އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތް ނުފުރި ތަނަވަސްކަމަށް ދަހިވެތިކަން ބޮޑުވުމުން ލިބެން އޮތް ބޮޑު ތަނަވަސްކަން ގެއްލުނު ދެމައިނެގެ ވާހަކަ-

ހިތް ނުފުރި ތަނަވަސްކަމަށް ދަހިވެތިކަން ބޮޑުވުމުން ލިބެން އޮތް ބޮޑު ތަނަވަސްކަން ގެއްލުނު ދެމައިނެގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 52 ސިކުންތު

ފައިސާއަށާއި މުދަލަށް ދަހިވެތިވާ މީހުން ވަރަށް ގިނައެވެ. ނަމަވެސް މިފަދަ ދެމައެއްގެ ވާހަކަ އަޑުއިވޭނީވެސް ވަރަށް މަދުންނެވެ. އެހެންވެ ފުރަތަމަ އަހުރެންނަށްވެސް ލިބުނީ ވަރަށް ބޮޑު ޙައިރާން ކަމެކެވެ. 

އޭނާ އޮތީ ބަލިވެ ހޮސްޕިޓަލުގައެވެ. ހިތުގެ މައްސަލައެއްގައެވެ. ޙާލު ސީރިއަސްވަމުން ގޮސް އިންޓެންސިވްކެޔާގައި 7 ދުވަހު ބޭއްވިއެވެ. ނެރެ 24 ގަޑިއިރުވުމުން އޭނާގެ އަންހެން ދަރިފުޅާއި އަނބިމީހާއަށް އޭނާ އާއި ބައްދަލުކޮށް ޙާލުބަލާލަން ފުރުޞަތެއް ދިނެވެ. 

ދެމައިން ވެއްދީ ވަކިވަކިންނެވެ. ފުރަތަމަ ވެއްދީ އަނބިމީހާއެވެ. ޙާލު އަހައިލުމުގެ ބަދަލުގައި ފުރަތަމަވެސް ދައްކަންފެށީ އޭނާގެ ކްރެޑިޓްކާޑުން ފައިސާ ހުސްވެގެންއުޅޭ ވާހަކައާއި އަވަހަށް ފައިސާ ޓްރާންސްފަރކޮށްދޭން އެދޭ ވާހަކައެވެ. ދަރިފުޅު ވެއްދުމުންވެސް ޙާލު އަހައިވެސް ނުލައި ދެއްކީ އެންމެ ފަހުގެ ކާރެއް ވަރަށް އަވަހަށް ގަންނަން ބޭނުންވާ ވާހަކައެވެ. 

ހުރިހާ ވާހަކަތަކެއް އަޑުއަހަންހުރި ނަރުސްކުއްޖާ ވަރަށް ކަންބޮޑުވިއެވެ. އެއީ އެޙާލަތުގައި އޮތްއިރު، ބައްދަލުނުވެ 8 ދުވަސްވެފައި ބައްދަލުވުމުން ދެމައިންކުރެ މީހަކު އޭނާގެ ޙާލު އަހައިނުލައި އެމީހުންގެ އަމިއްލަ ބޭނުންތަކުގެ ވާހަކަދެއްކީމައެވެ. ހިތްވަރުދިނުމުގެ ބަހެއްވެސް ނުބުނީތީއެވެ. 

2،3 ދުވަސްވެ ފިރިމީހާގެ ޙާލަތު ހަމައަކަށް އެޅުމުން ނަރުސްކުއްޖާ އޭނާއާއި ގާތް ގުޅުމެއް އުފެއްދިއެވެ. އޭނާގެ ސަމާލުކަން ހޯދިއެވެ. އަދި އަނބިމީހާ އާއި ދަރިފުޅު އެގޮތަށް ކަންތައްތައް ކުރީ ކީއްވެގެންތޯ ސުވާލުކުރިއެވެ. 

"އެއީ އަހަރެންނަށް ދިރިއުޅެންޖެހިފައިވާ ޙާލެވެ. ދެމައިންގެ ކަމަކަށް އޮންނަނީ އަހަރެންގެ އަތުން ފައިސާ ހޯދުމެވެ. އަހަރެންނާއި އަޅާލައި ލޯބިދިނުމަކީ ދެމައިންކުރެ މީހަކު ކުރާ ކަމެއް ނޫނެވެ. އަހަރެން ވަރަށް ވިސްނައިފީމެވެ. އެދެމައިންގެ ޙަޤީޤަތް ވީޑިއޯކޮށްލަން ބޭނުމެވެ. އެކަމަކު އެކަން ކުރެވޭނީ ކަލޭގެ އެހީތެރިކަމާއިއެކުގައެވެ. 

އަހަރެންގެ ފޯނުން މޫވީ ރެކޯޑްކުރެވޭނެ ގޮތް ހަދާފައި ނުފެންނަ ތަނެއްގައި ބައިންދައިދޭށެވެ. މިއަދު ހަވީރު އެމީހުން ވެއްދުމުގެ ކުރިން ނުކުމެ އަހަރެން މަރުވަނީކަމަށް ބުނާށެވެ. އެމީހުން ކަންކަންކުރާގޮތް ރެކޯޑްކޮށްލާށެވެ. ދެން އޮތްބައި އަހަރެންނަށް ދޫކޮށްލާށެވެ." 

ބަލިމީހާ އެދުނުފަދައިން ނަރުސް ކަންތައްތައް ކުރިއެވެ. ބަލިމީހާ މަރުވަނީކަމަށްބުނާއިރަށް ދެމައިންވަދެފައި އަނބިމީހާ އުޅުނީ ފިރިމީހާގެ ގެދޮރާއި ބޭންކުގައިހުރި ފައިސާއާއި ވިޔަފާރީގެ މިލްކުވެރިކަން އޭނާއަށް ލިބޭނެ ގޮތަށް ލިޔެފައި އޮތް ގަނޑެއްގައި ސޮއިކުރުވާށެވެ. ދަރިފުޅު ބުނަމުން ދިއައީ މަންމައަށް އެކަނި ދީގެން ނުވާނެ ކަމަށެވެ. 

ބަލިމީހާއަށް ސޮއިކުރެވޭ ވަރެއް ނޫނެވެ. އެވަރުންވެސް ދެމައިން ފެށީ ގެއާއި ތަރިކަބަހާށެވެ. މަރަށް ޙާޒިރުވެފައި އޮތް މީހާގެ ޙާލާއިމެދު އެކަކުވެސް ކަންބޮޑެއް ނުވެއެވެ. ދެމައިންގެ މެދުގައި ބޮޑު ޒުވާބަކަށްވުމުން ނަރުސްކުއްޖާ ދެމައިން އެނދުކައިރިން ދުރަށް ޖެއްސުވިއެވެ. 

އެވަގުތު ބަލިމީހާ ތެދުވެފައި ބުންޏެވެ. ދެމައިންގެ ހިތުގައި އަހަރެންގެ މައްޗަށް އޮތް ލޯބި ވަރަށް ސާފުކޮށް އެނގިއްޖެއެވެ. މީގެފަހުން އަނބިމީހާ އަހަރެންގެ ލޮލަށް ފެނިގެން ނުވާނެއެވެ. ދަރިފުޅު އެއްލައެއް ނުލެވޭނެއެވެ. ކާންދޭނަމެވެ. އުޅޭނެ ތަނެއް ދައްކާނަމެވެ. ކަންކަން ކުރާނެ ފައިސާ ހޯދަންވާނީ އަމިއްލަ މަސައްކަތުންނެވެ. މިހާރުހެން ބޭނުންވާ ކަންކަން ކުރަން ފައިސާދިނުން ނިމުނީއެވެ. 

ޙާލު ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލުމުން އޭނާ ގެއަށް ދިއައީ އޭނާގެ ކަންކަން ބަލަހައްޓައިދިން ނަރުސްކުއްޖާ ގޮވައިގެންނެވެ. ހޮސްޕިޓަލުގެ މުވައްޒިފެއްގެ ގޮތުގައި އަގުދީގެންނެވެ. ގޭގައި އުޅެމުން ދެމީހުން ގުޅި ކައިވެނިކުރީއެވެ. 

ނަރުސްކުއްޖާ އާއި ކައިވެނިކޮށް ދުވަސްކޮޅެއްވީފަހުން އަނބިމީހާގެ ޚަރަދުތައް ކުޑަކަމުން ފިރިމީހާ ޝަކުވާކުރީމާ ބުންޏެވެ. "އަޅުގަނޑުގެ މައިންބަފައިންނަނަކީ ފަޤީރުންނެވެ. އުޅެބޮޑުވީ ފަޤީރުކަމުގައެވެ. މެޑިސިން ނުހަދައި ނަރުހަކަށްވާން މިޖެހުނީވެސް ފަޤީރުކަމުންނެވެ. ނަރުސްކަމުން ލިބޭ މުސާރައިން މައިންބަފައިންނަށް ބައެއް އަޅާފައި ދެން ހުންނަ ފައިސާއިން ދިރިއުޅެން މިހުރީ އާދަވެފައެވެ. ވީމާ ހިތަށް އެރިވަރަކަށް ޚަރަދުކުރެވޭ ކްރެޑިޓްކާޑެއް ފިރިމީހާ ދިނަސް މޮޔަވާކަށް ނުވާނެ ނޫންހެއްޔެވެ؟ 

އަނބިމީހާގެ ޖަވާބުން ފިރިމީހާއަށް ވަރަށް އަސަރުކުރިއެވެ. އަދި ޙަޔާތުގައި މިހައިތަނަށް ކުރެވުނު އިސްރާފް ބޮޑު ޚަރަދުތަކާއިމެދު ވިސްނައިލެވުނެވެ. އަނބިމީހާއަށްޓަކައި އޭނާގެ އަމިއްލަ ވިޔަފާރިއެއް ފަށައިދީ ވިޔަފާރި ހިންގުމުގެ ފުރުޞަތު އަނބިމީހާއަށްދިނެވެ. ނަތީޖާއަށްވީ އަނބިމީހާގެ ޢާއިލާގެ އެންމެންނަށް ވަޒީފާލިބި ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ފަހިވެގެންދިއުމެވެ.    

މިއީ އަޅުގަނޑު ބެލި ވަރަށް މަޝްހޫރު ފިލްމަކުން އަޅުގަނޑަށް ފާހަގަކޮށްލެވުނު ކަންކަމެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ވާގިނެތް ޙާލުގައި ފިރިމީހާގެ އިނގިލީގެ ނިޝާން ޖައްސުވައިގެން ފިރިންގެ މުދައު ހޯދުމުގެ މައްސަލަތައް މިދަނީ ރާއްޖޭގައިވެސް ފެންމަތިވަމުންނެވެ. ބަލިވީމާ ބޭސްދިނުމުގައި ފަރުވާކުޑަކުރެވިގެން ޙާލުބޮޑުވުމުގެ މައްސަލަތައްވެސް މިދަނީ ހަމަ ފެންމަތިވަމުންނެވެ. 

ފިރިމީހާ ކަމަށްވީނަމަވެސް އަނބިމީހީކަމަށްވީނަމަވެސް ބަލިވީމާ އޭނާގެ މުދަލަށް ދަހިވެތިނުވެ އޭނާގެ ފުރާނަ ސަލާމަތްކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރީމާ އެކަމަށް ﷲ ދެއްވަވާ ކަންކަން ހިސާބު ޢަދަދުން ނުވެސް ގުނޭނެއެވެ. 

މިފަދަ ވާހަކަތަކަކީ ވަރަށް ޢިބްރަތްތެރި ވާހަކަތަކެވެ. ވިސްނައި ފިކުރުކުރި މީހަކަށް ޢިބްރަތްތެރި ފިލާވަޅުތަކެވެ.

 

- މަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް