެއުމުގެ ރަހަ ދައްކާނީ ހެނދުނާއި ހަވީރެވެ. ހަމައެކަނި ދުލުގައި ރަހަ ޖައްސާލުމުން ފެށުމަށްފަހު އަނެއްދުވަހު ހާއްސަ ގަޑިއެއް ކަނޑައަޅައި، ތުއްތު ދަރިފުޅަށް ކާންދޭން ފަށަންވީއެވެ.

ކޮންމެ ކުއްޖަކަށްވެސް ކާންދޭން ފެށުމުގެ ކުރިން ކުއްޖާ ޑޮކްޓަރެއް އަދި ޑައެޓީޝަނެއްގެ ހިޔާލު ހޯދުން މުހިންމެވެ. ދަރިފުޅަށް ކާންދޭން އެންމެ ރަނގަޅީ ގޮވާމުގެ ބާވަތްތަކެވެ. ހަނޑޫ، ޒުވާރި، ބާރުލީ، އޯޓްސް، ބިންބި ފަދަ ބާވަތްތަކެވެ. ހަމައެކަނި ތަރުކާރީ ނުވަތަ މޭވާ ކާންދިނުމަކީ ދަރިފުޅުގެ ބަރުދަން ލުއިވާން ދިމާވެދާނެ ކަމެކެވެ. މޭވާއާއި ތަރުކާރީއަކީ ރަނގަޅު ބާވަތްތަކެކެވެ. އެހެންނަމަވެސް ހަމައެކަނި މޭވާ ނުވަތަ ތަރުކާރީ ދިނުމުން ކުއްޖާއަށް، ރަހަގަދަ ކެއުމަށް ހޭނުމުން، ރަހަމަޑު ކެއުމާ ދުރުވާން ފަށާނެއެވެ.

ކާންދޭން ފެށިކަމުގައިވިޔަސް ދަރިފުޅަށް ކާންދީ ނިންމުމަށްފަހު ގާތުން ދިނުމަށް ހާއްސަ އިސްކަމެއް ދޭންވާނެއެވެ. ތުއްތުދަރިފުޅަށް އަބަދުވެސް އެންމެ ރަނގަޅު ކާނާއަކީ ހަމަ މައިމީހާ ގާތުންދޭ ކިރެވެ.

ކާންދޭން ފެށިކަމުގައިވިޔަސް ދަރިފުޅަށް ދެއަހަރުވަންދެން ގާތުންދިނުމަކީ މުހިންމުކަމެކެވެ. ތުއްތު ދަރިފުޅަށް ކާންދޭން ފެށުމަށްފަހު ދެން އެންމެ މުހިންމު އަދި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ އަނެއްކަމަކީ ކުއްޖާގެ ގައިގަ ކެއުމުގެ އާދަތައް ހަރުލައްވާނެ ގޮތެކެވެ. މިއުމުރުގައި ހަރުލައްވާ އާދަތަކަކީ ފަހުން ދަރިފުޅު ކެއުމުގެ އަދަބުތަކަށް ހޭނުވުމަށް ނުހަނު ފަސޭހަވެގެންދާނެ ކަމެކެވެ. ހަގީގަތުގައި ތުއްތު ދަރިފުޅު ކެއުމުގެ މި އުސޫލުތައް ހުންނާނީ ބޮޑުވާން ފަށާއިރު އިތުރު ބުނުމަކާ ނުލައި ދަރިފުޅުގެ ގައިގަ ހަރުލާފައެވެ.

އަޅުގަނޑުމެނަށް ވަރަށް އާންމުކޮށް ރަށްރަށުން ފެންނަ މަންޒަރެއް ހިއްސާކޮށްލާނަމެވެ. ގޭގެ ގޯތިތެރެއަށް ކުއްޖާ ދޫކޮށްލާފައި ހުންނައިރު ކާންދޭމީހާ ތަށިހިފައިގެން ކުއްޖާ ފަހާ ދުވަން ޖެހެއެވެ. ކުއްޖާ ކައި ބަނޑުފުރަނީ އެގޮތަށް ދުވެ ސަކަރާތް ޖެހުމުގެ ތެރޭގައި ހުރެގެންނެވެ. ވަރަށް އާންމުކޮށް ގޭގޭގެ ދޮރާށި ދޮށުގައި ނޫނީ ގޭމަގުގައި ކުއްޖާއަށް ކާންދޭން ތަށިހިފައިގެން ނުކުމެ ތިބޭތަންވެސް ފެނެއެވެ. ބައެއް މީހުން މިއީ ރަނގަޅުގޮތެއް ނޫނޭ ބުނުމުން ޖަވާބުގައި ބުނެއެވެ.

"މިހެން ދުވެފުމެމުންވެސް ކާއެތިކޮޅު ހުސްކޮށްލައެއްނު. އެނިމުނީ." އެކަމަކު އެއީ ނިމުމެއް ނޫނެވެ. އެއްކަލަ ކުއްޖާ ބޮޑުވެ މީހަކަށްވިޔަސް މޭޒުދޮށުގައި އިނދެ ކެއުން ވާނީ އުނދަގޫކަމަކަށެވެ. އޭގެ ބަދަލުގައި އެކުއްޖާ ބޭނުންވާނީ ކޮންމެވެސް އެހެންތަނެއްގައި އެހެންކަމެއް ކުރަމުން ކެއުން ކުރިއަށް ގެންދާށެވެ.

އެހެންކަމުން އިސްކަންދޭންވީ ތުއްތު ދަރިފުޅު އަމިއްލައަށް ކެއުމަށް ފުރުސަތު ދީ ހޭނުވުމެވެ. ގާތްގަނޑަކަށް ހަތްމަސް އަށް މަހުގައި ތުއްތުދަރިފުޅުގެ އަތަށް ބައެއްކަހަލަ ކާނާ އެތިއެތިކޮޅުން ދެވިދާނެއެވެ. އަދި ނުވަމަސް، ދިހަމަހުގައި އަތުން ކާން އާދަ ކުރުވަން ފެށިދާނެއެވެ. ދަރިފުޅަށް ކާންދިނުމަށް އެންމެ ރަނގަޅު ގޮތަކީ އެކަމަށް ހާއްސަ ގޮނޑީގައި ކެއުމަށް ކަނޑައެޅިފައިވާ މޭޒުމަތީ ތަށިތައް ބެހެއްޓުމަށްފަހު ދަރިފުޅު އަމިއްލަ އަތުން ކެއުމަށް ފުރުސަތު ދިނުމެވެ. މިއީ އުނދަގޫ ވާހަކައަކަށް ވެދާނެއެވެ. އެހެންނަމަވެސް އަޖުމަ ބަލާލަން މިގޮތަށް ކަންތައް ކޮށްލުން ރަނގަޅެވެ. ޔަގީނުންވެސް މިއީ ދަރިފުޅު ކިތަންމެ ތުއްތު ނަމަވެސް އުނދަގުލުން ވިޔަސް އަމިއްލަ އަތުން ކާން ފެށުމަށްފަހު ގަޔާވެގެން އެކަން އާދަކުރާނެއެވެ. އެކަމަކު ތުއްތު ދަރިފުޅު އަމިއްލައަތުން ކެއުމުން، ކުއްޖާއާއި މޭޒު އަދި މޭޒުކައިރީ ބިންމައްޗާއި ގޮނޑިވެސް ހުންނާނީ ހަޑިވެފައިކަން ގައިމެވެ. ސާފުކުރުމުގެ މަސައްކަތް ކުރަން ޖެހުނަސް ނަތީޖާ ކިތަންމެހާވެސް ފޮނިވެފައި ފުރިހަމވާނެކަން ޔަގީނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު