އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްރާއީލުން ފަލަސްޠީނަށް ދެމުންގެންދާ އަސްކަރީ ހަމަލާތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާއި އަދި އިންސާނިއްޔަތާ ބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއް: ރާއްޖެ

އިސްރާއީލުން ފަލަސްޠީނަށް ދެމުންގެންދާ އަސްކަރީ ހަމަލާތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާއި އަދި އިންސާނިއްޔަތާ ބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއް: ރާއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު

އިސްރާއީލުން ފަލަސްޠީނަށް ދެމުންގެންދާ އަސްކަރީ ހަމަލާތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާއި އަދި އިންސާނިއްޔަތާ ބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއް ކަމަށް ދިވެހި ރާއްޖެއިން ބުނެފިއެވެ.

ދިވެހި ރާއްޖެއިން މިހެން ބުނެފައިވަނީ ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށައަޅާފައިވާ ކުއްލި މައްސަލައަށް ތާއީދުކޮށް ދިވެހި ސަރުކާރުން ނެރުއްވާ ބަޔާނުގައެވެ.

ދިވެހި ރާއްޖޭގެ ބަޔާން:

ޣައްޒާގެ ރަފާހަށް އިސްރާއީލުން ކެނޑިނޭޅި ދެމުންގެންދާ ހަމަލާތަކާއި އެކަމުގެ ސަބަބުން ކުރިމަތި ވަމުންދާ ލާއިންސާނީ ހާލަތު، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. ކުށެއް ނެތް ފަލަސްޠީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ އަސްކަރީ ހަމަލާތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާއި އަދި އިންސާނިއްޔަތާ ބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެކެވެ.

އިރުމަތީ ރަފާހުގައި ހިމާޔަތް ހޯދަމުންދާ ފަލަސްޠީނުގެ އެތައް ހާސް އާންމުން ވަގުތުން ބޭރުކުރުމަށް އިސްރާއީލުން އަންގަމުންދިއުމަކީ، އިސްރާއީލާ ދެކޮޅަށް ސައުތު އެފްރިކާއިން ހުށައަޅާފައިވާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ޣައްޒާ ސްޓްރިޕް" މައްސަލައިގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) އިން އަންގާފައިވާ ވަގުތީ ފިޔަވަޅުތަކަށް އިސްރާއީލުން އަމަލުނުކުރާކަމުގެ ހެއްކެކެވެ. ސަލާމަތީ ފިޔަވަޅުތަކުގެ ނަމުގައި އިސްރާއީލުގެ ސިފައިން ހިންގަމުންގެންދާ ލާއިންސާނީ މިފަދަ ޖަރީމާތަކުގެ ސަބަބުން އެތައް ބައެއްގެ ގެދޮރު ސުންނާފަތިވެ، ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހި، އިންސާނީ އެހީ ޣައްޒާގެ އާންމުންނާ ހަމައަށް ފޯރުމަށް ހުރަސް އެޅެމުންދެއެވެ.

ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އައި.ސީ.ޖޭ. އަށް ހުށައަޅާފައިވާ މައްސަލައަށް ތާއީދުކުރަން ނިންމާފައިވަނީ، "ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް" އާ އިސްރާއީލުން ޚިލާފުވެފައިވާތީއެވެ. މިގޮތުން، ރަފާހުގެ މިހާރުގެ ޙާލަތަށް ބިނާކޮށް، އައި.ސީ.ޖޭ. އިން މިހާރު ނިންމާފައިވާ ވަގުތީ ފިޔަވަޅުތައް ބަދަލުކުރުމަށް ދެކުނު އެފްރިކާއިން 10 މެއި 2024 ގައި ހުށައަޅާފައިވާ ކުއްލި މައްސަލައަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދު ކުރަމެވެ. މެދުކެނޑުމެއްނެތި ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ އަނިޔާތަކަށް ނިމުމެއް ގެނެސް، ދާއިމީ ހައްލެއް ހޯދައިދިނުމަށް ދިވެހި ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރަމުން ގެންދާނެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިދޭންޖެހޭ އަމިއްލަ އިޚްތިޔާރުގެ ޙައްޤު ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ދިވެހި ސަރުކާރު ސާބިތުކަމާއެކު ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެއެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ޤުދުސް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ ސިޔާދަތީ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ގޮވާލާ ގޮވާލުންތަކަށް ތާއީދުކުރަމެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް
މިއަދު