އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 13 ސިކުންތު
ތިރީގައިވާ ވާހަކައިން ބޮޑަށް ފާހަގަކޮށްލަން ބޭނުންވަނީ އޭނާގެ ފުރަތަމަ އަނބިމީހާއަށް ދިން ބޮޑު ދެރައެވެ. ބައްޕައަށް ކެންސަރު ޖެހުމުން ފަރުވާކުރަން ޢާއިލާގައި ހުރި ގަހަނާކޮޅުވެސް ވިއްކައިގެން ލިބުނު ފައިސާކޮޅާއި އެހީގެ ގޮތުގައި ލިބިފައިހުރި ފައިސާކޮޅުވެސް މަކަރާ ޙީލަތުން އަތުލައިގެން ހިފައިގެން ފިލިކަމެވެ. ބައްޕަ ނިޔާވީ ބޭސްފަރުވާ ނުކުރެވިގެން ކަމެވެ.
މިފަދަ ނުބައި ކަންކަމަކީ ހިތެއް އޮތް އިންސާނަކުކުރާނެ ކަމެއް ނޫނެވެ. އަދި ތިމާވެސް މަރުވާނެކަމާއި ޤިޔާމަތް ދުވަހު ތިމާ އާއިމެދު އިންޞާފުކުރެވޭނެކަން ޤަބޫލުކުރާ މީހަކު ކުރާނެ ކަންކަމެއް ނޫނެވެ. ހިތާމައަކީ މިފަދަ ކަންކަންކުރުން އިތުރުވަމުން އަންނަކަމެވެ.
އަނބިން ފިރިންނަށް އަދި ފިރިންނަށް އިތުބާރުކުރަންޖެހެއެވެ. ދިރިއުޅެވޭނީ އިތުބާރުވެސްކޮށްގެންނެވެ. ނަމަވެސް މިޒަމާނުގައި ހޭލުންތެރިވާން އެބަޖެހެއެވެ. އިތުބާރުކުރުމުގައިވެސް ޙައްދެއް ގެންގުޅެން އެބަޖެހެއެވެ. އެކަން ނުކުރެވޭތީ ނިކަމެތި ޙާލުގައި ޖެހޭ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.
ވާހަކަވިދާޅުވެލައްވާށެވެ!
އެއިރު އަޅުގަނޑުގެ އުމުރަކީ 22 އަހަރެވެ. ވަޒީފާ އަދާކުރަމެވެ. ބައްދަލުވި ޒުވާނަކު އަޅުގަނޑުދެކެ ވަރަށް ލޯބިވާކަމަށް ބުނެ ކައިވެނިކުރަން ހުށަހެޅުމުން އެކަން ޤަބޫލުކޮށް ކައިވެނިކުރީމެވެ.
އޭނާ އަޅުގަނޑަށް ވަރަށް ރަނގަޅެވެ. އަޅުގަނޑާއިމެދު ކަންކަންކުރީ ވަރަށް ރަނގަޅަށެވެ. އޭނާ އާއިއެކު އޭނާ ކުއްޔަށް ހިފާފައި ހުންނަ އެޕާޓްމަންޓެއްގައި ދިރިއުޅެން ފެށީމެވެ. 2 ހަފްތާވެސް ނުވަނީސް ވިޔަފާރި ދަތުރެއްގައި ކަމަށްބުނެ ފުރައިގެން ހިނގައްޖެއެވެ. ބުނީ ދަނީ މެލޭސިޔާއަށް ކަމަށެވެ.
ކޮންމެ ދުވަހަކުވެސް ފޯނުކުރެއެވެ. ވަރަށް ލޯބިވާކަމަށްވެސް ބުނެއެވެ. އަޅުގަނޑުވެސް ހުރީ ހަމައެގޮތުގައެވެ. ނަމަވެސް ފުރިތާ 7 ވަނައަށް ދުވަހު ފުލުހުން ފިރިމީހާ ހޯދަން އައެވެ. ސަބަބެއްކަމަށްބުނީ މަކަރާ ހީލަތުގެ މައްސަލައެއްގައި ކަމަށެވެ.
އިތުރު ތަފްޞީލް ހޯދުމުން އެނގުނީ އޭނާ ކުރިން ގުޅިގެން އުޅުނު އަންހެންކުއްޖާގެ ބައްޕައަށް ކެންސަރުޖެހިގެން ފަރުވާކުރަން ޢާއިލާގެ އެންމެންގެ ގަހަނާ ވިއްކައިގެންނާއި އެހީގެ ގޮތުގައި ލިބިފައިހުރި ހުރިހާ ފައިސާތަކެއް ޑޮލަރު ގަތުމުގެ ނަމުގައި އޭނާ މަކަރާ ހީލަތުން އަތުލާފައިވާކަމެވެ. އަދި ބައްޕަ މަރުވެ ދިއައީ ފަރުވާ ނުކުރެވިގެން ކަމެވެ.
އެކަންކަން އެނގުމުން ވަރަށް ދެރަވިއެވެ. އަދި ޤަބޫލުކުރެވުނީ އެވަރުގެ ރަޙުމް ކުޑަ މީހަކު އަޅުގަނޑަށްވެސް ކޮންމެ ފަދަ ދެރައެއް ދޭންވެސް ފަސް ނުޖެހޭނެ ކަމަށެވެ. ވިސްނައިގެން ހުރީ ފިރިމީހާ އެނބުރި އައުމުން ވަރިވުމަށެވެ.
ދެމަސްދުވަސްވީއިރުވެސް ކޮންމެ ދުވަހަކުވެސް ބުނަނީ އަންނަ ހަފްތާގައި އެނބުރި އަންނާނެކަމަށެވެ. އެހެން ހުއްޓައި ފްލެޓުގެ ވެރިފަރާތުން ކުލި ހޯދަން އަންނަން ފަށައިފިއެވެ. ބިލްތައް ނުދައްކައިގެން ފެނާއި ކަރަންޓް ކަނޑާލައިފިއެވެ. އަޅުގަނޑަކީ ރާއްޖެތެރެއަށް ނިޞްބަތްވާ ކުއްޖެކެވެ. އަޅުގަނޑަށް ޖެހުނީ މަގުމަތިވާށެވެ!
އެޙާލަތުގައި އަޅުގަނޑަށް އެހީތެރިވީ ސްކޫލް ދުވަސްވަރުގެ ރަޙްމަތްތެރި ފިރިހެން ކުއްޖަކާއި އޭނާގެ އަންހެނުންނެވެ. ބޯހިޔާވަހިކަމެއް ލިބުނީ އެދެމަފިރިން ދިރިއުޅޭ ގެއިން ކޮޓަރިއެއްގައި ބަހައްޓައިދިނުމުންނެވެ.
އެޙާލަތުގައި ކަންކަން ބަޔާންކޮށް ކޯޓަށް ހުށަހެޅުމުން ވަރަށް ފަސޭހައިން ވަރިކޮށްދިނެވެ. ޢިއްދަ ހަމަކޮށް ދެވަނަ ކައިވެނިކޮށްގެން ދިރިއުޅެން ފެށީމެވެ. ދެވަނަ ކައިވެންޏަށް މިހާރު 22 އަހަރެވެ. 5 ދަރިން އެބަތިއްބެވެ. އެންމެ ތަނަވަސް ނޫން ނަމަވެސް ދިރިއުޅެނީ އުފާވެރިކަމުގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަކޮޅު ހިއްޞާ މިކުރީ މިހާރުވެސް ގިނައިން ލޯބިވެވެނީ އަނެކާގެ ޙަޤީޤަތް ނުހޯދާކަމަށްވުމުން އެތައް ބައަކަށް މިފަދަ ދެރަތައް ލިބެމުންދާތީއެވެ. އަޅުގަނޑަށް ޖެހުނު ޙާލު ޖެހިފައި ހުރި ފުވައްމުލަކު އަންހެން ކުއްޖަކު މިހާރުވެސް އެބަ ބަލަހައްޓަމެވެ. ވީމާ ބުނެލަން އޮތީ ލޯބިވުމަކީ ވަރަށް ފަސޭހަކަމެކެވެ. ކިތަންމެ އުނދަގޫ ނަމަވެސް ޙަޤީޤަތް ނުބަލައި ލޯބިވުމުން ވެއްޓޭ އަނދަވަޅުގެ ފުންކަން ވަރަށް ނުރައްކަލެވެ.
- ޝަހީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
16 ޖޫން 2024