އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު
ފެނަކައިގެ ދަރަނީގެތެރެއިން މިހާތަނަށް 800 މިލިޔަން ރުފިޔާ ދައްކާފައިވާ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މުޢާޒު ވިދާޅުވީ، ފެނަކައިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނީގެ ތެރެއިން މިހާތަނަށް 800 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. އޭގެ ތެރެއިން ޚާއްޞަ އިސްކަމެއް ދީފައިވަނީ ކުދި ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ކަމަށް މުޢާޒު ވިދާޅުވިއެވެ. މިގޮތުން 280 އަށްވުރެ ގިނަ ފަރާތްތަކަށް މިހާރު ފައިސާ ދައްކާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ޚާއްޞަކޮށް އިސްކަމެއް މިދިނީ ރަށްރަށުގައި ތިބި ކުދި ކުދި ވެންޑަރުންނަށް ފައިސާ ދައްކަން. އޭގެތެރޭގައި އެބަ ހިމެނޭ ނާލު ބޯޓު ފަހަރާއި، ކެއުންބުއިމަށް ޚިދުމަތްދޭ ބައެއް ތަންތަން. ކުރީގެ މެނޭޖްމަންޓުންކޮށްފައި ހުރި ޚަރަދުތަކުގެތެރެއިން ފައިސާ ނުދައްކާހުރި ޚަރަދުތައް،" މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.
މި ސަރުކާރު އައިއިރު ފެނަކައިގައި 4.3 ބިލިޔަން ރުފިޔާގެ ދަރަންޏެއް އޮތެވެ. އޭގެތެރޭގައި އެސްޓީއޯއަށް ދައްކަންޖެހޭ ގިނަ ޢަދަދެއްގެ ފައިސާއާއި އަމިއްލަ ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ފައިސާވެސް ހިމެނެއެވެ.
ފެނަކައިން މިހާތަނަށް ދައްކާފައިވާ 800 މިލިޔަން ރުފިޔާއަކީ ކުންފުނީގެ ޖުމްލަ ދަރަނީގެ ބޮޑު ބައެއް ކަމަށްވާތީ، މިއީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަމުގެ ހެއްކެކެވެ.
Advertisement
30 އޮގަސްޓް 2024