އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޤާމުން ވަކިކުރަން ކުރާ މަސައްކަތުގައި ބައިވެރިވެވަޑައި ނުގަންނަވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޑރ. މުހައްމަދު މުއިއްޒު މަޤާމުން ވަކިކުރަން އެމްޑީޕީން ކުރަމުންދާ މަސައްކަތަށް ތާއީދުކޮށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީއެންއެފްގެ މެމްބަރަކު ދެއްކި ވާހަކަތަކަކާއި ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވީ ޕީއެންއެފްގެ ބޭފުޅަކު ރައީސް މުއިއްޒު މަޤާމުން ވަކިކުރަން ތާއީދުކޮށް ވާހަކަ ދެއްކިނަމަވެސް، އެއީ ޕީއެންއެފްގެ ފިކުރެއް ނޫން ކަމަށެވެ. އަދި އެއް ބޭފުޅަކަށް ޕީއެންއެފްގެ ފިކުރު ހާމަކުރެވޭނަމަ އެ ބޭފުޅަކީ އެމަނިކުފާނުކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ "އަޅުގަނޑުމެން މިކަހަލަ ކޮމްޕަލްޝަންއަށް ބޭސްކޮށްފައި އެއްވެސް ކަހަލަ އުސޫލެއް ނެތި ޑްރައިވް ކުރާ އެޖެންޑާތަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރާނަމޭ. އެއްވެސް ކަހަލަ އަސާސެއް ނެތި ރައީސް މުޢިއްޒު އަޒުލު ކުރަން ކުރާ މަސައްކަތަކީ އަޅުގަނޑުމެން ބައިވެރިވާނެ މަސައްކަތެއް ނޫނޭ. އެކަމުގައި އަސާސްތަކެއް ހުރެގެން ބޮޑެތި މައްސަލަތަކެއް ހުރެގެން ދާ ކަމަށްވަންޏާ އަޅުގަނޑުމެން އެކަންވެސް ބަލާނަން" ކަމަށެވެ.
މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް މީގެކުރިން ކުރިއަށްގެންދެވި މަސައްކަތް އަލުން ފައްޓަވާނެކަމަށެެވެ.
Advertisement
19 އޭޕްރީލް 2024