އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސެޕްސިސްގެ ސަބަބުން ފައިބުރިކޮށްލާފައިވާ އައިޝަތަށް ޕްރޮސްތެޓިކް ފަޔެއް ޖެހުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ބޭނުންވަނީ ދީލަތި އެހީ

ސެޕްސިސްގެ ސަބަބުން ފައިބުރިކޮށްލާފައިވާ އައިޝަތަށް ޕްރޮސްތެޓިކް ފަޔެއް ޖެހުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ބޭނުންވަނީ ދީލަތި އެހީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 37 ސިކުންތު

ތ. ތިމަރަފުށީ ލުނބޯމާގޭ، 39 އަހަރުގެ އައިޝަތު މޫސާއަކީ އޭނާގެ ފިރިމީހާއާއި ދެކުދިންނާ އެކު އަމިއްލަ ރަށުގައި އުފާވެރި ދިރިއުޅުމެއް އުޅެމުން އަންހެނެކެވެ. އޭރު އޭނާގެ ސިއްހަތުވެސް ހަމަ އެންމެ ރަނގަޅެވެ.

މިއަދު 13 އަހަރުގެ އަންހެން ދަރިފުޅާއި 9 އަހަރުގެ އަންހެންދަރިފުޅުގެ ޒިންމާ އުފުލުމަށް ނުކުޅެދިފައި އިނަސް، މީގެ 5 އަހަރު ކުރިން ސުކޫލަށް ދަރިންކޮޅު ލައި އެކުދިން ސުކޫލުން އަނބުރާ ގެންގޮސް އެހެނިހެން ކަންތަކުގައިވެސް ހޭލަމޭލަވެ އުޅުނީ ހަމަ ނުހަނު ހޭލަމޭލަކޮށް ހީވާގިކޮށެވެ،

އެހެންނަމަވެސް ފަސް އަހަރު ކުރިން ނުވެސް ދެނެ ހުއްޓައި އެއްދުވަހެއްގެ ހެނދުނުގެ އިރު އެރީ އައިޝަތަށް ނުރައްކާތެރި ކަމުގެ ނިޝާނެއް އޭނާގެ ފިޔަވަޅަށް ދޫކޮށްފައެވެ. މިއަދު އޭނާ ތަހައްމަލު ކުރަމުން އެދާވޭނުގެ ފެށުމަކީ ހަމަ އެންމެ ކުޑަކުޑަ ފޮޅެކެވެ. ނުހަނު ހަމަޖެހިގެން އުޅެމުން އައި ހަޔާތުގައި ހިތްދަތި ކެތްކުރަން ނުހަނު ދަތި ނިކަމެތި ހާލަތަކަށް ދިރިއުޅުން ވެއްޓުނީއެވެ.

ފާއިތުމިވީ 5 އަހަރު ތެރޭ އެތައް ހަރުފަތްތަކެއް ސިއްހީ ނިކަމެތިހާލުގައި އެތަކެއް ވޭނުގައި އުޅެމުން އައިސް މިއަދު ހިނގާބިނގާވެ އުޅުމުންވެސް މަހުރޫމު ވެފައި އިން އައިޝަތު އޭނާގެ ހާލުގެ ދުލުން "މިއަދު" ނޫހަށް ހިއްސާ ކޮށްދިނީ ދީލަތި އެހީއަށް އެދޭކަމަށް ނުހަނު އާދޭހާއެކު ބުނަމުންނެވެ.

ފަސް އަހަރު ކުރިން ގައިގައި އަޅަން ފެށި ވޭން ތަކަކުން އަދި ފިޔަވަޅު މަތީގައި ނެގި އެންމެ ފޮޅެއް ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވެ މުޅި ހަށިގަނޑުގައި ހިނގާ ލޭގައި ޖަރާސީމު އަށަގަންނަ ގޮތްވީއެވެ. އޭރު އެދިމާވީ ކަމަކީ ކިހިނެއްވެގެން ވީ ކަމެއް ކަމެއް ކޮން ސަބަބަކުން ދިމާވި ކަމެއް ކަމެއް ރާއްޖޭގެ ޑޮކްޓަރުންނަށް އެންމެ ފުރަތަމަ ނޭނގެއެވެ. ނަތީޖާ ވަރަށް ދެރައެވެ. ފައިގައި ފޮޅުނަގައި އެފޮޅުތަކުން ދޮސްފައިބަން ފެށީއެވެ.

އައިޝަތުގެ ހަށިގަނޑުގެ އެކިތަންތަން އަދިވެސް ދަނީ ފާރުވަމުންނެވެ. އަދިވެސް އަތުގައާއި އިނގިލިތަކުގައި ނެގި ފޮޅުތައް އިރާދަކުރައްވައިގެން ރަނގަޅުވިޔަސް ސަލާމަތުން ހުރި ފައި މަޑުމަޑުން ހަލާކުވަމުންދާކަމަށް އައިޝަތު ވަނީ ބުނެފައެވެ.

ރާއްޖެއިން ޑޮކްޓަރުންނަށް އައިޝަތުގެ ފަޔަށް ވަމުންދިޔަ ގޮތް ބުނެނުދެވުނީ ނޭނގިގެން ކަމެއް ނުވަތަ އެހެން ސަބަބަކާ ހެދިކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އެނގޭކަމަކީ ފައިގެ ހާލަތު ދެރަވެ އެއް އޮޕަރޭޝަނުން ރަނގަޅު ނުވިކަމެވެ. ފުރަތަމަ، ފިޔަވަޅުގެ މަތިން ކުޑަހުޅާ ހަމައިން ބުރި ކޮށްލީ ފައިތިލައެވެ. ދެންވެސް ރަނގަޅެއް ނުވިއެވެ. ދޮހާއި ދޮސްފެންލޭ ފައިބަނީ ބަލަބަލައި އިންދާ ކޯރުލައިފައެވެ. ބެންޑޭޖްކޮށް ކުނިވެ މުޅި ފައިގެ ބޭނުން ކެނޑިގެން އެންމެ ފަހުން ބުރިކޮށްލަން ޖެހުނީއެވެ. ފައިމައްޗަށް ކޮޅަށް ހުރި، ފުރިހަމަ ސިއްހަތުގެ ވެރިޔާ ބަލި، އުނިމީހަކަށްވީއެވެ.

އިންޑިޔާއިން ސެޕްސިސްއަށް ޑައިގްނޯސް ކުރިއިރު އައިޝަތުގެ ފައި ޖެހުނީ ބުރިކޮށްލާށެވެ. ރާއްޖެއިން މިއީ ސެޕްސިސް ކަމަށް ބުނެނުދިން ސަބަބެއް ނޭނގޭ ކަމަށް، އައިޝަތު ހައިރާންކަމާއި އަސަރާއެކު ބުންޏެވެ. ހަމައެންމެ މިވީފަސް އަހަރު ތެރޭގައި އައިޝަތުގެ މުޅި ދިރިއުޅުންވެސް ބަދަލުވެ އެފުށްމިފުށަށް ޖެހުނީއެވެ.

އައިޝަތުގެ ފައި ބުރިކޮށްލަން މިދިމާވި މައްސަލަ "ސެޕްސިސް" މިއީ ދުނިޔެއަށް އާންމުކަމެއް ނަމަވެސް ރާއްޖެއިން ފެންނަލެއް މަދު މައްސަލައެކެވެ. އެހެންވިޔަސް މިއީ ދިވެހިންވެސް ހޭލުންތެރިވާން ޖެހޭ މައްސަލައެކެވެ. މިއީ އަމިއްލަ ހަށިގަނޑަށް ހަށިގަނޑުން އަންނަ ރީއެކްޝަނެއް ނުވަތަ އިންފެކްޝަނެއް ޖެހުމުން އެ ރަނގަޅު ނުވާނެކަން ހަށިގަނޑަށް އެނގުމުން އެބައި ހަށިގަނޑުން ނައްތާލުމަށް ހަށިގަނޑު އަމިއްލައަށް ދޭ ރައްދަކުން ޖެހޭ ބައްޔެކެވެ. އެހެންކަމުން މިއީ އަޅުގަނޑުމެން ދިވެހިން ހޭލުންތެރިވާން ޖެހޭ ސީރިޔަސް ބައްޔެކެވެ.

"މިހާރު އާޓިފިޝަލް ފަޔެއް ޖަހަން ވެގެން، އޭރު ބުރިކޮށްލި ފައިގެ ސަބަބުން ގޮނޑީގައި ކޮށިގަނޑު ބޭނުންކޮށްގެން އުޅެމުން އައީ، އެކަމަކު މިހާރު ފައިދަށްފުށަށް ހޫނުވެފައި ހުންނަނީ، އިނގިލިތަކުގައި ފޮޅުނަގައި، ވަރަށް ވޭނުގައި އުޅެމުން މިދަނީ، އެންމެ ދެރަވާ އުނދަގޫ ވާކަމަކީ ރޭގަނޑު ނުނިދޭކަން، މިހާރު 6 މަސްވީ އެއްގޮތަކަށްވެސް ނުނިދޭތާ،"

އައިޝަތުގެ އާޓިފިޝަލް ފައެއް ޖެހުމަށް ބޭނުންވެގެން އާސަންދައާއި އެންސްޕާ އިން އެކަންތައް ހަމަޖެހިފައި އޮތްކަމުގައި ވިޔަސް އެހިސާބަށް ގޮސް ބޭސް ފަރުވާ ފިޔަވައި ކުރަން ޖެހޭ އެހެނިހެން އަސާސީ ކަންތައްތަކަށް އެއްވެސް ލާރިއެއް ނެތްކަން އޭނާ ފާހަގަކުރިއެވެ.

"މިހާރުވެސް މި އުޅެނީ އުޅެވިގެންނެއް ނޫން، ފިރިމީހާއަށް ލިބޭ ހަތަރުހާސް ރުފިޔާއިން ވިއްޔާ ވީ، ނުވިއްޔާ ނުވީ، ކުދިންގެ ކަންކަން ވެސް އަޅުގަނޑަށް އަމިއްލައަށް ނުކުރެވޭތީ މީހުންލައްވައި ކުރުވަން ޖެހެނީ، އަޅުގަނޑުގެ މަންމައަކީވެސް ބަލިމީހެއް، ގޭގައި އަޅުގަނޑަށް އެހީވާން ހުންނަނީ ހަމައެކަނި ފިރިމީހާ، އެހެންވީމަ އޭނާއަށް އެހެން މަސައްކަތެއްވެސް ނުކުރެވޭ. އަޅުގަނޑަށް ކުރިން ކޮށިގަނޑުގައި އުޅެވޭ، އެހެންނަމަވެސް މިހާރު ހަމަ އެއްވެސް ކަމެއް ނުކުރެވޭ،"

ޕްރޮސްތެޓިކް ފައެއް ޖެހުމަށް ރާއްޖެއިން ބޭރަށް ދާން ޖެހިފައިވާއިރު ހަމައެކަނި ބޭސްފަރުވާގެ ކަންކަން އާސަންދައިން ހަމަޖެހުނަސް، ގޮސް ތިބުމާއި، ކެއުން ފަދަ ހަރަދުތަކަށް ފައިސާ ބޭނުންވާއިރު އައިޝަތުގެ އާއިލާގައި އެއްވެސް ފުދުންތެރި ފަރާތެއް ނެތުމުން މިފަދަ ހަރަދެއް ކުރެވޭނެ އެއްވެސް ފަދައެއް ނެތެވެ.

އެހެންކަމަށްވުމާއެކު، އައިޝަތުގެ ބުރިކޮށްލާފައި ހުރި ފައިގެ ބަދަލުގައި ޕްރޮސްތެޓިކް ފަޔެއް ޖެހުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ދީލަތި އެހީތެރިކަމަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި އޭނާއަށް އެހީގެ އަތެއް ދިއްކޮށްލަދެއްވާށެވެ.

އައިޝަތު އެދެނީ އޭނާގެ މިނިކަތި ހާލަށް އެހީވެ ބޭސްފަރުވާ ކުރުމަށް ﷲގެ ވަޖުހު ފުޅަށްޓަކައި ދީލަތި އެހީއެއް ވާނެ ފަރާތެއް ހުރިނަމަ އެއެހީތެރިކަން ފޯރުކޮށްދިނުމެވެ. އައިޝަތަށް އެހީވުމަށް އެދޭ ފަރާތެއްވާނަމަ ތިރީގައިމިވާ ނަންބަރަށް ގުޅުއްވާލައްވާށެވެ.

 

އައިޝަތު މޫސާ: 7593110

ބީއެމްއެލް ރުފިޔާ އެކައުންޓް، އައިޝަތު މޫސާ: 7730000259840

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު