އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު
ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވުނު ޖަލްސާގައި ދުންފަތުގެ އުފެއްދުންތަކުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ. މި އިސްލާހު ފާސްވެފައިވަނީ 71 މެންބަރުންގެ ތާއީދާއެކު، 8 މެންބަރުން ދެކޮޅަށް ވޯޓުދިނުމާއެކުގައެވެ.
މި އިސްލާހުގެ ދަށުން ސިނގިރޭޓު، ބިޑި، އީ-ސިނގިރޭޓު އަދި ވޭޕްގެ ޑިއުޓީ ބޮޑުކުރެވޭނެއެވެ. އަދި އަންނަ މަހުގެ 15 އިން ފެށިގެން ވޭޕާއި އީ-ސިނގިރޭޓު ރާއްޖެއަށް އެތެރެކުރުން މަނާވާނެއެވެ.
އިސްލާހުގެ ދަށުން ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 50% އަށް އަދި ކޮންމެ އެއްޗަކުން 8 ރުފިޔާއަށް ބޮޑުކުރެވޭނެއެވެ. މީގެ އިތުރުން، އީ-ސިނގިރޭޓު އަދި ވޭޕްގެ ފްލޭވާއާއި ކެމިކަލްތަކުގެ ޑިއުޓީ 50% އަދި މިލިލީޓަރަކުން 8 ރުފިޔާއަށް ބޮޑުކުރެވޭނެއެވެ.
މި ބަދަލުތަކުގެ ސަބަބުން އަންނަ އަހަރު ދައުލަތަށް 1.05 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭކަމަށް މަޖިލީހުން މަޢުލޫމާތު ދެއްވާފައިވެއެވެ.
މި އިސްލާހަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމުންނެވެ. މި އިސްލާހު ފާސްވުމާއެކު، ދުންފަތުގެ އިސްތިޢުމާލު ކުޑަކުރުމަށާއި ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ދެކެއެވެ.
Advertisement
31 އޮކްޓޯބަރ 2024