އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ސިޙުރުން ބައްޕައާ ގުޅި ގެދޮރުގެ ދަހިވެތިކަމުގަ ދަރިފުޅަށް ސިހުރުހަދަމުން ދިއަ ދޮންމަންމަ ބިރުގަންނަވާލައި އޭނާ ބާކީކޮށްލި ބުއްދިވެރި އަންހެން ދަރިފުޅުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ސިޙުރުން ބައްޕައާ ގުޅި ގެދޮރުގެ ދަހިވެތިކަމުގަ ދަރިފުޅަށް ސިހުރުހަދަމުން ދިއަ ދޮންމަންމަ ބިރުގަންނަވާލައި އޭނާ ބާކީކޮށްލި ބުއްދިވެރި އަންހެން ދަރިފުޅުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 10 ސިކުންތު

ސިޙުރު ހަދާ މީހުން އޮޅުންފިލުވުމަކީ އެހައިފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ. އެކަމުގައި ސިޙުރިވެރިންވެސް ހަދަނީ ދޮގެވެ. އެއީ އެމީހުންނާއި ގުޅިފައި ތިބޭ ޖިންނި ދޮގުހަދާތީއެވެ. ޖިންނިންނަށްވެސް ޣައިބު ނުއެނގޭތީއެވެ.

ކިރިޔާވެސް ކަމެއް އޮޅުންފިލަނީ ﷲ ތަޢާލާއަށް ދުޢާކުރުމުން އެކަން އަންގަވައިދެއްވަވައިފިނަމައެވެ. ޣައިބުގައިވާ ކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.  

އެހެންވެ ސިހުރުހަދާ މީހުން ދެނެގަންނަން ގިނަ ބައަކު ބުއްދީގެ ބޭނުންކުރެއެވެ. އުކުޅުތައް ބޭނުންކުރެއެވެ. އެގޮތުން ކާމިޔާބުވެސް ހޯދައެވެ. ތިރީގައި އެވަނީ އެފަދަ ބުއްދިވެރި އަންހެން ކުއްޖެއްގެ ވާހަކައެވެ.   

އަޅުގަނޑު ވަރަށް ކުޑައިރު އަޅުގަނޑުގެ މަންމަ އާއި ބައްޕައާއި ދެމީހުން ވަކިވެއްޖެއެވެ. ދެމަފިރިން ވަކިވިނަމަވެސް ފައިސާގެ ގޮތުން ބައްޕަ އެހީތެރިކަން ފޯރުކޮށްދެއެވެ. ބައްޕަގެ ގެއަށްވެސް ގެންދެއެވެ. ކަންތައްކުރަނީވެސް ވަރަށް ހެޔޮކޮށެވެ.  

އަޅުގަނޑަށް 15 އަހަރު ފުރުނުތަނާހެން ދޮންމަންމަ އަޅުގަނޑު ގާތުގައި މަންމަގެ ވާހަކަ ދައްކަނީ ވަރަށް ބިރުވެރި ގޮތަކަށެވެ. މަންމައަކީ ދިވެހިބޭސްވެރިއެކެވެ. ނަމަވެސް ދޮންމަންމަ ބުނަނީ މަންމައަކީ ބޭސްވެރިއެއްގެ އިތުރުން ސިހުރުވެރިއެއްކަމަށެވެ. ކިޔަވައި ނިމުމުން ބުނީ ވަޒީފާއެއް ހޯދުމަކީ ވަރަށް ދަތިކަމަކަށްވާނެ ކަމަށެވެ. އެއީ އަޅުގަނޑު ބައްޕަގެގެއަށް ގޮސްއުޅޭތީ އެކަމާއި މަންމަ ރުޅިއަންނާތީ ސިހުރު ހަދާނެތީ ކަމަށެވެ.  

ކަންތައް މެދުވެރިވީވެސް އެހެންނެވެ. އެތައްބައިވަރު ތަންތަނަށް ސިޓީލުމުންވެސް ވަޒީފާ ލިބޭނެ ގޮތެއް ނުވެއެވެ. އެހެންވެ ދޮންމަންމަގެ ވާހަކަތައް ޤަބޫލުކުރެވި މަންމައާއިމެދު ނުބައި ތުހުމަތުތައް ކުރެވެން ފެށިއެވެ. ބައެއްފަހަރު މަންމަގެ ހިތުގައި ޖެހޭނެ ފަދަ ބަސްތައް ބުނެވެން ފެށިއެވެ. އެންމެ ބޮޑަށް ޙައިރާންވިކަމަކީ އަޅުގަނޑު ކޮންމެ ކަމެއް ކުރިޔަސް ކޮންމެ އެއްޗެއް ބުނި ނަމަވެސް އެކަމަށް މަންމަ އެއްވެސް ޖަވާބެއް ނުދޭތީއެވެ.  

ދޮންމަންމަ ބުނާ މީހުންގެ ގާތަށް ގޮސް ރުޤްޔާވެސް ކުރީމެވެ. ނަމަވެސް އެއްވެސް ބަދަލެއް ނާދެއެވެ. ކުއްޖަކު ދެކެ ލޯބިވާން ފަށާއިރަށް އެކުއްޖާ ރުޅިވެއެވެ. ވަޒީފާއެއް ނުލިބެއެވެ. ނަތީޖާއަކަށްވަނީ މަންމައަށް ނަފްރަތުކުރެވޭވަރު އިތުރުވަމުން ދިއުމެވެ.  

އެއްރޭ ނިދަން އޮއްވައި ހުވަފެނުގައި މުސްކުޅި އަންހެނަކު ފެނުނެވެ. އޭނާ ބުންޏެވެ. "ދަރިފުޅު ފުރަތަމަކަމަކަށް ނަމާދުކުރަންފަށާށެވެ. ދެން ދަމުނަމާދުކޮށް ދުޢާކުރަން ފަށާށެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުން މަންމަގެ ގާތުން މާފަށް އެދޭށެވެ. އިރާދަކުރެއްވިއްޔާ ދަރިފުޅުގެ ބޭނުންތައް ފުއްދަވައިދެއްވަވާނެތެވެ." މިމޭރުމުން ބުނީ އަޅުގަނޑުގެ ބައްޕަގެފަރާތުގެ މާމަކަން ވިސްނުނީ ހޭލެވެނުވެސް ފަހުންނެވެ.  

ހޭލެވުމާއިއެކު ވުޟޫކޮށްގެން ޢިޝާނަމާދުކުރީމެވެ. ސުންނަތާއި ވިތުރިވެސްކުރީމެވެ. އަދި ޤަވާއިދުން ފަރުޟުނަމާދުތަކާއި ރަވާތިބް ސުންނަތްތަކާއި އަދި ވިތުރިވެސް ކުރަން ފެށީމެވެ. އެކަންކަން ފުރިހަމައަށް ކުރެވެން ފެށުމުން މަންމަގާތުގައި ހުރިހާ ވާހަކަތަކެއް ކިޔައިދީ މަންމަގެ ކިބައިން މާފަށް އެދުނީމެވެ. ދެން އެފަދަ ކަމެއް ދުވަހަކުވެސް މަންމަ ޢާއިމެދު ނުކުރާނެ ކަމުގެ ޔަޤީންކަން ވެސް ދިނީމެވެ.  

މަންމަ ބުންޏެވެ. "މިވަގުތަކު ނޫނެވެ. ފަހުން ހުރިހާ ވާހަކަތަކެއްވެސް ކިޔައިދޭނަމެވެ."  

މަންމަ ގާތުން މާފަށް އެދުނުތާ ހަފްތާއެއްވެސް ނުވަނީސް ވަޒިފާއެއް ލިބުނެވެ. ލިބުނީވެސް ރަނގަޅު މުސާރައެއް ލިބޭ ހަމަ ވަރަށް ރަނގަޅު ވަޒީފާއެކެވެ. ވަޒީފާއި ދެ ތިން މަސްދުވަސްވީފަހުން އެއްރޭ މަންމަ އެކަނި އިންދައި ގޮސް ފަހުން ކިޔައިދޭން ބުނި ވާހަކަތައް ކިޔައިދިނުމަށް އެދުނީމެވެ.  

މަންމަ ބުންޏެވެ. "ދަރިފުޅާއެވެ. މަންމަ މިކުރަނީ ބޭސްވެރިކަމެވެ. ސިހުރު ހެދުމުގެ އެއްވެސް ކަމެއް މަންމައަކަށް ނުއެނގެއެވެ. ސިހުރާއި ބެހޭ ގޮތުން މަންމައަށް އެނގެނީ ހަމައެކަނި ސހރ އެ 3 އަކުރެވެ. ނަމަވެސް މަންމައަށް އެނގިފައި އޮންނަ ގޮތުން ދަރިފުޅުގެ ދޮންމަންމައަކީ ސިހުރުވެރިއެކެވެ. މަންމއާއި ބައްޕަ ދުރުކުރުވީވެސް ބައްޕަގެ ގޯތީގެ ދަހިވެތިކަމުގައި އޭނާ އަމިއްލައަށް ސިހުރު ހަދައިގެންނެވެ. އެކަމުގެ ހެކިތައްވެސް މަންމައަށް ވަނީ ފެނިފައެވެ.  

މަންމައަށް ހީވަނީ އޭނާ ދަރިފުޅު ތިއަ ފޮނުވަނީ އޭނާ ބޭނުންވާގޮތަށް ވާހަކަބުނާނެ މީހުންގެ ގާތަށް ކަމަށެވެ. އެހައި ޔަޤީންކަމާއިއެކު މިބުނަނީ ދުވަހަކުވެސް އެއްވެސް މީހަކަށް އެބާވަތުގެ އެއްވެސް ކަމެއް މަންމަ ދުވަހަކުވެސް ނުކުރާތީއެވެ. ކުރަން ނުވެސް އެނގޭތީއެވެ. އަޅެ ނިކަން ދަރިފުޅު ދޮންމަންމަ ގާތުގައި ނުބުނެ ރުޤްޔާނ ކުރާ މީހެއްގެ ގާތަށް ގޮސް ނިކަން ޚިޔާލުހޯދާލަބަލާށެވެ! މަންމަ ދަންނަ ރުޤްޔާކުރާމީހަކުވެސް ނުހުންނާނެއެވެ. ދަރިފުޅު އަމިއްލައަށް މީހަކު ހޯދައިގެން ދިއައިމަ ރަނގަޅުވާނެއެވެ!"  

އަޅުގަނޑު ކުޑަކޮށް މަސައްކަތްކޮށްލައިގެން ރުޤްޔާކުރާ މީހަކު ހޯދައިގެން ބައްދަލުކުރީމެވެ. އޭނާ ދެއްކި ވާހަކަތައް މުޅިން ތަފާތެވެ. ނަމަވެސް އެކަންކުރި މީހަކު ނުބުންޏެވެ. ބުނީ ހެޔޮ ޢަމަލުކުރަމުން ދުޢާކުރީމާ އިރާދަކުރައްވަވާ އަޅަކަށް ދައްކަވާނެ ކަމަށެވެ.  

ކޮންމެއަކަސް އަޅުގަނޑަށް ޙަސަދަވެރިވާންޖެހޭނެ އެއްވެސް މީހަކު ނުވިސްނުނެވެ. އެހެންވެ ފަރުވާއަށް ރުޤްޔާކުރަމުން ދުޢާކުރަމުން ދަނިކޮށް ޖެހިޖެހިގެން 3 ރޭވެސް ހުވަފެނުގައި ފެނުނީ ދޮންމަންމަ އާއި ނުވެސް ދަންނަ ޒުވާން ފިރިހެނެކެވެ.  

ދެން ދޮންމަންމަ ގާތު ދޮގުތަކެއް ހެދީމެވެ. އެއް ދޮގަކީ ކައިވެނިކުރާނެ މީހަކު ހޯދައިދިނުމަށް އެދުމެވެ. ވަރަށް އުފާވެފަ އަނެއްރޭ ދޮންމަންމަ ދެއްކީ ހުވަފެނުގައި ދޮންމަންމަ އާއިއެކުގައި ފެނުނު ޒުވާނާއެވެ. އޭނާއަކީ ދޮންމަންމައަށް ބޮޑުދައިތަކިޔާ ކުއްޖެކެވެ. މިއުޅުނީ އަޅުގަނޑަކީ ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅުކަމަށްވުމުން އޭނާއާއި ކައިވެނިކުރުވައި ބައްޕަގެ ގެއަށް ވެރިވެގަންނަންކަން ވިސްނުނެވެ.   

ދޮންމަންމަ ބުންޏެވެ. "އެއީ ކިޔަވައިގެން ރަނގަޅު ވަޒީފާއެއްގައި ބޮޑު މުސާރަވެސް ލިބޭ ކުއްޖެކެވެ. ވަރަށް އަޚްލާޤް ރަނގަޅުވާނެއެވެ. ދަރިފުޅަށް ދެރަގޮތެއް ނުހަދާނެއެވެ. ހިތްދަތިވާނެ އެއްވެސްކަމެއް ނުކުރާނެއެވެ. ދޮންމަންމައަށް ފުރިހަމަ އިތުބާރުކުރެވޭ ކުއްޖެކެވެ.  

ހީނލާފައި ބުނީމެވެ. "އެކަމަކު ދޮންމަންމަ ހާދަހެއްވައެވެ. މިހާރީތި މިހާ ރަނގަޅު ކުއްޖަކާ އަޅުގަނޑާ ގުޅުވަން ސިހުރުހެދީ ކީއްކުރަންހެއްޔެވެ؟ ސިޙުރު ނުހަދައި ރީތިކޮށް ބުނެލިނަމައެވެ."  

އެހިސާބުން ބައްޕަ ދިއައީ ސިއްސައިގެންނެވެ. ދޮންމަންމަގެ މޫނު ކުނިވެއްޖެއެވެ. އަނެއް ބޮޑު ދޮގު ހެދީމެވެ. ބުނީމެވެ. "ބައްޕާއެވެ. އިންނާނެ ކުއްޖަކު ހޯދައިފީމެވެ. އެއީ ވަރަށް ބޮޑު ސިހުރުވެރިއެއްގެ ދަރިއެކެވެ. ފާލުބަލާ މީހެކެވެ. އިންނާނެ މީހަކު ނުލިބިފައި ހުންނަން މިޖެހުނީ ދޮންމަންމަ ސިހުރު ހަދާތީކަން އެނގުނީ އެހެންވެގެންނެވެ. އަދި އޭނާ ބުނީ ދޮންމަންމަ ބައްޕައާއި ކައިވެނިކުރީވެސް ސިޙުރުހަދައިގެން ކަމަށެވެ. އެހެންވެ އެސިޙުރު ބާޠިލުކުރަން މިހާރު މަސައްކަތްފަށައިފީމެވެ. ފަހަރެއްގައި ދޮންމަންމައަށް ގޮތެއްވެސް ވެދާނެއެވެ. ދޮންމަންމަ ހަދައިގެން އުޅެނީ ވަރަށް ވަރުގަދަ ސިހުރު ތަކެކެވެ. ވީމާ ބާޠިލުކުރަންވެސް ކުރަންޖެހެނީ ވަރަށް ވަރުގަދަ މަސައްކަތްތަކެކެވެ."  

އެހެން ބުނެފައި ނުކުންނަން އުޅެންފެށުމުން ހިފަހައްޓަން ދޮންމަންމަ އުޅުމުން ބުނީމެވެ. "ނަމަނަމަ ތިއަ ސިޙުރުވެރިޔާ އަހަރެންގެ ގައިގަ އަތްނުލާށެވެ. ހަތަރުކަޅިވެސް ހަމަނުކުރާށެވެ. ބައްޕަ އަމިއްލައަށްވެސް އަވަހަށް ރުޤްޔާކުރަން ފަށާށެވެ."  

އަޅުގަނޑު ހެދި ދޮގުތަކުން ޖެހުނު ސިހުރުގެ ފައިދާ އެނގިލައްވާތޯއެވެ؟ ދޮންމަންމައަށް ކަމެއްވެދާނެތީ ގަތްބިރުން އަނެއްދުވަހު ވަރިވެގެން ހިނގައްޖެއެވެ. 22 އަހަރަށްފަހު މަންމަ އާއި ދެވަނަ ފަހަރަށް ކައިވެނިކޮށްފިއެވެ. އެހިސާބުން އެރޭ އަޅުގަނޑު ދެއްކީ ހުސް ދޮގު ވާހަކަތަކެއްކަމަށް ބައްޕަ ގާތުގައި ބުނީމެވެ.  

ނިންމާލަމުން މިއަދުނޫހުގެ ކިޔުންތެރިންނަށް މިދަންނަވަނީ ކަންކަން ނިމުނު ގޮތެވެ. އަޅުގަނޑަށް ލޯބިވެރިއަކު ނުލިބިފައި ހުރީ ދޮންމަންމަގެ ސިޙުރުންނެވެ. ވަޒީފާއެއް ނުލިބި ލަސްވީ މަންމައާއިމެދު ކަންތައް ކުރެވުނު ގޮތުންނެވެ. މަންމަގެ ހިތުގައި ޖެއްސުނީތީއެވެ.  

އުންމީދުކުރަނީ މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ މިވާހަކައިން ޢިބްރަތްތަކެއް ޙާޞިލުކުރެއްވޭނެ ކަމަށެވެ. އިން ޝާ ﷲ  

- ފައިރޫޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް