އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު
ދިވެހި މަސްދޯނިފަހަރުގައި ޔަންމާ އިންޖީނު އެޅިތާ 50 އަހަރު ފުރުމާ ގުޅިގެން އެމްޓީސީސީން ޚާއްޞަ ފޯރަމެއް ބާއްވައިފިއެވެ. މި ފޯރަމްގައި ޔަންމާ އިންޖީނާއި އޮޑިދޯނިފަހަރުގައި ބޭނުންކުރެވޭ އާ ޓެކްނޮލޮޖީއާ ބެހޭ މަޢުލޫމާތު ދެވުނެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ފޯރަމްގައި އިންޖީނުތަކާއި ލޮނުފެނުން މަސް ފިނިކުރާ ނިޒާމާ ބެހޭ މަޢުލޫމާތު ވެސް ހިއްސާކުރެވުނެވެ. މި ފޯރަމަކީ ދިވެހި މަސްވެރިކަމުގެ ދާއިރާގައި ޔަންމާ އިންޖީނުގެ މުހިންމުކަން ފާހަގަކޮށް، އޭގެ ތާރީޚީ ދައުރު ފާހަގަކުރުމަށް ބޭއްވުނު ޚާއްޞަ ހަފްލާއެކެވެ.
ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، ޔަންމާ އޭޝިއާގެ މެނޭޖިން ޑައިރެކްޓަރ ވިދާޅުވީ ޔަންމާ އިންޖީނު ދިވެހި މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް ގެނެސްދިން ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޔަންމާ އިންޖީނުގެ ސަބަބުން ދިވެހި މަސްވެރިންނަށް ދުރު ސަރަޙައްދުތަކަށް ދަތުރުކޮށް، އިތުރު މަސްވެރިކަން ކުރުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ.
ރާއްޖޭގައި ފުރަތަމަ ޔަންމާ އިންޖީނު އެޅުނީ 1974 ވަނަ އަހަރު "އުއްމީދު" ނަމަކަށް ކިޔުނު ދޯންޏަކަށެވެ. އެމްޓީސީސީން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، ފުރަތަމަ ކޮޅު މަޤްބޫލުކަން ކުޑަވިނަމަވެސް، ފަހުން ޔަންމާ އިންޖީނު ދިވެހި މަސްވެރިންގެ މެދުގައި މަޤްބޫލު ބްރޭންޑަކަށް ވެގެން ދިޔައެވެ. މިއަދު ޔަންމާ އިންޖީނަކީ ދިވެހި މަސްވެރިކަމުގެ ދާއިރާގައި އެންމެ ގިނައިން ބޭނުންކުރެވޭ އިންޖީނުތަކުގެ ތެރެއިން އެއް ބްރޭންޑެވެ.
މި ފޯރަމް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި މަސްވެރިކަމުގެ ދާއިރާގައި ޔަންމާ އިންޖީނުގެ ދައުރު ފާހަގަކުރުމާއެކު، މަސްވެރިކަމުގެ ދާއިރާގައި ބޭނުންކުރެވޭ އާ ޓެކްނޮލޮޖީތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މި ފޯރަމްގައި މަސްވެރިންނާއި، އޮޑިވެރިންނާއި، އަދި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތައް ބައިވެރިވިއެވެ.
Advertisement
10 ޑިސެމްބަރ 2024