އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 10 ސިކުންތު
ޙަރާމް ކަމެއް ކުރަން ފިރިމީހާ އަމުރުކުރާނަމަ އެކަމަށް ކިޔަމަންތެރިވާންޖެހޭނެތޯ؟
މިސުވާލު އަޅުގަނޑު މިކުރަނީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއަށް ޖެހިގެންއުޅޭ ކަމަކާއި ގުޅިގެންނެވެ. ފިރިމީހާގެ ގެ އަޅަން ބޭންކުން ލޯނު ނަގަން ބޭނުންވާ ގަރަންޓީ ފިރިމީހާގެ ބޮސް ހުރީ ދޭން ތައްޔާރަށެވެ. ނަމަވެސް ޝަރުޠަކީ އަނބިމީހާ އާއި ބޮސް ޖާމިނުކޮށްދިނުމެވެ.
އަނބިމީހާ (އަޅުގަނޑުގެ އެކުވެރިޔާ) އެކަމަށް އެއްބަސްނުވާތީ މިހާރު ދަނީ ބިރުދައްކަމުންނެވެ. ވަރިކުރާނެ ކަމަށްވެސް އެބަ ބުނެއެވެ. މިޙާލަތުގައި އަނބިމީހާ ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟
ކިޔުންތެރިޔާއަށް ބުނެލަންއޮތީ ކުރަން އޮތް އެންމެ ރަނގަޅުކަމަކީ ދައްޔޫސް ފިރިމީހާގެ ކިބައިން އަވަހަށް ސަލާމަތްވުމެވެ. ﷲ އަށް ބިރުވެތިވެ ޙަޔާތުގެ ދެން އޮތް ބައި ﷲ އަށް ވަކީލްކުރުމެވެ. އެކަންކޮށްފިނަމަ ﷲ އެމީހަކު ނިކަމެތިނުކުރައްވަވާނެތެވެ.
ތިރީގައިވާ ވާހަކައިން ޢިބްރަތް ޙާޞިލުކުރައްވާށެވެ!
އެއިރު ކައިވެންޏަށް 7 އަހަރެވެ. 2 ދަރިން ލިބިފައިވީނަމަވެސް ޢާޞިމާއަކީ މިހާރުވެސް ބަލައިލަން ވަރަށް ރީތި ކުއްޖެކެވެ. ޢާޞިމާގެ އެންމެ ބޮޑަށް ފާހަގަކުރަންޖެހޭ ސިފައަކީ އަޚާލާޤާއި ތަޤްވާވެރިކަމެވެ.
ދެމަފިރިންވެސް ވަޒީފާ އަދާކުރަނީ އަމިއްލަ ކުންފުންޏެއްގައެވެ. އާޞިމާގެ ފިރިމީހާއަކީ ކުންފުނީގެ ހިއްޞާދާރެއް ނޫންނަމަވެސް ވެރިއެކެވެ. ޢާޞިމާއަކީ ބޮސްގެ ސެކެޓްރީއެވެ. އެހެންވެ ބޮސް އާއި ފިރިމީހާ އެކަނި ކުރިއަށް ގެންދާ ބައްދަލުވުންތަކަށްވެސް ސައި/ ކޮފީ ގެންގޮސްދޭން ޢާޞިމާއަށް ޖެހެއެވެ.
ބޮސްގެ ކޮޓަރީގައި ދެމީހުން ބޭއްވި ބައްދަލުވުމަކަށް ޢާޞިމާ ކޮފީ ގެންގޮސްދިން ދުވަހެކެވެ. ކޮފީތަށި ބަހައްޓާފައި ޢާޞިމާ ބޭރަށް ނުކުތްތަނުން ކުއްލިއަކަށް ބޮސް ޢާޞިމާގެ ގައިގައި އަޅައިގެންފިއެވެ. އެންމެ ރެއަކަށް ނަމަވެސް ޢާޞިމާ އާއިއެކު ނިދާލަން ލިބިއްޖެ ނަމަ ވަޒީފާގެ ޕްރަމޯޝަނެއްދީ މުސާރަ ބޮޑުކޮށްދޭނެ ކަމަށްވެސް ބުނެފިއެވެ.
ބޮސްބުނީ ޢާޞިމާޢަކީ އޭނާއަށް ވަރަށް ކަމުދާ އަންހެނެއް ކަމަށެވެ. އެހެންވެ އަގު ބޮޑު ހަދިޔާ ފަދަ ތަކެތި އޭނާއަށް ދޭން އެކިފަހަރުމަތިން މަސައްކަތްކުރި ކަމަށާއި ނަމަވެސް އެއްވެސް ފަހަރަކު އެއްވެސް އެއްޗެއް ބޭނުންނުކުރާކަމަށެވެ.
އެވަގުތު ޕްރަމޯޝަނާއި ބޮޑު މުސާރައަށް ދަހިވެތިކަން ބޮޑުވީވަރުން އެދައްކަނީ ތިމާގެ އަމިއްލަ އަނބިމީހާ އަދި 2 ދަރިންގެ މަންމަ އަދި އޭނާ ދެކެ ނިހާޔަތަށް ލޯބިވާކަމަށް އޭނާގެ ގާތުގައި ބުނަމުން އަންނަ އަނބިމީހާގެ ވާހަކަކަމާއިމެދު ވެސް ވިސްނައެއް ނުލެވުނެވެ. ބޮސް އާއި ވަކިވީ ބޮސް ބޭނުންވާ ގޮތަށް އެކަމަށް މަސައްކަތްކޮށްދޭނެ ކަމުގެ ވަޢުދުވެފައެވެ.
ހަމަ އެރޭ ނިދަން ތިބެގެން ޢާޞިމާ ގާތު އެވާހަކަތައް ދައްކައިފިއެވެ. އެންމެ ރެއަކު ބޮސް އާއިއެކު ހޭދަކޮށްލައި ދިނުމުން ލިބޭ މަގާމާއި މުސާރައިގެ ކުރިއެރުމުގެ ފައިދާ މުޅި އުމުރަށް ކުރާނެ ކަމަށް ބުނެވެސް ޢާޞިމާގެ ބޮލަށް ޗިޕް ޖަހަން މަސައްކަތްކުރިއެވެ. ޢާޞިމާ ބުނީ ޙެނދުނުން ޖަވާބުދޭނެ ކަމަށެވެ.
ހެނދުނު ދެމީހުން އެކުގައި ސައިބޯން ތިބެފައި ފިރިމީހާ އެވާހަކަތައް ފެށުމުން ޢާޞިމާ ބުންޏެވެ. "ވިސްނައިލާށެވެ! ދީނުން ބޭރުވެ ޢިއްފަތްތެރިކަން ނަގާލައި އަބުރާ ޢިއްޒަތް ވިއްކާލެވެން މިޖެހެނީ އަހަރެންގެއެވެ. ބޮޑުމަޤާމާ ބޮޑު މުސާރަ ކަލެއަށެވެ! އެކަންކަން ޙާޞިލުވާއިރަށް ވަރިކޮށްލާފައި މާ ޒުވާން، މާގަޓްހުރި ކުއްޖަކާއެކު ދުވެ ފިލީމާ ދުނިޔެވެސް އާޚިރަތްވެސް ގެއްލުނީއެވެ. އަދި ދުނިޔެއިން ކިތަންމެ ބޮޑު މަންފާއެއް ލިބެން އޮތްނަމަވެސް އާޚިރަތް ގެއްލޭނެ ކަމެއް ކުރަން އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ވީމާ ތިއަ ޑީލް ޤަބޫލުކުރެވޭކަށް ނެތެވެ."
އެދުވަހު ޢާޞިމާ އޮފީހަކަށް ނުދެއެވެ. ސަލާމް ބުނެފައި ގޭގައި ހުރީއެވެ. އެރޭ ފިރިމީހާ އޮފީހުން ގެއަށް އައިސް ކޮޓަރިއަށް ވަދެފައި ޢާޞިމާޢަތަށް ދިއްކޮށްލީ ފައިސާތަކެއް އަޅާފައި ހުރި ދަބަހެކެވެ. ބުނީ މިއީ ބޮސް ޢާޞިމާއަށް ދިން ހަދިޔާއެއް ކަމަށާއި އެކަން ނިމުމުން ޢާޞިމާއަށްވެސް ވަޒީފާގެ ގޮތުން ރަނގަޅު ގޮތްތައް ހަދައިދޭނެ ކަމަށެވެ.
ޢާޞިމާ އަނގައިންވެސް ނުބުނެ ކޮޓަރިން ނުކުމެގެން ގޮސް ފޯނުކުރީ ފުލުހުންނަށެވެ. ފުލުހުން ގެނުވާފައި އެފައިސާ ދަބަސްދައްކާފައި ފިރމީހާ ދެއްކި ވާހަކަތަކުގެ ރެކޯޑިންގ ފޯނުން އަޑު އިއްވިއެވެ. އަދި ފުލުހުންގެ ކިބައިން އެދުނީ ފައިސާއަށް އަނބިމީހާ ވިއްކާ މީހެއްގެ ގޮތުގައި މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އަދި އެ ފައިސާތައްވެސް ވަގުތުން ގެއިން ނެރެދޭން ފުލުހުންގެ ކިބައިން އެދުނެވެ. އެހެންވެ ފުލުހުން ފިރިމީހާ ގޮވައިގެން ދިއައީ ފައިސާތައްވެސް ހިފައިގެންނެވެ.
ފިރިމީހާ ގޮވައިގެން ފުލުހުން ގެއިން ނުކުންނަން ފެށީމާ ޢާޞިމާ ބުންޏެވެ. "މިހައިތަނަށް އަހަރެން ހީކުރީ ކަލެއަކީ އަހަރެންގެ މަސަގަނޑު ދެކެ ލޯބިވާ އަދި އަހަރެން ގޮވައިގެން ސުވަރުގެދާންވެސް ަމސައްކަތްކުރާ މީހެއް ކަމަށެވެ. ނަމަވެސް ފައިސާކޮޅެއްގެ ދަހިވެތިކަމުގައި ތިއަ ބޭނުންވީ އަހަރެން ހިލޭ ފިރިހެނަކަށް ވިއްކައިލާށެވެ. އަހަރެންވެސް ނަރަކައަށް ފޮނުވައިލާށެވެ! އަޅެ ތިއައީ އިންސާނެއް ހެއްޔެވެ؟ މުސްލިމެއް ހެއްޔެވެ؟"
ފިރިމީހާ މަސައްކަތްކުރި ކުންފުންޏަކީ މަޝްހޫރު ކުންފުންޏެއް ކަމަށްވުމުން އެކުންފުނީގެ ވެރިއަކު އެފަދަ މައްސަލައެއްގައި ބަންދުވި ޚަބަރު އިސާހިތަކު ޢާންމުވެއްޖެއެވެ. ނޫސްވެރިންތައް މައުލޫމާތު ހޯދަން ގޭދޮށަށް އެއްވާން ފަށައިފިއެވެ.
އެވަގުތު ބޮސް ވަރަށް ގިނައިން ޢާޞިމާގެ ފޯނަށް ގުޅިއެވެ. މައްސަލަ އޮއްބައިލެވޭތޯއެވެ! ނަމަވެސް ޢާޞިމާ ފޯނެއް ނުނަގައެވެ. ފޯނު ނުނެގުމުން ޢާޞިމާ ހޯދަން އައިސް ކާރުން ފޭބިތަނުން ނޫސްވެރިން ބޮސް ވަށާލައިފިއެވެ. ނޫސްވެރިން ސުވާލުތައް ކުރަން ފެށުމުން ދެކޮޅު ނުޖެހޭ ޖަވާބުތަކެއް ދީފައި ދެން ފަހުން ފަހުން ކިޔަމުން ދިއައީއެވެ.
ޢާޞިމާގެ ބަޔާނަށްފަހު ވަގުތުން ޓީވީ ތަކުގެ ސްކްރީނަށް ޢާޞިމާގެ ވާހަކަ އަރުވަންފެށީ އަހަރުގެ އެންމެ ވިސްނުން ތޫނު، އެންމެ ބުއްދިވެރި ބަސްބުނެ، އެންމެ މޮޅު ފިޔަވަޅު ހަމަ ވަގުތުން އަޅަން ކެރުނު އަނބިމީހާގެ ގޮތުގައެވެ. ހަމަ އެއާއެކު އެހައި ގިނަ ފައިސާ އަތްމައްޗަށް އެރުމުންވެސް ޢިއްފަތްތެރިކަން ކުރިއަށް ނެރެ ބޭނުން ނުކުރިކަންވެސް ފާހަގަކުރިއެވެ.
ދެންވީގޮތް އެނގޭތޯއެވެ؟ މީސްމީހުން ޢާޞިމާ އާއި ބައްދަލުކޮށް ހަދިޔާގެ ގޮތުގައި އެތައް ބައިވަރު ފައިސާދިނީއެވެ. ނަތީޖާއަކަށްވީ ވަޒީފާއެއް އަދާނުކޮށް އަމިއްލައަށް މަސައްކަތްކޮށްގެން އުޅެވޭވަރުގެ އާމްދަނީއެއް ހޯދޭނެ މަގު ފަހިވުމެވެ. މިއަދު ޢާޞިމާއަކީ ފެންވަރު ރަނގަޅު 2 ރެސްޓޯރަންޓް ހިންގާ އަންހެނެކެވެ.
މިއީ ޜާއްޖޭގައި ހިނގާފައިވާ ކަމެއް ނޫންނަނަމަވެސް މިފަދަ ކަންކަން ރާއްޖޭގައިވެސް ދަނީ ހިނގަމުންނެވެ. އެނގިތިބެގެން އަނބިން ޖަހައްނަމައަށް ފޮނުވާކަމުގެ މައްސަލަތައް މިދަނީ އިތުރުވަމުންނެވެ. ވީމާ މިބާވަތުގެ ކަންކަމަށް ހޭލުންތެރިވާން އެބަޖެހޭ ނޫންތޯއެވެ!
Advertisement
2 އޭޕްރީލް 2024