އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ހިތަށް އަނިޔާލިބެމުންދާނަމަ ނިކަން މިއަނބިމީހާ ޢަމަލުކުރިމަގުން ކަންތައް ކޮށްބަލަ! ކާމިޔާބު ޔަޤީން! އިން ޝާ ﷲ

ޢިބްރަތްތެރި ވާހަކަ: ހިތަށް އަނިޔާލިބެމުންދާނަމަ ނިކަން މިއަނބިމީހާ ޢަމަލުކުރިމަގުން ކަންތައް ކޮށްބަލަ! ކާމިޔާބު ޔަޤީން! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 37 ސިކުންތު

ތިރީގައިވާ ވާހަކައަކީ ހިތްދަތިޙާލުގައި އުޅެންޖެހޭ އަނބިން ހިތްވަރު ލިބިގަންނަން އޮތް ވަރަށް މުހިންމު ފިލާވަޅެކެވެ. ހިތަށް އަނިޔާލިބެމުންދާއިރު އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާއިން ބަދަލުނުވާނެ އެއްވެސް ކަމެއް ނެތްކަން ޔަޤީންކުރެވޭނެ ފިލާވަޅެކެވެ. ވާހަކަވިދާޅުވެ ޢިބްރަތް ޙާޞިލުކުރައްވާށެވެ! 

ބައެއް މީހުންނަށް މިވާހަކަ އަޑުއަހަން އުނދަގޫވެދާނެއެވެ. އެހެނަސް މިއީ ހަމަ އަޅުގަނޑުގެ ޙަޔާތުގައި ކަންތައް ދިމާވިގޮތެވެ. ސަމާލުކަން ދެއްވައިގެން އަޑުއައްސަވައިލައްވާށެވެ.  

އަޅުގަނޑުގެ އަންހެނުން ނުވަތަ އަނބިމީހާއަކީ ވަރަށް ރަނގަޅު އަންހެނެކެވެ. އަޅުގަނޑު ބުނާނީ އެއީ ހަމަ ހުރިހާ ގޮތަކުން ނުވަތަ ހުރިހާ ކަމަކުންވެސް ހަމަ ލާމަސީލު މިސާލެއް ކަމަށެވެ. އެހެންކަމުން ލިބުނު 5 ދަރިން ބަލައި ތަރުބިއްޔަތުކުރީވެސް ހަމަ އެހައި ރަނގަޅަށެވެ.  

ދަރިން ބޮޑެތިވެ ކައިވެނިކޮށް އަމިއްލަ ދިރިއުޅުމަށް ފެށުމުން ދެމީހުންނަށް އުޅެންޖެހުނީ ގޭގައި އެކަންޏެވެ. އެހިސާބުން އަޅުގަނޑުގެ ވިސްނުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އަނބިމީހާ މަތިން ފޫހިވާން ފެށިއެވެ. އަނބިމީހާ ވަރިކުރަންވެސް ބޭނުންވާންފެށިއެވެ. ނަމަވެސް ކައިވެނިކުރީންސުރެ އޭނާ ވަރިނުކުރަން އެދި ކުރަމުން އަންނަ އާދޭސްތައް ހަނދާންވުމުން ވަރިކުރާކަށް ނުކެރުނެވެ.  

ދެން ކުރެވެންފެށީ އެންމެ ނުބައި ކަންތަކެވެ. އެއީ އަނބިމީހާ އަވަހަށް މަރުވުމަށް އެދެވެން ފެށުމެވެ. މިކުރެވެނީ ވަރަށް ބޮޑު ފާފައެއްކަން އެނގޭއިރުވެސް އައީ އެފާފަކުރެވެމުންނެވެ.  

ކޮންމެއަކަސް އެއްރެއެކެވެ. ދެމަފިރިންވެސް ތިބީ ނިދާފައެވެ. ނުވަތަ ނިދެމުންދަނީއެވެ. ކުއްލިއަކަށް އަޅުގަނޑަށް ވިސްނެން ފެށިއެވެ. "އަނބިމީހާ މަރުވަން އެދެވޭނަމަ އަނބިމީހާގެ އުމުރުކުރުވެދާނެއެވެ. އަވަހަށް މަރުވެސްވެދާނެއެވެ. މިއީ ދެމީހުން އެކަނިވެ އެންމެ ލޯބިން އުޅެންވީ ދުވަސްތަކެވެ. އަނބިމީހާގެ ފެޝަން ބަދަލުކޮށްލައި ބައެއް ކަންކަން އިޞްލާޙްކޮށްލީމާ ހަމަ ހުރިހާ ކަންކަން އަލުން އާވެދާނެއެވެ."  

ސިއްސައިގެން ގޮސް ހޭލެވިއްޖެއެވެ. އެއީ ފެނުނު ހުވަފެނެއްކަމަށް ބުނާކަށް ނެތީމެވެ. އަދި ހުވަފެނެއް ނޫންކަމަށްވެސް ބުނާކަށް ނެތީމެވެ. އެކަން އަޅުގަނޑަށް ޔަޤީންނުކުރެވޭތީއެވެ.  

ދެން ނިދަން އުޅެއުޅެ ނުވެސް ނިދުނެވެ. ހަނދާނަށް އަންނަނީ ދެމީހުން ވަރަށް ލޯބިން އެކުގައި އުޅުނު ދުވަސްތަކެވެ. އެކަކު އަނެކަކަށްޓަކައިވީ ޤުރްބާނީއެވެ. ވަރަށް ދަތިޙާލުގައި ދަރިން ބަލައި ބޮޑުކުރަން ދެމީހުން ކުރި މަސައްކަތެވެ. އަނބިމީހާގެ ކެތްތެރިކަމެވެ. އެއްވެސް ކަމަކާއި ޝަކުވާ ނުކުރާކަމެވެ. އަނބިމީހާގެ އިޚްލާޞްތެރިކަމެވެ.  

ތެދުވެ ވުޟޫކުރީމެވެ. ދަމުނަމާދުކޮށް ދުޢާކުރަންފެށީމެވެ. އަޅުގަނޑަށްވުރެ ކުރިން އަނބިމީހާގެ ފުރާނަ ނުގެންދެވުން އެދިއެވެ. ދެމީހުންގެ ފުރާނަ އެކުގައި ގެންދެވުން އެދިއެވެ. އަދި ސުވަރުގޭގައި ދެމީހުން އެކުގައި ލެއްވެވުން އެދިއެވެ. އަދި އަޅުގަނޑު ދުޢާކުރަން އިންދައި އަނބިމީހާވެސް ހޭލައި ދަމުނަމާދުކޮށް ދުޢާކުރިއެވެ. ދުޢާކުރީ ކޮންކަމަކަށް އެދިގެން ކަމެއް އަޅުގަނޑަކަށް ނުއެނގެއެވެ. އެކަމަކަށް ސުވާލެއްވެސް ނުކުރަމެވެ.  

ހެނދުނު ހޭލައި އަނބިމީހާއަށް ވަރަށް ހެޔޮކޮށްކަންތައްތައްކުރަންފެށީމެވެ. އަނބިމީހާ އުފާކޮށްދޭން ކުރެވުނުހައި ކަމެއްކުރީމެވެ. އަދި އެރޭ ކެއީވެސް އަނބިމީހާ އެންމެ ކާހިތްވާ ރެސްޓޯރަންޓުންނެވެ. އެކުގައި ނިދަން އޮށޯތްނަމަވެސް އެރޭވެސް ނިދިއަންނަ ގޮތެއް ނުވިއެވެ. އަބަދު އޮންނަނީ އަނބިމީހާއަށް ބަލައިލެވިބަލައިލެވިއެވެ. އޭނާ ނޭވާލާތޯއެވެ. އެއީ އަނބިމީހާ  އަވަހަށް މަރުވުމަށް އެދެވުނުލެއް ގިނަކަމުން އެކަން މެދުވެރިވެދާނެެކަމަށް ހަމަ ބިރުގަނެވޭތީއެވެ. އަދި އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ޤިޔާމަތްދުވަހު ދެއްވަވާނެ ޢަޛާބް ހިތަށްއަރާވަރުންނެވެ.  އެހެންވެ މުޅި ރޭވެސް ހޭދަކުރެވުނީ އެފަދަ ގޮތަކަށެވެ. އެރޭވެސް ދަމުނަމާދުކޮށް ހަމަ ކުރީރޭ ކުރި ދުޢާތައް ކުރީމެވެ. އަނބިމީހާވެސް ދަމުނަމާދުކޮށް ދުޢާކުރިއެވެ.  

ކޮންމެއަކަސް އަނބިމީހާ މަރެއް ނުވެއެވެ. ދުވަސްތައް ފާއިތުވަމުންދެއެވެ. ނަމަވެސް އަބަދުވެސް ހުރެވެނީ އަނބިމީހާ މަރުވެދާނެކަމުގެ ބިރުހީވެފައެވެ. މިފަދަ ގޮތަކަށް 2،3 މަސްދުވަސް ފާއިތުވިއިރު ހުރެވުނީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައެވެ. އެހެންވެ ހިތުގައި ކުރިން އުފެދުނު އުދާސްތަކާއި މަރުވާންވެސް އެދެވުނުކަމާއި ފަހުން ވިސްނުނު ގޮތުގެ ވާހަކަ އާއި ހުރިހާ ވާހަކަތަކެއް އަނބިމާއަށް ކިޔައިދިނީމެވެ.  

އަނބިމީހާ ދިނީ ވަރަށް ފިނި ޖަވާބެކެވެ. "ތިބާ އަހަރެންގެ މޫނު ދެކެންވެސް ބޭނުންނުވާތާ އެތައް ދުވަހެއްވެއްޖެކަން ތިބާބުނާ ބަސްތަކުންނާއި ކުރާ ކަންކަމުން އެނގެއެވެ. ތިބާހިތުގައި އަހަރެންގެ މައްޗަށް ލޯބި އިތުރުކޮށްދެއްވެވުން އެދި ވަރަށް ގިނައިން ދުޢާކުރީމެވެ. އަދި މިހާރުވެސް ދުޢާކުރަމެވެ. ތިއަވާނީ އަހަރެން ކުރާ ދުޢާގެ ސަބަބުން މެދުވެރިކަމަކަށެވެ. ކަންބޮޑުނުވާށެވެ! އަހަރެންގެ ހިތަކު ހަމަ އެއްވެސް އެއްޗެއް ނެތެވެ. މާމަ ކާފަދަރިން ބޭނުންވާނީ މާމަ ނުވަތަ ކާފައެއް ނޫނެވެ. މާމަ އާއި ކާފައެވެ. ވީމާ ޢުމުރު ހުސްވަންދެން ލޯބިން އެކުގައި ދިރިއުޅެން މަސައްކަތްކުރަމާ ހިނގާށެވެ! ﷲ ރަޙްމަތް ލައްވަވާނެތެވެ."  

މިއަދު ބޭބެގެ ޢުމުރަކީ 68 އަހަރެވެ. ތިއަކުދިންނަށް މިކިޔައިދިނީ ބޭބެގެ އުމުރުން 50 ވަރަކަށް އަހަރުގައި ހިނގި ކަމެއްގެ ވާހަކައެވެ. އެކަން އެގޮތަށް މެދުވެރިވިފަހުން ދެމީހުން މިއަދާއި ހަމައަށްވެސް މިއުޅެނީ ހަމަ ހަނީމޫންގައެވެ.  

ތައަކުދިންނަށް ބުނެދޭނީ ކޮން ވާހަކައެއްކަމެއް ނުވިސްނެއެވެ. ތިއަކުދިންގެ ޒުވާން ވިސްނުން މާތޫނުވާނެއެވެ. އެހެނަސް އެއްކަމެއް ބުނަލަން ބޭނުމެވެ. ދެމަފިރިންގެ މެދުގައި ލޯބިން ކުރެވިފައިހުންނަ ކަންކަމާއި އެކަކު އަނެކަކަށްޓަކައި ވެފައިވާ ޤުރްބާނީ ހަނދާންކުރުމަކީ ލޯބި ވަރަށް ބޮޑަށް އިތުރުވެގެންދާ ކަމެކެވެ. އަދިވެސް އެއްވާހަކަ ބުނެލަން ބޭނުމެވެ. އެއީ އަނެކާދެކެ ލޯބިވާންވީ އޭނާ މަރުވުމަކުން ނޫނެވެ. ދިރިހުއްޓައެވެ. ނޫންނަމަ ކުރާނެ ފައިދާއެއް ނެތެވެ. ބޭބެއަށް ގޯސްތައް ހެދުނީ އެއިރު މިކަންކަން މިގޮތަށް ނުވިސްނުނީތީއެވެ.

 

- ޢަބްދުއްރަޙީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް