އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ކިތަންމެ ބޮޑު މުސާރައެއް ލިބުނަސް ބޮޑާވެ ރުޅިގަދަވުމަކީ މުޅި ޢުމުރަށް ހިތާމަކުރަންޖެހިދާނެ ކަމެއްކަން ތަޖުރިބާކުރަންޖެހުނު އަންހެނެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ކިތަންމެ ބޮޑު މުސާރައެއް ލިބުނަސް ބޮޑާވެ ރުޅިގަދަވުމަކީ މުޅި ޢުމުރަށް ހިތާމަކުރަންޖެހިދާނެ ކަމެއްކަން ތަޖުރިބާކުރަންޖެހުނު އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 27 ސިކުންތު

އެދެމަފިރިންނަކީ ވެސް ވަޒީފާއަދާކުރާ ދެމަފިރިންނެވެ. ފިރިމީހާއަށްވުރެ ބޮޑު މުސާރައެއް ލިބެނީ އަނބިމީހާއަށެވެ. އެހެންވެ އެކަމަށް އަނބިމީހާ ހުންނަނީ ވަރަށް ބޮޑާވެ ފޮނި ބޮޑުވެފައެވެ.  

ދެމަފިރިންނަށް 3 ދަރިން ލިބިފައިވެއެވެ. 3،5،7 އަހަރުގެ ކުދިންނެވެ. އަނބިމީހާ ދަރިންގެ ކުރިމަތީގައިވެސް ފިރިމީހާއަށް މުޚާޠަބްކުރަނީ ކުރާނެ ބަހުރުވައަކުންނެވެ. ބުނަނީ އެފަހަރު ބުނަން ހިތަށް އެރި އެއްޗެކެވެ.  

ދަރިންގެ ކަންކަން ބަލަހައްޓަން ގެއަށް އަންހެނަކު ހޯދީވެސް އަނބިމީހާއެވެ. ގެއަށް ގެނައުމަށްފަހު އެއްޗެތި ގޮވައި އަބަދު އޭނާވެސް ބަހައްޓަނީ ރޮއްވައިފައެވެ. ފިރިމީހާ އަނބިމީހާގެ ގާތުގައި އިންސާނުންނާއިމެދު އެގޮތަށް ކަންކަން ނުކޮށް ހެޔޮކޮށް ހިތައިގެން ގެންގުޅެން ބުނީމާ ބުނީ މިހާއަވަހަށް ދެމީހުން ހިތާވީކަމަށާއި އޭނާ ގެއިން ނެރެ ފޮނުވައިލާނެ ކަމަށެވެ.  

އެހިސާބަށް ދިއުމުން ފިރިމީހާގެ ހިތުގައި އެއަންހެންމީހާއަށް ރަޙުމް އުފެދި ގެއިން އޭނާ ފޮނުވައިނުލެވޭނެ ކަމަށްބުނުމުން އަނބިމީހާ ބުނީ އެހެންވެއްޖިއްޔާ ގެއިން އޭނާ އަމިއްލައަށް ނުކުމެގެންދަނީ ކަމަށެވެ. އަދި އެއިރުން ފިރިމީހާއަށާއި ދިރިއުޅެންޖެހޭނީ ވަރަށް ދަތިޙާލުގައި ކަމަށެވެ.  

އެހެން ބުނެފައި އޭނާ ނުކުމެގެންދިއައީއެވެ. ނުކުމެގެން ދިއުމުން ކަންތައްވީވެސް އެގޮތަށެވެ. އުޅެންޖެހުނީ ވަރަށް ދަތިޙާލުގައެވެ. ކުދިން ބަލަން ގެނައި އަންހެން މީހާއަށް މުސާރަވެސް ނުދެވުނެވެ. މުސާރަ ނުދެވުނަސް އޭނާ ގެއިން ދާކަށް ބޭނުމެއް ނުވިއެވެ. އެއީ އެކުދިން ގެންގުޅުމުން ހިތުގައި ލޯބި އުފެދިފައިވާތީއެވެ. އެހެންވެ ބުނީ އޭނާ ހިނގައްޖެނަމަ 3 ކުދިންނަށް ވަރަށް ނިކަމެތިޙާލު ޖެހޭނެ ކަމަށާއި ކުދިންގެ ބައްޕައަށް މުސާރަދޭން ލިބުނު ދުވަހަކުން ދިން ނަމަވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި މުސާރަ ދޭންނުލިބުނު މަހެއްގެ މުސާރަ ބޭނުން ނޫން ކަމަށެވެ.  

1 އަހަރުވަންދެން ހިލޭސާބަހަށް އޭނާ ކުދިން ބަލައިދީ ގޭތެރޭގެ މަސައްކަތްކޮށްދިނުމުން ފިރިހެންމީހާ ނިންމީ އަންހެންމީހާ ޤަބޫލުނަމަ ކައިވެނިކުރުމަށެވެ. އެހިސާބުން ކުދިންގެ މަންމަ ވަރިކޮށްފައި އެނާ އާއި ކައިވެނިކުރީއެވެ. ކުދިންގެ މަންމަ ކުދިން ދެކެލަން ކަމަށްބުނެ ގެއަށް އައީ 2 އަހަރު ފަހުންނެވެ. އެއިރު ފިރިމީހާ ގެއަކު ނުއުޅެއެވެ.  

އެހެންވެ މަޑުކޮށްލައިގެން އިން އިރު އޭނާއަށް ފެނުނީ ޤަބޫލުވެސްކުރަން ދަތި މަންޒަރުތަކެވެ. 3 ކުދިން މަންމާއެވެ. ގޮވަމުން ދުވީ ކުދިން ބަލަން ގެނައި އަންހެންމީހާ ފަހަތުންނެވެ. އެއްވެސް ކުއްޖަކު އޭނާއަށް ސަމާލުކަންވެސް ނުދިނެވެ. އެހެންވެ ވަރަށް ރުޅިގަދަވެފައި އިންދާ ފިރިމީހާ އައުމުން ފުރަތަމަވެސް ސުވާލުކުރީ ދަރިން ލައްވައި ނޯކަރަކަށް މަންމަ ކިޔުއްވަނީ ކީއްވެގެންތޯއެވެ؟ ޖަވާބުގައި އޭނާ ބުނީ އެއީ އެކުދިންގެ ދެވަނަ މަންމަކަމަށްވީމާ ކަމަށެވެ.  

"އަހަރުވަންދެން ކަލެއަށް އިންތިޒާރުކުރިން. ޚަބަރެއްވެސް ނުވީމާ ކައިވެނިކުރީ. ކަލޭވަރިކުރިކަން ކޯޓުންވާނީ ކަލެއަށް އަންގާފަ. އެއީ ކަލޭ ކަހަލަ އަންހެނެއް ނޫން. މުސާރަދޭން ނުލިބުނީމާ ވެސް ގެއިން ނުގޮސް ހިލޭ ސާބަހަށް 3 ދަރިން ބަލައިދީ ހުރިހާ މަސައްކަތެއް ކޮށްދިނީ. ކަލޭހެން އަބަދު ރުޅިގަދަވެގެނެއް ނޫޅޭ. އެހެންވެ ދަރިންވެސް އޭނާދެކެ ވަރަށް ލޯބިވޭ."  

ކުރީގެ އަނބިމީހާ ބުނީ ކުރިން އޭނާއަށް އުޅެވުނީ ރަނގަޅަށް ނޫންކަން އެނގިއްޖެ ކަމަށެވެ. އޮފީހުގައިވެސް ރުޅިގަދަކުރެވޭތީ ވަޒިފާވެސް ގެއްލިއްޖެކަމަށެވެ. އެހެންވެ ދެން ބޭނުންވަނީ ކުދިންނާއިއެކުގައި އުޅެން ކަމަށެވެ. މިހާރު ރުޅި ނައިސް އުޅެން ދަސްކޮށްފިން ކަމަށެވެ.  

އެހެންބުނިތަނާ ދެވަނަ އނބިމީހާ އައިސް ފިރިމީހާގެ ގާތުގައި ހުއްޓިއްޖެއެވެ. ހުއްޓޭއިރަށް އަޑުގަދަކުރަން ފަށައިފިއެވެ. "ހުރި ނުބައިކަން ނިކަންދެކިބަލާށެވެ. ނޯކަރަކަށް ގެނައިމާ ފިރިމީހާ ޖަހައިގަތްއިރު ލަދުހަޔާތްކޮބައިހެއްޔެވެ؟"  

އެހިސާބަށްދާއިރަށް ފިރިމީހާ އޭނާ ހުއްޓުވައިފިއެވެ. "ތިއަހެރީ ވަރަށް ރުޅިމަޑުކޮށްގެން އުޅެން ވަރަށް ރަނގަޅަށް ދަސްވެފަ، ދެއަހަރުފަހުން ގަދައަޑު ނެރުނީމާ 3 ކުދިން ދުވެގޮސް ކޮޓަރިއަށް ވަދެ ދޮރުޖެހިތަން ނުފެންނަނީތަ؟ މިދިއަ ދެއަހަރު އެކުދިންނަށް ތިއަބާވަތުގެ ކަންކަން ފެނިފައި ނެތީމަ ކުދިން އެގަތީ ބިރު. ދެންވެސް ރަނގަޅުވާނީ ކުދިން އިތުރަށް ބިރުނުގަންނަވާ އަވަހަށް ނުކުމެގެން ދިއައިމަ."  

ފިރިމީހާ އެބުނީ ތެދެކެވެ. ކުދިން ދުވެފައިގޮސް ކޮޓަރިއަށް ވަންތަން އޭނާއަށް ފެނުނެވެ. ވީދެރައިން ޖެހުނީ އަނގަމަޑުކުރާށެވެ. އަދި ގެއިންވެސް ނުކުމެގެންދާށެވެ. 

މިއީ އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން އަންހެނަކަށް ކުރިމަތިވި ކަންތަކެވެ. ލިބުނު ރަނގަޅު  ވަޒީފާވެސް ގެއްލުނީ ގޮތްދޫނުކުރުމާއި ރުޅިގަދަކަމުންނެވެ. ލިބުނު ރަނގަޅު ފިރިމީހާވެސް ގެއްލި ދަރިންކޮޅުވެސް ގެއްލުނީ ހަމަ އެކަންކަމުގެ ސަބަބުންނެވެ. ދެވަނަ މީހަކާއި ކައިވެނިކޮށްގެން މިހާރު އެބައުޅެއެވެ. މިހާރުގެ ފިރިމީހާ ބަހައްޓަނީ އޭނާ އަޅަކަށް ހަދައިފައެވެ. ދިރިއުޅެނީ ވަރަށް ހިތްދަތިޙާލުގައެވެ.   

މިއީ ގިނަ އަންހެނުންގެ ސިފައެއް ނޫނެވެ. މަދުބައެއްގެ ސިފައެކެވެ. މިސިފަ ލިބިފައިވާ އަންހެނުން ވިސްނައި އިޞްލާޙްވާން އެބަ ޖެހެއެވެ. ރުޅިގަދަ މީހުންވެސް ތިބޭނެއެވެ. ނަމަވެސް އެކަން އިޞްލާޙްކުރަން މަސައްކަތްކުރީމާ އިޞްލާޙްކުރެވޭނެއެވެ. އެއްވެސް ނުބައި ސިފައަކީ އިޞްލާޙްކުރަން މަސައްކަތްކުރީމާ އިޞްލާޙް ނުކުރެވޭނެ ސިފައެއް ނޫނެވެ.  

އަޅުގަނޑު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ ކުޑަކޮށް ތަފާތުވާހަކައެކެވެ. މިއީ ހަމަ އިޞްލާޙްކުރަންޖެހޭ ކަމަކަށްވާތީ ޙިއްޞާކޮށްލީއެވެ.

 

- ޢައިޝަތު / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް