އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 18 ސިކުންތު
ޝައިޚް މުޙައްމަދު ޣާލިބް
އާދެ. ފަލަސްތީނުގައި ޔަހޫދީން ބޮޑެތި ޖަރީމާތައް ހިންގަމުން ދާތަން އަޅުގަނޑުމެންނަށް ފެންނައިރުގައި، އަޅުގަނޑުމެން ދެނެގަންނަންޖެހޭ ވަރަށް މުހީއްމު ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ދެނެގަންނަންޖެހޭނީ އެމީހެއްގެ ހިތުގައި ޢީމާން ކަމުގެ ވިންދުޖަހާ ކޮންމެ މުސްލިމެއްވެސް އަނިޔާ ލިބެމުންދާ މުސްލިމް އަޚުންނާއި އުޚްތުންނާއި ދޭތެރޭގައި ކަންބޮޑުވާން ޖެހޭނެ ކަމެވެ.
އާދެ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ (އަރަބި) "އެއްބަޔަކު އަނެއްބަޔަކަށް ރަޙްމު ކުރުމާއި، އޯގާތެރިވުމާއި، އަޅާލުމުގައި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެކެވެ. އެ ހަށިގަނޑުގެ އެއް ގުނަވަނުގައި ވޭން އަޅައިފި ކަމުގައި ވާނަމަ މުޅި ހަށިގަނޑު އެ ވޭނުގައި ބައިވެރިވެއެވެ. މުޅި ހަށީގަނޑުގެ ނިދި ގެއްލުވާލާ ހުން އާދެއެވެ." އާދެ މީ މުސްލިމުންގެ މިސާލަކީ. ދުނިޔޭގެ ކިތަންމެ ދުރުހިސާބެއްގަވާ މުސްލިމަކަށް ގެއްލުމެއް ދެވުނު ކަމުގައިވިޔަސް، އެކަމާދޭތެރޭ އަޅުގަނޑުމެން ކަންބޮޑުވާން ޖެހެއެވެ. އަޅުގަނޑުމެންގެ އަމިއްލަ އެއްބަނޑު އެއްބަފާ އަޚަކަށް ނުވަތަ އުޚްތަކަށް ގެއްލުމެއް ދެވުމުން ކަންބޮޑުވާފަދައިންނެވެ.
އާދެ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ (އަރަބި) " އެމީހެއްގެ އަމިއްލަ ނަފްސަށް ލޯބިކުރާ ކަންތައް އެމީހާގެ މުސްލިމް އަޚައަށް ލޯބިކޮށްފުމަށް ދާންދެން ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ޢީމާނެއް ނުވެއެވެ." އެހެންކަމުން އަޅުގަނޑުމެންނަކީ ޢީމާނުގެ އަހުލުވެރިންކަމުގައި ވާން ބޭޏުންވާ ކަމުގައި ވާނަމަ، އަލގަނޑުމެންގެ އަމިއްލަ ނަފްސުތައް ގަދަވެ ސަލާމަތުން ހެޔޮ ހާލުގައި ތިބެން އެދޭ ފަދައިން އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއި އުޚްތުންވެސް ގަދަވެ ސަލާމަތުން ހެޔޮ ހާލުގައި ތިބެން އަޅުގަނޑުމެން އެދެން ޖެހޭނެއެވެ. އަދި އެބައިމީހުންނަށް ދިމާވާ ކޮންމެ ދަތިކަމަކާއި، ނިކަމެތި ކަމަކާއި، ދެރަކަމަކީ، އެކަމުގައި އަޅުގަނޑުމެން ކަންބޮޑުވާ ކަމަކަށް ހަދަންޖެހެއެވެ. އެފަދައިން އަޅުގަނޑުމެން ކަންބޮޑު ނުވާކަމުގައި ވާނަމަ އަޅުގަނޑުމެންގެ ޢީމާން ކަމާއި ދޭތެރޭ ސުވާލުކުރަން ޖެހެއެވެ.
އާދެ، ޔަހޫދީންގެ މި ޖަރީމާތައް ފެންނަހިނދު އަޅުގަނޑުމެން ދަންނަންޖެހޭ ދެވަނަ ކަމަކީ، ޔަހޫދީންނަކީ މުސްލިމުންނަށް ވާނެ އެންމެ ވަރުގަދަ، އެންމެ ބޮޑެތި ޢަދާވާތްތެރިންކަމެވެ. ޔަހޫދީންނެއް ދުވަހަކުވެސް
މުސްލިމުންނަށް ހެވެއް ނޭދޭނެކަމެވެ. އާދެ، ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެބައިމީހުންގެ މި ޢަދާވަތްތެރިކަމުގެ ވާހަކަ އެކަލާންގެ ފޮތުގައިވެސް ބަޔާން ކުރައްވާފައެވެ. އެކަލާންގެ ވަޙީ ކުރައްވަނީ (އަރަބި) " ޢީމާނުގެ އަހުލުވެރިންނަށް ޢަދާވާތްތެރިކަމުގައި އެންމެ އަރާތިބޭނެ ބަޔަކީ ޔަހޫދީންނާއި އަދި ޝިރުކުގެ އަހުލުވެރިންކަމުގައި ވާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ."
އާދެ އަޅުގަނޑުމެންނަށް މިއަދު މިފެނިގެން މިދަނީ މިއާޔަތުގެ ތެދުކަމެވެ. ފަލަސްތީނަށް ބަލައިލި ކަމުގައިވިޔަސް ޔަހޫދީންގެ ނުބައި ކަމާއި އަނިޔާވެރިކަން އަޅުގަނޑުމެންނަށް ފެނިގެންދެއެވެ. އަދި އެބައިމީހުންގެ ފިނޑިކަން އަޅުގަނޑުމެންނަށް އެނގިގެން ދަނީ އެތާގައި އެބައިމީހުންގެ ހަތިޔާރުތައް އަމާޒު ކުރެވިފައިވަނީ އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންނާ ދިމާލަށް ކަމުގައި ވާތީވެއެވެ. އަދި އެބައިމީހުން ބޮން އަޅަމުން އެދަނީ ހޮސްޕިޓަލްތަކާއި އާންމުން ދިރިއުޅޭ ގެތަކަށް ކަމުގައި ވާތީވެއެވެ. އާދެ، ޢީމާނުގެ އަހުލުވެރިންނަށް އެބައިމީހުން ޢަދާވާތްތެރިވާ މިންވަރު މީގެންވެސް އަޅުގަނޑުމެންނަށް އިނގިގެން ދެއެވެ.
އާދެ، މި ޖަރީމާތައް އަޅުގަނޑުމެންގެ ދެލޯ ކުރިމަތީގައި ފެންނަ ހިނދު އަޅުގަނޑުމެން ދަންނަން ޖެހޭ ތިންވަނަ ކަމަކީ ޔަހޫދީންނެއް ދުވަހަކުވެސް އަޅުގަނޑުމެންނަށް ހެވެއް ނޭދޭނެކަމެވެ. އަދި އަޅުގަނޑުމެން އެ ޔަހޫދީން ރުއްސަން މަސެއްކަތް ކުރިކަމުގައި ވިޔަސް، އަޅުގަނޑުމެން އަޅުގަނޑުމެންގެ ދީން މަތީގައި ސާބިތުވާހާ ހިނދެއްގައި އެ ޔަހޫދިން އަޅުގަނޑުމެންނާ ދޭތެރޭ ރުހިގެން ނުތިބޭނެކަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނި މި ޙަޤީގަތް އަޅުގަނޑުމެންނަށް އެކަލާންގެ ފޮތުގައި ބަޔާން ކުރައްވާފައިއެވެ. އެކަލާންގެ ވަޙީ ކުރައްވަނީ (އަރަބި) "ޔަހޫދީނާއި އަދި ނަޞާރާއިން ކަލޭގެފާނު އެބައިމީހުންގެ މިއްލަތަށް ތަބާ ވެއްޖައުމަށް ދާންދެން ކަލޭގެފާނާ ދޭތެރޭ ރުހިގެން ނުތިބޭނެއެވެ."
އެހެންކަމުން އަޅުގަނޑުމެންވެސް މިއަދު ޔަހޫދީންނާއި ނަޞާރާއިން ރުއްސަން ބޭނުންވާ ކަމުގައިވާނަމަ އެބައިމީހުންގެ މިއްލަތަށްތަބާވުން ފިޔަވައި އިތުރުގޮތެއްނެތްކަން މިއާޔަތުން ވަރަށް ސާފުކޮށް އެނގިގެން ދެއެވެ. އަޅުގަނޑުމެންގެ ދީން މަތީގައި ސާބިތުވާހާ ހިނދަކު އެބައިމީހުން އަޅުގަނޑުމެންނާ ދޭތެރޭ ރުހިގެން ނުތިބޭނެކަން އަޅުގަނޑުމެން ދަންނަން އެބަޖެހެއެވެ.
އަޅުގަނޑުމެން ކިތަންމެ ވަރަކަށް އެބައިމީހުންނާ އެއްކޮށް އެބައިމީހުން އެބުނާފަދަ ގޮތަކަށް ކޯއެކްޒިސްޓްވާން، ނުވަތަ އެނބައިމީހުންނާ އެކީގައި އެބައިމީހުން ރުއްސައިގެން ދިރިއުޅެން މަސެއްކަތް ކުރިކަމުގައި ވިޔަސް، އެބައިމީހުންގެ އަތުގައި ބާރު އޮތްހާ ހިނދަކު، އެއީ ވާނެކަމެއް ނޫންކަން އަޅުގަނޑުމެންނަށް މިއާޔަތުން ވަރަށް ސާފުކޮށް ދޭހަވެއެވެ.
އަދި އެބައިމީހުން ރުއްސުމަށްޓަކައި ބައެއްކަންކަމުގައި އެބައިމީހުނަށް ދޫދިންކަމުގައި ވިއަސް, އެކީ އެކައްޗަށް އަޅުގަނޑުމެންގެ ދީން ދޫކޮށްލައި އެބައިމީހުންގެ މިއްލަތަށް ތަބަޢަ ނުވާހާ ހިނދަކު އެބައިމީހުން އަޅުގަނަޑުމެންނާއި ދޭތެރޭގައި ރުހިގެން ނުތިބޭނޭކަން މި އާޔަތުން ވަރަށް ސާފުކޮށް ފަހުމްވެއެވެ.
އާދެ، މި ޙާދިޘާތައް ފެންނަހިނދު އަޅުގަނޑުމެން ދަންނަންވީ ހަތަރުވަނަ ކަމަކީ ކޮންމެ ދުވަހަކު ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް ނަސްރާއި ކާމިޔާބު ލިބެމުން ދާކަމެވެ. ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚްތުން ޔަހޫދީންގެ އުންޑަތަކުގެ ޝިކާރައަކަށް ވާތަން އަޅުގަނޑުމެންނަށް ފެންނަ ހިނދުގައި، މިކަމަކީ މީ އަޅުގަނޑުމެންގެ ހިތުގައި ކިތަންމެ ވޭންއަޅާ އެކަމުން އަސަރުކުރާ ކަމެއް ކަމުގައިވިޔަސް، އަޅުގަނޑުމެން ދަންނަންޖެހޭ އަނެއް ޙަޤީޤަތަކީ، އެއްވެސް ޙާލެއްގައި ފަލަސްތީނުގެ މުސްލިމުންގެ އެ އޮހޮރިގެންދާ ލެއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ގެއްލިގެންދާނެ އެއްޗެއް ނޫންކަމެވެ. އަނިޔާވެރި އެ ޔަހޫދީންގެ އަތްދަށުން ޤަތުލްކޮށްލެވޭ މުސްލިމުންނަށް އެ ލިބިގެންދަނީ ޙަޤީގީ ކާމިޔާބީއެއްކަމެވެ. އެ ލިބިގެންދަނީ ޝަހީދުންގެ މަތިވެރި ދަރަޖަކަމެވެ. އެ ލިބިގެން ދަނީ ޙަޤީގީ ނަޞްރެއްކަމެވެ.
ފަހަރެއްގައި ސުވާލު އުފެދިދާނެ ކިހިނެއްބާވައޭ އެމުސްލިމިން މަރުވެގެން ދާއިރުގަ އެއީ ކާމިޔާބީއަކަށް ވާނީ؟ އާދެ، ﷲ ސުބުޙާނަހޫ ވަތަޢާލާ "އަސްޙާބުލް އުޚްދޫދް" އެބައިމީހުން ޤަތުލު ކުރެވުނު ހިނދު ކަންވެގެން ދިޔަގޮތް ބާޔަންކުރައްވައި ވަޙީކުރައްވާފައި ވަނީ: (އަރަބި) " އެބައިމީހުންނަށް އެ ލިބިފައިވަނީ ބޮޑުވެގެންވާ ކާމިޔާބީއެކެވެ." އެހެންކަމުން މިއާޔަތުން އެނގިގެންދަނީ އީމާންކަމުގެ މަތީގައި ދިރިއުޅެ އަދި ޢީމާން ކަމުގެ މަތީގައި ސާބިތުވާ ހާލު ދުނިޔެއާ ވަކިވެގެން ދިޔުން ވެގެންދަނީ ބޮޑުވެގެންވާ ކާމިޔާބީއަކަށް ކަމެވެ. ސަބަބަކީ ޢީމާނުގެ އަހުލުވެރިންނަށް އާޚިރަތުގައި ލިބެންއޮތީ ސުވަރުގޭގެ ދާއިމީ ނިޢުމަތް ކަމުގައި ވާތީވެއެވެ. އަދި އާޚިރަތާއި އަޅާބަލާއިރު މިދުނިޔެއަކީ އެއްވެސް އަގެއްހުރެ ތަނަކަށް ނުވާތީވެއެވެ.
އެހެންކަމުން ކިތަންމެ ބައިވަރު މުސްލިމް އަޚުންނާއި އުޚްތުން މަރާލެވޭތަން ފެނުނު ކަމުގައިވިޔަސް އަޅުގަނޑުމެން ދަންނަންޖެހޭ ޙަޤީޤަތަކީ އެބައިމީހުންނަށް އެ ލިބިގެންދަނީ ޙަޤީގީ ނަޞްރެއްކަމެވެ. ޝަޙީދު މަރެއްކަމެވެ.
އާދެ. އިމާމް ބުޚާރީ ރިވާ ކުރައްވާފައިވާ ޙަރާމް ބުން މިލްޚާން ރަޟިޔަﷲ ޢަންހުގެ ވާހަކަ އަކީ މިކަން އަޅުގަނޑުމެންނަށް އެނގިގެންދާ އެހެން ޙާދިޘާއެކެވެ. މުޝްރިކުން އެކަލޭގެފާނުގެ ބުރަކަށިފުޅަށް ލޮންސިއެއް ހަރާލައި، އެ ލޮންސި އެކަލޭގެފާނުގެ މޭފުޅުން ނުކުތް ހިނދު އެކަލޭގެފާނު ދުނިޔޭގައި ލައްވާނެ އެންމެ ފަހު ނޭވާ ލެއްވި ހިނދު، އެ ލޭތައް އެކަލޭގެފާނުގެ މޭފުޅުން އޮހޮރިގެން ދިޔަ ވަގުތު އޭގައި އަތްކާއްތާ ލެއްވުމަށްފަހުގައި އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ: (އަރަބި) " ކަޢުބާގެ ވެރިރައްބު ގަންދީ ބުނަމެވެ. ތިމަންނަ ކާމިޔާބު ވެއްޖެއެވެ! ކަޢްބާގެ ވެރި ރައްބު ގަންދީ ބުނަމެވެ. ތިމަންނަ ކާމިޔާބު ވެއްޖެއެވެ!"
އާދެ، އިމާމް ބުޚާރީ ރިވާކުރައްވާފައިވާ މި ޙާދިސާއިން އެނގިގެންދަނީ ޞަޙާބީ ބޭކަލުންނަށްވެސް ފަހުމްވެފައިވާ ގޮތުގައި ޙަޤީގީ ކާމިޔާބީއަކީ ދީންމަތީގައި ސާބިތުވާ ހާލު ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަގުގައި އެމީހެއްގެ ފުރާނަ ޤުރުބާންކުރުން ކަމެވެ.
އާދެ، ފަލަސްތީނުގައި ޔަހޫދީން މި ޖަރީމާތައް ހިންގަމުން ދާތަން އަޅުގަނޑުމެންނަށް ފެންނަ ހިނދު ދަންނަންވީ 5ވަނަ ކަމަކީ، މިކަންކަމަކީ ފަލަސްތީނުގެ އަހުލުވެރިންނަށް ލިބޭ ނަޞްރެއް ކަމުގައިވިޔަސް، މި ކަންކަމަކީ އަޅުގަނޑުމެންނަށް ވާ ވަރަށް ބޮޑު އިމްތިޙާނެއްކަމެވެ. އަޅުގަނޑުމެންނަށް ޤިޔާމަތްދުވަހު މިކަންކަމާ ބެހޭގޮތުން ސުވާލު ކުރެވޭނެކަމެވެ. ފަލަސްތީނުގެ މުސްލިމުންނަށް އަޅުގަނޑުމެން ނަޞްރު ދިނިންތޯ އެދުވަހުން ސުވާލު ކުރެވޭނެއެވެ. އަދި މަސްޖިދުލް އަޤްޞާގެ ހުރުމަތް ކެނޑުނު ހިނދު އަޅުގަނޑުމެން ކަމެއް ކުރިންތޯ އެދުވަހުން ސުވާލު ކުރެވޭނެއެވެ. މި ސުވާލުތައް އަޅުގަނޑުމެންނާ ޤިޔާމަތް ދުވަހު ކުރެވޭ ހިނދު ދޭނެ ޖަވާބެއް މިއަދު އަޅުގަނޑުމެން ތައްޔާރު ކުރަން ޖެހެއެވެ.
އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މުސްލިމަކުވެސް އެމީހަކަށް ކުރުމުގެ ކުޅަދާނަކިންއޮތް ކޮންމެކަމެއް ކުރަންޖެހެއެވެ. އެމީހަކަށް ވެވުނު ގޮތަކުން އެހީތެރިކަން ފޯރުކޮށްދީ ނަޞްރުދޭންޖެހެއެވެ. ސޯޝަލްމީޑިއާގައި ގަދައަޑުން މިވާހަކަތައް ދަންކަންޖެހެއެވެ. މި ޤަތުލުޢާންމަށް އެހީތެރިވެދޭ އެމެރިކާއާއި ޔޫރަޕުގެ ދައުލަތްތަކަކީ އިންސާނީ ޙައްޤުތަކުގެ ވާހަކަ ދައްކަން އެއްގޮތަކަށްވެސް ކުފޫހަމަވާ ބައެއްނޫންކަން ބަޔާންކުރަން ޖެހެއެވެ. އަނިޔާވެރި ޔަހޫދީ ދައުލަތަށް ވާގިވެރިވާ ކުންފުނިތަކުގެ އުފެއްދުންތަކާއި ޕްރޮޑަކްޓުތަށް ގަތުން ހުއްޓާލައި ބޯއިކޮޓް ކުރަންޖެހެއެވެ. ކޮކާކޯލާއާއި ނެސްލޭ ފަދަ އަނިޔާވެރި ޔަހޫދީ ދައުލަތަށް ވާގިވެރިވާ ކުންފުނިތަކުގެ އުފެއްދުން ތަކަކީ އަޅުގަނޑުމެންނަށް މީރު އެއްޗެހިތަކަކަށް ވިއަސް، ފަލަސްޠީނުގެ މުސްލިމު އަޚުންނާއި އުޚްތުންނަށްޓަކައި އެބޭނުންކުރުން އެކީއެކައްޗަށް ހުއްޓާލަން ޖެހެއެވެ. މަސްޖިދުލް އަޤްޞާގެ ހުރުމަތްކަނޑާ އަނިޔާވެރި ޔަހޫދީ ދައުލަތަށް ނިސްބަތްވާ އެއްވެސް މީހަކަށް އަޅުގަނޑުމެންގެ ދޮންވެލި ގޮނޑުދޮއްތަކަކީ މަރުޙަބާ ކިޔާނޭ ތަނެއްނޫންކަން އިޢުލާނުކޮށް ބަޔާންކުރުންޖެހެއެވެ. ފަލަސްޠީނަށްޓަކައި ދުޢާކުރުމުގެ އިތުރުން ޢަމަލީގޮތުން އެޅެންހުރި އެންމެހައި ފިޔަވަޅުތަކެއް ކޮންމެ ފަރުދަކުވެސް އަޅަންޖެހެއެވެ.
އަޅުގަނޑުމެންނަށް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ކަންކަންވެސް އަޅުގަނޑުމެންނަށް ނުކުރެވޭނަމަ, ޤިޔާމަތް ދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދަރުބާރުގައި ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށްޓަކާ އަޅުގަނޑުމެން ކޮށްދިނީ ކޮން ކަމެއްތޯ ސުވާލު ކުރެވޭހިނދު ޖަވާބުދާރީވާނީ ކިހިނެއްތޯ އަޅުގަނޑުމެންގެ ނަފްސާއި ސުވާލުކޮއްލަން ޖެހެއެވެ. މިއަދު އަޅުގަނޑުމެން އެ ޖަވާބު ތައްޔާރު ނުކޮށްފި ނަމަ އެދުވަހުން ޖަވާބުދާރީވެވޭނެ ގޮތެއް ނޯންނާނޭކަން ދަންނަންޖެހެއެވެ.
- ޝައިޚް މުޙައްމަދު ޣާލިބް
Advertisement
12 ޖޫން 2024