އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން ކެރިއާ އެކްސްޕްލޯޝަން ޕްރޮގުރާމެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ޕްރޮގުރާމު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ހެނދުނު 8:15 އިން ހަވީރު 6:00 އަށް އެމްޓީސީސީގައެވެ. މި ޕްރޮގުރާމުގެ ތެރެއިން ބައިވެރިންނަށް އެމްޓީސީސީގެ ހެޑް އޮފީހާއި އެކި ވޯކް ސައިޓުތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިނިސްޓްރީ އޮފް ޔޫތުން މަޢުލޫމާތު ދެއްވިގޮތުގައި، މި ޕްރޮގުރާމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. އަދި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން އޮންލައިންކޮށް ރަޖިސްޓްރީ ވާންޖެހޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
މި ޕްރޮގުރާމުގެ މަޤްޞަދަކީ ޒުވާނުންނަށް އެމްޓީސީސީގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި ކުރިއެރުމުގެ މަގުތައް ދައްކައިދިނުމާއި، އެ ދާއިރާތަކަށް ޝައުޤުވެރިކަން އުފެއްދުން ކަމަށް ބެލެވެއެވެ.
މިފަދަ ޕްރޮގުރާމުތަކުން ޒުވާނުންނަށް ވަޒީފާގެ މައިދާނަށް ނުކުތުމުގެ ކުރިން އެކި ދާއިރާތަކާ ބެހޭ މަޢުލޫމާތު ލިބި، އެ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާ ބައްދަލުކޮށް ސުވާލުކުރުމުުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ ސަބަބުން ޒުވާނުންނަށް އެމީހުންގެ ކެރިއަރ ރޭވުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.
Advertisement
22 ސެޕްޓެމްބަރ 2024