އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު
ބައިނަލްއަޤްވާމީ ބަންކަރިން ޚިދުމަތަށް ބުކިން ލިބެމުންދާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ބަންކަރިން ޚިދުމަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މި ޚިދުމަތް ފެށުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އެސްޓީއޯ އިން ހާމަކޮށްފައިވަނީ މި ޚިދުމަތް އިތުރަށް ފުޅާކޮށް، އިތުބާރުހުރި ޚިދުމަތަކަށް ހެދުމުން މާކެޓް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
ބަންކަރިން ޚިދުމަތް ފެށުމަކީ ސަރުކާރުގެ އެންމެ މުހިންމު އިޤްތިޞާދީ އެއް ސިޔާސަތު ކަމަށް ބެލެވެއެވެ. ރާއްޖެ ސަރަހައްދަކީ ދުވާލެއްގެ މައްޗަށް އެތައް ބޯޓެއް ދަތުރުކުރާ ސަރަހައްދެއް ކަމަށްވާއިރު، މިހާތަނަށް މި ސަރަހައްދުގައި ބަންކަރިން ޚިދުމަތް ދެމުން އައީ އަވަށްޓެރި ސްރީލަންކާ އާއި އިންޑިއާއިންނެވެ.
މި ޚިދުމަތް ރާއްޖޭގައި ފެށުމުން ރާއްޖޭގެ އިޤްތިޞާދަށް ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ރާއްޖޭގެ ކަނޑުގެ ދަތުރުފަތުރުގެ ދާއިރާއަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށްވެސް ލަފާކުރެވެއެވެ.
Advertisement
17 ސެޕްޓެމްބަރ 2024