އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ކައިވެނިކުރާފަހުން ސިފަހުތުރުވެ ބޭވަފާތެރިވާ ފިރިންނަށް ފިލާވަޅެއް! ބޭރުފުށުގެ ސިފަ ހުތުރު އަންހެނުންނަށް ހިތްވަރެއް!

ޢިބްރަތްތެރި ވާހަކަ: ކައިވެނިކުރާފަހުން ސިފަހުތުރުވެ ބޭވަފާތެރިވާ ފިރިންނަށް ފިލާވަޅެއް! ބޭރުފުށުގެ ސިފަ ހުތުރު އަންހެނުންނަށް ހިތްވަރެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 41 ސިކުންތު

ފުރަތަމަ ކަމަކަށްވެސް އަޅުގަނޑު އެއްބަސްވާނީ އަޅުގަނޑަކީ ބޭރުފުށުގެ ސިފަ އެހައި ރީތި އަންހެނެއް ނޫންކަމަށެވެ. އެކަން އަމިއްލައަށްވެސް އިޙްޞާޞްކުރެވޭތީ ލޯބިވެރިއެއް ނުވަތަ ފިރިއަކު ހޯދަން މަސައްކަތެއްވެސް ނުކުރަމެވެ. އެކުގައި އުޅުނު ހުރިހާކުދިން ކައިވެނިކުރިއިރުވެސް އަޅުގަނޑަށް ބައިވެރިއަކު ނުލިބުނެވެ. އެކަމާއި ކަންބޮޑުވެގެނެއްވެސް ނުއުޅެމެވެ. 

އަބަދުވެސް ޔަޤީންކޮށްގެން ހުންނަނީ އެކަމުގެ ވަޤުތު ޖެހުމުން އެކަންވާނެ ކަމަށެވެ. އެހެން ހުއްޓައި އޮފީހުގައި އެކުގައި މަސައްކަތްކުރާ މުވައްޒިފަކު އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވެގެން ބުނުމުން ސަމާސައަށް ހަދާފައި ފުރަތަމަވެސް ބުނީމެވެ. "އަނެއްކާ އަމިއްލަ ލޮލުގައި މައްސަލައެއް އުޅެނީތޯ ޗެކްކޮށްލަބަލާށެވެ!" 

އޭނާ ފަހަތުން ވިއްދައި ކިޔާވަރުން ކައިވެނިކުރީމެވެ. ފުރަތަމަ ހައަކަމަސްދުވަހު ވަރަށް އެކުގައި ލޯބިން އުޅުނެވެ. ނަމަވެސް ފަހުން ބަދަލުވާން ފަށައިފިއެވެ. ހިލޭ އަންހެނުންގެ ގާތަށްދާން ފަށައިފިއެވެ. އެންމެފަހުން އެކަން ފަޅައިވެސް އަރައިފިއެވެ. 

ދައްތައާއިއެކު ބާޒާރަށްދިއަ ރެއަކު ނިމިގެން ގެއަށްއައި މަގުމަތީގައި ދައްތަ ބުނެގެން ރެސްޓޯރަންޓަކަށް ވަންއިރު ދެމީހުން އެކުގައި އެތަނުގައި ތިއްބައި ފެނުނީއެވެ. އެއިރު އެތަނުގައި ތިބެގެންވެސް ދެމީހުން ކޮނޑަށް އަތްލައިގެން އޮޅުލަނީއެވެ. ނުވެސް ފެންނަ ކަމަށްހަދައި އެންމެ ދުރުގައި ހުރި މޭޒުގައި ދެބެއިން އިށީންތަނާ އަންހެންކުއްޖާ ގޮވައިގެން އައިސް އަހަރެމެންތިބި މޭޒުގައި އިށީނދެއްޖެއެވެ. 

ފުރަތަމަވެސް ބުނީ ފާރަލުމުގެ ބޭނުމެއް ނެތްކަމަށާއި އެއީ ސިއްރުން ކުރާކަމެއް ނޫންކަމަށެވެ. ޖަވާބެއް ނުދެމެވެ. ޖަވާބު ނުދިނީމައި އަޅުގަނޑަށް މަލާމާތްކުރަމުން ގޮސް އަމިއްލަ ސިފަ ލޯގަނޑަކުން ބަލާލަން ބުނެފައި ތެދުވަން އުޅެންފެށީމައި ބުނީމެވެ. "ފާރަލީއެއް ނޫނެވެ. ދައްތައާއިއެކު ބާޒާރުގައި އުޅެފައި ގެއަށް ދަމުން ދައްތަ ބޭނުންވެގެން މިތަނަށްވަނީއެވެ. ދެން ސިފައިގެ ވާހަކަ ބުންޏަސް ދެރައެއް ނުވެއެވެ. ގުޅެން ބޭނުންވެގެން ބުނީމަ ފުރަތަމަވެސް އަމިއްލަ ލޯ ޑޮކްޓަރަށް ދައްކަން ބުނިހަނދާން މިހާރު ނެތުނީހެއްޔެވެ؟ ދެން ގެއަށް އަންނާނެ ކަމެއް ނެތެވެ. ދާނެތަނަކަށް ގޮސްފައި އެޑްރެސް އަންގާލީމައި ހެދުންތައް ފޮނުވައިދޭނަމެވެ." 

އެގޮތަށް އެކަން މެދުވެރިވީތީ ދެރައެއްވެސް ނުވަމެވެ. ހިތަށް އެރީ އެކުގައި ދިރިއުޅެވޭނެ މީހާ އާއި އަދި ބައްދަލުނުވަނީކަމަށެވެ. އެހެންވެ އަޅައިވެސް ނުލާ ހުރީމެވެ. ނަމަވެސް އެއް އޮފީހެއްގައި މަސައްކަތް ނުކުރަންވެގެން ސަބަބު ބަޔާންކޮށް ކެނޑެން ސިޓީލީމާ ވަޒީފާއިން ވަކިކުރީ އޭނާއެވެ. އެއީ މަސައްކަތަށް އަޅުގަނޑު ރަނގަޅުވީމައެވެ. މަސައްކަތަށް ފަރުވާ ބަހައްޓާތީއެވެ. 

އެކަމުން ވަރަށް ބޮޑު ހިތްވަރެއް ލިބުނެވެ. އެއީ އޭނާ ވަކިކުރީތީއެއް ނޫނެވެ. ސިފަހުތުރަސް ދިރިއުޅުމުގެ ފުރުޞަތު އެބައޮތްކަން ޔަޤިންވުމުންނެވެ. ސިފަހުތުރަސް މަސައްކަތަށް ރަނގަޅުނަމަ މީހުން ބަލައިގަންނާނެ ކަމާއި ބަލައިގަންނާނެ ފިރިއަކުވެސް ލިބޭނެ ކަމުގެ ޔަޤިންކަން ލިބުނު ސަބަބަކަށް އެކަންވީތީއެވެ. 

އަހަރެއްހައި ދުވަހު އެކަނިހުރީމެވެ. އޮފީހުގެ ވެރިމީހާގެ އަނބިމީހާ ނުވަތަ މެޑަމް އަޅުގަނޑާއި ވަރަށް ގާތެވެ. މިބުނީ ވަރަށް ގާތް ގުޅުމެއް ބާއްވާވާހަކައެވެ. އެއީވެސް ހަމަ މަސައްކަތަށް ރަނގަޅުކަމުންނެވެ. ދެވަނަ ކައިވެނިކުރީވެސް މެޑަމް ދެއްކި އޭނާގެ ތިމާގެ މީހަކާއިއެވެ. 

ކައިވެންޏަށް ދެވަނަ އަހަރު ފިރިމީހާ އާއިއެކު ބާޒާރުގައި އުޅނިކޮށް ފުރަތަމަ ފިރިމީހާ އާއި ބައްދަލުވިއެވެ. އެއިރު ފިރިމީހާ ހުރީ އޭނާގެ ރައްޓެއްސަކާއި ވާހަކަދައްކަން ތަންކޮޅެއް ދުރުގައެވެ. 

އޭނާ ބުނީ ރީތީގެ ފަހަތުން ދުވެވުނުކަން އެއީ ހެދުނު އެންމެ ބޮޑު ގޯސްކަމަށެވެ. އޭނާ އާއި ކައިވެނިކުރިކަމަށާއި ދިރިއުޅެން ބޭނުންވީ ފެންވަރުގެ ޚަރަދުބޮޑުކަމުން ނުގެންގުޅެވިގެން ވަރިކުރީކަމަށެވެ. އެތައް ބައަކަށް ދަރައިވެސް އެބައޮތްކަމަށާއި އަލުން އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވާ ކަމަށެވެ. 

އެވަޤުތު ފިރިމީހާ އައުމުން ތަޢާރްފްކޮށްދީފައި ހިނގައިގަތީމެވެ. ދެވަނަ ފިރިމީހާއަށް އަޅުގަނޑު ވަރަށް ރީއްޗެވެ. އެހެންވެ ހިނގަނީވެސް އަތުގައި ހިފައިގެންނެވެ. އެތަންފެނިފައި އޭނާހުރީ ދެކަންމިޔައިން ސޮނިވެއްޓިފައެވެ. 

ކުރުކޮށްލާނަމެވެ. ދެވަނަ ކައިވެނީގައި 10 އަހަރުވެއްޖެއެވެ. 2 ދަރިންވެސް ވަނީ ލިބިފައެވެ. ދިރިއުޅެމުން މިދަނީ ހަމަ ވަރަށް ލޯބިންނެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އެއްވެސް މީހަކު ދުނިޔެއަށް އަންނަނީ އެމީހަކު ބޭނުންވާ ސިފައެއްގައެއް ނޫނެވެ. ﷲ ތަޢާލާ އެމީހަކަށް ދެއްވަވާ ސިފައިގައެވެ. ވީމާ މީހަކަށް ސިފަހުތުރުވިނަމަވެސް ކަންބޮޑުނުވާށެވެ. އަޚްލާޤާއި ކުރާ މަސައްކަތް ރީތިކުރީމާ އުފާވެރިކަން ﷲ ދެއްވަވާނެއެވެ. އިން ޝާ ﷲ 

- ޒީނިޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް