އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު
މާލެ ސަރަހައްދުގެ ރަށްތައް ގުޅާލުމަށް ވަރުގަދަ ޓްރާންސްޕޯޓް ލިންކެއް ޤާއިމްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެއވެ. މިކަން ހާމަކުރެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ސަޢުދީ ވިދާޅުވީ، މާލެ ސަރަހައްދުގައި ހިއްކައި އެއްފަސްވެފައިވާ ހުރިހާ ސަރަޙައްދެއް ވަރުގަދަ ޓްރާންސްޕޯޓް ލިންކަކުން ގުޅާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ. އަދި އެމްޓީސީސީއިން ދަތުރުފަތުރާބެހޭ ވުޒާރާއާ ގުޅިގެން މި ސަރަޙައްދުގައި ބޭނުންކުރާނެ ދަތުރުފަތުރުގެ މޮޑެލްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ރައީސްގެ ވަރަށް ބޮޑު އުއްމީދެއް، ރަސްމާލެ، ގިރާވަރުފަޅު، ގުޅިފަޅު ތަރައްޤީވެގެން އަންނައިރު އިންޓަރ ކަނެކްޓެޑް ލިންކަކުން ދަތުރުފަތުރު ގުޅާލުމަކީ. އެ މަސައްކަތް އެމްޓީސީސީން މިހާރު ދަނީ ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން ކުރަމުން. މިކަމަށް ބޭނުންވާނެ މޮޑެލްއެއް ޑިވެލޮޕްކުރުމުގެ މަސައްކަތް،" ސަޢުދީ ވިދާޅުވިއެވެ.
މީގެއިތުރުން، މާލެ ސަރަޙައްދުގެ ބަހުގެ ޚިދުމަތް ފެށޭ ގޭ ގަޑި ހެނދުނު 6 އިން ފަތިހު 5 ޖަހާއިރަށް ބަދަލުކުރުމަކީވެސް މި މަސައްކަތާ ގުޅިފައިވާ ބަދަލެއްކަމަށް އެމްޓީސީސީގެ އެމްޑީ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ސަބަބުން މާލެ ސަރަހައްދުގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ކަމަށް އުއްމީދުކުރެވެއެވެ.
Advertisement
7 ސެޕްޓެމްބަރ 2024