އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 54 ސިކުންތު
މިހާތަނަށް އެއްވެސް ސަރުކާރަކުން ނުކުރެވުނު އެތައް ކަމެއް އަދުގެ ސަރުކާރުން ކުރަމުންދާ ކަމީ އެއްވެސް ޝައްކެއް ހުރި ކަމެއް ނޫނެވެ. އިއްޔެއާ ޖެހެންދެން ދިވެހިންގެ ތެރޭގައި އެންމެ ބޮޑު ތަކުލީފަކަށް ވެފައި އޮތީ ބިދޭސީންގެ މައްސަލައެވެ. ބިދޭސީންގެ ބާރު މިގައުމުގައި ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުން ދިވެހިންނަށްވުރެ ބިދޭސީން މިގައުމުގައި ގިނަވަމުން އާލާވަމުން އައީ ހަލުވިކަމާއެކުގައެވެ. ނިމިދިޔަ ސަރުކާރުންވެސް ބިދޭސީން މަދުކުރުމަށް ކަންތައްތަކެއް ކުރާ ވާހަކައެއް އަޑު އިވުނެވެ. އެހެންނަމަވެސް އެފަދަ އެއްވެސް މަންޒަރެއް ފެނިފައެއް ނުވެއެވެ. ކޮންމެ ދިމާއަކަށް ދިޔަޔަސް ފެންނަނީ ބިދޭސީއެކެވެ. ފިހާރައެެއްގެ ސޭޓަކަށްވިޔަސް، ސޭލްސްމަނަކަށް ވިޔަސް، ކެފޭއެއްގެ ވެއިޓަރަކަށްވިޔަސް ނުވަތަ ހޯމް ޑެލިވަރީކޮށްދިނުމުގެ އަމިއްލަ ވިޔަފާރިއެއް ކަމަށްވިޔަސް ބިދޭސީންނެވެ. މަގު ކޮންނަ މީހަކު ފެނުނަސް ބިދޭސީއެކެވެ. އޮންލައިންކޮށް ކާބޯތަކެތީގެ ވިޔަފާރިން ފެށިގެން އިލެކްޓްރޯނިކް ސާމާނުގެ ވިޔަފާރިވެސް ހިންގަނީ ބިދޭސީންނެވެ. މަގެއްގެ މަތިން ސައިކަލު ނުވަތަ ކާރު ފަދަ އުޅަނދަކަށް ކަމެއް ވެގެން ގަރާޖަކަށް ދިޔަޔަސް ބިދޭސީންނެވެ. ސާފު ކުރުމުގެ މަސައްކަތުން ފެށިގެން ސޭޓުންނާ ހަމައަށްވެސް ބިދޭސީންނެވެ.
ހައްލު އޮތީ ނުލިބި ދިވެހިން ތިބީ ގޮތް ހުސްވާ ހިސާބުގައެވެ. ހަދާނެ ގޮތެއް ނޭނގިފައެވެ. މަދުވާ ތަނެއް ނުފެނެއެވެ. ފެންނަނީ ދުވަހެއް ދުވަހަކަށް ގިނަ ވަމުންދާ ތަނެވެ. އެކަމަކު، އަހަރުތަކެއް ފަހުން ދިވެހިންގެ ބިމުން ބިދޭސީންގެ ނުފޫޒާއި ވަހާއި އަސަރު ކެނޑެން ފަށައިފިއެވެ. އުއްމީދު ނުކުރާހާ އަވަސް މިނެއްގައެވެ. ސާފުތާހިރުކަމުގެ އެއްވެސް މިންވަރެއް ނެތް ހަޑިމުޑުދާރު ތަންތަނުގައި، އިންސާނުންނަށް ކާންބޯން ބޭނުން ކުރަން ހެޔޮނުވާ މިންވަރަށް ނަޖިސްވެފައިވާ ތަންތަނުގައި ބިދޭސީން ކާބޯތަކެތި ތައްޔާރުކޮށް އޭގެ ވިޔަފާރި ކުރަމުންދިޔަ ތަންތަނުގައި ތަޅު އެޅުވެން ފަށައިފިއެވެ. އެއްވެސް ގޮތެއް ފޮތެއް ނެތި، ގަވާއިދެއް ގާނޫނެއް ނެތި އަމިއްލަ އަމިއްލަ ވެރިކަމުގައި އުޅެމުންދިޔަ ބިދޭސީން ޖެހިލުންވެ ފަހަތަށް ޖެހެން މަޖުބޫރުކޮށްލި ވެރިއަކު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާއެކު، ބިދޭސީންގެ ނުފޫޒާއި ބާރު ކެނޑެން ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާއެކު، އެންމެ އިސްކަން ދެއްވި ކަންކަމުގެ ތެރޭގައި ބިދޭސީންގެ މައްސަލަވެސް ހިމެނެއެވެ. ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒު ހާސިލުކުރުމަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ކޮށްފައެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް، ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ފެށްޓިއެވެ. އެ އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު މިއަދާ ހަމައަށް ގާތްގަނޑަކަށްހެން ކޮންމެ 3 ދުވަހަކުން އެއް ދުވަހަކު، އަދި ބައެއްފަހަރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގަވާއިދާ ހިލާފާށް އުޅޭ ބިދޭސީންތަކެއް އަތުލައިގަންނަ ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީތަކުންނާއި ސޯޝަލްމީޑިޔާގެ އެކި މަންސަތަކުން ފެންނަން ފެށިއެވެ.
މިއީ ފަސޭހަކޮށް ކުރެވޭނެ ކަމެއް ނޫން ކަން ޔަގީނެވެ. ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ދައުލަތުގެ މީޑިޔާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދިވެހިގައުމަށް ދިމާވެފައި އޮތް މިބޮޑު މައްސަލަ ހައްލު ކުރުމަށް، މައްސަލަ ހައްލު ކުރުމަށް، އެންމެ ފުރަތަމަ އިސްކަން ދެއްވީ ދައުލަތުގެ ނިޒާމުގެ ތެރޭގައި ހުރި ގިނަ މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ. އެންމެ ފުރަތަމަކަމަކަށް، މި މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަން ނިޒާމުގެތެރޭގައިވެސް ގިނަ މައްސަލަތަކެއް ހުރިކަން ކޮންޓްރޯލަރ ވަނީ ދައުލަތުގެ މީޑިޔާގައި ދެއްކވި ވާހަކަފުޅުގައި ފާހަގަކުރައްވާފައެވެ. ކޮންމެއަކަސް، ޝަމްއާނު އެ ނިޒާމުގެ މައްސަލަތައް ހައްލުކުރެއްވިއެވެ. އެހާތަނަށް އަހަރުތަކެއް ވަންދެން އަމަލުކުރަމުން އައިސްފައިވާ ބައެއް އުސޫލްތަކަށްވެސް ބަދަލުތަކެއް ގެންނެވިއެވެ. ޝަމްއާން ފާހަގަކުރެއްވި ގޮތުގައި އެމައްސަލަ ހައްލުކުރުމަށް މަދު ދުވަސްކޮޅެއްގެތެރޭގައި ސީދާ ކަމަށް ހާއްސަ ސޮފްޓްވެއަރއެއް ތައްޔާރުކުރެވި، ދައުލަތުގެ ހުރިހާ އިދާރާތަކުން މައުލޫމާތު ލިބޭނެ ނިޒާމެއް ހަމަޖެހުނެވެ. އަދި ދެން، ރާއްޖޭގެ ދާހިލީ ވުޒާރާ، ހޯމްލޭންޑް ސެކިއުރިޓީގެ ދަށުން ހިންގަމުންދާ ތަންފީޒީ އެހެން އިދާރާތަކާ ގުޅިގެން މަސައްކަތްތައް ފެށުމަށްފަހު، މީގެ ކުރިން ނުކުރެވޭ މިންވަރަށް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ފެށިގެން ދިޔައީ އެއްވެސް ސަރުކާރަކުން ދީފައިނުވާ ވަރުގެ ބޮޑު ސަމާލުކަމެއް މިސަރުކާރުން މިކަމަށް ދިނުމާގުޅިގެންނެވެ.
ބިދޭސީންގެ މޫ މި ދިވެހި ބިމަށް ފެތުރިފައިވާ މިންވަރު އެނގުމުން ކޮންމެ ބަޔަކުވެސް އަޖައިބުވާނެއެވެ. ދިވެހިންގެ ނަމުގައި އަމިއްލަ ވިޔަފާރިތައް އުފައްދައި އޭގެ ނަފާ ހޯދަމުން، އަމިއްލަ ގައުމަށް ލާރި ފޮނުވަމުން ގޮސްފައިވަނީ ހީވެސް ނުކުރާހާ ފުޅާ ދާއިރާއެއްގައެވެ. އިމިގްރޭޝަަނުން މިހާތަނަށް ހިންގި ގިނަ ރެއިޑުތަކުން އަތުލައިގަނެފައިވާ ބިދޭސީންގެ ތެރޭގައި އެންމެ ގިނައީ ދިވެހިންގެ ނަމުގައި ކާބޯތަކެތީގެ ވިޔަފާރިތައް ކުރަމުން ގޮސްފައިވާ މީހުންނެވެ. ދައުލަތުގެ މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި އިމިގްރޭޝަންގެ ކޮންޓްރޯލަރ ޝަމްއާން ވިދާޅުވި ގޮތުގައި ރެއިޑް އޮޕަރޭޝަންތަކުން ބައެއް ގޭގޭގައި ބޮޑެތި ފެކްޓަރީތައް ހަދާފައި ހުރިކަން ވަރަށް ބޮޑަށް ފާހަގަވި ކަމަށާއި ދިވެހިން ކާންބޯކުރާ މަސައްކަތް ދިވެހި ލޭބަލް ޖަހައިގެން، ދިވެހި އުފެއްދުންތައް ކަމަށް ހަދައިގެން ވިޔަފާރިކުރަމުން ގެންދާކަން ފާހަގަވި ކަމަށެވެ. އެހެންކަމުން އިމިގްރޭޝަނުން އެންމެބޮޑަށް ސަމާލުކަމެއް ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މީހުންނަށް ކަމަށްވެސް ޝަމްއާން ވަނީ ވިދާޅުވެފައެވެ.
ކޮންމެއަކަސް ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިވެހިންގެ ނަމުގައި ބޮޑެތި ވިޔަފާރިތައް ކުރަމުންދާ ބިދޭސީންނަށްނަށް އިތުރު ފުރުސަތެއް މިސަރުކާރުން ދޭކަށް ގަސްދުކޮށްފައެއް ނެތެވެ. ނުތާހިރު، މުޑުދާރު ތަންތަނުގައި، އިންސާނުން ދިރިއުޅުމަށް އެކަށީގެންނުވާ ވަރަށް ނަޖިސް ތަންތަނުގައި ދިރިއުޅެމުން، ތޮއްޖެހިގެން ތިބެ ނިދައި ކައިބޮއި ހެދުމާއެކު ކާބޯތަކެތި އެފަދަ ތަންތަނުގައި ތައްޔާރުކޮށް އޭގެއިން މަންފާ ހޯދަމުންދިޔަ ބިދޭސީންނަށް އިތުރުފުރުސަތެއް ނުދީ އެމީހުންގެ ގައުމަށް ފޮނުވާލަނީ އަނބުރާ މިގައުމަށް ނާދެވޭނެހެންނެވެ. ބިއުޓީ ޕާލަރތަކާއި މަސާޖުޕާލާތަކުންނާއި ހަށިވިއްކާ ވިޔަފާރިތަކުން އަތުލައިގެން ގެންދާ ބިދޭސީން ޑީޕޯޓު ކުރުމުން ބައެއް އިދިކޮޅު ފަރާތްތަކުން މިސަރުކާރާމެދު ދޮގު ވާހަކަތައްވެސް ފަތުރާފައިވެއެވެ. އެހެންނަަމަވެސް ހަގީގަތް އެނގޭ ތެދުހިތުން ވިސްނާ މީހެއްނަމަ ގައުމަށް ލިބިގެންދިޔަ ހަމަޖެހުމާއި އަމާންކަން އިހުސާސް ކުރެވޭނެއެވެ.
މިވޭތުވެދިޔަ އަހަރު ތެރޭގައި 5000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްލާފައިވާއިރު މިއީ ޔަގީނުންވެސް ރެކޯޑު އަދަދެކެވެ. މިސަރުކާރުން ގައުމުގެ ކުރިމަގު އުޖާލާ ކުރުމަށްޓަަކައި މިގައުމަށް އެގޮތް މިގޮތަށް އެތެރެވެފައިވާ ބިދޭސީންނާމެދު ގާނޫނާއި ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅަމުންދާ ކަމީ އަޅުގަނޑުމެން އުފާކުރަން ޖެހޭ އަދި ހަމައެހެންމެ ޝުކުރުވެރިކަމާއެކު ބަލައިގަންނަންޖެހޭ ފަދަ ކަމެކެވެ. އަދިވެސް ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތަށް ހުއްޓުމެއް ގެނެސްފައެއް ނުވެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި، ދިވެހިންގެ ތެރޭގައި ގަވާއިދާހިލާފަށް އެއްވެސް ބިދޭސީއެއް ނެތޭ ބުނާ ވަރަށް މިގައުމުން ހަމައެއްލަމައެއްނެތި އުޅޭ ބިދޭސީންނާމެދު ފިޔަވަޅު އަޅައި، އެފަދަ ބިދޭސީން ހޯދައި ޑީޕޯޓު ކުރުމަކީ އަޅުގަނޑުމެން ހުރިހާ ދިވެހިންވެސް އެދޭގޮތްކަން ޔަގީނެވެ. ކިތަންމެ ދަތިކަމަކަށްވިޔަސް މިސަރުކާރުން ސާބިތުކޮށްދީފައި އެވަނީ ކޮންމެ ކަމެއްވެސް މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެ ކަމެވެ. ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް އެހެންސަރުކާރަކުން މަސައްކަތް ކޮށްފައިނުވާ ކަންވެސް މިކަމުން ދޭހަވެއެވެ.
Advertisement
1 ޑިސެމްބަރ 2024