އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ވަނީ އަންނަ އަހަރުގެ ހޫނު މޫސުމަށާއި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން 39 ޖެނެރޭޓަރު ހޯދުމަށް މަސައްކަތް ފަށާފައެވެ. މި ޖެނެރޭޓަރުތައް ހޯދުމަށް މިހާރު ވަނީ ބީލަން ހުޅުވާލާފައި ކަމަށް ފެނަކައިން މަޢުލޫމާތު ދީފައިވެއެވެ.
ފެނަކައިން ބުނާ ގޮތުގައި، އެކި ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރަށް ބޭނުންވާ 39 ޖެނެރޭޓަރު ސަޕްލައިކޮށްދިނުމަށް، ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މި ޖެނެރޭޓަރުތައް ހޯދުމުގެ މައިގަނޑު މަޤްޞަދަކީ އަންނަ އަހަރުގެ ރަމަޟާން މަހަށާއި ހޫނުގަދަ މޫސުމަށް ތައްޔާރުވުމެވެ.
ފެނަކައިން އިތުރަށް ހާމަކުރި ގޮތުގައި، އަންނަ އަހަރުގެ ރަމަޟާން މަސް ދިމާވަނީ އަހަރުގެ އެންމެ ހޫނު ދުވަސްވަރާ ކަމަށްވުމާއެކު، އެ ދުވަސްވަރު ކަރަންޓަށް އޮންނަ ޑިމާންޑު ވަރަށް ބޮޑުތަނުން އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން، ކަރަންޓުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މިހާރުއްސުރެ ތައްޔާރުވަމުންދާ ކަމަށް ވެސް ފެނަކައިން ވަނީ ފާހަގަކޮށްފައެވެ.
މި ޖެނެރޭޓަރުތައް ހޯދުމަށް ހުޅުވާލާފައިވާ ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަހުގެ 7 އިން 14 އަށް ކުރިމަތިލުމުގެ ފުރުޞަތު ދެވިފައިވާ ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ސަބަބުން، އަންނަ އަހަރުގެ ރަމަޟާން މަހާއި ހޫނު މޫސުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް އިތުރު ބާރަކަށް ވާނެ ކަމަށް ބެލެވެއެވެ.
Advertisement
8 އޮކްޓޯބަރ 2024