އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދޮށީ އަނބިމީހާގެ އަތުން މަކަރުން ފައިސާ ހޯދައިގެން ދެވަނަ އަނބިމީހާއާ އޭނާއަށް ލިބޭ ދަރިން ބަލަހައްޓާ ބައްޕައިން ގިނަވުން- މުޖުތަމަޢުގަ އިތުރުވަމުން އަންނަ މައްސަލައެއް!

ދޮށީ އަނބިމީހާގެ އަތުން މަކަރުން ފައިސާ ހޯދައިގެން ދެވަނަ އަނބިމީހާއާ އޭނާއަށް ލިބޭ ދަރިން ބަލަހައްޓާ ބައްޕައިން ގިނަވުން- މުޖުތަމަޢުގަ އިތުރުވަމުން އަންނަ މައްސަލައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 55 ސިކުންތު

އަޅުގަނޑުގެ މައިންބަފައިންގެ ފަރާތުން އަޅުގަނޑަށްވަނީ ކޮންމެވެސް ވަރެއްގެ ތަނަވަސްކަމެއް ލިބިފައެވެ. އެހެންވެ އަޅުގަނޑަކަށްވެސް އަދި ގޭގެ ޚަރަދަކަށްވެސް ފިރިމީހާގެ އަތަކުން އެއްވެސް ފައިސާއެއް ނުހޯދަމެވެ. 

ކައިވެންޏަށް މިހާރު 20 އަހަރުވީއެވެ. 2 ދަރިން ބޮޑުވެއްޖެއެވެ. މަތީ ތަޢްލީމަށް ޚަރަދުކުރަން ގިނަ ޢަދަދަކަށް ފައިސާ ބޭނުންވެއެވެ. އެކަމަށް މިދަނީ ތައްޔާރުވަމުންނެވެ. އިން ޝާ ﷲ 

ފިރިމީހާ އަޅުގަނޑަށް އަންގައިވެސްނުލައި ދެވަނަ ކައިވެންޏެއްކޮށް ދަރިއަކުވެސް ހޯދައިފިއެވެ. އެކަމަކާ އަޅުގަނޑު ނުބެހެމެވެ. މައްސަލައަކަށްވަނީ އޭނާއަށް ލިބޭ މުސާރައިން ދެކޮޅު ނުޖެއްސޭތީ ހަގު އަންތބަށާއި ދަރިފުޅަށް ޚަރަދުކުރާނެ ފައިސާއަށް އެދުމުން ނުދޭތީ ރުޅިއައިސް އެއްޗެތި ގޮވާކަމެވެ. 

އަޅުގަނޑުގެ ސުވާލަކީ އޭނާގެ އަނބިމީހާއަށާއި ދަރިފުޅަށް ޚަރަދުކުރާނެ ފައިސާ ނުދިނުމަކީ އަޅުގަނޑު ފާފަވެރިވާނެކަމެއްތޯއެވެ؟ އެއީ އަޅުގަނޑަށް ކުރަންޖެހޭނެ ކަމެއްތޯއެވެ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ އަނބިންނަށާއި ދަރިންނަށް ޚަރަދުކުރަންޖެހޭނީ ކާކުކަން ކައިވެނީގެ ޚުޠުބާގައިވެސް ވަރަށް ރަނގަޅަށް ކިޔައިދެއެވެ. ދީނުގައި ކަންއޮތްގޮތް އެއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ. 

އެއް އަންބަށް ކައިވެނިކޮށްގެން އުޅުނަސް އަނބިމީހާގެ ކިބައިގައި ކިތަންމެ ބޮޑު ތަނަވަސްކަމެއް ހުރިނަމަވެސް އަނބިމީހާއަށާއި ލިބޭ ދަރިންނަށް ޚަރަދުކުރަންޖެހޭނީ ފިރިމީހާއެވެ. އަނބިމީހާ ޚަރަދުކުރާނަމަ އެއީ އޭނާގެ ދީލަތިކަމެވެ. 

ތިއަފަދަ މައްސަލަތައް މިހާރު އަންނަނީ އިތުރުވަމުންނެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! 

އަޅުގަނޑުމެންގެ މަންމައަކީ ތަނަވަސް އަންހެނެކެވެ. ނަމަވެސް ބައްޕަ އަބަދު ފައިސާއަށް އެދެން ފެށުމުން މަންމައަށް ޝައްކުތަކެއް ކުރެވުނެވެ. އެތައް މަސައްކަތަކުން ހޯދައިބެލިއިރު ބައްޕަގެ ދެވަނަ އަންތބަކު އިންނަތާ އެތައް ދުވަހެކެވެ. އަޅުގަނޑުމެންހައި ބޮޑެތި ދަރިންވެސް އެބަތިއްބެވެ. 

އެކަން އެނގުނު ދުވަހުން ފެށިގެން ބައްޕައަށް ފައިސާދިނުން މަންމަ ހުއްޓާލައިފިއެވެ. ބުނީ ދެއަނބިން ހޯދައި އަދި ދަރިންވެސް ހޯދަންވާނީ ތަނަވަސްކަން ހުރިނަމައެވެ. ދެވަނަ އަނބި މީހާއާއި އޭނާއަށް ލިބޭ ދަރިން ބެލެހެއްޓުމަކީ ދޮށީ އަނބިމީހާގެ "ދިޔަފެލައިގެން" ކުރަންޖެހޭނެ ކަމެއް ނޫން ކަމަށެވެ. 

އެހިސާބުން ބައްޕަ ގެއަށް އަންނަނީ ވަރަށް މަދުންނެވެ. އެކަމަށްވެސް މަންމަ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އައިފަހަރަކު ހެޔޮކޮށް ހިތައި ކާންދީ ހަދައެވެ. ޢީދުތަކާއި ގުޅުވައިގެން އަންނައުނުވެސް ދެއެވެ. 

އަޅުގަނޑުގެ އުމުރުން 20 އަހަރުގައި މަންމަ ނިޔާވެއްޖެއެވެ. މަންމަ ނިޔާވުމުގެކުރިން ވަނީ މަންމަގެ ހުރިހާ ތަނަވަސްކަމެއް އަޅުގަނޑުމެން ދެދަރިންގެ ނަމަށް ބަދަލުކޮށްފައެވެ. ބައްޕަގެ މަޅިފަތީގައި ޖެހި ފައިސާ އިސްރާފްނުކުރަން ވަޞިއްޔަތްކުރިއެވެ.  

މަންމަ މަރުވިތަނާހެން ބައްޕަ އައިސް ބުނީ ބައްޕަގެ އެބަނޑުގެ ދޮށީދަރިފުޅަށް ބޮޑު ބައްޔެއް ޖެހިގެން ވަރަށް ގިނަ ފައިސާ ބޭނުންވާ ކަމަށެވެ. މަންމަގެ ވަޞިއްޔަތް ހަނދާންކޮށްލާފައި ފައިސާ ނުދޭން ނިންމުމުން ބުންޏެވެ. "ދަރިފުޅު އަތުގައި ފައިސާހުރެ، ބޭސްފަރުވާ ނުކުރެވިގެން ކޮއްކޮ މަރުވެއްޖެނަމަ ދެރައެއް ނުވާނަން ހެއްޔެވެ؟"  

އެހެންބުނުމުން ދެރަވިއެވެ. ކޮއްކޮގެ ކުށެއް ނެތްކަން ވިސްނުނެވެ. ވީމާ އެހީތެރިވާން ނިންމައި ކޮއްކޮ އާއި ބައްދަލުކުރުމުން ބުނީ ބަލިވެ ނޫޅޭކަމަށެވެ. އަދި ބައްޕަ އެގޭގައި ނޫޅޭތާ ކިތަންމެ ދުވަހެއް ކަމަށާއި މިހާރު އުޅެނީ 8 ދަރިންގެ މަންމައަކާއި ކައިވެނިކޮށްގެން ކަމަށެވެ.  

އެހިސާބުން އަހަރެމެންގެ މެދުގައި ގުޅުން އުފައްދައި 4 ބެއިން އެކުވެރިކަމާއިއެކު ދިރިއުޅެން ފެށީމެވެ. އެއްވެސް ދަރިއަކު ބައްޕައަށް ފައިސާއެއް ނުދެމެވެ. ބުނެފައި އޮންނާނީ ބޭނުންނަމަ ދެގެއިންކުރެ ގެއެއްގައި އުޅުނީމާ ކާންބޯން ލިބޭނެ ކަމަށާއި ބަލިވެއްޖެނަމަ ބަލާނެ ކަމަށާއި ބައްޕައަށް ކުރަންޖެހޭ ޚަރަދުތައް ކުރާނެ ކަމަށެވެ. އެހެންކަމާއިއެކުވެސް 4 ބެއިން ގުޅިއްޖެކަން އެނގުނު ހިސާބުން ދެގެއިންކުރެ ގެއަކަށް ބައްޕަ ނުދެއެވެ. އަހަރެމެންވެސް ބައްޕަ ހޯދާކަށް ނުއުޅެމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ ރަނގަޅުތޯއެވެ؟ އަޅުގަނޑުމެންގެ ބައްޕައަކީވެސް ހަމަ މިފަދަ ދިރިއުޅުމެއް އުޅުނު މީހެކެވެ. އެންމެ ކުޑައިރުންސުރެ އިވޭނީ ކޮންމެވެސް މީހަކަށް ދަރައިގެން ދަރަނި ނުދެއްކިގެން ބަންދުކުރަން އުޅޭތީ މަންމައަތުން ފައިސާހޯދަން ދައްކާ ވާހަކަތަކެވެ. ބައްޕަވެސް އުޅުނީ ދެއަންތބަށް ކައިވެނިކޮށްގެންކަން މަންމައަށް އެނގުނީ މާފަހުންނެވެ. އެނގުނު ދުވަހު ގެއިން ބޭރުކޮށްލައިފިއެވެ. ވަރިވެސްވެއްޖެއެވެ.  

އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ދަރިންގެ ކިބައިގައި ތަނަވަސްކަން ނެތަސް ހަގު އަންތބަށް ޚަރަދުކުރާނެ ފައިސާ ދޮށީބަނޑުގެ ދަރިންގެ އަތުން އެކިއެކި ގޮތްގޮތުން މަޅިޖަހައިގެން ހޯދާ ބައްޕައިން ވަރަށް ގިނަކަމެވެ. ވީމާ ރުޅިއައިނަމަވެސް ހިނިއައިނަމަވެސް އެފަދަ ބައްޕައިންގެ ދެވަނަ ޢާއިލާއަށް ޚަރަދުކުރުން ހުއްޓާލަން އެބަޖެހެއެވެ. ދަރިންވީމާ ބަލަން ޖެހޭނީ ބައްޕައެވެ. ބައްޕަ ކައިވެނިކުރާ އަނބިންނާއި އަނބިންގެ ޢާއިލާ ބަލަން ޖެހޭނެ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ.  

- ފާޠިމަތު / މިއަދުނޫހުގެ ކިޔުންތެރިއެއް

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް