އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު
އއ. މަތިވެރީގައި އެއަރޕޯޓެއް އެޅުމުގެ މަޝްރޫޢު އަންނަ އަހަރު ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އއ. މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އއ. އަތޮޅަކީ ފަތުރުވެރިކަން ކުރިއަރާފައިވާ ސަރަޙައްދަކަށްވާތީ، އެއަރޕޯޓެއް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. މިހާރުވެސް މަތިވެރީގައި 18 ގެސްޓްހައުސް ހިންގަމުންދާއިރު، އެއަރޕޯޓް އެޅުމާއެކު ރަށުގެ އިޤްތިޞާދީ ކުރިއެރުން އިތުރަށް ހަލުވިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެއަރޕޯޓުގެ އިތުރުން، މަތިވެރީގައި ކުރިއަށްގެންދާނެ އިތުރު ތަރައްޤީގެ މަޝްރޫޢުތަކުގެ ވާހަކަވެސް ރައީސް ހާމަކުރެއްވިއެވެ. މީގެ ތެރޭގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް، ސިއްޙީ މަރުކަޒު ފުޅާކުރުން އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިމެނެއެވެ.
"ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ގިނަ މަޝްރޫޢުތަކެއް ފެށި، ބައެއް މަޝްރޫޢުތައް ނިމޭނެ," ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އުފާކުރި ކަމަށާއި، އެއަރޕޯޓުގެ ސަބަބުން ރަށުގެ ތަރައްޤީއަށް އައު ދޮރެއް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ރަށު ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.
Advertisement
8 ޑިސެމްބަރ 2024